ކެންދޫ އަންހެނުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދައިދިނުމަށް ރައީސަށް ދަންނަވައިފި

ބ. ކެންދޫ އަންހެނުން ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެގޮތްތަކެއް ހަމަޖައްސައިދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައި އެވެ.

ކެންދޫގެ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް ވިދާޅުވީ އެރަށުގެ އަންހެނުންނަކީ ފަންވިދެގެން ރަނގަޅު އާމްދަނީއެއް ހޯދާ ބައެއް ކަމަށާއި ނަމަވެސް އެރަށާ ކައިރީގައި ހުރި ރަށްތައް ރިސޯޓް ހަދަން ނެގީމަ ފަންވިނުމަށް ހުރަސްއެޅޭ ކަމަށެވެ.

“އެހެންވެ އަޅުގަނޑުމެން އެދުނީ އޭގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކޮށްގެން އާމްދާނީ ހޯދޭނެ ގޮތްތައް އަންހެނުންނަށް ހޯދައިދިނުމަށް،” ސަލީމް ވިދާޅުވިއެވެ.

ކެންދޫ ކައުނސިލާއެކު ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ކެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސާ ހިއްސާކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުން ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުވެފައި ނެތުން ކަމަށެވެ. އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ކައުންސިލުން ވަނީ ރައީސްއާ ވަނީ ހިއްސާ ކުރައްވާފައެވެ.

އޭގެ އިތުރުން ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސްއާ ވަނީ ހިއްސާކޮށްފައެވެ.

އަދި ޒުވާނުންނަށް ހާއްސަކޮށް، ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްގީ ކޮށްދިނުމަށްވެސް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޟީތަލަ ހަންނާން

    ކެންދޫ ދާއިރާގަ އޮންނަނީ ހަމަ އެކަނި ކެންދޫ ކަމައް ތިޔަ ހީކުރެވެނީ އޮޅުމަކުން، ހަމަ އެކަނި ކެންދޫ މީހުންގެ ވޯޓަކުންވެސްނޫން އަލީ ތިހުރީ އިންތިހާބުވެފެ، ސެލްފިޝް ނުވޭ، ދާއިރާގެ އެހެން ރައްތައްވެސް ހުރިކަން ހަނދާން ކޮއްބަލަ، ނަޒާހާތްތެރިޔާ މިފަހަރު ތިހުރީ ނަޒާހާތުން ބޭރުވެފަ، އަމިއްލަ އެދުމާއިގެން ފޯވެ ތަތްތެޅިފަ، ދާއިރާގެ ވަކިރަށެއްގެ ބައެއްގެ ވާހަކަ ރައީސް ކައިރި ކިޔާފަ އެވެސް. އުފަން ރަށައްވީތީ، ކޮބާތަ ފާއިތުވީ 5 އަހަރު ދާއިރާއައް ކޮއްދެވުނު 1 ކަމެއް، ނެތެއްނު ހަމައެކަނި މަޖިލީހުގެ ގޮޑި ހޫނުކޮއްފަ ނަޒާހާތްތެރި ބަޓަނައް ފިއްތާލަންއިނީ، ތިދެން ބޮޑުވަރު،

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.