ބ. ކެންދޫ ކައުންސިލްގެ ތިޖޫރި، ގިނަ އަދަދެއްގެ ފައިސާއާއެކު ރޭ ވަގަށް ނަގައިފި އެވެ.
އެރަށު ތިޖޫރީ ވަގަށް ނެގިކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުން ކަމަށްވެ އެވެ. އަދި ތިޖޫރީ ވަގަށް ނަގާފައިވަނީ ކައުންސިލްގެ މައި ދޮރާއި ތިޖޫރީ ހުރި ކޮޓަރީގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.
ކެންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި ތިޖޫރީ ވަގަށް ގެންދިޔަ އިރު، އޭގައި 188،925 ރުފިޔާ ހުންނާނެ ކަމަށެވެ. އެއީ ކައުންސިލަށް އެކި ގޮތްގޮތުން ލިބިފައި ހުރި ފައިސާ ކަމަށާއި، މުވައްޒަފުންގެ މުސާރަ ނެގުމަށް މިއަދު އޭދަފުއްޓަށް ދާއިރު، އެ ފައިސާ ޖަމާކުރަން ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“އެ ފައިސާ ޖަމާކުރުމަށްޓަކައި އިއްޔެ ވަނީ ހުރިހާ ލިޔުންތައް ވެސް ތައްޔާރުކޮށް ނިންމާފައި،”
ތިޖޫރީ ވަގަށް ނެގި މައްސަލަ މިހާރު އެ ރަށުގައި ތިބޭ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.