ގާތުގައި އެހެނަސް ދުރުގައި …

ލިޔުނީ : މަރްޔަމް ޙުސައިން  ހދ.ކުޅުދުއްފުށި

ލޯބިވާމީހާ ކައިރީ އުޅުމަކީ ނަސީބެކޭ ބުނާތީ އަހަމެވެ. ލޯބިވާމީހާޔާ އެކު ގިނަވަގުތު ހޭދަކުރުމަކީވެސް ނަސީބެކޭ ބުނާތީ އަހަމެވެ. އެހެނަސް އަހަންނަށް އެއީ ބަދު ނަސީބެކެވެ. އަނިޔާއެކެވެ.

ސުދާ އާއި އަހަންނަކީ ކުޑަދުވަހުންފަށައިގެންވެސް ދެރަޙުމަތްތެރިންނެވެ.  ސްކޫލްދައުރު ނިންމާލީވެސް އެކުއެކީގައެވެ. ކަންދިމާކުރިގޮތުން ދެމީހުންނަށް ވަޒީފާވެސް ލިބުނީ އެއްއޮފީހަކުންނެވެ. އަނެއްކޮޅުން ދެމީހުން ގެވެސްހުންނަނީ އެހާ ކައިރީގައެވެ. ހުރިހާ ގޮތަކުންވެސް ކައިރިއެވެ. އުޅުނީ ވަރަށް އެކީގައެވެ.

ކިތަންމެ އެކީ އުޅުނަސް ލޯބިވާ ވާހަކަ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. ސުދާ ހީކުރާނެ ގޮތެއް ނޭގޭތީއެވެ. ދެމެދުގައި އޮތް އެކުވެރިކަން ގެއްލިދާނެތީއެވެ. އަހަރެން ހީކުރީ އަހަރެން ނުބުންޏަސް ސުދާއަށް އެކަން އެނގޭނެ ކަމަށެވެ. އަހަރެން އޭނާޔާމެދު ބަހައްޓާ ގާތްކަމަށް އެކުވެރިކަން ނޫން ނަމެއް ލިބިދާނެކަމަށެވެ.

އަހަރެން އުޅޭ އުޅުމުން އަހަރެން ސުދާދެކެ ލޯބިވާކަން އެންމެ ފުރަތަމަ ފާހަގަވީ އަހަރެންގެ މަންމައަށެވެ. އަހަރެން ފާޅުގައި ދެކޮޅު ހެދީމެވެ. އަހަރެންގެ ހިތް އޮތްގޮތް ބުނަންނުކެރެނީއެވެ. ބޭޒާރުވެދާނެތީއެވެ. މަންމަގެ ފަރާތުން ސުދާއަށް އެނގިދާނެތީއެވެ. ސުދާ ފިޔަވައި އަހަރެންގެ އެންމެގާތް މީހަކަށް ހުރީވެސް ހަމަ މަންމައެވެ. ދެން ހުރީ އަހަރެންގެ ބޭބެއެވެ. ބޭބެ އާއި އަހަރެން އުޑާ ބިމާހާވެސް މިޒާޖުގެ ގޮތުން ތަފާތެވެ. އަހަންނަކީ ރުޅިމަޑު ބަސްމަދު މީހެކެވެ. ކަންތައްތަކާއި ކުރިމަތިލާން ފަސްޖެހޭ ފިނޑިއެކެވެ. އަމިއްލަ އުފާތަކަށްވުރެން މީހުންގެ އުފަލަށް އިސްކަންދޭ މީހަކީމެވެ. އެހެނަސް ބޭބެ ދިމާއިދިކޮޅެވެ. ބޭބެއަކީ ރުޅިގަދަމީހެކެވެ. ބުނަން ބޭނުން ކޮންމެ އެއްޗެއް ބުނެލާ މީހެކެވެ. ފަހުން ނިކުމެދާނޭ ނަތީޖާއަކަށް ބޭބެ ނުވިސްނާނެއެވެ. އަބަދުވެސް އިސްކަންދޭނީ ބޭބެގެ އަމިއްލަ އުފަލަށެވެ. މިހެން ކަންތައް ހުރުމުން ބޭބެ ކައިރީވެސް ސުދާގެ ވާޙަކަ ދެއްކޭކަށްނެތެވެ. ސުދާ ދެކެ ލޯބިވާ ވާހަކަ ބޭބެއަށް އަންގާކަށްވެސް ނުކެރުނެވެ.

އަހަންނާއި ސުދާ ތިބީ އޮފީހުގައެވެ. ކޮންމެދުވަހަކުވެސް ހުންނަނީ ސުދާ އާއި އެސުވާލުކުރަން ހިތު އަޅައިގެންނެވެ. އެއްދުވަހަކު ވަރަށް ހިތްވަރުކޮށްފައި ސުދާ ކައިރީ އަހަރެން އެހީމެވެ.

 ” ސުދާއަށް ކަމުދަނީ ކޮންކަހަލަ ސިފައެއް ހުންނަ ކުއްޖެއް؟ ” އަހަރެންގެ ސުވާލު އިވިފައި ސުދާ ވަރަށް ފަރުވާތެރިކަމާއި އެކު އަހަރެންގެ މޫނަށް ބަލާލިއެވެ. ސުދާ ދޭނެ ޖަވާބެއް ނޭގިފައި އަހަރެން އިންދާ އޭނާ އަހަރެން ނޭފަތުގައި ސުދާ ހިފާލިއެވެ. ” ތި ސިފަ ހުންނަ ކުދިން……” އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އަހަންނަށް އެއްޗެއް ބުނެވެންވާއިރަށް ސުދާ ތެދުވެގެން ހިނގައިގަތެވެ. ސައިކޮޓަރިއަށް ދިޔަ އެހެން ކުދިން އައިސް ވަނުމުން އަހަރެންނަކަށްވެސް ސުދާ ފަހަތުން ދާކަށް ނުކެރުނެވެ. ލިބުނީ ހިތްއެދޭކަހަލަ ޖަވާބެކެވެ.

އެރޭ ނިދަން އުޅިއުޅި ނިދޭ ގޮތެއް ނުވިއެވެ. އަހަރެން ބޭނުންވީ އެރޭގެ ބާކީބައި ސުދާގެ ހިޔާލުގައި ހޭދަކުރާށެވެ. އެހެން އޮއްވާ އަހަންނަށް ލިބުނީ ސުދާގެ ފޯނު ކޯލެކެވެ. ދަންވަރު އެގަޑީގައި ސުދާގެ ކޯލެއް ލިބުމުން އަހަރެންގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ޔަގީނެވެ. ސުދާވެސް އެއުޅެނީ ނުނިގެންނެވެ. އަހަރެންގެ ހިތުގައި މިހިނގާ ޝުއޫރުތައް ސުދާގެ ހިތުގައިވެސް ހިނގާ ކަމާއިމެދު ޝައްކުކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

” ނުނިދަންތަ ؟ ” ސުދާ އެހިއެވެ.

” ހޫމް ….ނިދި ނައިސްގެން…..” އަހަރެން ހާމަ ކުރީ ހަގީގަތެވެ.

” އަހަރެންވެސް…….” ސުދާ ބުނެލިއެވެ. އަހަރެންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

” ކީއްވެ ؟ ” އެސުވާލު ކުރެވުނީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ.

” ނިޔާ…..ނިޔާ…..” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ސުދާ އަހަންނަށް ގޮވާލިއެވެ.

” ހޫމް އަހަރެން މިއޮތީ އަޑު އަހާށޭ…..” ބާލީހުގައި ވަރަށް ބާރަށް ބައްދާލީމެވެ.

” ކިހިނެތްތަ ވަނީ މީހަކުދެކެ ލޯބިވީމަ………. އަހަންނަށް ކިޔާދީބަލަ………” ސުދާ އަޑުގައި ހުރި ލަދުރަކިކަން އަހަރެންނަށް ސިއްރެއްނުވިއެވެ. ސުދާގެ އެސުވާލުން އަހަންނަށް އުއްމީދު އާލާވާގޮތްވިއެވެ.

” ލޯބިވީމަ ލޯބިވާ މީހާ ކައިރީ ހުންނަން އަބަދުވެސް ބޭނުންވާނެ……ވާހަކަދައްކާ ހިތްވާނެ……ފެނުމުން ހިތަށް ބުނެދޭން ނޭގޭ އުފާވެރިކަމެއް ލިބޭނެ………..އަޑުއިވުމުން ހިތަށް ފިނިކަން ލިބޭނެ…….ހިނދުކޮޅަކަށްވެސް ދުރުގައި ހުންނާކަށް ހިތެއް ނޭދޭނެ…………އެއީ ވަރަށް ބާރުގަދަ ޖަޒްބާތެއް ބުނެދޭން ނޭގޭ އެތަށް އެތަށް އިހްސާސެއް ކުރުވާނެ………” ދެލޯ މަރައިގެން އޮވެ އަހަރެން  އިއްވާލަދިނީ އަހަރެން ހިތުގެ ހާލެވެ.

” ނިޔާ….ނިޔާ……. ދެން ހުއްޓާލާ ނިޔާއަށް ތިހިރީ ރަނގަޅަށްވެސް މީހެއްދެކެ ލޯބިވެވިފައި………..” ސުދާ އަހަންނާ ދިމާކޮށްލުމުން އަހަންނަށް ހަމަ ބިމަށް ފޭބުނުކަހަލައެވެ. ލޯބީގެ އޮއެވަރުގައި ޖެހި އަމިއްލަ ހިތް ސުދާގެ ކުރިމަތީ ހުޅުވާނުލެވުނީ ހަމަ ކިރިޔާއެވެ.

” ސުދާ ނުވަންތަ ؟ މީހަކު ދެކެ ލޯތްބެއް؟ ” އެންމެ ފަހުން އެސުވާލުވެސް ކޮށްނުލާ އަހަންނަކަށް ނޯވެވުނެވެ.

” ތިއެއް ނޭގިގެން މިއުޅެނީ ނިޔާ ތިބުނި ކަހަލަ ގޮތް ތަކެއް އަހަންނަށްވެސް ވޭ…..” ސުދާ އެހެންބުނުމުން އަހަންނަށް އަތް ލެވުނީ މޭގައެވެ. ހިތްވެސް އުފަލުން ނިކުމެދާނެ ކަހަލަ އިހްސާސެއް އަހަންނަށް ކުރެވުނެވެ. އެފޯނު ކޯލަށްފަހު އަހަރެން އިންތިޒާރުކުރީ ސުދާގެ ފަރާތުން އިޝާރާތެއް ލިބޭތޯއެވެ.

އެހެން ހުއްޓާ ސުދާ ކުރިއަށްވުރެން ގެއަށް އަންނަލެއް ގިނަވިއެވެ. އެއަންނަ އައުމުގައި ސުދާ ވަރަށް ގިނަ ކަންތައް ކޮށްދެއެވެ.  ގޭތެރެކުނި ކަހައިދީ އަހަންނާއި ބޭބެގެ އެއްޗެހި އިސްތިރިކޮށްދެއެވެ. މަންމަޔާ އެކު ހަވީރުސައިގައި ސުދާ ބައިވެރިވާނެއެވެ. މަންމަވެސް ސުދާއަށް މީރު އެއްޗެހި ހަދާކަން ފާހަގަވާންފެށީ އެހެން ގިނަދުވަސްތައް ތަކުރާރުވާންފެށުމުންނެވެ. މަންމަޔާ ސުދާ އާއި މެދު އޮންނަ ގުޅުން ކުރިއަށްވުރެންވެސް ބަދަހިވިއެވެ. ދެމީހުން ވާހަކާގައި ތިބެފައި އަހަރެން ފެނުމުން ހުއްޓާލައެވެ. ސުދާ އަހަންނަށް ބަލާލާފައި ރަކިވެގެން ހޭންފަށައެވެ. މިހުރިހާ ކަމަކުންވެސް އަހަންނަށް  ސުދާއަށް ދެވޭ މަގާމާއި ދަރަޖަވީ އިތުރެވެ.

އެއްދުވަހަކު އޮފީހުން އައިތަނުން ލިބުނު ޙަބަރުން އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ބޭބެގެ ދުލުން ސުދާ އާ ކައިވެނިކުރަން އުޅޭ ވާޙަކަ އިވިފައި އަހަރެން ދެކެމުން އައި އުފާވެރި ދުނިޔެ ފުނޑުފުނޑުވިއެވެ. އުއްމީދުތައް ވިއްސިވިހާލިއެވެ. ސުދާ ލޯބިވީ އަހަރެން ދެކެ އެއްނޫނެވެ. އަހަރެންގެ ބޭބެ ދެކެއެވެ. ގަބޫލުކުރަން ބޭނުން ނޫނަސް މިހަގީގަތާއި އަހަރެން ޖެހޭނީ ކުރިމަތިލާށެވެ.

ބޭބެގެ ކައިވެނީގެ ޙަފުލާ ކުރިއަށްދިޔައިރު އަހަރެން ހުރީ ދުރުގައެވެ. އެމަންޒަރު ދެކެން އަހަންނަށް ކެތްވާނީ ކޮންފަދަޔަކުން ހެއްޔެވެ؟ އެންމެ ލޯބިވާ ސުދާ ބޭބެގެ އަންހެނުންގެ ގޮތުގައި ބަލައިގަންނާނީ ކިހިނަކުން ހެއްޔެވެ.؟ ކައިވެނި ހަފްލާގައި ގޭދޮށު މީހަކު އަހަރެންނާ ދިމާއަށް ބުނެލިއެވެ. ” އަހަރެން ހީކުރީ ނިޔާޒުކަމަށް ސުދާޔާ އިންނާނީ…………ނިޔާޒު ވިއްޔާ ސުދާ އެކީ ކުޑަކުޑަ އިރުންފެށިގެން އުޅޭތީ ފެންނަނީ…………” އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.

ކައިވެންޏަށްފަހު ސުދާ ދިރިއުޅުން އަހަރެމެން ގެއަށް ބަދަލުވިއެވެ. އެކަމުން އަހަންނަށް ވަރަށް އުނދަގުވިއެވެ. އެހެނަސް ކެތްކުރުން ނޫން ގޮތެއްނެތެވެ. ބޭބެގެ އަންހެނުންނަށް ވީ ހިސާބުން އަހަރެމެން ދެމެދު އޮތް އެކުވެރިކަން ހީނަރުވިއެވެ. ސުދާ އަހަންނާ ވާހަކަދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެން ބުނަނީ ކޮންމެހެން ބުނަންޖެހޭ އެއްޗެކެވެ. ގޭގައިވެސް ގިނަ ވަގުތު އަހަރެން ހޭދަކުރަނީ ކޮޓަރީގައެވެ. ނޫނީ ގެއިން ބޭރުގައެވެ. އަހަންނަށް މިއާ ބަދަލާއި ބެހޭގޮތުން އެއްދުވަހަކު ސުދާ އަހަންނާ ސުވާލުކުރިއެވެ.

” ނިޔާ މިހާރު ހާދަ ބޮޑަކަށް ބަދަލުވެއްޖޭ…………”

” ތީ ސުދާއަށް ހީވާގޮތް…………އެހެން ނޫނަސް ކުރިއާ މިހާރާ ހުރިހާ ކަމެއްވެސް ތަފާތެއްނު……..” އަހަރެން އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލެއްޕީމެވެ. އިތުރަށް ސުދާ އާ ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަރެން ސުދާ އާއި ވަރަށް ދުރުން އުޅެނިކޮށް ބޭބެ މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުކުރިއެވެ. ބޮޑު ޙުކުމެއް ބޭބެ ތަންފީޒްކުރަން ޖެހުނެވެ. އޭރު ސުދާ ބަނޑުބޮޑެވެ. ސުދާ ގޭމީހުން އެދުނީ ފިރިމީހާ ކައިރިން ވަރިވެގެން ސުދާ އެމީހުންގެ ކައިރިއަށް އައުމަށެވެ. އެހެނަސް ސުދާ ހުރީ ބޭބެ ކައިރިން ވަރިވާ ގޮތަކަށް ނޫނެވެ. އަހަންނަށް ފެނުނީ ސުދާ ބޭބެ ދެކެ ލޯބިވާވަރެވެ. ބަނޑުގައިވާ ދަރިފުޅުގެ ހައްޤުގައިވެސް އެކީ އުޅެން ބޭނުންވާ ވަރެވެ.

މިއަދު އަހަރެންގެ ސައިކަލު ފަހަތަށް ސުދާ އަރުވައިގެން އޮފީހުން އައިސް ގޮސް މިހަދިނީ މަޖްބޫރުވެގެންނެވެ. ބޭބެ އާއި މަންމައަށްޓަކާއެވެ. ސުދާ ދެކެ ލޯބިވިޔަސް އެލޯބި އަހަރެންނަށް ހަރާމެވެ. ސުދާ އާއި ކުރިމަތި ނުލައިވެސް އަހަންނަށް ވާކަށް ނެތެވެ.

 ކުޑަދުވަހުން ފެށިގެން ސުދާ އުޅުނީ އަހަރެންނާ އެކުއެވެ. އެކަމަކު ލޯބިވީ އަހަރެންގެ ބޭބެ ދެކެއެވެ. އަހަރެމެން ދެމީހުންގެ ސިފަ ވަރަށް ވައްތަރެވެ. ސުދާ ކައިރީ އަހަރެން އެހީ ސުދާއަށް ކަމުދަނީ ކޮން ސިފައެއް ހުންނަ މީހެއް ހެއްޔެވެ؟ ޖަވާބުގައި ސުދާ ބުނީ  އަހަރެންގެ ސިފަ ކަމުގައެވެ. އެބުނީ މުޅިއަކުން ދޮގެއް ނޫނެވެ. އަހަރެންނާއި އަހަރެންގެ ބޭބެ ސިފަ ވަރަށް އެއްގޮތެވެ. އެކަމަކު މިޒާޖާއި އުޅުން އުޑާ ބިމާހާވެސް ތަފާތެވެ. ކިތަންމެ ކައިރީގައި ކިތަންމެ އެކުވެރިކޮން އުޅުނަސް ހިތް އޮތް ގޮތެއް ނޭގޭނެއެވެ. އަހަރެން އެންމެ ލޯބިވި މީހާ އެއުޅެނީ އަހަރެން ކުރިމަތީގައެވެ. ވަރަށް ކައިރީގައެވެ.

                              ނިމުނީ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.