އޭދަފުށީ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު ގެނެސްފި

މަގު ތަކުގައި ތާރުއަޅަން ބޭނުންކުރާ ސާމާނު އޭދަފުއްޓަށް ގެނެސްފައި

ސަރުކާރުން ފަށާފައިވާ އޭދަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ މުހިންމު ސާމާނު މިހާރު ގެނެސްފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް މިހާރު ރަށަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް މަސައްކަތް ފެށޭނެ ދުވަހެއް އަދި ބުނަން ދަތި ކަމަށެވެ.

“މަގު ހެދުމުގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައި، މިހާރު ކުރިއަށްދަނީ އެންމެ ފަހު ދެ މަގުގައި ޕޭމަންޓް ކާބް ޖެހުމާއި ގާ އެތުރުން. ތާރު އަޅަން ސީދާ ފަށާނެ ދުވަހެއް އަދި ބުނަން ނޭނގޭ. އުއްމީދު ކުރަނީ ތާރުއެޅުމުގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް،”

33.2މިލިޔަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ތާރު އަޅައިގެން އޭދަފުށީގައި 3.36 ކިލޯމީޓަރުގެ 15 ވަރަކަށް މަގު ރަނގަޅު ފެންވަރަކަށް ހަދާނެ އެވެ. ތާރު އަޅައި މި މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައް ވެސް ކުރަހައިފައި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް އެއް އަހަރު ދުވަހުން ނިންމާގޮތަށް، މިހާރު އުވާލާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކުރީ 2015 ވަނަ އަހަރު އެވެ. އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ، މި މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވީ ފަހުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ. މިހާރު މިމަސައްކަތް ކުރަނީ ހައުސިންގ މިނިސްޓްރީގެ ފަރާތުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.