ހަގީގީ ވާހަކަ: މަންމަން ކުއްޖެއްގެ އިހްސާސް

ނޯޓް: މިއީ މަންމަން ކުއްޖެއްގެ ހަޔާތުގެ ތެރެއިން އެކުއްޖާއަށް ކުރެވޭ އިހްސާސްތައް މުޖުތަމަޢުއަށް ހާމަކޮށްދިނުގެ ބޭނުމުގައި ލިޔެފައިވާ ހަޤީޤީ ވާހަކަ ކޮޅެކެވެ.

އަހަރެންނަކީ ރާއްޖެތެރޭގެ ރަށެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މަންމަން ކުއްޖަކީމެވެ. އަހަރެންނަކަށް އެއްވެސް މީހެއް ދައްކާވާހަކައެއްގެ އަޑެއް ނީވެއެވެ. ވާހަކަ އެއް ނުދެއްކެއެވެ. ނަމަވެސް ކުޑައިރުއްސުރެން ފެށިގެން މައިންބަފައިން ކައިރީގައި އުޅެން ޖެހުމުން އަތުގެ އިސާރާތުން މިއަދު ވާހަކަ ދައްކާ ހެދުމަކީ އަހަރެންނަށް ވަރަށް ވަސޭހަ ކަމެކެވެ. އަހަރެންގެ ހުރިހާ ރައްޓެހިންނާއި އަވަށްޓެރިންނަށްވެސް އަތުގެ އިސާރާތުން އަހަރެންނާއި ވާހަކަ ދައްކަން އެނގޭތީ މަންމަން ކުއްޖެއްގެ އިހްސާސް އަހަރެންނަށް ނުކުރާ ކަހަލައެވެ. ނަމަވެސް ބައެއް ފަހަރު ނުދަންނަ މީހުން އުޅޭ ތަންތާނގައި އަހަރެން އަތުގެ އިސާރާތުންވެސް ވާހަކަ ދައްކައެއް ނޫޅެމެވެ. އެމީހުންނަކަށްވެސް އަހަރެންގެ އުޅުމުން އަހަރެންނަކީ އަޑުނީވޭ ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއްކަމެއް ނޭގޭނެއެވެ. ރައްޓެހިންނާއެކު ކުޅެ ސަކަރައި ޖެހުމަކީވެސް އަހަރެން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް ރައްޓެހިން ދައްކާ މަޖާ ވާހަކަތަކެއް އަހަރެންނަކަށް ނޭގެއެވެ. އެކުދިން ހޭންފެށުމުން އަހަރެންވެސް ހެމެވެ. ބައެއް ފަހަރު ރައްޓެހި ކުދިން ކުރާ ކަންތައްތައް އަހަރެން ކުރަން މަސައްކަތްކުރަމެވެ.

މިގޮތުން އަހަރެން ކުޑައިރު އެއްދުވަހަކު ރައްޓެހި ކުދިންތަކެއް ފަޅޯ އޮނަކުން ސައިބޯނި ބޮކި އަރުވަމުން މަޖާކުރަން ފެށީމާ އެކަންވީ އަހަރެންނަށްވެސް މަޖާކަމަކަށެވެ. އެހެންވެ ގެއަށްގޮސް ތައްޓަކަށް ސައިބޯނި ގިރުވައިގެން ފަޅޯ އޮނެއް ހިފައިގެން ނިކުމެ އަހަރެން ބޮކި އަރުވަން މަސައްކަތް ކުރީމެވެ. ނަމަވެސް އެކުދިން ބޮކިއަރުވަން ފަޅޯއޮނަށް ފުމެނީކަމެއް ނުވަތަ އެތެރެއަށް ދަމަނީކަމެއް އަހަރެންނަކަށް ނޭގުނެވެ. އަހަރެން ސައިބޯނިތަށީގެ ތެރެއަށް އޮނުގެ އެއްކޮޅުލައި އެތެރެއަށް ދަމަން ފެށުމުން އަހަރެން ހާސްވާން ފެށިއެވެ. އަދި ބޮލަށް އެނބުރުން އަރައި ހޭނެތުނެވެ. ހޭވެރިކަން ވީއިރު ރަށު މިސްކިތު މުނދިމު އަހަރެންގެ ކައިރީގައި އިށީދެލައިގެން އިނެވެ. ގޭގެ އެދެއްގައި މައްޔިތެއް ފަދައިން އަހަރެން ބާއްވާފައި އޮތެވެ. އޭރު ރައެްޓެހިންނާއި އަވަށްެޓެރިން ޖަމާވެ، މުޅި ގެ އޮތީ ފުރާލާފައެވެ. ހީވަނީ މީހަކު މަރުވެގެން މޫނު ބަލަން އައިސް އުޅޭހެންނެވެ. އެމީހުންގެ މޫނުމަތިން ވެރިވެފައިވަނީ މާޔޫސްކަމެވެ. އަހަރެން ހަމަޔަކަށް އެޅުމުން ރައްޓެހިންގެ ފަރާތުން އެނގުނީ ސައިބޯނި ފެން ބޮއެގެން އަހަރެން މަރުވީކަމަށެވެ. އަދި އަހަރެންގެ ބޯދަށުން ބާލީސް ދަމައިގަތްވާހަކައެވެ. ނަމަވެސް އަހަރެންނަށް ހޭވެރިކަން ވުމުން އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ. އަހަރެން ދެވަނަ ފަހަރަށް ދުނިޔެއަށް އައިކަހަލައެވެ. އެދުވަހުން ފެށިގެން އަހަރެންނަކީ އެހެން މީހުން އުޅޭހެން އުޅެވޭނެ މީހެއް ނޫންކަމަށާއި މަންމަން ކުއްޖެއްކަން އަހަރެންގެ މަންމަ އަހަރެންނަށް އަންގައިދިނެވެ. އޭގެފަހުން ކުދިންކުރާ މިޒާތުގެ ކަންކަން ކުރުމަށް އަހަރެން ފަސްޖެހުނެވެ. ނަމަވެސް ސްކޫލްގައި އެއްކުލާހެއްގައި އުޅޭކުދިންނާއެކު ބޭރަށްގޮސް ސަކަރައިޖަހާ މަޖާކޮށް ހަދަމެވެ. އަހަރެން ސްކޫލަށް ވަރަށް ދާހިތްވެއެވެ. އަހަރެންގެ ކުލާސް ޓީޗަރަކީ އަހަރެން ދަންނަ އަހަރެމެންގެ ގެއާއި ޖެހިގެން ދެގެ ދޫކޮށްފައި ހުންނަ ގެއެއްގެ މީހެކެވެ. ނަމަވެސް ކުލާސްތެރޭގައި އަހަރެން ކުދިންނާ ވާހަކަ ދައްކާ ނުހާދާތީ އާއި ދުވަހުން ދުވަހަށްދޭ ފިލާވަޅުތައް ދަސްނުކުރާތީ އެޓީޗަރު ހުންނަނީ އަހަރެން ދެކެ ރުޅި އައިސްފައެވެ. ފިލާވަޅު ދަސްނުކުރާ ކުދިންގެ ލިސްޓަށް އަހަރެންގެ ނަން އަރުވާފައެވެ. ނަމަވެސް ކުލާހުގައި އެޓީޗަރު ކިޔަވައިދޭތާ މިހާދުވަސް ވީއިރުވެސް ކުއްޖެއްގެ ފަރާތުންވެސް އެޓީޗަރަށް އަހަރެންނަކީ އަޑުނީވޭ، ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއްކަން ނޭގޭތީ އަހަރެން ހައިރާންވިއެވެ.

މިގޮތުން އެއްދުވަހަކު ސްކޫލު ނިމުމުން ފިލާވަޅު ދަސްނުކުރާ ހުރިހާކުދިން ސްކޫލްތެރޭގެ އެކި ތަންތާނގައި ފޮތް ހިފައިގެން ކޮޅަށް ބޭތިއްބިއެވެ. އަހަރެންވެސް އެލިސްޓްގައި ހިމެނުނެވެ. އަދި މިހުރިހާ ކުދިންގެ ބެލެނިވެރިންނާއި ޓީޗަރު ބައްދަލުކުރަން ބޭނުންވާކަމަށް މިކުދިންގެ ގޭގެއަށް އެންގިއެވެ. އަހަރެންގެ މަންމައަށްވެސް ޓީޗަރާއި ބައްދަލުކުރުމަށް އެންގިއެވެ. މިކަން މަންމައަށް އެންގިތާ މާގިނައިރެއްނުވެ މަންމަ ސްކޫލުދޮށަށް އައިސް ޓީޗަރާއި ބައްދަލުކުރިއެވެ. މަންމަ ފެނުމާއެކު އަހަރެންނަށް ރޮވުނެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ޓީޗަރަށް ނޭގުނަސް މަންމައަށް އަހަރެންގެ ހުރިހާ އިހްސާސެއްވެސް އެނގޭނެއެވެ. އެހެންކަމުން މަންމަގޮސް ޓީޗަރާއި ބައްދަލުކޮށް އަހަރެންނަކަށް ޓީޗަރަކަށް ދުވަހަކުވެސް ފިލާވަޅެއް ނުކިޔައިދެވޭނެކަމަށާއި، އަހަރެންނަކީ މަންމަން ކުއްޖެއްކަމަށް ބުންޏެވެ. އަދި މިކަން ސްކޫލަށްވެސް އެނގޭނެކަމަށާއި، ޓީޗަރަށް ނޭގުމުން އެކަމާ ހިތާމަކުރާކަމަށްވެސް ބުންޏެވެ. މިވާހަކަތައް މަންމަ ޓީޗަރަށް ކިޔައިދިނުމާއެކު ޓީޗަރު ހައިރާންވެ އިނދެ މަންމައާއި ދިމާލަށް ބަލާލިއެވެ. އަދި ބުންޏެވެ. މިވީހާދުވަސް ވީއިރުވެސް އަހަރެންނަކަށް އެއީ މަންމަން ކުއްޖެއްކަމެއް ނޭގެއެވެ. މަޢާފްކުރާށެވެ. އަދި އަހަރެން މަންމައާއި އެކު ގެއަށް ފޮނުވާލިއެވެ. އެދުވަހަށްފަހު ޓީޗަރު އަހަރެންނަށް ވަރަށް ރަނގަޅެވެ. ކަމޭހިތައެވެ. އެހެން ކުދިންނާއި އަހަރެންނާއި ދެމެދު ތަފާތު ކުރުމެއް ނުބާއްވައެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ގްރޭޑަކަށްފަހު ގްރޭޑެއް ގިރާކުރަމުން އަހަރެންނަށް ގްރޭޑް 7 ގައި ތިން އަހަރު ރިޕީޓްވާން ޖެހިއްޖެއެވެ. އެއަށްވުރެ މައްޗަށް އަހަރެންނަށް ދެވޭކަށެއް ނެތެވެ. ސްކޫލުން ބުނަމުންދިޔައީ އަހަރެންނަކީ މަންމަން ކުއްޖަކަށްވުމުން އެންމެ މައްޗަކަށްވެސް ގެންދެވެން އޮތީ ގްރޭޑް 7 ކާއި ހަމައަށްކަމަށެވެ. އެހެންކަމުން އަހަރެންނަށްޖެހުނީ ގްރޭޑް 7 ނިންމާ ސްކޫލުން ވަކިވާށެވެ. އެދުވަހު އަހަރެން ވަރަށް ދެރަވިއެވެ. ވަރަށް ރޮއެ ހިތާމަކުރީމެވެ. އެއީ އެހެން ކުދިންފަދައިން އަހަރެންވެސް ކިޔަވަން ބޭނުންވާތީއެވެ.  ނަމަވެސް އޭރަކު ނުކުޅެދޭ ކުދިންނަށް ވަކި ކުލާހެއް ހެދިފައެއް ނެތެވެ. ކުރާނީ ކީއްތޯއެވެ. ކިތަންމެ ކިޔަވާ ހިތްވިޔަސް މިއަދު ޖެހުނީ ކިޔެވުމުގެ މަރުހަލާ ވަކި ހިސާބަކުން ނިންމާލާފަ ގޭގަ ހުންނާށެވެ. ނަމަވެސް އަހަރެންނަކީ މުރާލި މީހެއްކަމުން މަންމަމެންނާއި ރައްޓެހިންވެސް އަހަރެންނަށް ވަރަށް ކަމޭ ހިތައެވެ. ވަރަސް ރަނގަޅެވެ. އެއީ ގޭގައި ކުރާ ހުރިހާ މަސައްކަތެއްހެން އަހަރެން އަމިއްލައަށް ފެނިގެން ކުރާތީއެވެ. އަދި އާއިލާގެ އެހެން ކުދިންވެސް އަހަރެންނަށް ވަރަށް އޯގާތެރިއެވެ. އެހެންކަމުން ރަށުގެ ބަޔަކު މެދުވެރިވެގެން އަހަރެންފަދަ ނުކުޅެދޭ މީހުންނަށް އެހީވާ ޖަމިއްޔާއަކުން އަހަރެންނަށް ފަހާފޮށްޓެއް ހަދިޔާކުރިއެވެ. އަދި އަހަރެން ރަށުގައި ހިންގި ފަހަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވެ ފަހަން ދަސްކޮށް އާއިލާކުދިންނާއި ރައްޓެހިންގެ ހެދުން ފަހައިދޭން ފެށީމެވެ.  އަދި ރަށުގައި ކުޅޭ ސަޤާފީ ކުޅިވަރުތަކުގައި އެހެން އަންހެން ކުދިންނެކޭ އެއްގޮތަށް އަހަރެވެސް ހަރަކާތްތެރިވާން ފެށީމެވެ. އެހެން މީހުންނެކޭ އެއްފަދއިން ބެރަށް ފައިހަމަކޮށް ނަށަމެވެ. އެއީ ބަލާމީހަކަށް އަހަރެންނަކީ އަޑުނީވޭ މީހެއްކަމުގެ އިހްސާސެއް ނުކުރެވޭނެއެވެ. އެހާފުރިހަމައަށެވެ. ހަމައެހެންމެ މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންވެސް އަހަރެން ބާކީއެއް ނުކުރެއެވެ. ވަރަށް ރަނގަޅެވެ. ރަށުގެ އަންހެނުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއްގައިވެސް އަހަރެން ބައިވެރި ކުރުވައެވެ. ނަމަވެސް އަބަދަކު އަހަރެންގެ ކައިރިއަކު އެކުޅުނު ރައްޓެހިންނެސްވެސް ނުތިބޭނެއެވެ. އެމީހުންވެސް ޒަވާޖީ ހަޔާތެއް ފަށާނެއެވެ. ކޮންމެ މީހަކަށްވެސް މިދުވަސް އަންނާނެއެވެ. އެ އުފާވެރި ދިރިއުޅުން އުޅެން ބޭނުންވާނެއެވެ.

އަހަރެންނާއި އެއްފުރައިގެ ކުދިންނާއި އަދި އަހަރެންނަށްވުރެ އުމުރުން ހަގު ކުދިން ޒަވާޖީ ހަޔާތެއްފައި ދަރިން ލިބުމުން އަހަރެން ވަރަށް ދެރަވެއެވެ. ހިތަށް އަރައެވެ. އަހަރެންނަށްވެސް މިދުވަސް އަންނާނެ ނަމައެވެ. އެހެން ނަމަވެސް އާއިލާއާއި ރައްޓެހިންނާއި އަދި ރަށުގެ އެންމެހާ ރައްޔިތުންގެ ކިބައިނެްވެސް އޯގާތެރިކަމާއި ހަމްދަރުދީ އަބަދުވެސް އަހަރެންނަށް ލިބޭކަމުގެ އިހްސާސް ކުރެވެއެވެ. އެއްބަނޑު އެއްބަފާ ކަމެވެ. ނަމަވެސް އަހަރެން މިވަރަކުން ހިތްހަމައެއް ނުޖެހުނެވެ. އެހެން މީހުންނެކޭ އެއްފަދައިން މިއަދު ހެޔޮލަފާ ފިރިއަކާއެކު އަހަރެންވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުމެވެ. ނަމަވެސް އަހަރެންނާއި ރައްޓެހިވަނީ މުޅިންވެސް ތާކުންތާކު ނުޖެހޭ މީހުންނެވެ.  މިގޮތުން ދެ ފަހަރެއްގެ މަތިން އަހަރެން ދެ މީހަކާއި ރައްޓެހިވީމެވެ. ނަމަވެސް އެއިން އެކަކަށްވެސް އަހަރެންގެ އާއިލާ ޤަބޫލެއް ނުވިއެވެ. އެއީ އެމީހުން އަހަރެން ބާކީ ކުރަން ބޭނުންނުވާތީއެވެ. ސަބަބެއް ވެއެވެ. އެއިން އެކަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނިމިފައިވާ އަހަރެމެންގެ އަތޮޅާއި މާ ދުރު އަތޮޅެއްގެ މީހެކެވެ. އަނެއް މީހަކީ އަހަރެންނަށްވުރެ މާދޮށި އަހަރެންގެ މަންމަ އުމުރު ފުރައިގެ މީހެކެވެ. އަހަރެން ވަރުގެ ކުދިންވެސް އެމީހާގެ ތިބެއެވެ. އަހަރެން އެމީހާގެ އެދުމަށް އެމީހާއާއި އިންނަން ބޭނުންވިއެވެ. ނަމަވެސް އެކަމާ އަހަރެންގެ މައިންބަފައިން ރުޅިއައެވެ. އެކަމާ ނުގަބޫލުވިއެވެ. އަދި އެކަން ނުކުރެވޭނެ ކަމަށާއި އެއީވެސް އުޅުން ރަނގަޅު މީހެއް ނޫންކަމަށް އާއިލާއިން ބުނަމުން ދިޔައެވެ.  އަދި ބުންޏެވެ. ކޮންމެވެސް ދުވަހަކުން ރަނގަޅު މީހަކު ލިބިދާނެއެވެ. ނަމަވެސް އަހަރެން އުޅެންޖެހޭނީ މަންމަމެން ކައިރީ ހަމަ މިގޭގައެވެ. އާއެކެވެ. އަހަރެންގެ މައިން ބަފައިން އަހަރެންނަށް ވަރަށް ކަމޭހިތައެވެ. އެއްވެސް މަޔަކު އަދި ބަފަޔަކު އެމީހެެއްގެ ދަރިއެއް އަދި އަނމުދުން ނުކުޅެދޭ ކުއްޖަކު އެމީހުންގެ ލޯމަތިން ގެއްލިގެންދާކަށް ބޭނުމެއް ނުވާނެއެވެ. ގޮސްފިނަމަ ގެއްލުނީއެވެ. ވާހަކަ ދެއްކޭނެގޮތެއް ނެތެވެ. ހާލު ބަލާލެވޭނެގޮތެއް ނެތެވެ. އަޑެއް ނީވެއެވެ. ނަމަވެސް އަހަރެން މިއަދު މި އިންތިޒާރުކުރަމުން މިދަނީ އަހަރެންނަށް އުފާވެރި ޒަވާޖީ ހަޔާތެއް ފެށޭނެ ދުވަހަކަށެވެ. އަހަރެން ގޮވައިގެން މައިންބަފައިންގެ ގޭގައި އުޅެވޭނެ ހެޔޮލަފާ ރަނގަޅު ފިރިއަކަށެވެ. މިއީ މިއަދު އަހަރެންނަށް ކުރެވޭ އެންމެ ބޮޑު އިހްސާސެވެ. ހިތުގެ އާދޭހެކެވެ.

…………………………..

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.