ހަޤީޤީ ހާދިސާ: ކަޅުފޮއި ރެއެއްގެ ޖިންނީންގެ ކުޅިގަނޑު

ލިޔުނީ: އަޙްމަދު ނާފިޢު، ދަރަވަންދޫ

މިއީ އަޅުގަނޑުގެ ރައްޓެއްސަކަށް ދިމާވި ބިރުވެރި ހާދިސާއެކެވެ. މިހާދިސާ ކިޔައިދެމުން ދިޔައިރު އޭނާގެ އަތުގެ އިސްތަށިތައް ކޮޅަށް ޖެހި ހީބިހި ނަގައިގެން ދިޔަ މަންޒަރުތައް އަޅުގަނޑުގެ ލޮލުން ދުށީމެވެ. އޭނާއަށް ކުރެވުނު އިހްސާސްތައް އެހާމެ ބިރުވެރިއެވެ. އެހެންކަމުން އޭނާ ކިޔައިދިންގޮތަށް މި ހާދިސާ ތިޔަ ކިޔުންތެރިންނަށް ހިއްސާކުރެވޭތޯ އަޅުގަނޑު މަސައްކަތްކޮށްލާނަމެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ތަންތަނާއި ނަންނަމަކީ އަސްލެއް ނޫނެވެ.

…………………………………………………………..

އެއީ 1993 ވަނަ އަހަރުގެ މެދެއްހާ ހިސާބެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 20 އަހަރެވެ. އަހަރެންނަކީ ހެލްކަޕްޓަރުގެ ކެބިން ކުރޫ އެއްގެގޮތުގައި މަސައްކަތްކުރާ މީހެކެވެ. ޢާއްމުކޮށް ދަތުރުކޮށް އުޅެނީ އަތޮޅު ތެރެއަށެވެ. މިގޮތުން އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އުޑުމަތި ސާފު ރީތި ދުވަހެކެވެ. އަހަރެންނާއި ބޯޓްގެ ކެޕްޓަނާއި އިންޖިނޭރާއި ތިންމީހުން ފަތުރުވެރިން ގޮވައިގެން އއ. ކަނދޮޅުދޫއަށް ދިއުމަށް ހުޅުލެއިން ފުރީމެވެ. ގާތްގަނޑަކަށް 30 މިނެޓްގެ ކުރު ރާސްތާއަކަށްފަހު އއ. ކަނދޮޅުދުއަށް ދެވިއްޖެއެވެ. ރަށަށް ދެވުނީ އެދުވަހު ހަވީރު 5:30 ހާއިރު އެވެ. އެރަށުގައި ކުޑަކުޑަ ހެލްޕޭޑެއް އޮވެއެވެ. ރަށަށް ބޯޑު ޖެއްސުމާއިއެކު ކައިރި ރިސޯޓަކުން ފަތުރުވެރިން ބަލާ ލޯންޗެއް އައިސް އޮތެވެ. އެ ލޯންޗަށް ފަތުރުވެރިންނާއެކު ކެޕްޓަނާއި އަދި އިންޖިނިއަރުވެސް އަރައިގެން ރިސޯޓަށް ހިނގައްޖެއެވެ. އެއީ، ހަވީރު ކުރާ މިފަދަ ދަތުރުތަކުގައި އެނބުރި ހުޅުލެއަށް ނުގޮސް ރޭގަނޑު އާއްމުކޮށް މަޑުކުރަނީ ކައިރި ރިސޯޓެއްގައެވެ. ނަމަވެސް އަހަރެންނަކީ ފަޅުރަށަކަށް ގޮސްފިނަމަ އެރަށެއްގައި އޯވަނައިޓް ހަދަން އަބަދުވެސް އާދަވެފައި ހުންނަ މީހެކެވެ. އެހެންކަމުން އަހަރެން ބޯޓުން ފައިބައިގެން އެކަނިމައި އެކަނި ރަށުތެރެ ބަލާލަން ނިކުތީމެވެ.

ކަނދޮޅުދުއަކީ ފަޅު ރަށެކެވެ. ކުޑަ ކުޑަ ރީތި ރަށެކެވެ. މިރަށުގައި ގުދުރަތީ ރީތި ދޮންވެލި ތުނޑިއެއް އޮވެއެވެ. އަރިއަތޮޅަށް ހާއްޞަކޮށް މިރަށުގައި ހެލްޕޭޑެއް ހަދާފައި އޮވެއެވެ. އެހެންވެ މި ރަށަކީ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ފަތުރުވެރިން ގޮވައިގެން ހެލްކަޕްޓަރުގެ ދަތުރުތައް ކުރާ ރަށެކެވެ. އަދި ކައިރި ރަށްރަށުގެ މީހުން ޕިކުނިކު އައިސް މަޖާކޮށްލާ ރަށެއްގެ ގޮތުގައި މިރަށް ވަނީ ހަދާފައެވެ. މިގޮތުން މިރަށް ބެލެހެއްޓުމަށް އުމުރުން 40 ވަރަކަށް އަހަރުގެ ބަކުރުބެ (އަސްލުނަމެއް ނޫން) ކިޔާ މީހަކު ހުރެއެވެ. ބަކުރުބެ މިރަށުގައި ދިރިއުޅެނީ ފަނުން ގެގަނޑެއް އަޅައި ޓިނުން މަތި ހިޔާކޮށްގެންނެވެ. ގޭތެރެއިން ވަދެވޭގޮތަށް ފަނުން ވަޅު ގިފިއްޔެއް ހަދާފައި ހުރެއެވެ. ގޭގެ ބޭރުން ގާތްގަނޑަކަށް 20 ވަރަކަށް ފޫޓު ދުރުގައި ހުރި ގަހެއްގައި ބޮޑު އުނދޯއްޔެއް އެލުވާފައި ހުރެއެވެ. އަދި އެސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ކުކުޅު ގެންގުޅެން ވަރަށް ބޮޑު ކޮށްޓެއް އަޅާފައި ވެއެވެ. މި ކޮށީގައި ގިނަ އަދަދެއްގެ ކުކުޅު ގެންގުޅެއެވެ. އެހެންކަމުން މިރަށަކީ އެދުވަސްވަރު ގިނަ އަދަދަކަށް ކުކުޅު އާލާކުރާ ރަށެއްކަން އެނގެއެވެ. ބައެއް މީހުން ސިފަކުރާގޮތުގައި އެދުވަސްވަރު މިރަށަކީ ބިރުވެރި، ނާމާން ރަށެކެވެ.

އަހަރެން ރަށުތެރެއަށް ނިކުމެ ހިނގަމުންގޮސް މިރަށުގައި ހުންނަ ފަންގެގަނޑައި އަރާ ހަމަވިތަނާ ބަކުރުބެެ ގޭތެރެއިން ނިކުމެ އަހަރެންނަށް ގޮވާލިއެވެ. އަދި ގެއަަށް ވަނުމަށް އެދުމުން އަހަރެން ބަކުރުބެ އާއެކު އެގެއަށް ވަނީމެވެ. ގެއަށްވަދެ ގޭތެރޭގައި ހުރި ބޮޑާށި މަތީގައި އިށީދެލާ ހަމަޖެހިލީމެވެ. އަދި އަހަރެން މިކަހަލަ ރަށްރަށުގައި އޯވަނައިޓް ހަދާލަން ބޭނުންވާކަމަށް ބުނުމުން މިރޭ އެރަށުގައި މަޑުކުރުމަށް ބަކުރުބެ އެދުނެވެ. ނަމަވެސް ރަށުގެ ހަޤީޤަތް ބަކުރުބެ އަހަރެންނަށް އަންގައިދޭން މަސައްކަތްކުރިއެވެ. އަދި ބުންޏެވެ.

”ކޮއްކޯ! މިރަށުގައި މިރޭ މަޑުކުރި ނަމަވެސް މިރަށަކީ އެހާ ރަނގަޅު ރަށެއް ނޫން. މިއީ ވަރަށް ނާމާން ރަށެއް. ބޭބެވެސް އިރުއޮއްސުމާއިއެކު ގެއަށް ވަންނަގޮތަށް އިރުއެރުމުން ނޫނީ ބޭރަކަށް ނުނިކުންނަށް. ވަރަށް އަޑުއަޑު އިވޭނެ.”
ބަކުރުބެ މިހެން ބުނުމާއެކު އަހަރެން ބުނީމެވެ.

”އަހަރެން ބިރެއް ނުގަނޭ. ޖިންނި ސައިތާނުންނަކީ އަވަލާ އެއްޗެއްކަމަށްކަށް އަހަރެން ޤަބޫލެއް ނުކުރަން. މީހުންވެސް ބުނޭ ނާމާން ރަށެކޭ މީ. އެކަމު އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ. ކިހާ ރީތި މިރަށް.”

އަހަރެން މިހެން ބުނުމުން ޖިންނި ސައިތާނުންގެ ކުޅިގަނޑު މިރޭ އަހަރެންނަށް ފެނިދާނެކަމަށް ބަކުރުބެ ބުންޏެވެ.
އަހަރެން ބަކުރުބެ އާއި ވާހަކަ ދައްކަމުންދަނިކޮށް ގޭތެރޭގައި ހުރި ރޭޑިޔޯއަކުން މަޤްރިބް ނަމާދު ބަންގި ގޮވާއަޑު އިވިއްޖެއެވެ. އެހެންކަމުން ގިފިއްޔަށްވަދެ ވުޟޫކޮށްލައިގެން ބަކުރުބެ އާއެކު ގޭތެރޭގައި އިނދެ ނަމާދުކޮށްލީމެވެ. ނަމާދުކޮށް އަވަދިވެގެން އަނެއްކާވެސް ރަށުތެރެއަށް ނުކުމެލާ ހިތްވިއެވެ. އެހެންވެ ބަކުރުބެ އާއެކު ރަށުގެ އަތިރިމައްޗަށް ނިކުތީމެވެ. އެރެއަކީ ކަޅުފޮއެ ރެއެކެވެ. ނަމަވެސް އަހަރެމެން އަތިރިމައްޗަށް ނިކުތުމައެކު މުޅިރަށް އަލިވެއްޖެއެވެ. ހީވަނީ ސާދަވިލޭރޭގެ ހަނދުވަރެއް ދޭހެނެވެ. އެހާމެ ރީތި ހަނދުވަރެކެވެ. އެކަމަކު ހަނދެއް ނުފެނެއެވެ. އަތިރިމައްޗަށް ނިކުތުމާއެކު ކުއްލިއަކަށް ރަށުގެ ކުރިމަތިން ފެނުނީ ފުރަ މާލެ އެވެ. ވަރަށް ހައިރާންކަމާއެކު ބަލަން ހުރެވުނެވެ. އެއީ ހަމަ މާލެ އެވެ. ދެވަނަ ދެތަނެއް ނޫނެވެ. އަހަރެންގެ ހިތުގައި އެތައް ސުވާލުތަކެއް އެއްފަހަރާ އުތިރި އަރަން ފެށިއެވެ. މާލެ އަކީ މިރަށާއި ވަރަށް ދުރު ރަށެކެވެ. މިއީ އެހެން އަތޮޅެކެވެ. ދެން މާލެ ފެންނަންވީ ކިހިނަކުން ހެއްޔެވެ. އަހަރެންގެ ދެފައި ބިރުން ތެޅެން ފަށައިފިއެވެ. މުޅި ގައިގެ އިސްތަށިތައް ކޮޅަށް ޖެހިއްޖެއެވެ. ހިތުގައި ބިރުވެރިކަން އުފެދި ހާސްވެ ތުރުތުރު އަޅާގޮތް ވެއްޖެއެވެ. މިއީ ކިހާބޮޑު އަޖައިބެއް ހެއްޔެވެ. މިފަދަ ކަޅުފޮއެ ރެއެއްގައި ހަނދުވަރު ދިނުމާއި މާލެ ފެނުން މީ ވަރަށް ބޮޑު އަޖައިބުކަމެކެވެ. ބަކުރުބެ ބުންޏެވެ. މިއީ މިރޭގެ އަލާމާތެވެ. ފަހުން ވާނެގޮތެއް ނޭގެއެވެ. ހިނގާށެވެ. އެހެންކިޔައި ބަކުރުބެ އަހަރެންގެ އަތުގައި ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި އަވަސް އަވަހަށް ގެއާއި ދިމާލަށް ހިނގައިގަތީމެވެ

ގޭދޮށަށްގޮސް އެތާހުރި ބޮޑު އުނދޯލީގައި ޖައްސާލީމެވެ. އިރުކޮޅެއްނުވެ، އަތިރިމަގުން ރަށުތެރެއަށް ބޮޑު ކަނކުނި އައިނެއް އަރައިގެން އަންނަތަން ފެނިއްޖެއެވެ. މަދެކަ ބައިވަރެއް ނޫނެވެ. ރަތްކުލައިގެ ބޮޑު ކަކުންޏެވެ. ކަކުނިތަކުގެ ލޯ ހީވަނީ ރަތް އަނގުރު އަލިފާންގަނޑެއް ހެނެއެވެ. އެކަކުނިތައް އެއްގަމަށް އަރައިގެން އައިސް އަހަރެމެން ތިބި އުނދޯލި ވަށާލިއެވެ. އަހަރެންނަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ހަޅޭއްނުލަވަން ބަކުރުބެ އެދުމުން އަގައިން ކިޔުނު ހެޔޮ އެއްޗެއް ކިޔަމުން ބަކުރުބެއާއެކު ކަކުނިތައް ހުރަސްކޮށް ގެއަށް ވަންނަން މަސައްކަތްކުރީމެވެ. އެހެންނަމަވެސް ގޭގެ ދޮރެއެް ނުފެނެއެވެ. އެންމެ ފަހުން އަހަރެމެންގެ ލޯމަތިން ގެ ގެއްލި އަހަރެމެންނަށް ނިކުމެވުނީ ހެލްޕޭޑު ހަދާފައި އޮތް ސަރަހައްދަށެވެ. އޭރުވެސް މުޅި އެ ސަރަހައްދުގައި އޮތީ ރެދަންލާ ފުރިފައެވެ. އަހަރެމެން އައި ބޯޓުގައިވެސް ހީވަނީ ނިވިދިއްލީ އަޅާފައި އޮތްހެނެވެ. މުޅި ސަރަހައްދުގައި ހުރި ރުއްގަސްތަކުގައިވެސް ވަނީ ރެދަން ލާފައެވެ. ހީވަނީ އަލިގަދަ ވޮއްތަކެއް ދިއްލާ އަޅާފައި ހުރިހެނެވެ. މުޅި ސަރަހައްދު ވަނީ ކާޅު ގޮވާ އަޑާއި ތުބުން ފުމޭ އަޑުފައްގަނޑުން ގުގުމާލާފައެވެ. ބައެއް ފަހަރު ނުފެންނަ ބަޔަކު އެތާ ނާޗަރަންގީ ކުޅޭހެން ހީވެއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ރެދަންގެ އަސަރެވެ.

އެހެންކަމުން ކިޔުނު ހެޔޮއެއްޗެއް ކިޔައިގެން މަޑުމަޑުން އަނެއްކާވެސް ގެއަށް ދެވޭތޯ ހިނގައިގަތީމެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުއްލިއަކަށް ކުކުޅު ކޮށިތެރެއިން ކުކުޅުހާ ގޮވާ އަޑު ފައްގަނޑު އިވެންފަށައިފިއެވެ. ހީވަނީ އެކުކުޅުތަކަށް ބިރެއް ފެނިގެން އުޅޭ ހެންނެވެ. ކުކުޅު ކޮށްޓާއި ގެއާ އެހާ ދުރެއް ނުވާނެއެވެ. އެހެންވެ މަޑުނުކޮށް ދެ މީހުން ގެއަށް ވަންނަން ގައިގަހުރި ބާރެއްލާފައި ދުއްވައިގަތީމެވެ. ”އުމްބަހަހާ” ކުއްލިއަކަށް އަހަރެމެންނަށް ހުއްޓުން އެރިއެވެ. ބަކައްޓެއް ވަރަށް ބާރަށް ގޮވާލުމުންނެވެ. އޭރު ގެއާއި ދިމާ ކުރިމަތީގައި ކަޅު ބޮޑު ބަކައްޓެއް ފެންނަން އޮތެވެ. އޭތީގެ ދެލޯވެސް އެހާމެ ރަތެވެ. އެކަމަކު އެރަށަކީ ބަކަރި ގެންގުޅޭ ރަށެއްވެސް ނޫނެވެ. އަހަރެންގެ ދެފައި ތުރުތުރު އަޅަން ފެށިއެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓި ދާނެ ހެންނެވެ. މިފަދަ ބިރުވެރިކަމެއް އިހްސާސް ކުރެވޭނީ މިކަމުގެ ތަޖުރިބާކޮށްފައި ހުރި މީހަކަށެވެ.

ބަކުރުބެއަކީ ބިރުކުޑަ ކެރޭ ހިތްވަރުގަދަ މީހެއްކަމުން ބަކުރުބެގެ ހިތްވަރުން އަހަރެމެން ދެމީހުން ފަހަތަށް ޖެހިލައި އައިކޮޅު ނޫން އަނެއްކޮޅަށް ދުވެފައިގޮސް ރަށުގެ އަތިރިމަތި ފަރާތު ތުނޑިއަށް ނިކުމެއްޖައީމެވެ. އޭރު މުޅި އެސަރަހައްދުގައިވެސް އޮތީ ރެދަންލާ ފައެވެ. ބިރުން ފިއްކަނޑައިގެން ގޮސްސިއެވެ. އެތާގައި މަޑުކޮށްލައިގެން ދުލުން އައި ހެޔޮ އެއްޗެއް ކިޔަން ތިއްބާ އިރުކޮޅެއްނުވެ ވާރޭވެހެން ފަށައިފިއެވެ. ވާރޭ ވެހެން ފެށުމުން ވާރޭ ފެނުގެ ރަހަ ބަލައިފީމެވެ. ފެނުގައި ލަނީ މޫދު ލޮނު ރަހައެވެ. އެވަގުތު އެއީ އަސްލު ވާރޭ އެއް ނޫންކަން އިހްސާސް ކުރެވުނެވެ. މާގިނައިރުތަކެއެް ނުވެ ވާރޭ ހުއްޓިއްޖެއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެރޭ ސަލާމަތެއް ނެތްކަމަށް ވިސްނައި ކިޔުނު ހެޔޮ އެއްޗެއް ކިޔަމުން އެތާނގައި ތިބީއެވެ. މިހެން ތިއްބާ އެރޭގެ 11 ޖެހިފަހުން މަޑުމަޑުން ރެދަންގެ އަސަރު ކެނޑެމުންގޮސް އެއްކޮށް ކެނޑި މުޅިރަށް އަދިރިވެއްޖެއެވެ. އެހެންކަމުން އަނެއްކާވެސް ގެއަށް ދިއުމަށް މަޑު ހިނގުމެއްގައި ހިނގަމުންގޮސް މިފަހަރު ގެއަށް ވަދެވިއްޖެއެވެ.

ގެއަށްވަނުމާއެކު ދޮރުލައްޕާ ރަނގަޅަށް މަކުޑި އަޅުވާލީމެވެ. އަދި ގިފިއްޔަށްވަދެ ފައިދޮވެލައިގެން އައިސް އެދުގައި ޖައްސާލީމެވެ. ނަމަވެސް ބަކުރުބެއަކީ މިކަމުގެ ތަޖުރިބާހުރި މީހެއްކަމުން ބަކުރުބެ އެދުނީ ދެމީހުން އެރޭ ނުނިދައި ޤުރުވާން ޖަހައި ކިޔުނު ހެޔޮ އެއްޗެއް ކިޔަން ގޭތެރޭގައި ތިބުމަށެވެ. އެހެންކަމުން މިގޮތުގައި އެރޭގެ ވަގުތުތައް ގުނަމުން ދިޔައީމެވެ. ހެޔޮ ދުޢާ ކުރުމުގައެވެ. މިހެން ތިއްބާ ކުއްލިއަކަށް ގޭގެ ބިއްގަނޑު ތެޅެން ފަށައިފިއެވެ. ހީވަނީ ބާރު ވަޔާއެކު ބިއްގަނޑު ނައްޓާލަ ފާނެ ހެންނެވެ. ހަމަ އެއާއެކު ރަށުތެރޭން ތަފާތު އެއްޗެހި ގޮވާ އަޑާއި، ފުރާޅު މައްޗަށް ބަންލާފައި އެއްޗެއް ޖެހޭ ބިރުވެރި އަޑުފައްގަނޑުވެސް އިވެއެވެ. ދޭތެރެ ދޭތެރެއިން އަޑު މަޑުވި ނަމަވެސް ކުއްލި ކުއްލިއަށް އަޑު ގަދަވެ ގޭގެ ބިއްގަނޑު ތެޅެ ލައެވެ. އަހަރެން އިންނަނީ ބިރުން ސިހިސިހިއެވެ. އޭރުވެސް އަހަރެންގެ ގައިން ތުރުތުރު އަޅައެވެ. މިކަމުން ސަލާމަތްވާނީ ކޮންއިރަކުން ބާވައޭ ހިތަށް އަރައެވެ. ނަމަވެސް ކެތްތެރިކަމާއެކު މިގޮތުގައި އެރޭ ފަތިސްވަންދެން އަހަރެމެން ތިބީއެވެ.

ފަތިސްވެ އަލިވިލުމާއެކު އެ ބިރުވެރި އަޑުފައްގަނޑު މުޅިން ކެނޑިއްޖެއެވެ. އެހެންކަމުން ނަމާދުކޮށްލައިގެން އަހަރެމެން ގެއިން ބޭރަށް ނިކުތީމެވެ. އޭރު އަހަރެމެން އެރޭ ތިބި އުނދޯލި ކައިރިން ފެނުނު ކަކުނިތައް ރަށުން ފައިބައިގެން ގޮސްފައިވާ ފިޔަވަޅުތައް ފެންނަން ހުއްޓެވެ. އިތުރު ނިޝާނެއް ރަށުތެރެއަކުން ފެންނާކަށް ނެތެވެ. އެހެންވެ ހިނގާދިޔަ ކަންތަކާ ފުންކޮށް ވިސްނާލީމެވެ. ބަކުރުބެ ބުނީ ހަމަ ތެދެކެވެ. އޭނާ އަކީ ހިތްވަރުގަދަ އިންސާނެކެވެ. އެ ނޫން މީހަކުނަމަ ބިރުން ގޮސް އަމިއްލައަށް ރަށުންވެސް ފައިބައިގެން ދިޔައީހެވެ. އެ ދުވަހު އަހަރެން ބަކުރުބެ ބުނިބަސް ތެދުކޮށް ޖިންނީންނަކީ އެކި ސިފަސިފައިގައި ފެންނަ އެއްޗެކަމާއި އަދި އެކަން ތަޖުރިބާކުރެވިއްޖެ ކަމަށް އެއްބަސް ވީމެވެ. އަދި ދުވަހަކުވެސް މިރަށަށް އޯވަނައިޓަކަށް ދެނެއް ނާންނާނަން ކަމަށް އަހަރެން ބުނީމެވެ. ނަމަވެސް މި ވަރުގެ ކަންތައްގަނޑެއް މިރަށުގައި އުޅޭއިރު ބަކުރުބެ އެކަނި މިރަށުގައި ހުންނަނީ ކީއްވެތޯ ބަކުރުބެ ގާތު އަހާލީމެވެ. އަހާލުމައެކު ބަކުރުބެގެެ އިހްސާސްތައް އަހަރެންނަށް ކިޔައިދޭން ފެށިއެވެ.

ބަކުރުބެ މިރަށުގައި ހުންނަނީ އިތުރު މީހަކު މި ވަޒީފާގައި ހުރުމަށް ޖެހިލުންވެ ބިރުގަންނާތީއެވެ. ލިބުނު ވަޒީފާ ދޫކޮށްލަން އޭނަވެސް ބޭނުންނުވާތީއެވެ. އެ ފަޅުރަށުގައި ބަކުރުބެ ހުންނަނީ ރަށް ބަލަހައްޓާށެވެ. ރަށް ބަލަހައްޓަމުން ކުކުޅު ގެންގުޅެނީ އެވެ. ނަމަވެސް ކަޅުފޮއެ ރެއެއް އައިސްފިނަމަ ފަތިހު ތެދުވެ ބަލާލާއިރު ގިނަ އަދަދެއްގެ ކުކުޅުތައް އޮންނަނީ ކޮށިތެރޭގައި މަރުވެފައެވެ. މިއީ ބަކުރުބެގެ ވާހަކައިން ތަންކޮޅެކެވެ. ބަކުރުބެގެ ވާހަކަތައް މިހެން ހުރުމުން އަހަރެންގެ ހިތަށް އިތުރު ބިރުވެރިކަމެއް ވަދެއްޖެއެވެ. އެއީ ހަމަ ތެދެކެވެ. އަހަރެންނަށް ފެނުނީ ހުވަފެނެއް ނޫނެވެ. މިއަދު އެކަން އިހްސާސް ކުރެވިއްޖެއެވެ. ޖިންނި ސައިތާނުންނަކީ އުޅޭ އެއްޗެއް ނަމަވެސް އެ މަހްލޫޤުންގެ ފަރާތުން މިކަހަލަ ކަންކަން ފެންނާނެކަމަކަށް ކުރިން އަހަރެން ޤަބޫލެއް ނުކުރަމެވެ. ނަމަވެސް މިއަދު އަހަރެންގެ ހަމަ ލޮލަށް މަންޒަރުތައް ފެނި އެކަން ޤަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ. މިހާރުވެސް އެރޭ އެ ފެނުނު މަންޒަރުތައް ހިތުގައި ބިންވަޅު ނެގި އާވެ އާވެ ހުރެއެވެ. އެއީ ހަމަ ކަޅުފޮއި ރެއެއްގެ ޖިންނީންގެ ކުޅިގަނޑެވެ.
………………………

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.