ސައްޓުގެ ވިސްނުން އެންމެ ފަހުން މާލެ އަށް

މިލަންދޫގެ ސައްޓު ބޯޅަ ހިފައިގެންދަނީ. — ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ރަށް ދޫކޮށް އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް ކުޅެން މާލެ އަންނަން ތައްޔާރު ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި ބ. އޭދަފުށީގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.

ފަހު މެޗުގައި ރޭ ތިނަދޫ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު “މިހާރު” ނޫހާ ވާހަކަދައްކަމުން ސައްޓު ބުނީ އެއްވެސް ޕްރެކްޓިހެއް ނެތި ދެއްކުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ގަވާއިދުން ޕްރެކްޓިސް ކޮށްގެން ކުޅޭ ނަމަ މިއަށް ވުރެ ތަފާތު ދެއްކޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗުގައި ވަޒީފާ އަދާކުރާ ސައްޓު މިލަންދޫ ޓީމަށް ކުޅުނީ ޕްރެކްޓިހެއް ނެތި އެވެ. ވަޒީފާއިން ރިލީޒް ނުލިބޭތީ ސައްޓު މާލެ އަންނަނީ ކޮންމެ މެޗެއް އޮންނަ ދުވަހު ނޫނީ އޭގެ ކުރީ ދުވަހުއެވެ. މިފަހަރުގެ ލީގުގައި މިލަންދޫ ޓީމުގައި ސައްޓު މޮޅު ކުޅުމެއް ދެއްކިއިރު ލީގުގައި އޭނާ ވަނީ އަށް ގޯލު ޖަހާ ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

“މިހާރު” އާ ވާހަކަ ދައްކަމުން ސައްޓު ބުނީ އަންނަ ސީޒަނުގައި މާލެ ބަދަލުވާން ތައްޔާރު ކަމަށާއި އެކަމަކު އެއީ އޭނާ ހިތްހަމަޖެހޭވަރުގެ އޮފާއެއް ލިބިއްޖެ ނަމަ ކަމަށެވެ.

“އަންނަ އަހަރު ރަނގަޅު އޮފާއެއް އައިސްފިއްޔާ ވިސްނާން. މިހާރު މިހިރީ ކުޅެލަން މާލެ ބަދަލުވާ ވިސްނުމުގައި. އެކަމަކު އެއީ އަޅުގަނޑު ހިތްހަމަޖެހޭ އޮފާއެއް ލިބިއްޖެއްޔާ،” އުމުރުން 29 އަހަރުގެ ކުޅުންތެރިއާ ސައްޓު “މިހާރު” އަށް ބުންޏެވެ.

ސައްޓުގެ ވިސްނުން އެންމެ ފަހުން މާލެ އަށް

އޭނާ ބުނީ ކުޑަ އިރުއްސުރެ ފެށިގެން އަބަދުވެސް ސަޕޯޓްކުރަނީ ނިއު ރޭޑިއަންޓަށް ކަމަށާއި އެކަމަކު ވަކި ކްލަބަކަށް ކުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ. މި ވަގުތު އޭނާގެ ހަމައެކަނި ޝަރުތަކީ ރަނގަޅު ހުށަހެޅުމެކެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ސައްޓުއަށް ގައުމީ ޓީމުން ޖާގައެއް މާ ބޮޑަށްވެސް ހައްގެވެ. އެކަމަކު ސައްޓު މިހާރު އާ ވާހަކަ ދައްކަމުން ބުނީ މި ފަހަރު އެއްވެސް ވަރަކަށް ގައުމީ ޓީމުގެ ޖާގައަކަށް އުއްމީދުނުކުރާ ކަމަށާއި އެކަމަކު ގަވާއިދުން އައިސް ކުޅެން ފަށައިފި ނަމަ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސައްޓުއާ ހަވާލާ ދީ “މިހާރު” ނޫހުގައި ވަނީ ޕްރެކްޓިހެއް ނެތި ވެސް އޭނާ އަށް ރަނގަޅަށް ކުޅެވުމުގެ ސިއްރަކީ މިލަންދޫގެ ކޯޗު މުހައްމަދު ނާސިރާއި ކުޅުންތެރިން ކުރި އިތުބާރު ކަމަށެވެ. އޭނާ އަށް ޖާގަ ދޭތީ އެއްވެސް ކުޅުންތެރިއަކު މައްސަލަ ނުޖައްސާ ކަމަށާއި އަދި މެޗަށް އަރާއިރު ކޯޗު ކުރާ އިތުބާރުން ބޮޑު ހިތްވަރެއް ލިބޭ ކަމަށް ވެސް ސައްޓުއާ ހަވާލާދީ މިހާރު ނޫހުގައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.