ބ. ދޮންފަނު ޒުވާނުންގެ ރޫހުން އެ ރަށުގައި ކުރިއަށްގެންދާ ފޯރިގަދަ ފުޓުބޯޅަ މުބާރާތް “ދޮންފަނު އިންވިޓޭޝަން ކަޕް” ގެ ތިން ވަނަ މުބާރާތުގެ ފުރަތަމަ މެޗުގައި މާޅޮހާއި ދޮންފަނު ބައްދަލުކުރާ ގޮތަށް ޖެހިއްޖެ އެވެ.
މުބާރާތް ހުޅުވާ މެޗުގައި މި ދެ ޓީމު ބައްދަލުކުރާ ގޮތަށް ހަމަޖެހުނީ ރޭ އެފްއޭއެމް ހައުސްގައި ބޭއްވި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގަ އެވެ.
އަންނަ ޑިސެމްބަރު 1-17 އަށް ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު އަށް ޓީމަކުން ވާދަކުރެ އެވެ. އެއީ ދޮންފަނާއި މާޅޮހުގެ އިތުރުން ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ވީޓީވީން ލައިވް ކުރާނެ އެވެ.
މިއީ މިހާރު މިއަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެއް މުބާރާތެވެ. މި މުބާރާތުގެ މެޗުތައް ބެލުމަށް ކައިރި ރަށްރަށުން ވެސް ދޮންފަނަށް މީހުން ދެ އެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ޒުވާން ކުޅުންތެރިން ބިނާކޮށް، ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިޖެއްސުން ހިމެނެ އެވެ. އަދި އަތޮޅުގައި ތިބި ޒުވާން އަދި އިހުގެ ފުޓްބޯޅަ ކުޅުންތެރިން އެއް މާހައުލަކުން ބައްދަލުކޮށްލުމާއެކު، އިހުގެ ކުޅުންތެރިންގެ ތަޖުރިބާއާއެކު، ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިގެ ކުރިމަގު އުޖާލާކޮށްދިނުން ހިމެނޭ ކަމަށް ދޮންފަނު ޒުވާނުންގެ ރޫހުން ބުނެ އެވެ.
ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ މިދިޔަ އަހަރުގެ ފައިނަލް މެޗްގައި ފެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ.