ބ. ފެހެންދޫގައި ފެރީ ޓާމިނަލެއް އަޅަން ވައިޓް ލެގޫން ޕްރައިވެޓް ލިމިޓެޑް އާއެކު ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފެހެންދޫ އުތުރު ފަރާތު ޖެޓީ ސަރަހައްދުގައި އަޅަން ހަމަޖެހިފައިވާ ފެރީ ޓާމިނަލުގެ މަސައްކަތުގެ އެއްބަސްވުމުގައި ފެހެންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މޫސާ ނަސީމު އެވެ. ބެޗްގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު އިމްތިޔާޒު އެވެ.
ފެހެންދޫ ކައުންސިލުން ބުނިގޮތުގައި އެ ކުންފުންޏަށް އެރަށުގައި ފެރީ ޓާމިނަލެއް ގާއިމުކޮށް ހިންގަން ދިނީ ކައުންސިލަށް ބިމު ކުއްލި ދައްކާގޮތަށް 30 އަހަރަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ރެސްޓޯރަންޓާއި މީޓިން ރޫމް އަދި ޖިމެއް ހިމެނޭ ގޮތަށް ހަދާ ފެރީ ޓާމިނަލުގައި ޚިދުމަތް ދޭނީ އެ ކުންފުނިންނެވެ.
ފެހެންދޫ ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެތެރޭ މަސައްކަތް ނިންމާ ހިދުމަތްދޭން ފެށޭވަރު ވާނެ ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.