ހުނަރުވެރި ކުޅުންތެރިޔާ ޙުސައިން އީމާން (މާނު) ގެ ތިން ލަނޑުން ދަރަވަންދޫ ބަލިކޮށް ދޮންފަނު އިންވިޓޭޝަން ކަޕްގެ ފަހު ޖާގަ ކިހާދޫ ހޯދައިފިއެވެ.
މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދަރަވަންދޫގެ މައްޗަށް ކިހާދޫ ކުރި ހޯދީ 3-0 އިންނެވެ. މި މޮޅާއެކު ފަސް ޓީމު ވާދަކުރާ މި މުބާރާތުން ކިހާދޫއަށް ލިބުނީ ހަތަރު ވަނައެވެ. އެއްވެސް މެޗަކުން މޮޅު ނުވެވި ލިބުނު އެއް ޕޮއިންޓާއެކު މުބާރާތުން ކެޓީ މިދިޔަ އަހަރުގެ ފައިނަލުގައި ދަރަވަންދޫއެވެ. ކިހާދޫ ސެމީގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއެވެ. އެއްވަނަ މަގާމަށް ވާދަކުރަނީ އޭދަފުށި އަދި ގޮއިދޫއެވެ.
މިއަދުގެ މެޗުގައި ކިހާދޫން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ކިހާދޫ ޓީމުން މެޗުގައި ލީޑު ނެގީ 26 ވަނަ މިނެޓުގައި މާނު ޖެހި ލަނޑުންނެވެ. މެޗުގެ އަނެއް ދެ ލަނޑު މާނު ޖެހީ ދެވަނަ ހާފުގެ 62 ވަނަ މިނެޓާއި 66 ވަނަ މިނެޓުގައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ މާނުއެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ސެމީގެ ޖާގަތައް މިހާރުވެސް ކަށަވަރު ކޮށްފައިވާ އޭދަފުއްޓާއި ދޮންފަނެވެ. މާދަމާގެ މެޗަށް ނުކުންނަ އިރު ދޮންފަނަށް މިހާރުވެސް ވަނީ ތިންވަނަ ޔަގީން ވެފައެވެ. މާދަމާގެ މެޗު އެއްވަރު ކޮށްލައިގެންވެސް އޭދަފުއްޓަށް އެއްވަނަ ލިބޭނެއެވެ.

