މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އޭދަފުށީ ކައުންސިލުން މިއަދު ފަށައިފި އެވެ.
އޭދަފުށީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، މިއަދުން ފެށިގެން ޖޫން މަހުގެ 13ގެ ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން 13:00 ވަންދެން ޒަކާތް ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެ މީހަކު އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތުންނެވެ.
އޭދަފުށީގައި ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 12ރ. ތައިލެންޑް ހަނޑުލުން ނަމަ މީހަކަށް 60ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 85ރ.ގެ މަގުންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު އޭދަފުށިން 66،461ރ. ލިބިފައިވެ އެވެ. މި ފައިސާ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރި 9 މީހުންގެ މެދުގައި ބަހާލުމުން ކޮންމެ މީހަކަށް 7،384ރ. ލިބުނެވެ.