ދިރާގު ރޯޑް ރޭހުގެ އެއްވަނަ، ނަޒްރާ އަދި ޓިމޮތީ

 

ދިރާގު މޯލްޑިވްސް ރޯޑް ރެހުގެ އޯޕަން ކެޓަގަރީގެ އެއްވަނަ، ގައުމީ ދުވުންތެރިޔާ އާމިނަތު ނަޒްރާ އަދި ރާއްޖޭގައި މަސައްކަތްކުރާ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ޓިމޮތީ ސައުތޯލް ހޯދައިފި އެވެ.

“ކުޑަކުދިންނަށް ކުރާ އަނިޔާ ތަކާ ދެކޮޅަށް” މި ޝިއާރުގެ ދަށުން ދިރާގުން ކުރިއަށް ގެންދިޔަ ރޯޑްރޭހުގެ މިއަހަރުގެ އޯޕަން ކެޓަގަރީގެ އަންހެން އެއްވަނައަށް ހޮވުނު ނަޒުރާ، ރޭސް ނިންމާފައި ވަނީ 24 މިނިޓު 43 ސިކުންތުންނެވެ. އަދި ފިރިހެން އެއްވަނަ މަގާމް ހޯދި ޓިމޮތީ ރޭސް ނިންމާފައިވަނީ، 18 މިނިޓު 27 ސިކުންތުން ނެވެ.

ހެންވޭރު ކޮޅު ރާޅުގަނޑު ސަރަހައްދުން ފެށިގެން މާލެ ވަށައިގެން 5.3 ކިލޯ މީޓަރަށް ދުވަންޖެހޭ ރޭސް ކުރިއަށް ގެންދިޔަ ގަޑީގައި ރާޅު ގަނޑު ސަރަހައްދުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅު ޝިއާރުތައް ފާޅުކުރުމާއި، މިއުޒިކާއި، މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މީހުން ހޭލުންތެރި ކުރުވުމުގެ ހަރަކާތް ތަކެއްވެސް ވަނީ ކުރިއަށް ގެންދިޔަ އެވެ.

ޖުމުލަ 72000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި މެޑެލް ހުށަހެޅުނު މިފަހަރުގެ ރޯޑްރޭހުގައި، އޯޕަން ކެޓަގަރީގެ އިތުރުން ދެޖިންސު ވަކިން، ސްކޫލް ޖޫނިއާ 13 އަހަރުން ދަށާއި ސްކޫލް ސީނިއާ 13 އަހަރުން މަތި، އަދި 45 އަހަރުން މަތީގެ ކެޓަގަރީ ހިމަނާފައި ވެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ދިރާގުން ބޭއްވި ދިރާގު މޯލްޑިވްސް ރޭހުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްބީސީއާއި ސޮނީ ސްޕޯޓްސް އެވެ. އަދި ސޯޝަލް ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ދެ ޖާމާއަތެއް ކަމަށްވާ ކެޕްސްއާއި އާކް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.