ތާރީހު ބަދަލުކުރަން އޭދަފުއްޓާ ދެކޮޅަށް ފެހެންދޫ ނުކުންނަނީ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބ. އަތޮޅު ބުރުގައި ވާދަކުރާ އޭދަފުއްޓާއި ފެހެންދޫގެ ފުރަތަމަ މެޗު މިއަދު ކުޅޭނެއެވެ.

އޭދަފުށި ހޯމް ޓީމުގެ ގޮތުގައި ކުޅޭ މިމެޗު ފަށާނީ މިއަދު ހަވީރު 15:50 ގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރި ވެފައިވަނީވެސް ހަމައެކަނި މި ދެޓީމުންނެވެ. މުބާރާތުގައި ފެހެންދޫ ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. ޒޯން ބުރަށް ކޮލިފައިވާނީ ދެމެޗުގެ އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށެވެ. ދެމެޗުވެސް ކުޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމާފައިވަނީ އޭދަފުށީގައެވެ.

މިއަދު މެޗަށް ނުކުންނަ އިރު މި މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ނޫން ޓީމަކަށް ލިބިފައެއް ނުވެއެވެ. 2015 ވަނަ އަހަރުގެ އަތޮޅު ބުރުގައި ހިތާދޫއާ ވާދަކޮށް އޭދަފުށި ކުރި ހޯދީ 13-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ އަހަރު ހިތާދޫގައި ކުޅުނު މެޗު 3-0 އިން ކާމިޔާބު ކުރި އިރު އޭދަފުށީގައި ކުޅުނު މެޗުން މޮޅުވީ 10-0 އިންނެވެ. 2016 ވަނަ އަހަރު ދަރަވަންދޫ ޓީމުން ނަން އަނބުރާ ގެންދިއުމުން އެއްވެސް މެޗެއް ނުކުޅެ އޭދަފުށި ޒޯން ބުރަށް ކޮލިފައިވިއެވެ. އަދި މިދިޔަ އަހަރު އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދީ ދެމެޗުގެ އެގްރިގޭޓުން 6-1 އިން ދަރަވަންދޫ ބަލިކޮށްގެންނެވެ. ފުރަތަމަ މެޗު 1-0 އިން ކާމިޔާބު ކުރި އިރު ދެވަނަ މެޗު ކާމިޔާބު ކުރީ 5-1 އިންނެވެ.

މިއަހަރުގެ މުބާރާތަށް ފެހެންދޫ ޓީމު ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. މުބާރާތުގައި އަލަން ވާދަކުރާއިރު އެޓީމުގެ އަމާޒަކީ ދެމެޗުން އޭދަފުށި ބަލިކޮށް ޒޯން މުބާރާތަށް ކޮލިފައިވުމެވެ. އަތޮޅު ބުރަށް ފެހެންދޫ ޓީމަށް ވަނީ މީގެ ކުރިން މި މުބާރާތުގައި އޭދަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ގޮއިދޫއަށް ނިސްބަތްވާ ތިން ކުޅުންތެރިއަކު ގެންގޮސްފައެވެ. މީގެ އިތުރުންވެސް ރަނގަޅު ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކެއް ފެހެންދޫ ޓީމުގައި ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.