
އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު 4-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ނިއުރޭޑިއަންޓުން ފައިނަލަށް ދަތުރު ކޮށްފި އެވެ.
ނިއު ފައިނަލަށް ދަތުރު ކުރުމާއެކު ޓީސީ އަށްވަނީ އަންނަ އަހަރު އެފްއޭ ކަޕު ކޮލިފިކޭޝަން ޖާގައެއް ކަށަވަރު ވެފަ އެވެ. ޓީސީއަށް އޭއެފްސީ ކަޕުގެ ޖާގަ ލިބިފައިވަނީ ނިއުއަކީ އުރީދޫ ދިވެހި ޕުރިމިއާ ލީގުގެ ޗެމްޕިއަން ޓީމު ކަމަށް ވުމުން އެޓީމުން އޭއެފްސީ ކަޕު ގުރޫޕް ސުޓޭޖު ޔަގީން ކޮށްފައި ވުމާއެކު، ޓީސީ އަކީ ލީގުގެ ދެވަނަ އަދި އެފްއޭ ކަޕުގެ ފައިނަލްގައިވެސް ނިއު ބައްދަލު ކުރާނެ ޓީމު ކަމަށްވާތީ އެވެ.
ރޭ ކުޅުނު އެފްއޭ ކަޕްގެ ސެމީ ފައިނަލު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ގްރީންގެ ޕެނަލްޓީ އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ އަކުން އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. އަދި މެޗުގެ 50 ވަނަ މިނެޓުގައި ނިއުއިންވަނީ ދެވަނަ ގޯލައެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. ގުރީންގެ ޑިފެންޑަރ ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ނިއުން އަނެއްކާވެސް އިތުރު ގޯލައެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑު ކޮށްފަ އެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި ހެޓްރިކް ހެދި ސެންޓޭ އެވެ. ސެންޓޭ އޭނާގެ ހެޓްރިކް ފުރިހަމަކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލީ މެޗު ނިމެންދަނިކޮށް ލިބުނު ހިލޭ ޖެހުމަކުންނެވެ.
ނިއުންވަނީ މީގެ ކުރިން 11 ފަހަރަށް އެފްއޭ ކަޕުގެ ތަށި އުފުލާލާފަ އެވެ. އަދި އެންމެފަހުން ނިއުއިން އެ ތަށި އުފުލާލީ 2013 ވަނަ އަހަރުގަ އެވެ.
