މިއީ ޒުވާން އަންހެން ކުދިންނަށް ކެހި ދެމުންދިޔަ އެއިޑްސް ޖެހިފައިވާ ފިރިހެނެއްގެ ވާހަކަ


ހުކުރު ދުވަހާ ގުޅޭ

އަމާނީ ތެދުވަން ވާއިރަށް އަމީނާ ސައި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވަމުން ގެންދެއެވެ. އެރު ގަޑިން 9 ޖަހައިފިއެވެ. ކުއްލިއަކަށް ފޯނު ރިންގުވާއަޑަށް ސިއްސައިގެން އަމާނީ އަށް ހޭލެވިއްޖެއެވެ. އަދި ނިދި މޫޑުގައި އިނދެ ހިތާހިތުން ކިޔާލިއެވެ. މިއޮތް ހެދުނަ އަނެއްކާ ކާކުބާއެވެ. ނުނަގާނަމެވެ. އެކަމަކު…. ވެދަނެ ކޮންމެ މީހަކަށްވެސް ނަގަންވާނީ މިހެން ހިތަށް އަރައި ފޯނު ނަގައި ހަލޯ އޭ ބުންޏެވެ.

ފަޔާޒު: ގުޑް މޯރނިންގް.

އަމާނީ: ކާކުތަ؟

ފަޔާޒު: ސާބަސް އަދިވެސް ނޭނގޭތަ. އަނެއްކާވެސް ނަން ބުނަންތާ މިޖެހުނީ. މަށަށް ކިޔަނީ ފަޔާޒު.

އަމާނީ: ކީއްކުރަން ތިގުޅީ؟ އަހަރެން ބުނީމެއްނުން އަހަންނަށް ނުގުޅާށޭ.

ފަޔާޒު: ލޯބިވާތީވެ މިގުޅީ. މައްސަލައެއްތަ؟

އަމާނީ: އާނ. އަހަރެން ފަޔާޒު ދެކެ ލޯތްބެއް ނުވޭ. އެހެންވީމަ މައްސަލައެއްނު.

އަމާނީގެ ވާހަކަދެއްކުމުގައި ރުޅިވެރިކަމުގެ އަސަރު ހުންނަ ރާގަކަށް ފަޔާޒާއި ވާހަކަ ދައްކަމުން ގެންދިއެވެ. ނަމަވެސް ފަޔާޒުގެ އެވާހަކައަކަށް ބަދަލެއް ނާދެއެވެ. ލޯބިވާ ވާހަކައާއި އަމާނީދެކެ ލައިކް ވާކަމަށް ފަޔާޒް ބުނަމުން ގެންދިޔައެވެ. އަދި ފަޔާޒްއާ ބައްދަލުކުރުމަށްވެސް އަމާނީ ގާތު ފަޔާޒް އެދެމުން ގެންދިޔައެވެ.

ފަޔާޒު: އަހަރެންދެކެ ލޯބިވުމަކީ މަޖުބޫރުކަމެއް ނޫނޭ. އެކަމަކުވެސް އަހަރެން ޖަވާބަކަށް އިންތިޒާރުކުރަން. މެންދުރު ފަރިވާ ރެސްޓޯރެންޓްގަ އިންތިޒާރުކުރާނަން.

އަމާނީ: އައްދެ. މަށެއް ނުދާނަން. ބައްޕަ ގާތު ބުނާނަން. އޭރަށް ބައްޕަ ދާނެ ޖަވާބު ހިފައިގެން. އޯކޭތަ.

ފަޔާޒު: އާޗާ. އަވަހަށް ބުނެލާ. ކޮންފަރެންސް ހަދައިދެންތަ؟

ފަޔާޒު މަލާމާތުގެ ރާގަކަށް އަމަނީ އާއި ދިމާލަށް ބުނެލިއެވެ. ނަމަވެސް އަމާނީ ރައްދުގައި ބުނެލިއެވެ.

އަމާނީ: އުނހު. ކޮންމެހެން ހަދާނެކަމެއްނެތް. މިވަގުތު ބާއްވަނީ.

ފަޔާޒު: އެންމެ ރަގަޅު. އެކަމަކު އަހަރެން އިންތިޒާރުކުރާނަން.

މިހެން ބުނެ މިއަދުވެސް ފަޔާޒް ފޯނު ކަނޑާލިއެވެ. އަމާނީ ހިތާހިތުން ކިޔާލިއެވެ. ހާދަ ފާޑެއްގެ މީހެކެވެ.  އަނެއްކާ ހަދަންވީ ކިހިނެއްބާވައެވެ. ގިނަ ފިރިހެންކުދިން ރައްޓެހިވާން އެހީމަވެސް ހާދަ ފޫހިވެއެވެ. އެކަމަކު ފަޔާޒުއާ ދޭތެރޭ ކޮންމެވެސް ވަރަކަށް އެބަ ވިސްނެއެވެ. އެއީ ކީއްވެބާވައެވެ. އޭނަ އެއީ އެހާ ގޯސް މީހެއްހެނެއް ހިއެއްނުވެއެވެ. މިހެން ބުނެ ފުންނޭވާއެއް ލުމަށްފަހު އަނެއްކާވެސް ހިތަށް އެރިއެވެ. ފެންވަރާލައިގެން ސައިބޯން ދާންވީއެވެ.  މަންމަ މިހާރު ހުންނާނީ ހިތްހަމަނުޖެހިފަކަން ޔަޤީނެވެ.

އަމާނީ ފެންވަރާލައިގެން ކޮޓަރިން ނިކުމެއްޖެއެވެ. އަދި އަމީނާއަށް އަމާނީ ފެނުމާއެކު އަހާލިއެވެ.

އަމީނާ: ދެންމެ ދޯ ތިހޭލީ؟ ދެންވެސް އާދޭ އަވަހަށް ސައިބޯން.

އަމާނީ: ކޯއްޗެއް ސައިބޯންހުރީ؟ ކޮބާ ބައްޕަ؟

އަމީނާ: ރޮއްޓާ މަސްހުންޏާ. ބައްޕަ ދިޔައީ މާރުކޭޓަށް. މެންދުރު ދެން އަންނާނީ. އަނެއްކާ ބޭރަށް ދާންވީތަ؟

އަމާނީ: އުނހު. މަންމަ ކީއްވެތަ އަބަދު ޝައްކެއްގެ މަތީ ހުންނަނީ؟

އަމީނާ: ޝައްކެއްގެމަތީ ނުން ހުރެވޭނީ. ތިއީ އަންހެންކުއްޖެއް. އެހެންވީމަ ވިސްނޭނެއެއްނު. ސްކޫލް ނިމޭއިރަށް މާގިނައިން ބޭރަށް ތިދަނީ.

އަމާނީ: ގޯސްގޮތަކަށް ނޫޅެމެއްނުން. އެހެންވީމަ މަންމަ އެހާ ކަންބޮޑުވާނެކަމެއް ނެތް.

އަމީނާ މިހެން ބުނުމާއެކު އަމާނީގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު އަމީނާ ބުންޏެވެ. ދަރިފުޅާ އަމާނީއެވެ. ދަރިފުޅުގެ ފޯނު އެއޮތް ރިންގުވަނީއެވެ. ޔަޤީނެވެ އެއީ ޝާނީގެ ފޯނެކެވެ. މިހެން އަމީނާ ބުނުމާއެކު ޝާނީ ފާޑަކަށް ފޫހިވެފައި އިނދެބުންޏެވެ.

އަމާނީ: ބަހައްޓާ. ފަހުން ގުޅާނަން. އަންނާނަން އެއްޗެއް ގަނެގެން.

މިހެން ބުނެ ފިހަރައަކަށް ދިއުމަށްކަމަށް ހަދާ ގެއިން ބޭރަށް ނިކުތެވެ. އަދި މިގަޑީގަ އެކަނި ނިކުތަސް މަންމަ މާބޮޑަސް ރުޅި ނާންނާނެކަން އަމަނީއަށް އެގެއެވެ. މީ ދުވާލެވެ. ރޭގަޑާއި ދުވާލު ތަފާތު ވާނެއެވެ. އަދި ހިތަށް އެރިއެވެ. ” މިހާރު އެއޮތް މެންދުރުވަނީއެވެ. ހަދާނީ ކިހިނެއްބާވައެވެ. ފަޔާޒް އާއި ބައްދަލުކުރަން ދާންވީއެވެ. ފާޑެއްގެ މީހެކެވެ. ޔަޤީނެވެ. މިހާރު އޭނަ ހުންނާނީ އެތާނގައެވެ. އަދި އަންނަން ބުނީވެސް ގެއާއި ކައިރިތަނަކަށްވިއްޔާއެވެ. މަންމައަށް ފެނިއްޖެއްޔާ އަނެއް ހަ ކަންތަކެވެ. މިހެން ބުނިތަނާ އަނެއްކާވެސް އަމާނީގެ ފޯނު ރިންގުވާންފެށިއެވެ. އަމާނީ ބުނެލިއެވެ. ހޫން ދަމާލާފައި އަނެއްކާ އެގުޅަންފެށީ އެވެ. ދެން ނުވެސް ހުއްޓާލާނެ އޭ ބުނެ ފޯނު ނެގިއެވެ. އަދި ހަލޯ އޭ ބުނެލިއެވެ. އަދި ވާހަކަ ދައްކަމުން ގެންދިޔައެވެ.

ފަޔާޒު: ހަލޯ…. އަހަރެން މިހިރީ އެތާނގަ… ބުނީމެއްނުން އަންނަންދެން މަޑުކުރުނާމޭ. ހެޔޮ އިރު އޮއްސުނަސް އަންނަންދެން ހުންނާނަން.

އަމާނީ: އަހަންނަކަށް ނުދެވޭނެ. އަހަރެން ބުނީމެއްނުން ނުދާނަމޭ.

ފަޔާޒު: ތީދެން ކޮންގޮތެއް… ތިގޮތްދޫކުރުން ދޫކޮށްލަބަލަ. މިހާރު ޤަބޫލުކުރަންވެއްޖެނުން އަހަރެންދެކެ ލޯބިވާކަން. އަހަންނަށް އިނގޭ މިހާރު ތިހެން ބުންޏަސް އިރުކޮޅެއްގެތެރޭ މިތާނގަކަން ހުންނާނީ.

ފަޔާޒު މިހެން ބުނުމުން އަމާނީ ހިތާހިތުން ކިޔާލިއެވެ. ”މީ ހާދަ ގޮތުގަ ހުންނަ މީހެކެވެ. މިވީގޮތުން ނުގޮހެއް ވާކަށް ނެތެވެ. ދިޔައީމަ ދެން އެނގިދާނެތާއެވެ. ފަޔާޒު އެބުނިހެން އޭނަ ދެކެ ލޯބިވާކަން އަމިއްލަ ނަފްސަށް އަމިއްލަ ނަފްސަށް އޮލުވާލާނީ ކިހިނަކުން ހެއްޔެވެ. މިހެން އެއްޗެކޭ ނުބުނެ ފޯނު ކަންފަތުގައި ޖަހައިގެން އަމާނީ ހުންނަހެން ފަޔާޒަށް ހީވިއެވެ އަދި ހަލޯ އޭކިޔާ ފަޔާޒް ވާހަކަ ދައްކަން ފެށިއެވެ.

ފަޔާޒު: ހަލޯ. ކޮންކަމަކާ ތިވިސްނަނީ. ދެން މިފަހަރު އާދޭ… އެއްފަހަރު އަހަންނާ ބައްދަލުކުރިޔަސް މައްސަލައެއްނޫނެއްނު.

ފަޔާޒު މިހެން ބުނުމުން އަމާނީ ވިސްނާލަމުން ބުންޏެވެ.

އަމާނީ: އެހެންވިއްޔާ މިދަނީ އިރުކޮޅަކުން… އެކަމަކު އެހާގިނައިރަކު އަހަންނަކަށް މަޑެއްނުކުރެވޭނެ.

ފަޔާޒު: އޯކޭ އާދޭ އަވަހަށް…. އަހަރެން މިހިރީ މިތާ އެތެރޭގަ….

ފަޔާޒު މިހެން ބުނުމުން އަމާނީ ފޯނު ބޭއްވިއެވެ. އަދި އެދިމާލަށް ހިގައިގަތެވެ. އަދި ފަޔާޒު އެބުނިތަނަށް އައުމަށްފަހު އަމާނީ ބުންޏެވެ.

އަމާނީ: މިތިބީ އާދެވިފަ… ދެން ކިހިނެތްހަދަންވީ.

ފަޔާޒު: ހާދަ ކަންބޮޑުވެފަ ތިހުންނަނީ.

މިހެން ބުނުމުން އަމާނީ ބުންޏެވެ. ކަންބޮޑުވާނެއެއް ނޫން ހެއްޔެވެ.  މަށަކީ ފިރިހެނުންނާ އެކީ ބޭރަށްގޮސް އުޅޭ މީހެއް ނޫނިއްޔާއެވެ. އަހަރެން މިއައީ އަހަރެންގެ ހިތުގަ ފަޔާޒަށް މަޤާމެއްދެވިފައިވާކަން އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށް އޮޅުވާލަށް ބޭނުންނުވާތީއެވެ. ދެންވެސް ތިގެނައިކަމެއް ބުނާށެވެ. އަހަރެން ވަރަށް އަވަހަށް ގެއަށް ދާންބޭނުެމެވެ.

މިހެން އަމާނީ ބުނުމުން ފަޔާޒު ހީލާފައި މަކަރުވެރި ރާގަކަށް ބުންޏެވެ.

ފަޔާޒު: އެންމެދުވަހަކު ކުޑަކޮށް ލަސްވިޔަސް އޯކޭވާނެ… އެއީކީ މާބޮޑުކަމެއްނޫނޭ… ހަމަޖެހިބަލަ.

އަމާނީ ކަންބޮޑުވެލާފައި ބުންޏެވެ. މިތަނަށް ތިގެނައީ ދެން ކީއްކުރަން ހެއްޔެވެ. މިހެން އެކަހެރިކޮށް އަހަރެމެން ތިއްބައި މީހަކަށް ފެނިއްޖެއްޔާ ވަރަށް ގޯސް ވާނެއެވެ. ނަމަވެސް މިކަން ފަޔާޒް ޤަބޫލެއް ނުކުރެއެވެ. އަދި ލޯބިން ވާހަކަ ދައްކާކަމަށް ހެދިގެން ހުރެ ބުންޏެވެ.

ފަޔާޒު: ކާކަށްތަ އެނގޭނީ… އަހަރެމެން މިތަނަށް ވަތްތަނެއް ނުފެންނާނެ އެއްވެސްމީހަކަށް… (ގާތްވެލަމުން) ހަމަޖެހިބަލަ އައްމު.. އެހެންކަންތަކާ ވިސްނާނީ ދެން ފަހުން…. އަހަރެން އައްމުދެކެ ވަރަށް ލޯބިވޭ. ވަރަށް ގިނަ ދުވަހު ކެތްކޮށްފިން. ދެން އިތުރަކަށް ނުވާނެ. އަހަރެން ބޭނުންވަނީ ވަރަށް އެކަހެރިކޮށް ތިބެ އައްމުއާ ވާހަކަދައްކާލަން… މިގޮތަށް ހިތްހަމައެއް ނުޖެހޭތަ.

ފަޔާޒުގެ ޢަމަލުތައް މިހެން ހުރުމުން އަމާނީ ވަރަށް މަދުމައިތިރިވިއެވެ. އަދި ވަރަށް ދެރަވެލަފައި ބުންޏެވެ.

އަމާނީ: ފަޔާޒު… ތީ ކޮންކަމެއް.

ފަޔާޒު: ކިހިނެތްވީ… މީ މައްސަލައެއްތަ… އަހަރެން އައްމު ގައިގަ އަތްލައިގެންވެސް ނުވޭތަ.

ފަޔާޒް މިގޮތަށް ކަންތައް ކުރަން ފެށުމުން އަމަނީވެސް ވަރަށް ގަޔާވިއެވެ. އަދި ބުނެލިއެވެ.

އަމާނީ: ދެން އެކަމަކު…..

ފަޔާޒު: ހިތްހަމަނުޖެހެނީތަ…..

އަމާނީ: ހިތްހަމަނުޖެހެނީކީނޫން….. މީހަކަށް އެނގިދާނެތީ.

ފަޔާޒު: އެކަކަށްވެސް ނޭނގޭނެ… އެހެންކަންތައް މަތިން ހަނދާން ނައްތާލާ… މިވަގުތު މިތިބީ އަހަރެމެން ދެމީހުން އެކަންޏެއްނު…. އާދެބަލަ މިކޮޅަށް….

ފަޔާޒް އާއި އަމާނީ ގެސްޓްހައުސްގެ ތެރޭ ކޮޓަރިއެއްގެ ތެރޭގައި ތިބި ވާހަކަ މީހެއްގެ ފަރާތުން އަމީން އަށް އެގުނެވެ. އަދި ވަރަށް ރުޅިއައެވެ. އަދި މިކަން ފުލުހުންނަށް އެންގުމަށްފަހު އަވަސް އަވަހަށް އެގެސްޓް ހައުސް އަށްގޮސް އެމީހުން އެތިބި ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށިއެވެ. މިއަޑު އިވުމާއެކު އަމާނީ ވަރަށް ބިރުގަތެވެ. އަދި ހިތް ނުތަނަވަސް ވާން ފެށިއެވެ. އަދި ބިރުން ހުރެ ބުންޏެވެ.

އަމާނީ: ފަޔާޒު… ކޮންމެވެސް މީހަކު އެބަޓަކިޖަހާ… އެ ކާކު؟

މިހެން ބުނުމުން ފަޔާޒު ވަރަށް ޖެހިލުންވެލާފައި ބުންޏެވެ.

ފަޔާޒު: (ޖެހިލުންވެފަ) ކާކުބާ…. މިތަނުގަ…

އަދި އަމާނީ ވަރަށް ހާސްވިއެވެ. ބިރުން ތުރުތުޅު އަޅަން ފެށިއެވެ. އަދި ބުންޏެވެ.

އަމާނީ: ދެން ކިހިނެތްހަދާނީ… އެހެންވެ އޭރުވެސް އަހަރެން އެހެންބުނީ.

ފަޔާޒު: އަހަރެން އަންނާނަން ކާކުތޯ ބަލާލާފަ.

މިހެން ބުނެ ދޮރުހުޅުވަން ފަޔާޒް ދާން ފެށުމުން ….

އަމާނީ: (ބިރުން) ނޫން ފަޔާޒު… ހުޅުވާނެކަމެއްނެތް… އަހަރެން ވަރަށް ބިރުގަނޭ… އަހަރެމެން މިތާ ތިބިކަން އެނގިއްޖެއްޔާ ކަމަކުނުދާނެ.

އޭރުވެސް ދޮރުގައި ޓަކި ޖަހާއަޑު އިވެމުން ދިޔައެވެ. އިރުކޮޅަކުން ތަޅުދަނޑިއަކުން ދޮރު ހުޅުވާ އަދު އިވުނެވެ. އަމާނީ ވަރަށް ބިރުގަތެވެ. އަދި ބުނެލެވުނެވެ.

އަމާނީ: އެހުޅުވަނީ މިކޮޓަރީގެ ދޮރު… ދެން ކިހިނެތް ހަދާނީ.

އަމީން ދޮރުހުޅުވައިފިއެވެ. އަދި ވަރަށް ރުޅިއައިސްފައިހުރެ އަމާނީ އަށް ގޮވާލިއެވެ. އަމާނީ ބިރުގަތެވެ. އަދި ބުންނެވެ.

އަމާނީ: (ބިރުން) ބަ… ބަ… ބައްޕާ….

އަމީން: (ރުޅިއައިސްފަ) ކޮން ބައްޕާއެއް ކިޔާކަށް… ތީ ކޮންކަމެއް…

އަމީން ރުޅިއައިސްގެން ދަތްކުނޑިވިކާލިއެވެ. އަދި ޔަފާޒުއާއި ދިމާލަށް ކަލޭދޯ މަގޭ ދަރިފުޅު ގޮވައިގެން އައިސް ތިއުޅެނީ ކީއްކުރަން ހެއްޔޭ ބުންޏެވެ.

ނަމަވެސް ފަޔާޒްއެއް ބިރެއް ނުގަނެއެވެ. ސަބަބަކީ ފޮރުވިފައިވާ ހަޤީޤަތެކެވެ. ނަމަވެސް އެކަން ފަޅާއަރާ އަރަނީއެވެ. ބޭޒާރުވަނީއެވެ. އަމީން އަށް ފަޔާޒް ރަނގަޅަށް އެގެއެވެ. އަދި އެއީ ކޮންކަހަލަ މީހެއްކަންވެސް ހުދު އަމީން ދަނެއެވެ.

އަމީން މިހެން ބުނުމުން ކޮންމެވެސް ވަރަކަށް ފަޔާޒް ޖެހިލުން ވިއެވެ.  އަދި ބުންޏެވެ.

ފަޔާޒު: (ޖެހިލުންވެފަ) އަ… އަ… އަހަރެން….

އަމީން: (ރުޅިއައިސްފަ) ކޮން އަހަންނެއް ކިޔާކަށް…. ތީ ހާދަ ގޮތެއްވެސް ނުހުންނަ މީހެކޭދޯ.

އަމީން މިހެން ބުނުމާއެކު ބައްޕާ އޭނަ ދޫކޮށްލާށޭ ކިޔާ އަމާނީ އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އަމީން އިހުނަށްވުރެ ރުޅިގަދަވިއެވެ. އަދި ބުންޏެވެ. މިފަހަރަކު ދުލެއް ނުކުރާނަމެވެ. މިއައީ ފުލުހުންނަށްވެސް ގުޅާފައެވެ. ކަލޭ މިފަހަރު ފުލުހުންނާ ހަވާލުކުރާނަމެވެ.  އަމީން މިހެން ބުނުމާއެކު އަމާނީ ރޯން ފެށިއެވެ. ނޫން ބައްޕާއެވެ. އެއްފަހަރެއްކަމަށް އޭނަ ދޫކޮށްލާށެވެ. އަހަރެން ދެން ދުވަހަކުވެސް އޭނަޔަކާ ބައްދަލެއް ނުކުރާނަމެވެ.

އަމާނީ ރޯތަން ބަލާކަށް އަމީން އަކަށް ކުޅަދާނައެއް ނުވިއެވެ. ނަމަވެސް އަމީންގެ ރުޅި މައިތިރިއެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމަ އެންމެ ދަރިފުޅެކެވެ. ހަލާކުގެ ތެރެއަށް އެއްލާލަން ބޭނުންވާނީ ވަކި ކާކުހެއްޔެވެ. ދަރިފުޅު ސަލާމަތް ކުރަން ބޭނުމެވެ. ދެން ތިހެންނުކިޔަކަސް ވަރިހަމައެވެ.  ތަންކޮޅެއް އަވަހަށް އަހަންނަށް މިތަނަށް އާދެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. އަހަރެންނަށް މިކަން އެގުނީ ރައްޓެއްސަކު ގުޅާފަ ބުނީމައެވެ. އެއީ ހަމަ އަހަރެންގެ ނަސީބެވެ.  އަމީން މިހެން ބުނުމަށްފަު އަމާނީ އާއި ދިމާލަށް ބުންޏެވެ. އަމާނީ އެވެ އަމާނީ އަށް ތިޔަ އުޅެވެނީ ކޮންކަހަލަ މީހަކާ އެކުގައިކަން ދަރިފުޅަށް އެގޭ ހެއްޔެވެ.

އަމީން މިހެން ބުނުމުން އަމާނީ ވަރަށް ބިރުގަތެވެ. އަދި ބުންޏެވެ.

އަމާނީ: އަ.. އަހަންނަކަށް ނޭނގެ… ފަޔާޒަކީ ކާކުކަމެއް މާބޮޑަކަށް ނޭނގެ.

އަމީން: ނޭނގޭނެ… މިކަހަލަ މީހުންނަކީ އަބަދުވެސް މީހުންނަށް އޮޅުވާލައިގެން އުޅޭމީހުން… މީ އަހަރެން ވަރަށް ރަގަޅަށް ދަންނަމީހެއް…. މި ފަޔާޒަކީ އެޗް.އައި.ވީ އަށް ޕޮޒިޓިވް ވެފަ ހުރި މީހެއް.

އަމީން މިހެން ބުނުމުން އަމާނީ ވަރަށް ހައިރާންވިއެވެ. އަދި ދެރަވެސް ވިއެވެ. އަދި ވަރަށް ބާރަށް އަހާލެވުނެވެ.

އަމާނީ: ކީކޭ.

އެވަގުތު އަމީން ރުޅިއައިސްގެން ފަޔާޒުގެ ލަފްގަ ހިފިއެވެ. އަދި ބުންޏެވެ. ”ކަލޭ ތިއުޅެނީ އަހަރެންގެ ދަރިފުޅު ހަލާކުކޮށްލަން ކަމަށްހެއްޔެވެ.  ކަލޭ އުޅޭނެހާ ގޮތަކަށް އުޅެއުޅެފަ އެކަމުގެ ހިތި  ނަތީޖާ ފެނުނީމަ އެހެން މީހުންނަށްވެސް ތިއުޅެނީ އެގެއްލުން ދޭންވެގެންދެއެވެ. އެހެން ނުވިކަން ނަސީބެކެވެ. ދެން ކުޑައިރުކޮޅަކުން ކަލޭ ފުލުހުންގެ ބެލުމުގެ ދަށަށް ދާނެއެވެ. އަމީން މިހެން ބުނިތަނާ ޕޮލިސް ވެހިކަލް އެދިމާލަށް އަންނަ އަޑު އިވުނެވެ. އަދި އިރުކޮޅެއްނުވެ ފުލުހުން އެތަނަށް އައިސް ސުވާލުކުރަންފެށިއެވެ.

ޕޮލިހެއް: ކޮބާތޯ އެމީހަކީ… ކާކުގެ ވާހަކައެއްތޯ ރިޕޯޓްކުރީ.

އަމީން: (ރުޅިއައިސްފަ) އަނ، މިހިރީ އޭނަ… އަވަހަށް މީނަ ގެންދޭ… ތިކަހަލަ މީހުން ތިބެންޖެހޭނީ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށުގަ.

މިހެން ބުނުމުން ކަން ހިނގާދިޔަގޮތާ ބެހޭގޮތުން ބަޔާނެއް ދިނުމަށް އަމާނީ އާއި އަމީން ގާތު ފުލުހުން އެދުނެވެ. އަދި ފަޔާޒު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނެވެ.

ފުލުހުން އައިސް ފަޔާޒް ގެންދިއުމާއެކު އަމާނީއަށް ރޮއެގަނެވުނެވެ. އަދި ވަރަށް ދެރަވެފައި އަމީން އާއި ދިމާލަށް ބުންޏެވެ. ބައްޕާ އެވެ.އަހަންނަށް މަޢާފް ކުރާށެވެ. ދެން ދުވަހަކުވެސް އަހަރެން އެކަހަލަގޮތަކަށް ނޫޅޭނަމެވެ. އަދި އެކަހަލަކަމެއް ނުކުރާނަމެވެ. އަމާނީ މިހެން ބުނުމުން އަމީން ބުންޏެވެ. ދަރިފުޅާއެވެ. ދެންވެސް މީހުންނާ ވާހަކަދައްކާއިރު އެމީހަކީ ކޮންކަހަލަ މީހެއްތޯ ބަލަންވާނެއެވެ.  ގޮތް ނޭނގޭ ފާޑުފާޑުގެ މީހުން ޖަހާ ކެހިވެރި މަޅީގައި ޖެހުމަކީ ރަނގަޅުކަމެއް ނޫނެވެ.  ފަހުން ހިތާމަ ކުރަންޖެހޭނެއެވެ. މިއަދު ބައްޕައަށް މިތަނަށް ނާދެވުނުނަމަ ދެން ދަރިފުޅަށް ވާނެގޮތެއްވެސް ބައްޕައަކަށް ނޭގެއެވެ. އަދި އެކަމާމެދު ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ އަމީން ބުންޏެވެ. ދަރިފުޅާއެވެ. ދެން މީގެފަހުން ގެއިން ބޭރަށް ގޮސްގެންނުވާނެއެވެ. އަދި ގޮތްނޭގޭ ނުދަންނަމީހުންނާއި ވާހަކަ ދައްކައިގެންވެސް ނުވާނެއެވެ. އަމީން މިހެން ބުނުމާއެކު އަމާނީ އަނެއްކާވެސް ބައްޕަގެ ފަރާތުން މަޢާފަށް އެދުނެވެ. އަދި ބުންޏެވެ. ބައްޕާއެވެ. ދެން ދުވަހަކުވެސް ނުުދަންނަ ކެހިވެރި މީހުން ޖަހާ މަޅިއެއްގަ އަހަރެން ނުބެދޭނަމެވެ. އަދި އެފަދަ މީހުންގެ ކެހިވެރި މަޅިން އަހަރެން ސަލާމަތް ކުރައްވާށިއެވެ. އާމީން.

– ނިމުނީ-

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.