ދުންޔާ މައުމޫނުގެ “ހޭވާ ހޭވާ” ޖެހުން ހުއްޓާލާ އާބާދީ އިތުރުކުރަން ވެއްޖެ: ސަލްސާ އާމިރު

ރާއްޖޭގައި ކުޅިވަރު އިތުރަށް ތަރައްގީ ކުރަން ބޭނުން ނަމަ2002 ވަނަ އަހަރު ދުންޔާ މައުމޫނު ހައްދަވައިގެން ޖަހަންފެށި “ހޭވާ ހޭވާ”މިލަވަ ޖެހުން ހުއްޓާލަން ވެއްޖެ ކަމަށް އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވެއްޖެ އެވެ.  

އާމިރު މިހެން ވިދާޅުވީ އޭދަފުށީގަ ކުޅިވަރު ތަރައްގީކުރަން ހުރި ގޮންޖެހުން ތަކަކީ ކޮބައިތޯ އޭދަފުށީ ޓައިމްސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.ކުޅިވަރު ތަރައްގީ ކުރަން ބަލާއިރު އަތޮޅުތެރޭގެ ރަށްރަށުގައި ޒުވާން އުމުރު ފުރައިގެ ކުދިން މަދުވުމުގެ ސަބަބުން ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގަން ދަތިވެފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.

“ބިސްމިން، އިޤްރަޢު 70 ފަހަރަށް ވިސްނުންތެރިކަމާއެކު ކިޔެވައިގެން ވިޔަސް ނުވަތަ  މަރިޔަންމާ ފެން ތައްޓަށްލައިގެން މަރިޔަމް ސޫރަ ކިޔަވައިގެން ވިޔަސް އާބާދީ އިތުރު ކޮށްގެން ނޫނީ އަތޮޅުތެރޭގަ އެންމެ އެދެވޭ ގޮތަކަށް ކުރިޔަށް ނުގެންދެވޭނެ، އާބާދީ 3،000 ، 4،000 މީހުންދިރިއުޅޭ ރަށެއްގަ ކުޅިވަރު ކުޅެން މިއުޅެނީ 400 ވަރަކަށް ކުދިން، އަދި މީގެތެރެއިން ވެސް ދެބައިކުޅަ އެއްބައި ކުދިންނަކީ ކިޔަވާ ކުދިން، މި 400 ސަތޭކަނުވަތަ 500 ސަތޭކަ ކުދިން 3 ނުވަތަ 4 ކުޅިވަރަށް ބެހިގެން ދިޔާމަ ނިސްބަތުން ކޮންމެ ކުޅިވަރަކަށް ވެސް މިތިބެނީ ވަރަށް މަދު ބައެއް، ދެން ކިހިނެއްތޯ ކުޅިވަރު ތަރައްޤީވާނީ…!” އާމިރު ވިދާޅުވި އެވެ. 

އޭދަފުށީގައި ބޭައްވި ކޯޗިން ކޯސް ނިމުމުގެ ރަސްމިއްޔާތުގައި ސަލްސާ އާމިރު (ވ) ދެވަނައިގައި- ފައިލް ފޮޓޯ

“އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ނުވަތަ އެކެޑެމިކް ކަލެންޑަރ ރޭވިފަ ހުރިގޮތުން ހުރިހާ ކުޅިވަރެއް ކުޅެން މިޖެހެނީ އެއްދުވަސްވަރަކަށް. ފަސްޓް ޓާރމް ހޮލިޑޭސް ތެރޭގަ ހުރިހާ ކުޅިވަރު މުބާރާތްތައް ކުޅެ ނިންމާލާއެބަ، މިގޮތައް މުބާރާތްތައް ކުޅެ ނިއްމާލީމަ އެކުދިންގެ އަސްލު ފެންވަރެއް ވެސް ނުފެއްނާނެ،”

އާމިރު ދެކޭގޮތުގައި މިހުރިހާ ކަމަކަށް އޮތް ހައްލަކީ އޭދަފުށީގައި ކުޅިވަރު ސްކޫލެއް ގާއިމް ކުރުމެވެ.

“އޭރުން މިކުދިން ގިނަ ވަގުތު ހޭދަކުރާނީކުޅިވަރު ތަމްރީން ޕްރޮގްރާމް ތެރޭގަ، މިކުދިން ކިޔަވާނީ 4 ނުވަތަ 5 މާއްދާ އެއް، ހުރިހާކުދިންނެއް ކިޔެވުމަކަށް މޮޅެއް ނުވާނެ، ދުނިޔޭގެ އެހެން ޤައުމުތަކުގަވެސް މިފަދަސްކޫލް ތައް ބައިވަރު އެބަހުރި، ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކު ބޭނުންވާ ކެރިއަރއެއް ޗޫސް ކުރެވެންވާނެ، ވަރަށް ގިނަކުދިން އެބަތިބި ފުޓްބޯޅަ އެއީ ކެރިއަރއަކަށް ހަދަންބޭނުންވާ ނުވަތަ ބެޑްމިންޓަން އެއީ ކެރިއަރ އަކަށް ހަަދަން ބޭނުންވާ، އެންމެ ތުއްތުއިރު އެކެޑެމިކް ސްކޫލް ތެރެއިން ގްރާސްރޫޓް ޓްރެއިނިންގ ހަދާފަ 12 ނުވަތަ 13 އަހަރު ވީމަ ސްޕޯރޓްސް ސްކޫލްއަށް ގެންދެވެންވާނެ،”

ސްޕޯރޓްސް ސްކޫލް ތަކަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން ނުވަތަ އޭދަފުށި ކައުންސިލް އިން ބަލަހައްޓާތަނެއް ކަމުގައި ހެދިދާނެ، މި ސްކޫލަށް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ކުދިންއަންނާނެ، އޭރުން ހުނަރު ހުރި ކުދިން އެއްތަނެއްގަ ތަމްރީން ހަދަމުން ދާނީ، އާބާދީމަދުވުމުގެ ސަބަބުން އަސްލު ޑިވެލޮޕްމަންޓް ދާންވި ސްޕީޑްގަ ނުގެންދެވޭ، އޭދަފުއްޓަކީ ކުޅިވަރުގެ ހުނަރުން ފުރިފައި ހުރި ރަށެއްކަމަށާއި ވަގުތު ފާއިތު ނުވަނީސް މިކަމަށް އަމަލީ ސިފަ ގެންނަން ވެއްޖެ،” އާމިރު ވިދާޅުވިއެވެ.

އޭދަފުށި ޗާނދަނީގެ އަހުމަދު ނަޒީރު އަޅުއްވާ ދެއްވާ ޓާރފް ދަނޑަށް އިޝާރާތް ކުރައްވާ އާމިރުވިދާޅުވީ މި ޓާރފް ދަނޑަކީ ރާއްޖޭގައި ޤާއިމްކުރާ “ފުޓްބޯޅަ ފެކްޓަރީ”އެއްކަމަށެވެ. އަދި މިވަރުގެ އިންވެސްޓްމަންޓެއް ހައްދަވާދެއްވާތީ އަހުމަދު ނަޒީރަށް ވަރަށް އޭނާ ވަރަށް ބޮޑައް ޝުކުރު އަދާކުރެއްވި އެވެ.

“މިއީ އޭދަފުށީރައްޔިތުންނާއި މުޅި ފުޓްބޯޅަ އާއިލާ އަށް ކޮއްދެއްވި އަގު ނުކުރެވޭ ވަރުގެ ހެޔޮކަމެއް”، “ﷲގެ ހެޔޮ ރަޙްމަތް ފުޅާއި އެކު މިޓާރފްގެ ބޭނުން އެންމެހެޔޮގޮތުގައި ހިފާނަން”. އާމިރު ވިދާޅުވި އެވެ. 

މީގެ އިތުރުން ވެސް އާމިރު ވިދާޅުވީ އޭދަފުށީގައި އަވަސް މުސްތަޤްބަލެއްގައި ހައުސިން ޔުނިޓް ތަކެއް އަޅައި އޭދަފުށީގައި ދިރިއުޅޭ އާބާދީ6،000 ނުވަތަ 7،000 އަށް އިތުރު ކުރަން ޖެހޭކަމަށެވެ. 

ބ. އަތޮޅަކީ ޓުއަރިޒަމް ސިނާއަތަށް ބެލިކަމުގައި ވިޔަސް ވަޒީފާގެ ފުރުސަތު ވަރަ ބޮޑަށް ހުޅުވިފައިވާ އަތޮޅެއްކަން ފާހަގަ ކުރައްވައި އާމިރު ވިދާޅުވީ އޭދަފުއްޓާއި ރިސޯޓްތަކާއި ރަގަޅު ފެރީ ނިޒާމެއް ޤާއިމް ކޮއްގެންވެސް އޭދަފުށީގެ އާބާދީ އިތުރު ކުރެވިދާނެ ކަމަށެވެ.  މިކަމުގެ ނަތީޖާއެއްގެ ގޮތުން ހެދިބޮޑުވާ އުމުރު ފުރައިގެ ކުދިން ގިނަވެ ހުނަރުވެރި ގިނަ ކުދިން ތައްޔާރު ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ވެސް އާމިރު މިދާޅުވިއެވެ.

އަދި ބ. އަތޮޅު އެޑިއުކޭޝަން ސެންޓަރަކީ މުޅި ރާއްޖޭގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު ތަޢުލީމްދޭ ސްކޫލްކަމަށާއި ރާއްޖޭގެ އެއްވެސް ރައްޔިތަކު އެމީހުން ދަރިން ބ. އަތޮޅު އެޑިއުކޭޝަންސެންޓަރަށް ވެއްދުމަށް ޖެހިލުން ނުވާނެކަމަށް ވެސް އާމިރު ވިދާޅުވި އެވެ. 

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ވާހިދު

    ހޭވާ ހޭވާއަކީ ދުންޔާ މައުމޫނު ހެއްދެވި ލަވައެއް ނޫން. އެއީ ކުޅުދުއްފުށީ މީހަކު ހެއްދެވި ލަވައެއް އިނގޭތޯ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.