ސެމީގައި އޭދަފުއްޓާއި ކިހާދޫ ވާދަކުރަން ޖެހިއްޖެ

މިއަދު ދޮންފަނާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން

ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު ދޮންފަނާއި އޭދަފުށި ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން ސެމީގައި އޭދަފުއްޓާއި ކިހާދޫ ވާދަކުރަން ޖެހިއްޖެއެވެ.

އޭދަފުށީ ސެމީއަށް ދިޔައީ 8 ޕޮއިންޓާއިއެކު އެއްވަނަ ޓީމުގެ ގޮތުގައެވެ. ކިހާދޫ ސެމީއަށް ދިޔައީ ހަތަރު ޕޮއިންޓާއިއެކު ހަތަރު ވަނަ ޓީމުގެ ގޮތުގައެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ސެމީގެ ޖާގައެއް ޔަގީން ވެފައިވުމުން ދެޓީމުންވެސް ފެށީ ބަދަލުތަކަކާއި އެކުއެވެ. މެޗުގައި ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިފައިވާއިރު ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދޮންފަނު ޓީމުގެ އަޙްމަދު އިފްހާމް އެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ރަށަކުން ބައިވެރި ވިއެވެ. ފަސް ޓީމުގެ ތެރެއިން ސެމީއަށް ހޮވުނީ އެންމެ ގިނަ ޕޮއިންޓް ހޯދި ހަތަރު ޓީމެވެ. މުބާރާތުން ކެޓީ މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު ދަރަވަންދޫ އެވެ. ސެމީގެ ފުރަތަމަ މެޗުގައި އޭދަފުއްޓާއި ކިހާދޫ ބައްދަލުކުރާނީ އަންނަ އަންގާރަ ދުވަހު އެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ހޯދި ގޮއިދުއާއި ތިންވަނަ ހޯދި ދޮންފަނެވެ. އޭދަފުއްޓާއި ކިހާދޫ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކުރީ އޭދަފުއްޓެވެ. ދޮންފަނާއި ގޮއިދޫ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ގޮއިދޫ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.