
ބ. އޭދަފުށްޓަށް އުފަން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ކްލަބު ވެލެންސިއާގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓް އާކޮށްފި އެވެ.
އަންނަ ސީޒަނަށް ކްލަބް ވަރުގަދަ ކުރަމުންދާ ވެލެންސިއާގެ ކޮންޓްރެކްޓް ކުޑައްޓޭ އާކުރިއިރު އޭނާ އަކީ އެ ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ. ނިއު އިން ކެރިއަރު ފަށައި ވިކްޓަރީ އަށް ވެސް ކުޅެފައިވާ ކުޑައްޓޭ އަކީ މެދުތެރެ އަށާއި ޑިފެންސަށް ވެސް އެއް ފެންވަރަކަށް ކުޅެވޭ ކުޅުންތެރިޔެކެވެ.
ވަރަށް ފަހަކާ ޖެހެންދެން ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އައި ކުޑައްޓޭ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރިއިރު ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ.
މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވެލެންސިއާ އިން ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި ކްލަބް އީގަލްސްގެ ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އާއި މާޒިޔާގެ އިބްރާހިމް ހަސީބާއި ނިއު ރޭޑިއަންޓުގެ މުހައްމަދު ކަރަމް ގެންގޮސްފަ އެވެ. އަދި ސޮބާހް މުހައްމަދު އިބްރާހިމް ވަނީ އެޓީމުގެ ކޯޗުކަމާ ހަވާލުވެފަ އެވެ.
