ހަގީގީ ވާހަކަ: އެ މަންމަގެ އިހުމާލު

ލިޔުނީ: އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ

ކޮންމެ ދަރިއަކުވެސް މިއަދުނިޔެއަށް ނޭވާލަނީ ލޯބިވާ މައެއްގެ މުށުތެރެއަށެވެ. އެމައިންގެ ހިތުގައި މިލޯބި ދަރިންނަށްޓަކައި އަގުހުރި ލޯތްބެއްވެއެވެ. ބަލަނީ އެންމެ ފުރިހަމަ ލޯތްބާއި އަޅާލުން ދީގެންނެވެ. ދަރިން އުފާކޮށްދިނުމަށްޓަކައި އެމައިންގެ ލޯތްބާއި އުފާ ގުރުބާންކުރެއެވެ. މައިންނަށް ދަރިން ދޮންފުތުވަނީވެސް މިލޯބީގެ ސަބަބުންނެވެ. އެހެނަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މައިންނަށް ނޭގުމެއްގެތެރޭގައިވެސް ދަރިންނަށް ގެއްލުމަކަށް މަގުފަހި ކޮށްދެވިދާނެކަމެވެ. އަދި އެއަނިޔާގެ ޝިކާރައިގައި އެލޯބިދަރިފުޅުގެ ހަޔާތްއެކީ ހޭދަކުރަންޖެހިދާނެކަމެވެ. ވަރަށް މަދު ދަރިންތަކަކަށް ނޫނީ މިކަންކަމުން ރެކިގަންނާކަށް ނޭނގެއެވެ. މިއީ މުޖުތަމަޢުގައި ހިނގާފައިވާ ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އައިޝާ އަކީވެސް މިފަދަ މައެއްގެ ދަރިއެކެވެ. މައިމީހާ އިންތިހާ ލޯބިދީގެން އެންމެ ތުއްތު އިރުއްސުރެ ބަލަމުން އައި ދަރިއެކެވެ. އެންމެ ތުއްތު އިރުއްސުރެ މިއަދާއި ހަމައަށް ހިނިތުންވުމާއި އުފާވެރިކަން މޫނުމަތިން ބަބުޅަމުން އަންނަ އަންހެނެކެވެ. ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ރިވެތި ޖިންސުއްލަތީފެކެވެ. ގެވެހި އަންހެނެކެވެ. ހަގީގަތަކީ އިންސާނާގެ މޫނުމައްޗަކީ ފަރުދާއެއްކަމެވެ. އެފަރުދާގެ ފުރަގަހުގައިވާ އެއްޗެއް އެނގޭނީ ފަރުދާ ކަހާ ބަލާލުމުންނެވެ.

ލޯބިން ފުރިގެންވާ މައިމީހާގެ އުނގުތެރޭގައި އައިޝާ ބޮޑުވަމުން އައީ ނުހަނު ލޯތްބާއިއެކުގައެވެ. އާއިލާގައި ކިތަންމެ ތަކުލީފުތަކަކާއި ވޭންތަކެއް ކުރިމަތިވިޔަސް، އެމަންމަ އައިޝާއަށް މިކަންތައް އިހުސާސްވިޔަ ނުދެއެވެ. އައިޝާގޮވައިގެން މަންމަ އާއިލީގެތަކަށް ޒިޔާރަތްކުރެއެވެ. ބޮޑުބޭބެ މެންގެ ގޭގައި އައިޝާ އާއި އެއްފުރައިގެ ކުދިން ތިބެއެވެ. ބައެއް ކުދިން އައިޝާއަށްވުރެ އުމުރުން ދޮށްޓެވެ. އައިޝާގެ މަންމައާއި އެއްބަނޑު އެއްބަފާ އައިޝާއަށް ވުރެން ދޮށީ ކޮއްކޮމެން ތިބެއެވެ. އެކުދިން އައިޝާއާއި އެކުގައި ކުޅެހަދައެވެ. މަޖާކުރެއެވެ. އުފާވެރިމާހައުލެއްގައެވެ.

މިފަދައިން މަންމަ އައިޝާ ގޮވައިގެން ބޮޑުބޭބެގެ ގެއަށްދިޔަ ދުވަހެކެވެ. އޭރު އައިޝާގެ އުމުރުން އެންމެ 9 އަހަރެވެ. ގަޑިން ރޭގަނޑު 7:00 ޖެހީއެވެ. މަންމަ ބޮޑުބޭބެއާއި ބޮޑުބޭބެގެ އަންހެނުންނާއިއެކު ދިޔައީ ފިހާރައަކަށެވެ. އެގޭގައި ތިބީ ބޮޑުބޭބެގެ ކުދިންނާއި މަންމައާއި އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. ނުވަތަ އައިޝާގެ ބޮޑުބެއެވެ. ކޮންމެ ކުއްޖެއްގެ މިޒާޖުވެސް ތަފާތެވެ. ހީނުކުރާހާ ތަފާތެވެ. އެކުދިންގައިގައި މައިންނަށް ނޭނގޭނެ ކިތަންމެ ސިފައެއް ހުރެއެވެ. މިގޮތުން އެއްދުވަހަކު އައިޝާގެ މަންމަ ފިހާރައަށް ދިއުމުގެ ކުރިން އައިޝާ ގިފިއްޔަށް ދިޔައެވެ. އެދުވަހު ގިފިލީގެ ބޮކި ނިއްވުމަށް މަންމަ ހަވާލުކުރީ އައިޝާގެ ބޮޑުބެއާއިއެވެ. އެއީ މަންމަ އަށް ނޭގިނަމަވެސް ކުރެވުނު އެންމެ ބޮޑުކުށެވެ. މަންމައަށް އެލޯބިދަރިފުޅު އަނދަވަޅަކަށް ވައްޓާލުމަށް މަގުހުޅުވައިލެވުނީއެވެ. ކިލަނބުކޮށްލެވުނީ މަންމަގެ ކުޑަކުޑަ އައިޝާގެ މުސްތަގުބަލެވެ. ހަގީގަތުގައިވެސް މަންމަ ގަސްތަކުނޫނެވެ. މަންމަ އެކޮއްކޮމެން ދެކެވެސް ލޯބިވާތީއެވެ. އިތުބާރުކުރާތީއެވެ. ގާތްކަމުގައި ދެކޭތީއެވެ. މަންމަމެން ދިޔައިރުވެސް ހުރިހާ ކުދިން ތިބީ ކުޅޭށެވެ. އެންމެ ބޮޑު ކުއްޖަކަށް ހުރީ މަންމަގެ އެކޮއްކޮއެވެ. ފާއިޒެވެ. އެކުދިން ކުޅެމުންދިޔައީ ތުއްތު ކުދިންގެ މަގުބޫލު ވާހަކަ ފޫޅޫދިގުހަންޑިއެވެ. އައިޝާ އައިމިނާބީގެ ބައި ކުޅުނުއިރު ފާއިޒުކުޅެމުންދިޔައީ ފޫޅޫދިގުހަންޑީގެބައެވެ. ކުޅުމުގެ ތެރެއިން ދެކުދިންގެ މެދުގައި ހިނގައިގެން ނުވާނެ ހާދިސާއެއް ހިނގައިފިއެވެ. އައިޝާގެ ޅަސިކުނޑިއަކަށް ވީއެއްޗެއް ނުވިސްނެއެވެ. ފާއިޒު އުމުރަށްވުރެންވެސް ނުލަފާވީއެވެ. ނުބައި ވިސްނުންތަކާއި ގޯސްމަގަކަށް މިސްރާބުޖެހިފައިވީއެވެ. މިދުވަސް ވެގެން ދިޔައީ އައިޝާގެ ދިރިއުޅުމުގައި ބޮޑު ލައްގަނޑެއް ޖެހުނު ދުވަހަކަށެވެ. ނުވިސްނުނު ނަމަވެސް ސިކުނޑީގައި އެކުރެހުން އެނބުރެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ ފާއިޒަކީ އަބަދުމެ ގޭތެރެއިންނާއި ބޭރުން އައިޝާ އާއި ދިމާވާ އޭނަގެ ބޮޑުބޭބެއެވެ. އެހެންކަމުން މިކަންތައްވެސް ގޭތެރެއިންނާއި ބޭރުން އައިޝާއަށް އުމުރުން އެންމެ 9 އަހަރުން ފެށިގެން ކުރިމަތިވަމުންއައެވެ. އައިޝާއަށްވެސް އެކަމަށް ހޭނި އާދަވެވިއްޖެއެވެ. އެންމެ ޅައިރުއްސުރެން ހިނގަމުން އަންނަކަމަކަށްވުމުން ނުވިސްނެނީއެވެ. ނުވަތަ ނޭނގެނީއެވެ.

މިކަމުން އައިޝާގެ ހިތުގައި ކުޑަނަމަވެސް ބިރުވެރިކަމެއް އުފެދުނީ އެއްރެއަކު އައިޝާއަށް ވީތަދެއްގެ ސަބަބުންނެވެ. މިކަންތައް އެންމެ ފުންކޮށް ނުހިނގިނަމަވެސް ތުއްތުކުއްޖަކަށް ކުޑަނަމަވެސް އަސަރެއްކޮށްފިނަމަ ވަރަށް ތަދުވާނެއެވެ. އެހެނީ އެއީ އެއްވެސް މީހަކަށް އަތްލެވިގެންވާނެ ސަރަހައްދެއްވެސް ނޫނެވެ. އެދުވަހުން ފެށިގެން އެއީ ގޯސްކަމެއްކަން އައިޝާއަށް ވިސްނެއެވެ. އެއީ އައިޝާއަށް އެކަމުން ކިރިޔާވެސް ވޭންދެނިވި އިހުސާސެއް ހިތައްވެސް ކުރި ދުވަހެވެ. އެދުވަހުން ފެށިގެން އައިޝާ އަބަދުމެ އެކަމާއިމެދު ވިސްނައެވެ. ރޮއެހަދައެވެ. ހިތާމަކުރެއެވެ. ކަންކަން އެނގި ބޮޑުވަމުން އަންނަވަރަކަށް އައިޝާއަށް މިކަމުން ކުރާ އަސަރު މާބޮޑެވެ. ޅައިރުއްސުރެން ފެށިގެން އައިޝާ ވަނީ މިކަންކަމަށް އެކިގޮތްގޮތަށް ހުށަހެޅިފައެވެ. ވިސްނާލުމުން އެކަން އައިޝާއަށް އިހުސާސްކުރެވެއެވެ. މިހާދިސާއެކަންޏެއް ނޫނެވެ. އައިޝާގެ ހިތުގައި ވަރަށް ތުއްތު އިރުގެ މިފަދަ ހަނދާނެއްވެއެވެ. އެއަނިޔާވެރި ފަރާތުގެ ސޫރަ ސިކުނޑީގައި ކުރެހިފައި ނެތްނަމަވެސް މަންޒަރު ކުރެހިފައިވެއެވެ. އެންމެ ތުއްތު އިރު، އުނގުގައި ލޯބިން ގެންގުޅޭ އިރުގެ ހަނދާނެކެވެ. ކޮންމެވެސް ގާތްމީހެއްގެ އުނގުގައި އައިޝާއަށް ކާފަގެގޭގައި ލިބުނު އަނިޔާއެވެ. މިއީ އެމަންޒަރު އައިޝާ ހަނދާނުގައި ހުރިމިންވަރެވެ. މީގެ އިތުރުން އެޅައުމުރުގައި ކާރެއްގެ ތެރޭގައި އާއިލާ މީހެއްގެ އަތުތެރޭގައި ލިބުނު އަނިޔާވެސް ހަނދާން ހުރެއެވެ. އެއީވެސް ކާކުކަމެއް އެއްގޮތަކަށްވެސް ހަނދާނެއްނެތެވެ. މިއީ ކޮންމެއަކަސް މާބޮޑަށްވެސް ޅައުމުރުގެ ހަނދާންތަކެކެވެ. ކޮންމެ ޒަމާނެއްގައި ލިބުނަސް ތިމާއަށް ލިބޭ އަނިޔާއާއި ވޭން ހަނދާން ނުނެތޭނެޔޭ ބުނެވެނީ އެހެންވެއެވެ.

އެދުވަހުން ފެށިގެން ފާއިޒު ދެމުންއަންނަ ހަމަލާތަކާއި ދުރުވާން މަސައްކަތްކުރި ނަމަވެސް މުޅިން އެވަކިތަކުން މިންޖެއްނުވެއެވެ. އަބަދުވެސް އައިޝާ ހުންނަންޖެހެނީ ސަމާލުވެގެންނެވެ. މިހާލުގައި އައިޝާ އުމުރުން 16 އަހަރު ވަންދެން އުޅުނެވެ. ކޮންމެ ރެއަކީ އެކަނި، ނުނިދާ ރޮއެރޮއެ އޮންނަ ރެއެކެވެ. އެހެނަސް އައިޝާ ވަރަށް ހިތްވަރުގަދައެވެ. ދުވަހަކުވެސް އުއްމީދުކަނޑައެއް ނުލައެވެ. މިކަން އުމުރަށް އައިޝާ އާއިލާއަށް ސިއްރުކުރިއެވެ. އާއިލީ ހަމަޖެހުމަށްޓަކައެވެ. އެހެނަސް އަބަދުމެ ފާއިޒަށް ނަފްރަތުކުރެއެވެ. ނަމަވެސް އައިޝާއަށް މިކަމުންވެސް ލިބުނީ އިތުރު ދެރައެކެވެ. ޖެހުނީ އިތުރު ލައްގަނޑެކެވެ. މާ ގިނަދުވަސްތަކެއް ނުވެ ފާއިޒުގެ ދަރިއަކަށް އައިޝާ ނަހަލާލަށް ބަލިވެ އިނދެ ވިިހައިފިއެވެ. ލޯބި ލޯބި ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ޖެހުނު މިލައްގަނޑާއެކު އައިޝާ ސްކޫލުން ވަކިކުރިއެވެ. އެހެންކަމުން އައިޝާގެ މަންމަމެން ނިންމީ އައިޝާ ގޮވައިގެން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމަށެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އައިޝާއަށް ލިބިފައިވާ ލޯބިލޯބި ސަޔަން 1 އަހަރު ފުރިއްޖެއެވެ. އޭރު އައިޝާ އުޅެނީ އެހެން މީހަކާއި ރައްޓެހިވެގެންނެވެ. ނަމަވެސް ސަޔަން އަށް 1 އަހަރު ފުރުނުތަނާ އައިޝާ ޝިފާން އާއި ކައިވެނިކޮށްފިއެވެ. އަދި ކައިވެނިކުރިތާ މާގިނަ ދުވަހެއް ނުވެ އައިޝާ ދެވަނަ ކުއްޖާއަށް ބަލިވެއިނދެ ދުވަސްފުރައި ވިހައިފިއެވެ. މިހާރު ސަޔަން ގެ އުމުރުން 2 އަހަރު ފުރިއްޖެއެވެ. އައިޝާގެ ފިރިމީހާ އުޅެނީ ރަށުން ބޭރުގައި ވަޒީފާގައެވެ. ވަރަށް މަދުން ނޫނީ ރަށަށްގޮސް ނޫޅެއެވެ.

އައިޝާއަށް ސަޔަން އިތުރުން އިތުރު ކުއްޖަކު ލިބުމުން އިތުރަށް ބުރަ ބޮޑުވިއެވެ. މި ކުޑަ ދަރިފުޅަށް ކިޔަނީ ޔައީސް އެވެ. ޔައީސް ލިބުމާއެކު ސަޔަން ގެ މަތިން އައިޝާ ފޫހިވާން ފެށިއެވެ. 2 އަހަރު މި ކުޑަކުޑަ ސައިން ކިތަންމެ ބަނޑުހައިވެގެން ރުޔަސް އައިޝާ ފަރުވާލެއް ނުބަހައްޓައެވެ. ފާއިޒު ދެކެ ވާފޫހި ސަޔަން އަށް ބާލައެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އައިޝާ ސައިން ރޯލާއިރަށް އަނިޔާކުރަން ފަށައެވެ. އަދި ސަޔަން ފެންވަނުވަރާ ނެޕީ ބަދަލުނުކޮށް ހުއްޓަސް އެކަމަކާ އަޅައެއް ނުލައެވެ. ފެންވަރުވާނީވެސް ހިތަށް އެރިއްޔާއެވެ. ބޭރަށްދިޔަޔަސް ދަނީ ސައިން އެކަނިކޮށްފައި ގޭގައި ބަހައްޓާ ގޭގެ ދޮރު ތަޅުލާފައެވެ. ގިނަރޭރޭ ސައިން ނިދަނީވެސް ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގޮޑިއެއްގައި އެކަނި އޮވެއެވެ. އެކުޑަކުޑަ ސައިން ކިތަންމެހާވެސް މިއަދު އެކަނިވެރިއެވެ. މިހެން ކަންތައްތައް ވަމުންދާކަން އަވައްޓެރިންނަށްވެސް އެނގެއެވެ. އެކަމަކު މިއިން އެއްވެސް ފަހަރަކު އަވަށްޓެރިިއަކުވެސް ސައިންއަށް ވަމުންދާކަންތަކާ ވާހަކައެއް ނުދައްކައެވެ. އަޅައެއް ނުލައެވެ.

ދުވަސްތައް މާޒީވަމުން ދެއެވެ. މިގޮތުން އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ސައިންގެ އެއްވެސް ހަބަރެއް ނުވެގެން އައިޝާ ސައިން ކޮބައިތޯ ބަލައިލިއިރު ސައިން އޮތީ ގޭގެ ކޮޓަރިތެރޭ ތަޅުންގަނޑު މަތީގައި އޮށޯވެލައިގެންނެވެ. އެވަގުތު އައިޝާގޮސް ސައިން ނަގަންވެގެން އަތުގައި ހިފާލިއެވެ. ހަރަކާތްވަނީ ހުއްޓިފައެވެ. އައިޝާ ބިރުގަތެވެ. އަދި ގެއިން ބޭރަށް ނިކުމެ ބާރަށް ހަޅޭއްލަވަމުންގޮސް ޖެހިގެން ހުރި ގޭ މީހުންނަށް މިކަން އެނގިއެވެ. އެމީހުން އައިސް ބެލިއިރު ސައިން އޮތީމަރުވެއެވެ. އޭރު ސައިންގެ ގައިގެ އެތައް މިތަން ނޫފައި ގަތްފައި ހުރިތަން ފެނުނެވެ. އެއީ މީހަކު ސައިންއަށް ކޮށްފައިހުރި އަނިޔާތަކެއްކަން ފާޅުވެއެވެ. މިމީހުން ވަގުތުން ފުލުހުންނަށް މިކަން އެންގިއެވެ. ފުލުހުން މައްސަލަ ތަހްޤީޤްކުރަން ފެށިއެވެ. އަދި މިމައްސަލައާއި ގުޅިގެން ސައިންގެ މަންމަ އައިޝާ ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނެވެ.

ފުލުހުންގެ ތަހްޤީޤުން އެނގުނުގޮތުގައި އައިޝާއަކީވެސް ކުޑައިރުއްސުރެ މިފަދަ އަނިޔާތަކެއް ލިބިފައިވާ މީހެކެވެ. ނަމަވެސް އޭގެ ބަދަލުގައި އެކުޑަކުޑަ ސައިން އަށް އައިޝާގެ ފަރާތުން އަނިޔާލިބި މިދުނިޔެއާއި ވަކިއިރު ސައިންގެ ކުށަކީ ކޮބައިހެއްޔެވެ؟ އެމަޢުސޫމްގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ރަޙްމަތްލައްވާށިއެވެ. އާމީން!

ސައިން ފަދައިން ކުށެއް ނެތް އެތައް ކުދިންނެއް މައިން ބަފައިންގެ އިހުމާލުން މިއަދު މިވަނީ ދުނިޔެ ދޫކޮށްފައެވެ. ނަމަވެސް މިކަމުގެ ހައްޤު އަދަބު ނުލިބޭ ކިތައް މައިންނާއި ބަފައިން މިއަދު އުޅޭ ބާވައެވެ. އެހެން ނަމަވެސް ސައިން މަންމަ ގެ ތަހްޤީޤް ނިންމާ މިއަދު ވަނީ ޢުމުރުދުވަހަށް ޖަލުގައި ބަންދުކުރެވިފައެވެ. ސައިންއަށް އިހުމާލުވެ އެމަޢުސޫމް ތުއްތު ކުއްޖާ މަރާލުމުގެ ތުހުމަތުގައެވެ. މިއީ އެ މަންމަގެ އިހުމާލެވެ. ނަމަވެސް އެމަންމަ އާއިމެދު އިހުމާލުވި ފަރާތްތައްވެސް މިއަދު ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް މި ވާހަކައަށް އިންސާފުކުރާނީ ހަމަ ތިޔަ ކިޔުންތެރިންނެވެ.
……………………

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.