
މާލޭގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތުގެ ފައިނަލުން އޭދަފުށީ ކުޅުންތެރިން ޖާގަ ހޯދައިފި އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސިންގަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ ހުސައިން މުހައްމަދު އާއި އަބްދުލް މަތީން އެވެ. ފިރިހެން ޑަބަލްސް އިން ޖާގަ ހޯދި ދެ ޕެއާއަކީ ހުސައިން މުހައްމަދު އާއި މަތީންގެ ޕެއާ އާއި މުހައްމަދު އިކްރާމް އާއި އާސިފުގެ ޕެއާ އެވެ.
މީގެ އިތުރުން ހުސައިން މުހައްމަދު ވަނީ އަތޮޅު ލީގުގެ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. ފައިނަލުގައި ހުސައިން އާއި ދެކޮޅަށް ކުޅޭނީ ނ. ހޮޅުދޫގެ ރަވީން އެވެ.
ފައިނަލް މެޗުތައް ފަށާނީ މިއަދު ހަވީރު އެވެ. ފައިނަލު މެޗު ޔެސް ޓީވީން ލައިވް ކުރާނެ އެވެ.
ފަހަކަށް އައިސް ކުޅިވަރުތަކަށް ބަލާއިރު އޭދަފުށިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުޅިވަރަކީ ބެޑްމިންޓަނެވެ. ބެޑްމިންޓަނުން އޭދަފުއްތަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ މިއަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ލިބުމެވެ. އަދި ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ވެސް އޭދަފުށިން ވަނީ ހޯދައިފަ އެވެ. މިއީ އެ މުބާރާޓް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ.
