ރޯދަ

3017846333_bbbf67ac55_z

ރޯދަ އަކީ އަޅުކަމުގެ ތެރޭގައި ހިމެނޭ ބައެކެވެ. އިސްލާމް ދީނުގެ ރުކުންތަކުތެރެއިން މުހިއްމު ރުކުނެކެވެ. ރޯދަ އަކީ އެހެން އަޅުކަންތައްތަކާ ވަރަށް ތަފާތު އަޅުކަމެކެވެ. ނަމާދު، ޒަކާތް، ޙައްޖު ފަދަ އަޅު ކަންތައްތަކަކީ ތިމާ އެއަޅުކަން ކުރާއިރު އެހެން މީހުނަށް، ފެންނާނެ އަޅުކަންތައްތަކެވެ. އެހެންނަމަވެސް ތިމާރޯދަ ހިފާކަމެއް އެހެން މީހުންނަކަށް ނޭގޭނެއެވެ. ރަމަޟާން މަހަކީ ހުރިހާ މުސްލިމުން ވެސް ރޯދަ ހިފާ ދުވަސް ވަރަކަށް ވާތީ، އެގޮތުން އެހެންމީހުންނަށް އެގޭނެއެވެ. ސުންނަތް ރޯދަތަކަކުން ތިމާ ރޯދަ އަށް ހުންނަކަމެއް އެހެންމީހުނަށް އެގޭކަށެއްނުޖެހެއެވެ. ރޯދައަކީ އެހެން އަޅުކަންތައްތަކާ ޚިލާފަށް،ވަކިކަހަލަ ކަންތައްތަކެއް ނުކުރުމަށް އަންގަވާ އަޅުކަމެކެވެ. އެހެން ކަމުން ރޯދައިގެ ދަރުމައާ ޘަވާބު އިތުރުވެގެންވެއެވެ.

 ރޯދައިގެ މާނަ

“އައްޞައުމު” މިލަފްޒުގެ އަޞްލަކީ ޢަރަބި ބަހުން އައިސްފައިވާ ލަފްޒެކެވެ. ދިވެހިބަހުން މީގެމާނަ ކުރާނީ”ރޯދަ” މިގޮތަށެވެ.

ޢަރަބިބަހުގައި އައްޞައުމުގެ މާނައަކީ:  ދުރުވުމެވެ. ނުވަތަ ހިފެހެއްޓުމެވެ.

ޝަރުޢީގޮތުން ރޯދައަކީ: ރޯދައަށްހުރުމުގެ ނިޔަތްގަނެ ފަޖުރުގެ އަލިކަން ފާޅުވީންސުރެ އިރު އޮއްސިއްޖައުމަށް ދަންދެން، ކެއިން ބުއިމުންނާއި، ޖިންސީއެދުން ފުއްދުމުން އެއްކިބާވެގެން ހުރުމެވެ.

ގިނަޢިލްމުވެރިން ވިދާޅުވާގޮތުގައި ރޯދަ ފަރުޟު ކުރެއްވުނީ ހިޖްރައިން ދެވަނަ އަހަރުއެވެ. އެއީ މީލާދީ ގޮތުން ގާތް ގަޑަކަށް 623 ވަނަ އަހަރުގައެވެ. ރޯދަ ފަރުޟު ކުރެއްވިއިރު ކީރިތި ރަސޫލާގެ ޢުމުރުފުޅަކީ 55 އަހަރެވެ. ރޯދަ ހިއްޕަވަން ފެއްޓެވި އަހަރާލައިގެން ޖުމްލަ 9 އަހަރު ރަމަޟާން މަހު ރޯދަ ހިއްޕެވިއެވެ. މިކަމާގުޅޭގޮތުން، މާތް ﷲ ކީރިތި ޤުރުއާނުގައި، އަލް ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައިވަނީ “يَا أَيُّهَا الَّذِينَ آَمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ” މާނައީ:”އޭ އީމާން ވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗައް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤްވާވެރިވޭތޯއެވެ.” އަދި ހަމަ މިމޭރުމުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ޙަދީޘްކުރައްވާފައިވަނީ “ بُنِيَ الْإِسْلَامُ عَلَى خَمْسَةٍ عَلَى أَنْ يُوَحَّدَ اللَّهُ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَصِيَامِ رَمَضَانَ وَالْحَجِّ” މާނައަކީ: “އިސްލާމްދީން ބިނާވެފައި ވަނީ ފަސް ކަމެއްގެ މައްޗަށެވެ. މާތްﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ. ނަމާދު ޤާއިމް ކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި އަދި ޙައްޖުވުމެވެ.”

ރޯދަ ހިފުމުގެ މާތް ކަން:

ޖުމްލަ ގޮތެއްގައި ރޯދަ ހިފުމަކީ ވަރަށް މާތް ކަމެކެވެ. އަދި އެހާމެ ދަރުމައާ ޘަވާބު ބޮނޑު ކަމެކެވެ. ނަމާދު ނުކޮށް، ހެޔޮޢަމަލް ނުކޮށް ރޯދަ ހިފުމަކީ އެކަމުން ފުރިހަމަ ދަރުމަ ލިބޭނެ ކަމެއް ނޫނެވެ. ރޯދަ ވެރިޔާ ރޯދަ ހިފާއިރު ފުރިހަމަ އިޚްލާޞްތެރިކަމާ އެކު މިމާތް އަޅުކަން ނުކޮށް ފިކަމުގައިވާނަމަ ފުރިހަމަ ދަރުމައާ ޘަވާބު ލިބުން ވަރަށް ދުރެވެ. އެހެންކަމުން ރޯދަ އަޅުކަމުން ފުރިހަމަ ދަރުމައާއި ޘަވާބު އެދޭނަމަ އިޚްލާޞް ތެރިކަމާއެކު ކަންދެއްކުމެއްނެތި މިއަޅުކަން ކުރުމަކީ މުޙިއްމުކަމެކެވެ.

ރޯދަ ވެރިން ނަށް ހުރި ދަރުމަ އާއި ޘަވާބު ބަޔާން ކޮށްދެއްވާ ކީރިތި ރަސޫލާ ވަނީ އުއްމަތަށް ބަޔާން ކޮށް ދެއްވާފައެވެ.

 عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا مِنْ عَبْدٍ يَصُومُ يَوْمًا فِي سَبِيلِ اللَّهِ إِلَّا بَاعَدَ اللَّهُ بِذَلِكَ الْيَوْمِ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا މާނައީ: މާތް ﷲ ރުއްސުން ލެއްވި އަބީ ސަޢީދު އަލް ޚުދްރީ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “މީހަކު އެންމެ ދުވަހަކު ވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ.”

 عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ މާނައީ: މާތް ﷲ ރުއްސުންލެއްވި ސަހުލުބިން ސަޢްދުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.  ” ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން  ރޯދަވެރިން ފިޔވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ.” އިސްވެދިޔަ ދެ ޙަދީޘް އަށް ވިސްނާލުމުން ދޭހަވަނީ ރޯދަ ހިފުމުގެ މާތްކަމެވެ. މީގެ ތެރޭގައި ސުންނަތް ރޯދަވެސް ހިމެނެއެވެ. އިޚްލާޞް ތެރިކަމާ އެކު ރޯދަ ހިފާމީހެއްނަމަ އޭނާގެ ޢަމަލްތަށް ބިނާވެފައި ހުންނާނީ ﷲ އާ އެކަލާނގެ މާތް ރަސޫލާ އަންގަވާ ގޮތުގެ މަތީގައެވެ. ކުއްފާފަތަކުން ދުރުހެލިވެފައިވާ މީހެއްގެ ގޮތުގައެވެ.

ރޯދައިގެ ޙިކްމަތް

އިސްލާމްދީނުގައި ކަނޑަ އަޅާފައިވާ އަޅުކަން ތައްތަކުގެ ތެރޭގައި ޙިކްމަތް ތަކެއްވާކަން ކަށަވަރެވެ. އެކަމުގެ ބޭނުމަކީ މީސްތަކުންނަށް ފައިދާއާއި މަންފާލިބިގަތުމެވެ. އެގޮތުން ރޯދައިގަވެސް ވަރަށް ގިނަ ޙިކްމަތްތަކެއްވެއެވެ.

1-    މާތް ﷲގެ އަމުރުފުޅުތަކަށް ބޯލަބައި ކިޔަމަންގަނެ،އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކާ ދުރުހެލިވެ ނަފްސު ޠާހިރުކުރުން.

2-    މުސްލިމުންގެ ރޫޙާނީ ބައި ވަރުގަދަ ކުރުމަށްޓަކައި ލިބިދޭފުރުސަތެކެވެ.

3-    ކެތްތެރިވުމުގެ ރީތި ޞިފަ މުސްލިމުންގެ ކިބައިގަ އަށަގެންނެވުމަށް ލިބޭފުރުސަތެކެވެ.

4-    ޚާއްޞަކޮށް ރަމަޟާންމަހުގައި، ޢާއްމުކޮށް ކުރާކަންކަން ދޫކޮށް ތަފާތު ދިރިއުޅުމަކަށް ބަދަލް ވެގެން ދިއުން.

5-    ޖިންސީޣަރީ ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރުން.

6-    ނިޢްމަތް ތަކުގެ އަގު ވަޒަން ކުރަން ދަސްކޮށްދީ، ނިޢްމަތް ތަކުގެ މަތީ ޘާބިތުވެ ތިބުމަށް ދަސްކޮށްދިނުން.

7-    ޞިއްޙީގޮތުން ވަރަށް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާކަމެކެވެ.

8-    އިސްލާމީ މުޖްތަމަޢްގައި އޮންނަންޖެހޭ ހަމަހަމަކަން ހާމަކޮށްދިނުން.

9-    މުސްލިމުންގެ އެއްބައިވަންތަކަމާ، އެކުވެރިކަން ހާމަ ކޮށްދިނުން.

10-  މުސްލިމުންގެ ކިބައިގައި ތަޤްވާވެރިކަން އިތުރުކޮށް ދޭމުހިންމު ވަޞީލަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.