އޮޅުގިރި ބަލަހައްޓަން އަތޮޅު ކައުންސިލުން ތުޅާދޫ އާއި ހިތާދޫ ކައުންސިލާއެކު ސޮއިކޮށްފި

ބ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަހްމަދު އަފްރާހު (ވ) އަދި ހިތާދޫ ކައުންސިލުގެ ރައީސް އަބްދުލް އަޒީޒު އެއްބަސްވުމުގައި ސޮއިކުރެވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.–ފޮޓޯ:ބީއާރު އޮފީސް

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ އޮޅުގިރި ރައްކާތެރިކޮށް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ބ. އަތޮޅު ކައުންސިލުން ތުޅާދޫ އަދި ހިތާދޫ ކައުންސިލާއެކު ސޮއިކޮށްފި އެވެ.

އެ ދެ ރަށުގެ ކައުންސިލުގައި އިއްޔެ ވަކިވަކިން ބޭއްވި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ނައިބް ރައީސް އަހްމަދު އަފްރާހު އެވެ. އަދި ތުޅާދޫ އާއި ހިތާދޫ ކައުންސިލުތަކުގެ ފަރާތުން ސޮއި ކުރެއްވީ އެރަށްރަށުގެ ކައުންސިލުގެ ރައީސުންނެވެ.

މި އެއްބަސްވުމުގެ ދަށުން، މިއަތޮޅުގައި ހިމާޔަތްކޮށްފައިވާ އޮޅުގިރި އާއި އެރަށުގެ ވަށައިގެންވާ ފަޅުގެ ސަރަހައްދުތަކުގެ ދިރުންތަކާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޕްލޭން ތަންފީޒުކޮށް ބެލެހެއްޓުމަށް އީޕީއޭ އާއި ބަޔޮސްފިއާ ރިޒާވް އޮފީހުގެ ލަފާގެ މަތިން އަތޮޅު ކައުންސިލާ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުންޏެވެ.

އޮޅުގިރި ހިމާޔަތް ކޮށް ބެލެހެއްޓުމަށް އަތޮޅު ކައުންސިލުން ތުޅާދޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރަނީ ފޮޓޯ:ބީއާރު އޮފީސް

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ އޮޅުގިރި ބެލެހެއްޓުން އެންމެ އެދޭބެގޮތެއްގައި ކުރިއަށް ގެންދެވޭނީ އެތަންތަން ބަލަހައްޓައި އެތަންތަނުގެ މަންފާ ރައްޔިތުންނަށް ލިބޭނެ ހަރުދަނާ ނިމެއް ރައްޔިތުންނާ ގާތުން ގާއިމުކުރެވިގެން ކަމަށެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނީ އޮޅުގިރި ބެލެހެއްޓުމަށް ތުޅާދޫ އަދި ހިތާދޫ ކައުންސިލާއެކު، އަތޮޅު ކައުންސިލުން ގާއިމް ކުރި އެއްބަސްވުމުގެ ސަބަބުން ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އޮޅުގިރި ރައްކާތެރިކޮށް ބެލެހެއްޓުމަށް ޕްލޭން ތިމާވެއްޓާބެހޭ މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރީ މިދިޔަ މަހު 14 ގައެވެ.

އެ ޕްލޭނުގައި އެރަށުގެ ވެއްޓާއި އެ މާހައުލުގައި ވަޒަންވެރިވެގެން ދިރިއުޅޭ ދިރުންތަކާއި، ހާއްސަކޮށް ހޯރައާއި އެސޮރުމެން ދިރިއުޅޭ ގަސްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ.

އޮޅުގިރި

އޭގެ އިތުރުން އެރަށުގެ ފަރުތައް ރައްކާތެރިކޮށް ދިރުން ދަމަހައްޓައި އެ ރަށުން އިގްތިސާދީގޮތުން ފައިދާ ހޯދޭނެ ގޮތްތައްވެސް ޕްލޭންގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި އޮޅުގިރި ސަރަހައްދު ބެލެހެއްޓިގެން ދާނީ ބ. ކައުންސިލްތަކާއި އަދި ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް އޮފީހުގެ އެހީތެރިކަމާއެކީ ކަމަށްވެސް އެ ޕްލޭނުގައި ބުނެފައިވެ އެވެ.

ބ. އަތޮޅުގެ ދެކުނުގައި އޮންނަ އޮޅުގިރި ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ ވެސް އަރާތީ އާއި އަދި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ އެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި މިހާރުވެސް 10 ސަރަހައްދެއް ކޯ އޭރިޔާގެގޮތުގައި ކަނޑައަޅާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އޮޅުގިރި، ދިލަލިހާ، މެންދޫ، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ، އަދި ގޮއިދޫ ކޯރު ސަރަހައްދު ހިމެނެ އެވެ. ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އަދި އަގުބޮޑު ވަސީލަތްތައް ހިމެނޭ ތަންތަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.