ސްކޫލް ކައިރީ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ވެހިކަލް ޕާކު ނުކުރޭ!

ބ. އަތޮޅު ތައުލީމީ މަރުކަޒު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަނީ

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން މިއަދު ބުނީ ސްކޫލް ކައިރީގައި ތޮއްޖެހުން ކުޑަކުރުމަށް ބެލެނިވެރިން ނާއި އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން ފުލުހުން އެދިފައި ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ސްކޫލުގެ ސެޝަންތައް ފެށޭ ގަޑިތަކުގައި ސްކޫލް ކައިރީގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވެހިކަލްތައް ޕާކު ނުކުރުމަށެވެ. އަދި އެއީ، އޭގެ ސަބަބުން ސްކޫލަށް ވަދެ ނިކުތުމުގައި ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާތީ އެވެ.

މިކަންކަމަށް ސަމާލުވާން ފުލުހުން އެދޭ
• ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި، އެއްގަމު އުޅަނދު ދުއްވާ މީހުން ރައްކާތެރި ދުވެއްޔެއްގައި ދުއްވުން.
• ސްކޫލުތައް ފެށޭ ގަޑި އާއި ނިމޭ ގަޑިއަކީ ތޮއްޖެހޭ ގަޑިއަކަށް ވާތީ، ފުލުހުންގެ އިރުޝާދުގެ ދަށުން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުން.
• ގާނޫނާއި ގަވާއިދާ އެއްގޮތަށް ހުރިހާ އެންމެން ވެސް އަމަލުކުރުން.

ގިނަ ބެލެނިވެރިން މީގެ ކުރިން ސައިކަލުގައި މަޑުކުރަނީ ސްކޫލްތަކުގެ ގޭޓު ކުރިމައްޗަށް ކަން ފާހަގަ ކޮށް އެ އާދަ ބަދަލުކުރަން ވެސް ފުލުހުން ނަސޭހަތްތެރިވެ އެވެ.
ފުލުހުން ބުނީ އޭގެ ބަދަލުގައި، ސައިކަލެއްގައި ދާ ނަމަ، އެންމެ ކައިރިން މަގު ބަންދު ކޮށްފައިވާ ސަރަހައްދުގައި ސައިކަލް ނުވަތަ ކާރު ޕާކު ކުރުމަށް ފަހު ދަރިފުޅު ގޮވައިގެން ހިނގާފައި ސްކޫލަށް ދެވިދާނެ ކަމަށެވެ. އަދި އިންޓަވަލް ގަޑީގަ އާއި ދަރިފުޅު ބަލައި އަންނަ އިރު ވެސް އެހެން ދަރިވަރުންގެ ސަމާލުކަމާއި ރައްކާތެރިކަމަށް މި ގޮތަށް އަމަލުކުރުމަށް ފުލުހުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.