އަލިފުށި އަތުން ބަލިވެ އޭދަފުއްޓަށް އިތުރު އިންތިޒާރެއް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި ރ. އަލިފުށި އަތުން ބަލިވެ ގަދަ 16 އަށް ދިއުމަށް އޭދަފުށި އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ. މާފަންނު މިނީ ގްރައުންޑް 1 ގައި ރޭ ކުޅުނު މެޗުން އޭދަފުށި ބަލިވީ 4-1 އިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ އަލިފުށިންނެވެ. އެއަށްފަހު އޭދަފުށިން ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން އަލިފުށިން ވަނީ އިތުރު ލަނޑެއް ޖަހާ އޭދަފުށި ހާސްކޮށްލާފައެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އޭދަފުށީ ޓީމުގެ ހަމްދާން އަބްދުއްސައްތާރު ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ 2-1 އަށް ބަދަލުވި އެވެ. ދެވަނަ ހާފުގައި މެޗު އެއްވަރު ކުރުމަށް އޭދަފުށްޓަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކައުންޓަރ އެޓޭކުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން އަލިފުށިން ހިފިއެވެ. މެޗުގެ ފަހު ފަސް މިނެޓުގައި އަލިފުށިން ވަނީ އިތުރު ދެލަނޑު ޖަހާ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފައެވެ.

ޒޯން ދޭއްގެ މެޗެއް މިރޭވެސް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އަލިފުށްޓާއި ނ. މާފަރެވެ. މިމެޗު އެއްވަރު ކޮށްލައިގެންވެސް އަލިފުށްޓަށް ގަދަ 16 ގެ ޖާގައެއް ކަށަވަރު ވާނެއެވެ. މެޗުން މޮޅުވެއްޖެ ނަމަ ޒޯން ޗެމްޕިއަންކަންވެސް އެޓީމަށް ލިބޭނެއެވެ. އަލިފުށްޓާއި މާފަރު ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. އޭދަފުށި ކުޅޭ ދެވަނަ މެޗުގައި މާދަމާރޭ ހަމަ އެގަޑީގައި ނުކުންނާނީ މާފަރާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.