ހަގީގީ ހާދިސާ: ކުޑަކުދިން ރޮއްވާ ހަންޑި

އަޙްމަދު ނާފިޢު/ބ.ދަރަވަންދޫ

މިއީ 1990 ގެ އަހަރުތަކުގެ ތެރޭގައި (ހުވަދު އަތޮޅު ދެކުނުބުރީގެ ރަށެއްގައި) ހިނގި ހާދިސާއެކެވެ. ރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. އަހަރެން ގޭގައި ހުއްޓާ ބައްޕަ ގެއަށް އައެވެ. އަދި މަންމަ ކައިރީ ބުންޏެވެ. މިއައީ ކުޑަކުދިން ރޮއްވާ ހަންޑިއެއް ފަހާލާފައެވެ. މިހެން ބުނުމުން އަހަރެންގެ ގާތަށް ހިނިއައެވެ. އަދި އެއީ އެހާ ސީރިއަށް ކަމެއްކަމެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެން ހެމުން ބައްޕައާއި ދިމާލަށް ބުނީމެވެ. އެ ހަންޑި ފަހާލީ ކިހިނެއް ހެއްޔެވެ. މިހެން ބުނުމުން ބައްޕަ އަހަންނަށް އެވާހަކަ ކިޔައިދިނެވެ.

ދަރިފުޅާއެވެ. އަޑުއަހާށެވެ. ކޮންމެ ރެއެއްގެވެސް ދެނަމާދު ދޭތެރޭގައި މިރަށު ކޯޓްގެ އިސް ގާޒީގެ (މެޖިސްޓްރޭޓް) ގޭގައި އެންމެ ހަގަށް އޮންނަ އުމުރުން ހަ މަހުގެ ކުއްޖާ ހަމަ ރޮނީއެވެ. މިކަމާ ގާޒީ ހުންނަނީ ހަދާނެގޮތް ހުސްވެފައެވެ. އެކުއްޖާ އެހާވަރަށް ކޮންމެ ރެއަކު ހަމަ އެއްގަޑިއެއްގައި ރޯތީ އެނގޭ މީހުންވެސް ތިބެނީ ކަންބޮޑުވެފައެވެ. އެންމެ ފަހުން ފަންޑިތަ ހަދާމީހަކާއި ވާހަކަ ދައްކާލުމުން އެއީ ޖިންނި ޝައިޠާނުންގެ ތެރެއިން “ހަންޑި” ކިޔާ މަޚްލޫގެއްގެ ފަރާތުން ދިމާވާ ކަމެއްކަން އެގިއްޖެއެވެ. ބައްޕައަކީ ގަޒީ ގެންގުޅޭ މަސް ދޯނީގެ ކެޔޮޅު ކަމަށްވުމުން ކޮންމެ ރެއަކު މަސްރިޕޯޓާއެކު އެކިކަންތައްތަކާ މަޝްވަރާ ކުރުމަށް އެގެއަށްދަމެވެ. އެކަމަކު މިރޭ އެގެއަށް ދިޔައީ ދޯނީގެ ހުރިހާ ފަޅުވެރިންނާއެކުގައެވެ. އެއީ މިރެއަކީ ހަފުތާ ނިމޭދުވަސްކަމަށްވުމުން މިހަފުތާގައި ލިބުނު ލާރިކޮޅު ބަހާލުމަށެވެ. ބައްޕަގެ ދޯނި މީހުންނާއެކު މަޣްރިބު ނަމާދުން ފައިބައިގެން އެގެއަށް ދިޔައިރު އެގޭގެ އެންމެ ހަގަށް އޮންނަ ކުއްޖާ ވަރަށް ބާރަށް ރޯއަޑުއިވެއެވެ. އޭރު އެކުއްޖާގެ މަންމަ އެކުއްކާ ހުއްޓާނުލައިގެން އަތްދަނޑިމަތީ ބާއްވައިގެން ހާސްވެގެންހުރެ ދެކޮޅު ދެކޮޅަށް ހިނގަ ހިނގާ އުޅެއެވެ. ބައްޕަމެން އެގެއަށް ދިއުމުން ގާޒީ ބައްޕަމެންނާއި ބައްދަލުކޮށްފައި ބުންޏެވެ. މިރޭ ވަރަށްބޮޑު ކަމެއް ކޮށްދޭން އެބަޖެހެއެވެ. މިކުއްޖާ އެރޮއްވާ ހަންޑި ފަހާލަދޭން އެބަޖެހެއެވެ. ކޮންމެ ރެއަކު އޭތީގެ އުނދަގޫ އެބަފޯރައެވެ. ބައްޕަ ބުންޏެވެ. އެހަންޑިވާނީ ކޮންތާކު ހެއްޔެވެ. އެހެން ބުނުމުން އެރަށަށް ކަރަންޓް ދީފައިހުރި އިންޖީނުގެއާއި ދިމާލަށް އިޝާރާތްކޮށްފައި ބުންޏެވެ. “އެދިމާލުގައެވެ.” އެނޫނީ އަނދިރިކޮށް އޮތްތަނެއް މިގޯތީގައި ނުހުންނާނެއެވެ. މިހެން ބުނެފައި ޓޯޗް ބައްތި ހުރީ ކޮންބައެއްގެ އަތުގައިތޯ ބަލާ ބައްތި ނެތް މީހުންނަށް ޓޯޗް ބައްތިއެއް ގާޒީ ދިނެވެ. އެދުވަސްވަރަކީ ރާއްޖެ ތެރޭގެ ރަށްރަށަށް ކުޑަ އިންޖީނުތަކުން ހަމައެކަނި އިރުއޮއްސި 6 އަކުން ރޭގަނޑު 11 ޖަހަންދެން ކަރަންޓް ދިން ޒަމާނެވެ. އެދުވަސްވަރު މުޅި އެރަށަށް ރޭގަނޑު ކަރަންޓް ދީ ހެދީ މިގާޒީގެ ގޭގައިހުރި އަމިއްލަ އިންޖީނަކުންނެވެ. އެ އިންޖީނު ބަހައްޓާފައިހުރި ޕަވަރހައުސްއާ އިންވެގެން ބިއްދޮށަށް ހުރީ ގިނަ އަދަދެއްގެ ބިޔަ ރުއްގަސްތަކެވެ. ބޮޑެތި ރުއްގަސްތަކުން މަތި ބެދިފައިވާތީ ކުދި ވިނަތަކެއް އެތަނަކު ހެދިފައެއް ނުވެއެވެ. އެޒަމާނުގައި ހުންނަ ގޯތީގައި އިންފާރު ރާނަފައެއް ނުހުރެއެވެ. އެއްގޯތިތެރެއިން އަނެއް ގޯތި ތެރެއަށް ފަސޭހަކަމާއެކު ދެވޭގޮތް އޮވެއެވެ. އަދި ކުރީ ޒަމާނުގައި ހުންނަނީވެސް ވަރަށް ބޮޑެތި ގޯތިތަކެވެ. ޚާއްޞަކޮށް ރަށުގެ ކަތީބުންނާއި ގާޒީމެންފަދަ ކަމުވޮށިވެގެންވާ މީހުންގެ ގޯތިތައް އެދުވަސްވަރު ވަރަށް ބޮޑުވާނެއެވެ.

ބައްޕައާއި ދޯނީގެ މީހުން ބައްތިތައް ހިފައިގެން ފުރަތަމަ ވަނީ އެ ރުއް ގަސްހުރި ތަނަށެވެ. އެއްވެސް މީހަކު އެތަނަށްދިޔަ މަގުމަތީގައި ބައްތިއެއް ނުދިއްލައެވެ. ހުރިހާ މީހުން އެރުއްތަކުގެ ތެރެއަށް ވަދެ ނިމުމުން ގާޒީ “އަލިކޮށްލާ”މިހެން ގޮވާލީއެވެ. ހުރިހާ މީހުން އެއް ފަހަރާ އަލިކޮށްލިއިރު ވަރަށް ރީތި އިސްތަށިގަނޑު ދިގު އަންހެންކުއްޖަކު ރުކެއްގެ ބުޑުގައި ހުއްޓެވެ. ބައްޕަމެން ޓޯޗް އަލިކޮށްލުމުން ޖެހިގެން އޮތް ގޯއްޗާއި ދިމާލަށް އެކުއްޖާ ދުއްވައިގެންފިއެވެ. ބައްޕަމެންވެސް އެކުއްޖާގެ ފަހަތުން ދުއްވައިގަތުމުން ޖެހިގެންހުރި ގޯތީގެ ގިފިލީގެ ފާރުމަތިން ސްފްރީނެއް ދިޔަހެން އެކުއްޖާ ހިގައްޖެއެވެ. ބައްޕަމެން ދުވެފައިގޮސް އެހާމެ އަވަހަށް އެ ގިފިއްޔަށް ވަންއިރު އޭތި ވީތަނެއް ނޭގުނެވެ. މުޅި އެސަރަހައްދު ހޯދާހޯދާވެސް ނުފެނުނެވެ. އެހާ ހިސާބުން ބައްޕަމެންނާއި ގާޒީ ހަވާލުކުރި މަސައްކަތް ނިންމާލާފައި އެގެއަށް އައީއެވެ.

ހަންޑިއަކީ ކޯއްޗެއްކަން ބުނެދެމުން ބައްޕަ ބުނީ އެއީ މީހުންނަށް އެހާ ގެއްލުންދޭ އެއްޗެއް ނޫނެވެ. އަންހެނެއްގެ ސޫރައިގައި ފެންނަ އެ ހަންޑިއަކީ ކިތަންމެ ކުޑަ ތަނެއްގެ ނިވަލަށް ވަދެވުނު ނަމަވެސް އިންސާނުންގެ ލޯ މައްޗަށް ގެއްލޭ މަޚްލޫޤެކެވެ. އޭގެ މިޒާޖު ހުންނަ ގޮތުން ކުޑަކުދިންނާއި ވަރަށް ފަސޭހައިން އަޅައިގަންނާނެވެ. ނުވަތަ އަވަލާނެވެ. އަދި ކުޑަކުދިން ރޮއްވާލުމަކީ އޭތީގެ އުފަލެކެވެ. ބައްޕަމެން އަނބުރާ ގަޒީގެ ގެއަށް އައިއިރު އެއްކަލަ ކުއްޖާގެ ރުއިން ހުއްޓާލައިފިއެވެ. އޭރު އެކުއްޖާގެ މަންމަ އިނީ ކުއްޖާ ނިންދަވާށެވެ.

ބައްޕަ އަހަރެންނަށް މިވާހަކަ ކިޔައިދިނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. އަދި ބައްޕައަކީ ޖިންނި ފައްސަން މޮޅު މީހެކޭ ހިތަށް އެރިއެވެ. އެދުވަހަށްފަހު އެ ޤާޒީ ގޭގައި އެންމެ ހަގަށް އޮންނަ ކުޑަކުއްޖާ އިރުއޮއްސޭ ގަޑީގައި އެއްގޮތަކަށްވެސް ރޯއަޑެއް ނުއިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.