ފުލުހުންގެ ވަޒީފާ އަދާކުރަން ބޭނުންވާ ޒުވާނުންނަށް އެ މުއައްސަސާއިން ފުރުސަތު ހުޅުވާލައިފި އެވެ.
ޕޮލިސް ވެބްސައިޓުގައި ބުނީ 18-25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަންނަމަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް ކުރިމަތިލެވޭނެ ކަމަށެވެ.
ވަޒީފާއަށް ކުރިމަތިލާ މީހަކީ ޖީސީއީ އޯ ލެެވެލް އިމްތިހާންގެ ދެ މާއްދާއިން ދަށްވެގެން ސީ ފާސް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށް ފުލުހުން ބުންޏެވެ. ކުރިމަތިލާ މީހަކީ ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި، އަދި އަންހެނެއްނަމަ 5 ފޫޓަށްވުރެ ކުރުނޫން މީހަކަށް ވާން ޖެހޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ވަޒީފާއަށް އެދޭ ފޯމް ޝަހީދު ހުސެއިން އާދަމް ބިލްޑިން އަދި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ވެސް ލިބޭނެ ކަމަށް ބުންޏެވެ.