ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ތުޅާދޫގެ ޓީމެއް

ތުޅާދޫ އެވެންޗާސް ސްޕޯޓްސް. / ފޮޓޯ: އަހުމަދު ފާތިހު

މިއަހަރުގެ އެފްއޭއެމް ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބ. ތުޅާދޫގެ ތުޅާދޫ އެވެންޗާސް ސްޕޯޓްސް އިން އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ގުރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ ޓެންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 6-4ގެ ނަތީޖާއަކުންނެވެ.

އެފްއޭއެމް 1 ނަންބަރު ޓާފުގައި އިއްޔެ ކުޅެވުނު މިމެޗުން ބަލިވި ނަމަވެސް ތުޅާދޫއިން ވަނީ މެޗުގެ ފުރަތަމަ 12 މިނިޓުތެރޭ ތިން ލަނޑުޖަހާ، ބޮޑު ލީޑެއް ނަގާފައެވެ. އެޓީމުގެ އިބްރާހިމް އާދިލް މެޗުގައި ގޯލެއް ޖަހާފައި ވާއިރު މުހައްމަދު ނައުޝާދު ވަނީ ތިން ލަނޑުޖަހާ ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ.

ޓެންޓް ސްޕޯޓްސްގެ ލަނޑުތައް ނަސޫހް ސައީދާއި ނާފިޒް އަބްދުﷲ އަދި އިބްރާހިމް ފައިސަލްގެ އިތުރުން މުހައްމަދު ހަމީދު ކާމިޔާބު ކޮށްދިންއިރު ނަސޫހް ވެސް ވަނީ މެޗުގައި ހެޓްރިކެއް ހަދާފައެވެ.

މިއަހަރުގެ ތިންވަނަ ޑިވިޝަނުގައި ޖުމްލަ 31 ޓީމު ވާދަކުރާއިރު ޓީމުތައް ވަނީ އަށް ގުރޫޕަކަށް ބަހާލާފައެވެ. ސީބީއެލް ސްޕޯޓްސް އާއި ލެގޫންސް ސްޕޯޓްސް ކުލަބް އަދި ޓެންޓް ސްޕޯޓްސް ކުލަބާއެކު ތުޅާދޫ އެޑްވެންޗާ ސްޕޯޓްސް ހިމެނެނީ ގުރޫޕް 3 ގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގުރޫޕެއްގެވެސް އެއްވަނައަށްދާ ޓީމުތަކެވެ.

ތުޅާދޫއިން ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި މިމަހު 20 ވަނަދުވަހު ނުކުންނާނީ ލެގޫން ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި ސީބީއެލް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މިދެމެޗުވެސް ކުޅެވިގެންދާނީ އެފްއޭއެމް 1 ނަންބަރު ޓާފުގައި މެންދުރުފަހު 15:45 ގައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.