އެންމެ ޚަރަދު ކުޑައީ ބ. އަތޮޅުގައި

ބ. ކެނދޫ މަގެއްގައި ބަޔަކު މަޑުކޮށްލައިގެން

ޚަރަދަށްް ބަލާއިރު މަހެއްގެ މައްޗަށް ގޭބިސީތަކުން ކުރާ ޚަރަދު އެވްރެޖްކޮށް އެންމެ ދަށީ ބ. އަތޮޅުގައި ކަމަށް ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭ އިން ދައްކައިފި އެވެ.

ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަހައްޓާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިންް އާންމުކޮށްފައިވާ ގޭބީސީ އާއި އާމްދަނީ އާއި ޚަރަދުކުރުން ހުރި ގޮތުގެ ސާވޭ (2016) ރިޕޯޓްގައިވާ ގޮތުގައި ޚަރަދަށްް ބަލާއިރު މަހެއްގެ މައްޗަށް ގޭބިސީތަކުން ކުރާ ޚަރަދުގެ އެވްރެޖްކޮށް އެންމެ ދަށީ ބ އަތޮޅުގައި ކަމަށާއި އަދި އެންމެ މަތީ ޏ. އަތޮޅުގަ އެވެ.

އެ ސާވޭގެ ނަތީޖާ ގައި ބުނެފައިވާ ގޮތުގައި މުޅި ރާއްޖެ އަށް ބަލާއިރު ގޭބިސީތަކުން އެންމެބޮޑު ޚަރަދެއް ހިނގަނީ ބޯހިޔާވަހިކަމާއި، ކަރަންޓް އަދި ފެނަށެވެ. އަދި އަތޮޅު ތެރޭގެ ގޭބިސީތަކަށްބަލާއިރު، ގޭބިސީގެ މައިގަނޑު ޚަރަދު ހިނގަނީ ކާބޯތަކެތީގެ ބަޔަށް ކަމަށް ސާވޭގެ ނަތީޖާ ގައި ބުނެފައިވެ އެވެ.

އެގޮތުން ކާބޯތަކެތި ގަތުމަށް އަތޮޅުތަކުގައި އެވްރެޖްކޮށް ގޭބިސީއަކުން މަހެއްގެ މައްޗަށް 4800 ރުފިޔާ ޚަރަދު ކުރާއިރު، މާލޭގައި މި ޚަރަދު އުޅެނީ 6،100 ގައި ކަމަށް އެ ސާވޭގައި ވަނީ ބުނެފައެވެ.

އެ ސާވޭގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އަތޮޅުތަކުގައި އާމްދަނީގެ ތަފާތު ކުރުންތައް ވެސް އެބަހުއްޓެވެ.

އެގޮތުން ވަކިވަކި އަތޮޅުތަކަށް ބަލާއިރު ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ބޮޑީ ފ. އަތޮޅުގަ އެވެ. މީގެ ސަބަބެއް ކަމަށް ސާވޭގެ ނަތީޖާގައި ބުނެފައިވަނީ އެ އަތޮޅުގައި އިޤްތިޞާދީގޮތުން ހަރަކާތްތެރިވާ އާބާދީ އާއި 15 އަހަރާއި 15 އަހަރުންމަތީގެ އާބާދީގެ ތެރެއިން މަސައްކަތްކުރާ އާބާދީގެ ނިސްބަތް ބޮޑުުވުން ކަމަށެވެ.

ސާވޭގެ ނަތީޖާ ބުނާގޮތުން ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ކުޑައީ ރ. އަތޮޅުގައެވެ. ބ. އަތޮޅު އުޅެނީ މި ލިސްޓްގެ 17 ވަނައިގަ އެވެ.

މި ސާވޭގެ ނަތީޖާ ގައި ބުނެފައިވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް ގޭބިސީއަކަށް ލިބޭ އާމްދަނީއަކީ 26395 ރުފިޔާ ކަމަށާއި މާލެ އަށް ވުރެ އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ލިބޭ އާމްދަނީ ދަށް ކަމަށެވެ. އެގޮތުން މާލޭގައި އާމްދަނީގެ ގޮތުގައި ގޭބިސީއަކަށް 37035 ރުފިޔާ ލިބޭ ކަމަށާއި އަތޮޅު ތެރޭގައި ގޭބިސީއަކަށް ޖެހޭ އާމްދަނީއަކީ 18358 ރުފިޔާ ކަމަށް ސާވޭގައި ބުނެފައި ވެއެވެ.

މި ސާވޭގައި ބުނެފައިވާ ގޭބިސީއަކަށް ލިބޭ އާމްދަނީއަކީ އެގޭބިސީއެއްގައި ދިރިއުޅޭ 15 އަހަރުންމަތީގެ ހުރިހާ މީހުންނަށް އެކިގޮތްގޮތުން ލިބޭ އާމްދަނީގެ ޖުމްލަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.