ފަސް އަހަރުން ހުޅުވި މިސްކިތުގައި ބޮޑެތި މައްސަލަތަކެއް!

ކިހާދޫގައި އަލަށް ހުޅުވި މިސްކިތް

ދައުލަތުގެ ބަޖެޓް ޚަރަދުކޮށްގެން ބ. ކިހާދޫގައި އަލަށް އިމާރާތްކުރި މިސްކިތުގައި މައްސަލަތަކެއް ހުރުމާގުޅިގެން އެރަށު ކައުންސިލުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ކިހާދޫ މިސްކިތަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރުގައި އަޅަން ފެށި މިސްކިތެކެވެ. ނަމަވެސް ވަކި ވަރަކަށް މަސައްކަތް ކުރުމަށް ފަހު އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަސައްކަތް ފަށާފައި ވަނީ 2015 ވަނަ އަހަރު އެވެ. އަދި މިދިޔަ އަހަރު ފަހުކޮޅު މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ހުޅުވީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ކިހާދޫ ކައުންސިލުގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ، ވަރަށް ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު، އެރަށުގައި އަލަށް ބިނާ ކުރި މަސްޖިދުލް ތަޢާވުން ރަސްމީކޮށް ހުޅުވިއިރު ކަރަންޓް ވައިރިން އާއި ސައުންޑް މައްސަލަތަކެއް ހުރުމުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

“އޭސީއަށް އަޅާފައި ހުރީ ވައިރިން އެންމެ ހިމަ އާދައިގެ ނަރު އަދި ލޫޕް ޖަހާފައި. އެހެންވެ އޭސީތައް މަސައްކަތް ނުކޮށްގެން އަދިވެސް މިއުޅެނީ، އަޑު މަޑުވުމުގެ މައްސަލަ މިހާރު ހައްލުވެއްޖެ. އެކަމަކު އަދިވެސް އެއް ލޯޑް މުންނާރަށް ނަގައި ގުޅަންޖެހޭ” ފަޒީލް ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ މިނޫނަސް މައްސަލަ އުޅޭ ކަމަށާއި އެގޮތުން މިސްކިތުގައި އަންހެނުން ނަމާދުކުރުމަށް ހާއްސަކޮށްފައިވާ ޖާގަވެސް މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ ވަރަށް ވުރެ ކުޑަ ކަމަށެވެ.

“އަސްލު މިއީ ހުޅުވާއިރު ހުރެގެންވާނެ ކަންތައް ތަކެއް ނޫން. ކޮންޓްރެކްޓަރު ލައްވާ މިއީ މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ ކަމެއް،”

އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީއާ ވާހަކަ ދައްކައިގެން މިސްކިތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

500 އެއްހާ މީހުންގެ އާބާދީއެއް އޮތް ކިހާދޫގައި އަލަށް ހުޅުވި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.