ބ.އަތޮޅުގައި ޑެންގީހުން ފެތުރެމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ބ. އަތޮޅުގައި މި ދުވަސްކޮޅު ޑެންގީ ހުން ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެކަމަށް އާންމުން ހާއްސަ ސަމާލުކަމެއް ދިނުމަށް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ވިދާޅުވީ އިއްޔެގެ ނިޔަލަށް މިއަތޮޅުން ޑެންގީގެ 4 ކޭސް ރެކޯޑްކުރެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ރިކޯޑް ކުރެވިފައިހުރީ މިއަތޮޅު ރިސޯޓްތަކުން ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ ޑެންގީ ހުން ފެތުރެމުންދާ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުންކަމަށެވެ.

ވަހީދު ވިދާޅުވީ ޑެންގީ އަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ހުމަކަށްވުމުން އާންމުން މިކަމަށް ހޭލުންތެރި ކުރުވުމަށް ޚާއްސަ ޕްރޮގްރާމެއް އެ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓުން ހިންގުމަށް ރާވަމުންދާ ކަމަށެވެ.

އެގޮތުން ބ.އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށާއި ރިސޯޓްތަކަށް އަމާޒުކޮށްގެން، ކުރިއަށްގެންދާ މި ޕްރޮގްރާމުގެދަށުން، އާންމުން ހޭލުންތެރިކުރުވުމާއި، މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށްގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ނައްތާލައި މަދިރި އުފެދޭ ގޮތަށް ހުރި ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑެންގޫ ހުމުގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުން ފަދަ އަލާމަތްތައް ހިމެނޭ އެވެ. އަދި ހުން އަންނަ ނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި އަރާމުކުރުމަށް ސަމާލުކަންދީ، ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށްވެސް ބ.އަތޮޅު ހޮސްޕިޓަލުން ލަފާދެ އެވެ.

މީގެއިތުރުން ހުން މަޑުނުވެ 3 ދުވަހަށް ވުރެ ގިނަދުވަސް ވެއްޖެނަމަ ލަސްނުކޮށް، ޑޮކްޓަރަށް ދެއްކުމަށްވެސް ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.