އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި، ރާއްޖޭގެ އެންމެ މަޤްބޫލު ފުޓުބޯޅަ ޓީމް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ހަމަޖައްސައިފި އެވެ.

ގިނަ ބައެއްގެ ލޯބި ލިބިފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަކީ، ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގައި ބޭއްވޭ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމުގެ އިތުރުން، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ގިނަ މުބާރާތްތައް ކާމިޔާބުކޮށްފައިވާ ކްލަބެވެ. ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ މައިދާނުގައި ވެސް ރާއްޖެއަށް އެންމެ ރީތި ނަން ހޯދައިދީފައިވާ ކްލަބްގެ ޝަރަފްވެސް ލިބިފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްއަށެވެ.

އުރީދޫން ބުނީ އަލަށް މި ފެށުނު ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެކަޑަމީ އާއި ގުޅިގެން، ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނާއި ޒުވާނުންނަށް ޙާއްސަ ކޯޗިންގް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

“ފުޓުބޯޅަ އަކީ ރާއްޖޭގެ އެންމެންގެ މަގުބޫލުކަން ލިބިފައިވާ، މުޅި ގައުމު އެއްބައިވަންތަކޮށްދޭ ކުޅިވަރެއް. ރާއްޖޭގެ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ކްލަބް ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްއަށް، އުރީދޫގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އުފަލާއި އެކު މަރުހަބާ ކިޔަން. އުރީދޫ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިންވެސް ގަބޫލު ކުރާގޮތުގައި މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަން އިތުރުކުރުމުގައި ކުޅިވަރުން މުހިންމު ދައުރެއް އަދާކުރޭ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ގުޅިގެން، ރާއްޖޭގެ ޒުވާން އަދި އަރަމުން އަންނަ ފުޓުބޯޅައިގެ ތަރިންނަށް އާ ފުރުޞަތުތަކެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން.” އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއަރމަން، މުޙައްމަދު ޒިޔާދު ވިދާޅުވީ އުރީދޫ އަކީ ރާއްޖޭގެ ފުޓުބޯޅަ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ދިވެހި ކުޅުންތެރިންނަށް އާ ތަޖުރިބާތަކެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށެވެ.

“އެހެންކަމުން، އުރީދޫ އާއިއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. ރާއްޖޭގެ ރަށްތަކުގައި އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަށް ފަށައި، ކުރިމަގުގެ ފުޓުބޯޅަ ތަރިންނަށް މި ކުޅިވަރުގައި ކުރިޔަށް ދިޔުމަށް މަގު ދައްކައިދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.”

ވޭތުވެދިޔަ އަހަރުތަކުގައި، އުރީދޫއިން ވަނީ، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ދުނިޔޭގެ ފުޓުބޯޅަ ތަރި، ލަޔޮނެލް މެސީ އާއި ގުޅިގެން ހިންގުނު ޙަރަކާތްތަކާއި، ޕެރިސް ސެއިންޓް ޖަމެއިން އާއި ގުޅިގެން ބޭއްވުނު ކުޑަކުދިންގެ ފުޓްބޯޅަ ކޯޗިންގ ކޭމްޕްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އުރީދޫ އަކީ 2015 ވަނަ އަހަރުން ފެށިގެން، ދިވެހި ޕްރެމިއަރ ލީގްގެ މެއިން ސްޕޮންސަރ އެވެ.

އުރީދޫން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ، ކުރިޔަށް އޮތްތަނުގައިވެސް އުރީދޫގެ އާ ބްރޭންޑް އެމްބެސެޑަރ އާއި އެހެނިހެން ޕާރޓްނަރުންނާއި ގުޅިގެން ރާއްޖޭގެ ފުޓުބޯޅައަށް ކުރިއެރުން ގެނެސްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.