ހިޖުރަކުރާ ދޫނި ހިފާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: އީޕީއޭ

ދުނިޔޭގެ އެކި ސަރަހައްދުތަކުން މި ދުވަސްވަރު ރާއްޖެ އަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރަމުންދާތީ ކަންބޮޑުވާ ކަމަށާއި އެގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދުވަސްވަރު ރާއްޖެ އަށް ތަފާތު ވައްތަރުގެ ދޫނިތައް ހިޖުރަކުރަމުން އަންނަ ކަމަށެވެ. މިގޮތަށް ހިޖުރަކުރާ ދޫނިތަކުގެ ތެރޭގައި ރާއްޖޭގައި ވެސް ހިމާޔަތްކޮށްފައިވާ ދޫނިތައް އުޅޭ ކަމަށް އީޕީއޭ އިން ބުންޏެވެ.

އޭގެ ތެރޭގައި އިރުވާހުދާއި ފްލެމިންގޯ ފަދަ ދޫނި ހިމެނޭއިރު، މިއީ ހުސް ހިމާޔަތްކޮށްފައިވާ ދޫންޏެވެ. އެފަދަ ދޫނި ހިފުމަކީ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

އީޕީއޭން ބުނީ ރާއްޖެއަށް ހިޖުރަކުރާ މިފަދަ ދޫނި ބައެއް މީހުން ހިފައި، އެއަށް ގޯނާކުރާ ކަމަށެވެ. އަދި މިއީ އެ އެޖެންސީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގައިވާ ގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާނެކަން އީޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ އެއްވެސް ބާވަތެއް ހިފުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލު ކުރާ ފަރާތްތައް 501 އާއި 50,000 ދެމެދުގެ އަދަދަކަށް ޖޫރުމައިނާ ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.