ހަގީގީ ހާދިސާ: ނާމާން އެ ދަތުރު (2)

ހުކުރު ދުވަހާ ގުޅޭ

އެމީހާ ރަށުގެ ގޮނޑުދޮށަށް ފޭބުމާއެކު އަވަސް އަވަހަށް ބާރަށް ހިނގާފައިގޮސް ގެއަށްވަދެ ދޮރުޖެހި މަންޒަރު ފެނުނެވެ. އެވަގުތު އޭނާގެ އަތުގައި ޚަތިމުއޮތް އޮތުމުން މިރަށުގެ ނާމާންކަން ވަކިން ބޮޑަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ބަލަން ނުތިބެ ފަހަރަކު 4 މީހުން ޑިންގީގައި ދޯންޏަށް އަރުވަމުން ގެންދިޔައީމެވެ. (އެއީ ކުޑަ ޑިންގީއެއްކަމުން އެއަށް އެރެނީ ފަހަރު 4 މީހުންނަށެވެ.) އަހަރެމެންނާއެކު 17 މީހުން މިދަތުރުގައި ބައިވެރިވުމުން ކޮންމެވެސް އެކަކަށް ފަހުން އަރަން މަޑުކުރަން ޖެހުނެވެ. މިގޮތުން އެންމެ ފަހުން ދޯންޏަށް އަރަންޖެހުނީ އަހަރެމެންގެ ތެރެއިން މިފަދަ ކަމަކާ ދިމާނުވާ ކުއްޖަކަށެވެ. އެއީ ނާޝިދު އެވެ. ޑިންގީގައި ކަނބަން ހުރީ އަޙްމަދު އެވެ. އެހެންކަމުން ނާޝިދުބަލާ އަޙްމަދު ޑިންގީގައި އެއްގަމަށް ކަނބައިގަތެވެ. އޭރު އަހަރެމެން އެންމެވެސް ތިބީ ރަށާދިމާލަށް ބަލަހައްޓައިގެން ބިރުންނެވެ. މިހެން ތިއްބައި ކުއްލިއަކަށް ހޭޅިފަށުން ހަމަ ނާޝިދުގެ ސިފައިގައި ހުރި މީހަކު ހިނގާފައި އައިސް ނާޝިދާއި އެއްހަމައެއްގައި ޖެހިގެން ހުއްޓުނެވެ. އޭރު އަޙްމަދު ޑިންޑީ ގޮނޑުދޮށަށް ގައިކުރަނީއެވެ. އަޙްމަދަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ހަދާނެގޮތް ހުސްވެފައި ބިރުން ބަލަން ހުއްޓެވެ.

ކުރިމަތީން ފެންނަންހުރީ ދެ ނާޝިދު އެވެ. އެތަނުން ހަޤީޤީ ނާޝިދަކީ ކޮބައިބާވައޭ އޭރު ދޯނީގައި ތިބި މީހުން ބިރުން ތިބެ ކިޔަމުން ދިޔައެވެ. ނަމަވެސް ބިރުން ހުރެ އަޙްމަދު ޑިންގީ ގޮނޑުދޮށަށް ކައިރިިކުރިއެވެ. އަދި ބުންޏެވެ. ތިތަނުން ނާޝިދު ކިޔާ މީހަކު ހުރިއްޔާ ބިސްމި ކިޔާފައި ޑިންގީއަށް އަރާށެވެ. މިހެން ބުނުމުން އެތަނުން އެކަކު ހިނގާފައި އައިސް ބިސްމިކިޔާފައި އެރުމުން ބަލާކަށް ނުހުރެ ދޯންޏާއި ވީކޮޅަށް ޑިންގީ ކަބައިގަތެވެ. އަދި ނާޝިދު އާއި އަޙްމަދު ދޯންޏަށް އެރިއެވެ. އެވަގުތު ގޮނޑުދޮށުގައި ނާޝިދުގެ ސިފައިގައިި ހުރި ދެވަނަ މީހާ ހޭޅިއާ ދިމާލަށް ހިނގައިގަތެވެ. ދެންފެނުނީ އެއަށްވުރެ ބޮޑު ހައިރާންކަމެކެވެ. އެނާޝިދުގެ ސިފައިގައި ހުރި މީހާ ހިނގާފައިދާވަރަކަށް ދޯނީގައި ތިބި އެންމެންގެ ސިފައަށް އެ އެމީހާ ބަދަލުވަމުންދާތަނެވެ. ދޯނީގައި ތިބި އަންހެނުންނާއި ފިރިހެނުންގެ ސިފައަށެވެ. މިކަމާ އަހަރެމެން ވަރަށް ބިރުގަތެވެ. އަދި އަންހެންކުދިންތައް ބިރުން ރޯން ފެށިއެވެ. އެހެންކަމުން ދޯނި ފަޅުން ނުކުމެގެން މާލެއާއިދިމާއަށް މިސްރާބު ޖެހިއެވެ. އޭރުވެސް އަހަރެން ހުރީ އެ މީހާއައި ދިމާލަށް ބަލާށެވެ. ކުއްލިއަކަށް އެމިހާ ގެއްލިއްޖެއެވެ. ދެންފެނުނީ ރަށުތެރެއިން އަރައިގެން އައި ބޮޑު އަލިފާންގުޅައެއް ދޯނީގެ މަތިންލާފައި ވަރަށް ބާރަށް ދިޔަތަނެވެ. މުޅި އެސަރަހައްދު ދިއްލިގެން ދިޔައެވެ. އަހަރެމެން ބިރުން ވިރިވިރި ތިބި ނަމަވެސް އަހަރެންނަކަށްވެސް ކުރެވޭނެކަމެއް ނެތެވެ. ދޯނީގައި ތިބި އަންހެން ކުދިން ތައް ހަޅޭއްލަވައި ރޮމުން ގެންދެއެވެެ. ގިސްލާމީހުން ގިސްލަމުން ދެއެވެ. އެންމެވެސް ތިބީ ދެންވާނެގޮތަކާއިމެދު ވިސްނާށެވެ. ހަދާނެގޮތް ހުސްވެފައެވެ. ނަމަވެސް އަޙްމަދުގެ ރަށްޓެހި ރުޤުޔާ (ހުއްދަ ފަންޑިތަ ނުވަތަ ފަރުވާ ދިނުމަށް ހެދޭ ފަންޑިތަ) ހަދާ މީހެއްކަމަށްވާ އިބްރާހީމްބެ (އަސްލު ނަމެއްްނޫން) މާލޭގައި ހުރުމުން އިބްރާހީމްބެއަށް ވަގުތުން އަޙުމަދު ފޯނުން ގުޅާ އެވާހަކަތައް ކިޔައިދިނެވެ.

އަހަރެމެންނަށް މާލެއާދެވުނީ އެރޭގެ ދަންވަރު އެވެ. އަދި ދޯނި ގާތްކުރިއިރު އިބްރާހީމްބެ ދޯނީގެ އިންތިޒާރުގައި ހުއްޓެވެ. އަދި ދޯނިން އެއްވެސް މީހަކު ފޭބިޔަނުދީ އިބްރާހިމްބެ ދޯންޏަށް އަރާ ކިޔަވަން ފެށިއެވެ. އެވަގުތު އިއްސެއަށް ގޮތްތަކެއް ވާންފެށިއެވެ. އަދި އޭނާ ޖިންނި މޮޔަވެފައިވާ މީހެއް ފަދައިން ދޯނިތެރޭގައި އުޅެމުންދިޔައެވެ. އިއްސެއަކީ ވަލުތެރެއިން ފެނުނު އަންހެން ކުއްޖާއާއި ގާތްގުޅުމެއް ބެހެއްޓި މީހާއެވެ. އިބްރާހީމްބެ ބަލާކަށް ނުހުރެ ބުންޏެވެ. ”އަހަރެންގެ އަތުގައި ހިފާ! ދެން ކޮންމެ މީހަކުވެސް ދޯނިން ފައިބާ! މިހެން ބުނުމުން ހުރިހާ އެންމެން އެގޮތަށް އިބްރާހިމްބެގެ އަތުގައި ހިފައިގެން ދޯނިން ފޭބިއެވެ. އޭރުވެސް އިއްސެ ދޯނީގައި ހުއްޓެވެ. އިބްރަހިމްބެ އޭނަގެ ގާތަށްގޮސް ކިޔަވަން ފެށިއެވެ. އަދި އޭނަ ހަމަޔަކަށް އަޅުވައިގެން ދޯނިން ބޭލިއެވެ. އަދި އޭނާގެ ގަޔަށް ބަލާލިއިރު އޭނަގެ ގައިގެ އެތަން މިތާނގައި މީހަކު ވަކި އަޅާފައި ހުރިކަހަލަ ނިޝާންތައް ފެންނަން ހުއްޓެވެ. އެނބުރި މާލެ އާދެވުނުމަވެސް އަހަރެންގެ ހިތުން ދުވަހަކުވެސް މިދަތުރުގެ ހަނދާންތައް ފިލައިގެނެއް ނުދެއެވެ. މިއީ އަހަރެމެންނަށްވެސް އުޅެވުނު ގޮތުން ދިމާވި ޖިންނީންގެ ކަންތައް ގަނޑެކެވެ. ޢުމުރުގައިވެސް ކުރި އެ ނާމާން ދަތުރެވެ. އެއަށްފަހު އަހަރެން ކުރިން އުޅުނު އެއުޅުން ދޫކޮށްލާ ﷲ އަށް ބިރުވެތިވެ ކުރެވުނު ކުށަށް ތަޢުބާވެއްޖައީމެވެ. އަދި ރަނގަޅު ވަޒީފާއަކަށްވަދެ މިއަދު މިހުރީ އާއިލާއާއިއެކު ހެޔޮލަފާ ރަނގަޅު ދިރިއުޅުމެއް ގައެވެ. އިރާދަކުރެއްވިއްޖާ ދެން ދުވަހަކުވެސް އެފަދަ ގޮތަކަށް ނޫޅުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
…………………….

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.