ބ. އަތޮޅުގައި ސިއްހީ ހިދުމަތް ދޭން ފެށިތާ 50 އަހަރު ފުރިއްޖެ

ބ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ޒީނަތްތެރިކޮށްފައި

ބ. އަތޮޅުގައި ސިއްހީ ހިދުމަތް ދޭންފެށިތާ މިއަދު 50 އަހަރު ފުރިއްޖެ އެވެ.

މި މުނާސަބާ ފާހަގަކުރުމަށް މިއަދު ހޮސްޕިޓަލުގެ ގޯތިތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އަދި ހެނދުނު އެ ހޮސްޕިޓަލުގައި ވަނީ ޚާއްސަ ކޭކެއް ފަޅައިފަ އެވެ. އެ ކޭކު ފަޅައިދެއްވީ ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު އާއި ކޮމިއުނިޓީ ހެލްތު ސްޕަވައިޒަރު ސިދުޤީ އަބްދުﷲގެ އިތުރުން، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ސީނިއާ ސްޓާފުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ކޭކް ފަޅަނީ

ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް މިއަދު ބައި ގަރުނުވެފައި ވާއިރު، އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މާދަމާ ހަވީރު އޭދަފުށީގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވާނެ އެވެ. އަދި މި ހަރަކާތުގެ ރަސްމީ ޖަލްސާ މިއަހަރުގެ ސިއްހަތު ދުވަހާ ގުޅުވައިގެން އަންނަ އޭޕްރިލް މަހުތެރޭ ބޭއްވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ހެލްތު ސެންޓަރުގެ ނަމުގައި ސަރުކާރުން ބ. އަތޮޅުގައި އެންމެ ފުރަތަމަ ސިއްހީ ޚިދުމަތްދޭން ފެށީ 1968 ވަނަ އަހަރު އެވެ. ހެލްތު ސެންޓަރު ސިއްހީ މަރުކަޒަށް ބަދަލުކުރެވުނީ 1982 ގަ އެވެ. ހެލުތު ސެންޓަރުން މިހާރުގެ ބ. އަތޮޅުގެ ހޮސްޕިޓަލަށް ބަދަލުވެ މި ޚިދުމަތް ފުޅާކުރެވުނީ 2001 ވަނަ އަހަރު އެވެ.

މިވަގުތު ބ. އަތޮޅު ހޮސްޕިޓަލުގައި ސްޕެސަލިސްޓުންގެ ގޮތުގައި އޮޕަރޭޝަން ޑޮކްޓަރަކާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.