އުސްރަތުލް ޤުރުއާންގެ އެވޯޑް ހަފްލާ ބާއްވައިފި

އުސްރަތުލް ޤުރުއާން ކްލާހުގެ އެވޯޑްދިނުމުގެ ހަފްލާގެ ތެރެއިން

ބ. ދަރަވަންދޫ އުސްރަތުލް ޤުރުއާން ކުލާހުން ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑް ދީފި އެވެ.

އެ ޤުރުއާން ކްލާހުގެ ނަތީޖާ ފާޅުކުރަން ބ. އަތޮޅު މަދަރުސާގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ތަފާތު އެކި ބައިތަކުން 150 އެއްހާ ކުދިންނަށް އިނާމާއި ޓްރޮފީ ދީފަ އެވެ.

އެގޮތުން އަންމާފޮތް ހިފްޒްކުރި 19 ކުއްޖަކަށް ވަނީ އެވޯޑްގެ އިތުރުން 500 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ. އަދި ތަބާރަ ފޮތް ހިފްޒު ކޮށްގެން ދެ ކުއްޖަކު ވަނީ އެވޯޑް ހާސިލުކޮށްފަ އެވެ. އިނާމެއްގެ ގޮތުގައި އެއިން ކޮންމެ ކުއްޖަކަށް ވަނީ 1000ރ ދީފަ އެވެ.

އުސްރަތުލް ޤުރުއާން ކްލާހުގެ އެވޯޑްދިނުމުގެ ހަފްލާގެ ތެރެއިން

މީގެ އިތުރުން ޤުރުއާން ކްލާހުން ނަމާދު ހާޒިރީން އެއް ވަނަ ހޯދި ބާސިމް އަހްމަދު ރަޝީދަށް އެވޯޑްގެ އިތުރުން އިނާމެއްގެ ގޮތުގައި 1500ރ. ގެ ފައިސާ ގެ އިނާމެއް ވަނީ ދީފަ އެވެ. ދެވަނަ ހޯދި މުޙައްމަދު ޔޫޝައު އަށް 1،000ރ. ގެ އިނާމު ލިބުން އިރު ތިންވަނަ އަށް ދިޔަ ބައްސާރު އަހްމަދު ރަޝީދަށް ލިބުނީ 500ރ. ގެ ފައިސާގެ އިނާމެކެވެ.

މި ރަސްމިއްޔާތުގައި ހާއްސަ އެވޯޑް ލިބުނު ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝެއިޚް އަލީ ޒާހިރު އާއި އަލީ ރަމީޒުގެ އިތުރުން އުސްރަތު ޤުރުއާން ކުލާހުގެ ބާނީ މުހައްމަދު ތައުފީޤު އެވެ.

އުސްރަތުލް ޤުރުއާން ކްލާހުގެ އެވޯޑްދިނުމުގެ ހަފްލާގެ ތެރެއިން

އެވޯޑް ހަފްލާ ގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ކީރިތު ޤުރުއާނާ ނަމާދާއި އަދި ހެޔޮކަންކަމުގައި އަޅުގަނޑުމެންގެ ދަރިން ބައިތިއްބުމަކީ މާދަމާ އެކުދިންގެ މުސްތަގުބަލު ރަނގަޅަށް ކުރަހައިދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ގާރީ ކޯސް ލެވެލް 1 ފުރިހަމަކުރި ބައިވެރިންނަށް ވެސް ވަނީ ސެޓްފިކެޓް ދީފަ އެވެ.

އުސްރަތުލް ޤުރުއާން ކްލާހުގެ އެވޯޑްދިނުމުގެ ހަފްލާގެ ތެރެއިން

“އުސްރަތުލް ޤުރުއާން” ކްލާހަކީ ދަރަވަންދޫ ފެލެމީ އިންވެސްޓްމަންޓުގެ ދަށުން ހިންގަމުން އަންނަ ފެމެލީ ސްޓާގެ ފަރާތުން އެރަށުގައި މިދިޔަ އަހަރު ހުޅުވި ގުރުއާން ކްލާހެކެވެ. ތަޖުރިބާ ހުރި ގާބިލު މުދައްރިސުން ކިޔަވައިދެމުން އަންނަ އެ ގުރުއާން ކްލާހުގައި 150 އެއްހާ ދަރިވަރުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މީގެ އިތުރުން އިންސްޓިޓިއުޓު އޮފް ޤްރުއާން ސްޓަޑީޒް އާ ގުޅިގެން އެތަނުގައި ގާރީ ކޯސްތައްވެސް އަންނަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.