ބ. މާޅޮހު ރެކްރިއޭޝަން އެންޑް އެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) އަތޮޅު ވޮލީ މުބާރާތުގެ އަންހެން ބައިގައި އިއްޔެ ހަވީރު ކުޅުނު މެޗުން އޭދަފުށި އަތުން މާޅޮސް ޓީމު މޮޅުވެއްޖެ އެވެ.
މާޅޮހު އައުޓްޑޯ ވޮލީ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޅޮސް ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. މާޅޮހުން މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 27-19، 25-16، 25-20 އަދި 26-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޅޮހު ޓީމަށް މުހިއްމު ޕޮއިންޓުތަކެއް އިއްޔެގެ މެޗުގައި ހޯދައިދިން ހައްވާ ޝިފާނާޒު އެވެ.
މުބާރާތުގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗުން ގޮއިދޫން ވަނީ ފަސޭޙަކަމާއެކު ދަރަވަންދޫ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-16، 25-9، އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ގޮއިދޫ ޓީމުގެ އަލީ ޝިމާލު އެވެ
މުބާރާތުގައި މިއަދު ހަވީރު ކުޅޭ އަންހެން ބައިގެ މެޗުގައި މާޅޮސް ބައްދަލުކުރާނީ ގޮއިދޫއާ އެވެ. އަދި މިރޭ ފިރިހެން ބައިގެ މެޗުގައި ގޮއިދޫން ނުކުންނާނީ ކުޑަރިކިލުއާ ދެކޮޅަށެވެ.

