ދެވަނަ މެޗުންވެސް މޮޅުވެ އޭދަފުށި ސެމީގެ ޖާގައެއް ކަށަވަރު ކޮށްފި

ލަނޑު ޖެހުމަށްފަހު އޭދަފުށީ ޓީމުން އުފާ ފާޅުކުރަނީ

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގައި ދަރަވަންދޫ އަތުން މޮޅުވެ އޭދަފުށިން ސެމީގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އޭދަފުށި މޮޅުވީ 3-1 އިންނެވެ.

މި މޮޅާއެކު އޭދަފުއްޓަށް މިހާރު ވަނީ ދެމެޗުން 6 ޕޮއިންޓް ލިބިފައެވެ. ހަތަރު ޕޮއިންޓާއެކު ގޮއިދުއަށް ދެވަނަ ލިބޭއިރު ދަރަވަންދުއާއި ދޮންފަނު އަދި ކިހާދޫއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ގޯލުގެ ތަފާތުން ކިހާދޫއަށް ތިންވަނަ ލިބޭއިރު ހަތަރު ވަނަ ލިބެނީ ދޮންފަނަށެވެ. މިއަދުގެ މެޗުން 3-1 އިން ބަލިވުމުން ދަރަވަންދޫ އޮތީ ތާވަލުގެ ފުލުގައެވެ. ސެމީއަށް ދާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމެވެ.

މިއަދުގެ މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ދަރަވަންދޫން ވަނީ ލަނޑެއް ޖަހާފައެވެ. އޭދަފުށީގެ ޑިފެންޑަރުން އޮފްސައިޑަށް ދޫކޮށްލައިގެން ތިއްބައި މި ލަނޑު ދަރަވަންދޫއަށް ކާމިޔާބުކޮށްދިނީ ސާމިހު ޢަލީ ޝަރީފް އެވެ. ދަރަވަންދޫން ލަނޑު ޖެހުމުން އޭދަފުށި ޓީމުން ކުޅުން ރަގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އޭދަފުށިން އެއްވަރު ކުރީ ފުރަތަމަ ހާފު ނިމެއް ފަސް މިނެޓަށް ވެފައި ވަނިކޮށް މިމްރާހް އަބްދުލްއަޒީޒް ޖެހި މޮޅު ލަނޑުންނެވެ. އޭރިޔާ ބޭން މިމްރާހަށް ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލީ ކީޕަރު ބޯމަތިންނެވެ.

ދެވަނަ ހާފުގައިވެސް އޭދަފުށިން ބޮޑަށް ކުރިއަށްޖެހި ދަރަވަންދޫގެ ގޯލައް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އޭދަފުށިން މެޗުގެ ލީޑު ނެގީ 62 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޢަލީ ނަސީމެވެ. މި ލަނޑު ޖެހީ އިބްރާހީމް ޝަރީފަށް ލިބުނު ބޯޅަ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ހުސްކޮށްލާފައި އަލީ ނަސީމަށް ދިނުމުންނެވެ. މެޗުގެ ތިންވަނަ ލަނޑު އޭގެ ހަތަރު މިނެޓުފަހުން ޖެހީ ސާހީ މޫސާ އެވެ. ސާހީ މި ލަނޑު ޖެހީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުހޯދި ސާހީ އަށް ޓްރޮފީ ހަވާލުކުރަނީ

މިމެޗުގައިވެސް ސާހީ ވަނީ މޮޅަށް ކުޅެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެއެވެ. މާދަމާގެ މެޗުގައި ބައްދަލުކުރާނީ ގޮއިދުއާއި ކިހާދޫ އެވެ. ގޮއިދޫ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 އިން ފޮންފަނު ބަލިކޮށްފައެވެ. ކިހާދޫ އެންމެ ފަހުން ކުޅުނު މެޗުން އޭދަފުށި އަތުން ބަލިވީ 2-1 އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.