ހަޤީޤީ ވާހަކަ: އެ ހަނދާން ހިތަކުން ނުލިފިއެވެ.

އަހަރެންނަކީ ޢުމުރުން 25 އަހަރުގެ ފިރިހެނަކީމެވެ. އަހަރެންގެ އާއިލާގައި އަހަރެންނާއެކު ޖުމުލަ 5 ބެއިން ތިބެއެވެ. އަހަރެންގެ ދޮއްޓަށް 2 އަންހެންކުދިން ތިބޭއިރު އަހަރެންނަކީ އަހަރެންގެ މަންމައާއި ބައްޕަގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. މިއަދު އަހަރެންނަކީ މުޅި އާއިލާގެ ޒިންމާ އުފުލަން ހުރި މީހެވެ. މި ކިޔައިދެނީ އަހަރެންގެ މާޒީ އެވެ. އަހަރެންގެ ދިރިއުޅުމުގެ ޚާލަތެވެ.

އަހަރެންގެ ޢުމުރުން އެންމެ 5 އަހަރުގައި އަހަރެންގެ ބައްޕަ އަބަދުގެ އަބަދަށް މިދުނިޔެ އާއި އަލްވަދާއު ކިޔެއެވެ. ބައްޕަ ދުނިޔޭގައި ހުރި އިރު އަހަރެމެން ދެކެ އެ ބައްޕަ އިންތިހާއަށް ލޯބިވިއެވެ. އަހަރެމެންގެ އާއިލާ އޭރު އުޅުނީ ވަރަށްވެސް އުފަލުގައެވެ. މަންމައާއި ބައްޕަގެ ފުރިހަމަ ލޯބި ލިބިގެންނެވެ. އަހަރެން ތުއްތު އިރުއްސުރެ ބައްޕަ އުޅެނީ ބަލިވެއެވެ. ބައްޕައަކީ ހާޓް ޕޭސަންޓެކެވެ. ބައްޕަގެ ފަރުވާއަށް މަންމަ ބައްޕަ ގޮވައިގެން އިންޑިޔާއަށް ދިޔައެވެ. އިންޑިޔާގައި އެތަކެއް ދުވަހު ބައްޕަގެ ބޭސްފަރުވާއަށް މަސައްކަތްކުރި ނަމަވެސް މާގިނަ ދުވަހެއް ނުވެ ބައްޕަ ނިޔާވެއްޖެއެވެ. އޭރު އަހަރެމެންނަކީ އަދި ކުޑަކުދިން ކަމުން އަހަރެމެންގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުން ގެންދިޔައީ ލޯބިވާ މަންމައެވެ. 5 ކުދިންގެ ޚަރަދުތައް ބެލެހައްޓަމުން އެހެނިހެން ހަރަދުތައް ކުރަމުން ގެންދިޔައީ ނުހަނު ލޯތްބާއެކުގައެވެ. މަންމައަށް ލިބޭ އެއްޗަކުން ފުއްދާލައިގެންނެވެ. އަހަރެމެންގެ އުފަން ފަސްގަނޑަކީ މާލެ ނަމަވެސް މާލޭގައި އުޅެމުން ދިޔައީ ހިތްދަތި ދިރިއުޅުމެކެވެ. އެއް ފަހަރު ކެއިއްޔާ އަނެއްފަހަރު ތިބެނީ ނުކައެވެ. މިފަދަ ހާލަތެއްގައި އަހަރެމެން އަހަރުތައް ވޭތުކުރަމުން ދިޔަ ނަމަވެސް ދަރިއަކު ގޯސް މަގަކުން ދިއުމަކީ އެކަށީގެންވާ ކަމެއްކަން އަބަދުވެސް އެ މަންމަގެ ހަނދާނުގައި ހުރެއެވެ.

މަންމަ ދަރިންދެކެ ކިތަންމެ ލޯބިވިޔަސް ދަރިން އެކަމާ ނުވިސްނާނަމަ މަގު އޮޅިދާނެއެވެ. އަހަރެންގެ ދޮންތައަށްވެސް ވީ އެހެންނެވެ. މާލެތެރޭގައި އުޅޭ ޕާޓޭންނާއި ޖެހި މަސްތުގެ އަވައިގައި ޖެހުނީއެވެ. ދޮންތަގެ ހާލަތު މިގޮތަށް ހުރުމުން މަންމަ އިންތިހާއަށް ކަންބޮޑުވިއެވެ. އެކަމާ ވިސްނައި ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރެއިން އެ މަންމަގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހެއެވެ. އެކަމާ އަހަރެން ދެރަވެއެވެ.

ހިތްދަތިކަމުގައި ދުވަސްތައް ގުނަމުންގޮސް ދޮންތަގެ އުމުރުން 18 އަހަރު ފުރުނު ތަނާ ދޮންތަ މީހަކާ ކައިވެނިކޮށްފިއެވެ.  ދޮންތަ އިނީވެސް ދޮންތަ ކަހަލަ މީހަކާއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކާއެވެ. ލިބުނު ދަރިފުޅުގެ ހާލަތަކީވެސް ހަމަ އެވެ. ދޮންތަގެ އެ މަޢުޞޫމް ދަރިފުޅުގެ ޅަފަތުގައި އެދެމީހުން ވަރިވިއެވެ.  އޭގެ ފަހުންވެސް ދޮންތަ އުޅެމުންދިޔައީ އެގޮތުގައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ގެއަށްވެސް ވައްދަނީއެވެ. މިހެން ވުމުން ދޮންތަގެ ދަރިފުޅު ބޮޑުވެގެން އައީވެސް އެފަދަ ބައެއްގެ ތެރޭގައެވެ.  އެ ދަރިފުޅު ބޮޑުވި ވަރަކަށް  އެފަދަ މީހުންނާއި ގުޅި ދަންވަރުގެ ވަގުތުތައް ގެއިން ބޭރުގައި ހޭދަކުރަމުންދިޔައެވެ.

 އޭގެ އެތައް އަހަރެއްގެ ފަހެވެ. މިހާރު އަހަރެންގެ އުމުރަކީވެސް 25 އަހަރެވެ. ޒަމާން ބަދަލުވީއެވެ. މަންމަގެ އާދޭހާއި މަންމަގެ އެދުމުގެ މަތިން ދޮންތަގެ ދިރިއުޅުން މިއަދު ބަދަލު ވެއްޖެއެވެ. ރަނގަޅު މީހަކާ އިނދެ ރަނގަޅު ހަޔާތެއް ފަށައިފިއެވެ. ނަމަވެސް އެ ދޮންތަގެ ދަރިފުޅުގެ ހަޔާތް އަދިވެސް ބަނައެވެ. އެ ދަރިފުޅު އުޅެނީ އަހަރެމެން ގޭގައެވެ.

އަހަރެމެން ދިރިއުޅެނީ އާދައިގެ ދިރިއުޅުމެއް ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ އެންމެ ކުއްޖެއްގެ ސަބަބުން އަހަރެމެންގެ މުޅި އާއިލާއަށް ލިބިފައި މިވަނީ މިއަދު ހިތް ދަތިކަމެވެ. މަންމަގެ ލޮލުން ފައިބަމުންދާ ކަރުނަތައް އަހަރެންނަށް އަބަދުމެ ފެނެއެވެ. ކުރާ އާދޭސްތައް ގިނައެވެ. މަންމަ ކުރަމުންދާ އާދޭހަކީ އެފަދަ ވިޔާނުދާ ކަންކަމުން ކޮއްކޮމެން ދުރުހެލިކޮށްދިނުމެވެ. އަހަރެން މިކަންތައްތައް ރަނގަޅު ކުރުމަށް ކޮއްކޮމެންނަށް ނަސޭހަތް ދެމެވެ. މަންމަ ދެރަވާގޮތަށް ކަންކަން ނުކުރުމަށް އަބަދުވެސް ނަސޭހަތްތެރިވަމެވެ. މަންމަ މިހާރު އެންމެ ދެރަވާ އެއްކަމަކީ މަންމަގެ ދަރިން ވަޒީފާއަކަށް ނުގޮސް އަބަދު ގޭގައި ތިބުމެވެ. ކޮންމެ ދުވަހަކުހެން އެ މަންމަ ނަސޭހަތްތެރިވަމުން ދަނީ ދިރިއުޅުން ހެޔޮގޮތުގައި ހިފުމަށެވެ. ރޭގަނޑުގެ ވަގުތުތައް ބޭކާރުގޮތުގައި ހޭދަނުކޮށް އަވަހަށް ނިދުމަށެވެ. އަދި ދުވާލުގެ ގިނަ ވަގުތުތަކުގައި މަސައްކަތުގައި އުޅުމަށެވެ. މަންމަ ދެމުންދާ ނަސޭހަތް އަހަރެމެން އަބަދުވެސް ޤަބޫލުކުރަމެވެ. އަހަރެންނަށް ރަނގަޅު ވަޒީފާތައް ލިބެއެވެ. ނަމަވެސް އަހަރެންގެ ކަންނެތް ކަމާއިހެދި ރަނގަޅު ވަޒީފާއަކަށްގޮސް މާގިނަ ދުވަހަކު ނޫޅެވެއެވެ. ވަޒީފާއަށް ފަރުވާކުޑަ ކުރެވެނީއެވެ. އެހެންނަމަވެސް މިއަދު އަހަރެންގެ އުންމީދެއް އެބަ އޮތެވެ. އެއީ ބައްޕަ ދުނިޔޭގައި ހުރި އިރު ދިން ނަސޭހަތެވެ. ރަނގަޅު ދިރިއުޅުމެއް ލިބޭނީ މުރާލި މީހަކަށެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވޭނީވެސް މުރާލި ވެގެންނެވެ. އަހަރެން މިއަދު މިހުރީ އެ ބައްޕަ ދިން ނަސޭހަތް ޤަބޫލުކޮށްގެން އެ އަޒުމުގައެވެ. އެ ބައްޕަގެ ހަނދާނުގައެވެ. އެ ހަނދާން މިއަދު ހިތަކުން ނުފިލައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.