ފުރަތަމަ މެޗުން ބޮޑު ތަފާތަކުން އޭދަފުށީ ބަށި ޓީމު މޮޅުވެއްޖެ

އޭދަފުށީ ބަށި ޓީމު
އޭދަފުށީ ބަށި ޓީމު

މިހާރު ކުރިއަށްދާ އެސްޓީއޯ ބަށި މުބާރާތުގައި  އޭދަފުށީ އަންހެނުންގެ ރޫހު ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން މޮޅު ވެއްޖެ އެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ގްރޫޕް ޑީގެ ހޯނޑެއްދޫ ޗެލެންޖް އާއި ވާދަކޮށް އޭދަފުށީ އަންހެނުންގެ ރޫހު މެޗު ކާމިޔާބުކުރީ 10 ލަނޑުގެ ތަފާތުންނެވެ. އެގޮތުން އެ މެޗުގައި އޭދަފުށި 28 ލަނޑު 11 ފޯލި ހެދިއިރު ހޯނޑެއްދޫއަށް ހެދުނީ 18 ލަނޑެވެ.

މިއަދުގެ ދެވަނަ މެޗުގައި ގްރޫޕް އޭ ގެ ގަދަމޫ އާއި ވާދަކޮށް ނިއުސްޓާ ވެސް މެޗު ކާމިޔާބު ކުރީ 10 ލަނޑުގެ ތަފާތުންނެވެ. އެގޮތުން ނިއުސްޓާ އިން 30 ލަނޑު ފަސް ފޯލި ހަދާފައިވާއިރު ގަދަމޫއަށް ހެދުނީ 20 ލަނޑު އަށް ފޯއްޔެވެ.

މުބާރާތް ހުޅުވި މެޗުގައި ގުލްޒާރު އަތުން ނިއުސްޓާ ބަލިވީ ދެ ލަނޑުގެ ތަފާތުން ނެވެ. އަދި މިއަދުގެ މެޗު ކާމިޔާބު ކުރުމުން ނިއުސްޓާ މިހާރު އޮތީ ދެ މެޗު ކުޅެގެން ޖުމުލަ 3 ޕޮއިންޓް 55 ލަނޑު 6 ފޯލި ހޯދައިގެން ގްރޫޕްގެ އެއްވަނައިގަ އެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގައި، މިއަދު ހަވީރު ދެ މެޗު އަދި ރޭގަނޑު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަ ޖެހިފަ އެވެ.

މި މުބާރާތުގައި އޭދަފުށީ ޓީމު ކުޅޭ ދެވަނަ މެޗު އޮންނާނީ މާދަމާ ހެނދުނު އެވެ. އެ މެޗުގައި އޭދަފުށީ ޓީމު ނުކުންނާނީ މުޑި ޖަމިއްޔާ އާ ދެކޮޅަށެވެ.

މި އަހަރުގެ ބަށި މުބާރާތުގައި މާލެއިން 10 ޓީމު އަދި އަތޮޅުތަކުން ނުވަ ޓީމު ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނިއުސްޓާ ސްޕޯޓްސް ކްލަބާއި ގުލްޒާރާއި ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ސްޓާ އާއި ގަދަމޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލޭ ވިމެންސް ސްޕޯޓްސް އާއި ކާމިނީ ސްޕޯޓްސް އާއި ހުޅުމާލޭ ވިމެންސް ސްޕޯޓްސް މާރަނި އާއި ހުވަނދުމާ އަދި ހެންވޭރު ނޫމާ އެވެ. ގްރޫޕް ސީގައި ހިމެނެނީ ގޮއިދޫ ޔޫތު ސޮސައިޓީ އާއި ހަވަރު ސްޕޯޓްސް އާއި ބަނޑިދޫ ބަށި ޓީމާއި މައްޗަންގޮޅީ ވިދުވަރާއި މައްޗަންގޮޅީ އަރާތަރި އެވެ. ގްރޫޕް ޑީގައި ހިމެނެނީ މުޑި ޖަމިއްޔާ ބަށި ޓީމާއި ހެންވޭރު ތަރި އާއި އޭދަފުށީ އަންހެނުންގެ ރޫހާ އަދި ހޯނޑެއްދޫ ޗެލެންޖެވެ.

މުބާރާތުގެ ކޮންމެ ގްރޫޕަކުން ކުއާޓާ ފައިނަލަށް ހޮވޭނީ ދެ ޓީމެވެ. އޮގަސްޓް 8-17 އަށް ހެންވޭރު ބޯޅަ ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 50،000ރ. ހުށަހަޅާފައިވެ އެވެ. އަދި ތިން ވަނަ ޓީމަށް 25،000ރ. އަދި ފެއާޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ބަށި ރާނީ އަށް މޯލްޑިވިއަން އިން ވަނީ ޗެންނާއީ ދެކޮޅު ޓިކެޓް ހުށަހަޅައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.