ވާހަކަ: އައިޝާގެ މޫނު ފޮތް

މިއީ ފޭސް ބުކުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިޔާލީ ވާހަކައެކެވެ.  މުޖުތަމައުގައި އިންޓަނެޓު މެދުވެރިކޮށް މިފަދަ އެތައް ޢަމަލެއް ހިންގަމުންދާއިރު މިފަދަ ކަމެއް ނުވާނެކަމަށް ޤަބޫލުކުރުމަކީ ކުށްހީއަކަށްވެސް ފަހަރުގައި ވެދާނެއެވެ.  މިކަމަށް ފުންކޮށް ވިސްނާލުން މުހިންމެވެ.

މިއީ ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާހަކައެކެވެ. މިވާހަކައިގައި ހިމެނޭ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އަހަރެންނަކީ މާލޭން އުތުރު ރަށަކަށް ނިސްބަތްވާ ނޫކަށި ފުރައިގެ ޒުވާނެކެވެ. މާލޭގެ ނަންމޝްހޫރު އާއިލާއެއްގެ ކުއްޖަކާ ކައިވެނިކޮށްގެން އުޅޭތާ މިހާރު 5 އަހަރު ފާއިތު ވެއްޖެއެވެ. ނަމަވެސް ދެމަފިރިންގެ ދޭތެރޭ އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެއެވެ. އަހަރެންނަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހަކަށްވުމުން ދިރިއުޅެން ޖެހިފައިވަނީ ރިސޯޓްގައެވެ. މާލެ އާދެވެނީ ހާލަކުން ފަހަރަކުއެވެ. އަންހެނުންނަކީ ފޭސްބުކަށް ވަދެއުޅޭ މީހަކަށް ނުވުމުން އަހަރެން އަންހެނުންނާއި ވާހަކަ ދައްކާ އުޅެނީ މުޅިންވެސް ފޯނުންނެވެ. ނަމަވެސް އަހަރެން މަސައްކަތްކުރާ މާހައުލުގެ ގޮތުން ތަނުގެ ގިނަ މުވައްޒަފުން ހިންހަމަޖައްސަމުން ދިޔައީ ފޭސްބުކްގެ ޒަރީއާއިން ނެވެ. އަހަރެންވެސް ފޭސްބުކް ބޭނުން ކުރަމެވެ. ރައްޓެހި ރަޙްމަތްތެރިންނާ ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. އެކަނިވެރިކަން ފިލުވާލުމަށްޓަކައެވެ. ފޭސްބުކުން ވަރަށް ގިނަ އަންހެން ކުދިންނާ ވާހަކަ ދައްކަމެވެ. އަހަރެންގެ އެކަނިވެރިކަން ފިލުވައިދެނީވެސް ފޭސްބުކުންނެވެ.
 

މިގޮތުގައި މާގިނަ ދުވަސްތަކެއް ނުވެއެވެ. އަހަރެންގެ ރައްޓެހިންގެ ބަހަށް އަހަރެންނަށް ހެއްލެވިއްޖެއެވެ. ރައްޓެހިންގެ ނަޒަރުގައި ފޭސްބުކުން ވަގު އައިޑީއެއް ހުޅުވައި އަންހެންކުދިން ހިތްކަތިލާފަދަ ރީތި ފިރިހެނެއްގެ ފޮޓޯލައިގެން ގިނަ އަންހެން ކުދިންގެ ހިތްދަމައިގަނެވިދާނެއެވެ. އެހެންކަމުން އަހަރެންވެސް ގަސްތުކުރީ މިފަދަ ގޮތަކަށް އުފާ ހޯދާށެވެ. މިގޮތުން ރައްޓެހިންނާއި ވަގަށް ވަގު އައިޑީއެއް ހަދައި ރީތިހެން ހީވާ އަންހެން ކުދިން އެޑްކޮށްލީމެވެ. މާގިނަ އިރުތަކެއް ނުވެ އެކުދިން އަހަރެންނަށް އޯކޭއޭ ބުނެ ވާހަކަ ދައްކަން ފެށިއެވެ. އަދި އަހަރެންނަކީ މުއްސަނދި މީހެއްކަމަށާއި، ބިޓެއް ނުހުންނާނެކަމަށް ބުނެ އަހަރެންގެ ދަލުގައި ރީތި އަންހެން ކުދިން ޖައްސަމުން ދިޔައީމެވެ. އަދި އެކުދިންގެ ނަންބަރު ހޯދައި މިކަމަށް ވަކި ނަންބަރެއް ހާއްޞަކުރީމެވެ. އަދި ކުރިއެކޭ އެއްގޮތަށް ލިބޭ ގިނަ އޮފް ޑޭ ތަކަށް މާލެގޮސް އެކުދިންނާއެކު މަޖާކޮށް ސަކަރާތް ޖަހަމުން ދިޔައީމެވެ. އަހަރެން މިކަން މިގޮތަށް ކުރަމުންގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަންހެނުންނަށްވެސް ވަގަށެވެ. ނަމަވެސް މިކަމަށް ފާރަލާ ލޯތަކެއް ވާނެކަމެއް ކުރިއަކުން ނޭގުނެވެ. އަހަރެން ފޭސްބުކުން ބަރަހަނާ ނުވި ނަމަވެސް ގިނަ އަންހެން ކުދިން އަހަރެންނަށްޓަކައި ފޭސް ބުކުން ބަރަހަނާވެލައެވެ. މިއީކީ އަހަރެންނަށް އާކަމެއް ނޫނެވެ. އަދި ފޭސް ބުކުން އަބަދުވެސް ރީތި އަންހެން ކުދިން އެޑްކޮށް ވާހަކަ ދައްކާލުމަކީ މިއަދު އަހަރެންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވިއެވެ. އަދި ނުދަންނަ އެތަކެއް އަންހެން ކުދިންވެސް އަހަރެންނަށް ރިޕްލައި ކުރެއެވެ. އަހަރެންނަށް ކަމުދާ ފޮޓޯއެއް އިން ރީތި ކުއްޖެއްނަމަ އަވަހަށް އެޑްކޮށްލާ ވާހަކަ ދައްކާލަމެވެ.

ނަމަވެސް އެމީހުންނަށް އަހަރެންނަކީ ކާކުކަމެއް އަދި އަހަރެންގެ ނަމެއްވެސް ނޭގޭނެއެވެ. މުޅިންވެސް އަހަރެން އެމީހުންނަށް ދެމުން ދިޔައީ ނުބައި އެޑްރެހެކެވެ. ނުބައި ނަމެކެވެ. ފޯނުން ވާހަކަ ދައްކަން ވެއްޖެނަމަ ދައްކަނީ މިކަމަށް ހާއްޞަކޮށްގެން ދިރާގުން ނަގައިގެން ގެންގުޅޭ ނަންބަރަކުންނެވެ. ވަރަށް ގިނަ އަންހެން ކުދިން އެކިގޮތްގޮތުން އަހަރެންނަށް ސުވާލުކުރެއެވެ. މީހަކާ އިނދެގެންތޯއާއި ބިޓެއް ހުރޭތޯ އަހަމެވެ. އަހަރެން ޖަވާބުދެނީ ބިޓެއް ނުހުންނަ ކަމަށެވެ. އަދި ބައެއް ކުދިން އިންނަންވެސް އަހައެވެ. ރައްޓެހިވާންވެސް އަހައެވެ. މިއީކީ އަހަރެންނަށް މިއަދު އާކަމެއް ނޫނެވެ. އަހަރެންގެ ހިތުން އަހަރެންގެ އަނބިމީހާ ފޭސް ބުކަކަށް ނުވަންނާނެއެވެ. އޭނަ ފޭސް ބުކު ދެކެ ރުޅި އާދެއެވެ. ނަމަވެސް އަންހެނުންނަށް މިކަން ފަޅާއަރާނެކަމެއް އަދި އެކުގައި އުޅޭ ބަޔަކު ނުބުނާކަމެއްވެސް އޭރަކު ހުދު އަހަރެންނަކަށް ނޭގެއެވެ.
މިގޮތުން އެއްދުވަހަކު އަހަރެންނަށް ދުވަހަކުވެސް ފޭސްބުކުން ނުދެކޭފަދަ ރީތި އަންހެން ކުއްޖަކު ފޭސްބުކުން އަހަރެންނާއި ބައްދަލުވިއެވެ. އޭނާ އަހަރެން އެޑްކުރުމުން  އަހަރެންވެސް އޭނައަށް އޯކޭ ދިނުމުންނެވެ. ނަމަކަށް ކިޔަނީ އައިޝާ އެވެ. ދޮންދޮން ރީތި ކުއްޖެކެވެ. އަހަރެން ބަލާކަށް ނުހުރެ ހައި ޖަހާލީމެވެ. އަދި އޭނާގެ މަޢުލޫމާތު ސާފުކޮށްލީމެވެ. އަހަރެން އެފޮޓޯއަށް ވަރަށް ހިތް ކިއެވެ. އަދި އެއީ އޭނާގެ ފޮޓޯއޭ ބުނުމުން އަހަރެން އެކަން ޤަބޫލުކޮށް ވާހަކަ ދައްކަމުން ދިޔައީމެވެ. އެހެން އަންހެން ކުދިންނާ ހިލާފަށް މިކުއްޖާގެ ވާހަކަތައް ތަފާތެވެ. ވަރަށް ގިނަ ގޮތްގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އަދި އަހަރެން ގެ ބިޓެއް ހުރޭތޯ ސުވާލުކުރިއެވެ. އަހަރެން ބުނީމެވެ. ނުހުރެއެވެ. ރައްޓެހި ވެދާނަންތޯ އެހުމުން އާއެކޭ އަހަރެން ބުނީމެވެ. އަދި އިންނާނަމޭ ބުނެ  އަހަރެން ހިތުން އޭނާ ހިތް ރުއްސާލީމެވެ. މިގޮތުގައި ފޭސްބުކު އައިޝާ އާއި ވާހަކަ ދައްކަމުން ގެންދިޔައީމެވެ. އަދި ވަރަށް ގިނަ އަންހެން ކުދިންނާ ފޭސްބުކުން ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް ދުވަހަކުވެސް ތިޔަފަދަ ކުއްޖަކާ ދިމާނުވާކަމަށް އައިޝާ ގާތު ބުނަމުން ދިޔައީމެވެ.

އެއްރެއަކު އަހަރެން ފޭސްބުކަށް ވަތް އިރު އައިޝާ އަހަރެންގެ ވޯލްގައި ވަރަށް ލޯބިވާ މެސެޖެއް ލިޔެލާފައި އިނެވެ. އަދި އިންނަން ބޭނުންވާކަމަށާއި މާލެ އައިސް ބައްދަލުކުރުމަށް އެދުނެވެ. އަހަރެން ވަގުތުން އަހަރެންގެ ވަގު ނަންބަރު އައިޝާއަށް ދިނީމެވެ. އެވަގުތު އައިޝާ ސަމާސާ ރާގަކަށް ވާހަކަ ބަދަލުކޮށްލިއެވެ. އަހަރެންނަށް ދޮގު ނުހަދާ ތެދަށް ބުނެބަލާށެވެ. ބިޓެއް ހުރޭ ހެއްޔެވެ. އަހަރެން ޖަވާބުގައި ލިޔެލީމެވެ. ނުހުރެއެވެ. އައިޝާ އަނެއްކާވެސް ލިޔެލިއެވެ. އެހެންވިއްޔާ އަންބަކު ހުރޭ ހެއްޔެވެ. އަދި ހީލިއެވެ. އެވަގުތު އަހަރެން ހީލާފައި ބުނެލީމެވެ. އަހަރެންގެ އަންބަކު ނުހުންނާނެއެވެ. މިހެން އަހަރެން ލިޔެލުމާއެކު އައިޝާ އޮފް ވެއްޖެއެވެ. ވަގުތުން އައިޝާ އަހަރެންނަށް ދިން ނަންބަރަށް ގުޅީމެވެ. ވާހަކަ ދެއްކީ ބިދޭސީ އެކެވެ. އަހަރެންގެ މޫޑް އޮފް ވިއެވެ.

އިރުކޮޅެއް ނުވެ އަހަރެންގެ ރައްޓެއްސަކު އަހަރެންގެ ފޯނަށް ގުޅިއެވެ. އަދި ބުންޏެވެ. ކަލޭތީ ހާދަ ގޮތެއް ނެތް މީހެކެވެ. ލޯބިވީ އައިޝާ ދެކެ އެއް ނޫނެވެ. ކަލޭގެ އަންހެނުން މަލަކާ ދެކެއެވެ. އަދި ކަލޭގެ އަންބެއް ނުހުންނާނެކަން ކަލޭ ތިޔަ ލިޔެ ހާމަކުރީ ކަލޭގެ އަންހެނުންގެ ކުރިމަތީގައެވެ. އެއީ މިހާރު ކަލޭގެ އަންބެއްނޫނެވެ. އަދި ކަލޭގެ ކުރީގެ އަނބިމީހާ މިހާރުވީ ހޮސްޕިޓަލުގައި އެދުމަތި ކޮށްފައެވެ. އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. މިހެން ބުނުމާއެކު އަހަރެންނަށް ވީގޮތެއް ނޭގުނެވެ. ވަގުތުން ފޯނު ކަނޑާލެވުނެވެ. އަދި މިވާހަކަ ރިސޯޓްގައި އުޅޭ ރައްޓެހި ކުއްޖަކަށް ކިޔައިދިނީމެވެ. އަދި ވަގުތުން މާލެދާން ބޭނުންވިއެވެ. އެކުއްޖާ ބުންޏެވެ. ދެންވެސް ތިގޮތަށް އުޅުން ހުއްޓާލާށެވެ. ވާނުވާ ނޭގޭ މީހުންނާ ވާހަކަ ދެއްކުމުން ތިޔަކަލަ މަޅީގައި ޖެހި އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެގެން ދަނީ މަދެއްކޮށެއް ނޫނެވެ.  ދެންވެސް ކުރެވުނު ކުށަށް ތަޢުބާވެ، އަންހެނުންގެ ކައިރިން މަޢާފަށް އެދި ކޯޓަށް ދާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.