
ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް ދަ ބިގިނާސްގެ ބ. އެޓޯލް ޔުނިޓީ ފުޓްސަލް މުބާރާތް އަންނަ މަހު ފަށާއިރު، މުބާރާތް ހުޅުވައިދޭ މެޗުގައި ބައްދަލުކުރާނީ ޑުސިޓް ތާނީ މޯލްޑިވްސް އާއި އެކްވެރި ގައީސް އެވެ.
ގުރުނެގުމަށް ރޭ އޭދަފުށީ ސަލްސާ ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 12 ޓީމު ވަނީ 3 ގްރޫޕަކަށް ބަހާލާފަ އެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމުގެ އިތުރުން ގްރޫޕް އޭ ގައި ދެން ހިމެނެނީ އަމިއްލަ ފުއްޓާއި ޔުނައިޓެޑް ވީ އެވެ. ގްރޫޕް ބީ ގައި ހިމެނެނީ މިލައިދޫ އައިލެންޑް ރިސޯޓާއި، ފިނޮޅު ރިސޯޓްގެ އިތުރުން އިރުމަތީ ލަވާސް އަދި ވެލާ ސިޓީ އެވެ. ގްރޫޕް ސީ ގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް އާއި ޓީމް ސޮނެވާ އާއި ކޮކޯޕާމް އަދި ކިންގްސް ޔުނައިޓެޑް އެވެ.

މިއަހަރުގެ މުބާރާތް އޮންނާނީ މާޗް 14 އިން 27 އަށް އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
