ރުކުން ވެއްޓުނު ދޮންފަނެކެވެ.

ބ. ދޮންފަނު އަތިރިމަތީގައި ދެ ކުއްކަޖު މަޑުކޮށްލައިގެން

ދޯނިން ފޭބުމާއެކު އަޅުގަނޑުގެ ނަޒަރު ގޮސް ހުއްޓުނީ ރަށުގެ ބަނދަރާއި ދިމާލުގައި ހުރި ރުކަކަށެވެ. ކުއްލިއަކަށް ރުކުން އަޑެއް ކިޔާލިއެވެ. އެވަގުތު އަޅުގަނޑު އެ ރުކާ ތަންކޮޅެއް ދުރަށް ދުއްވައި ގަތީމެވެ. ކުޑައިރުކޮޅެއް ނުވެ ރުކުން އެވެއްޓުނީ ދޮންވެފައި އިން ފަނެކެވެ. އަޅުގަނޑު އެ ފަނަށް ނަޒަރު ހިންގާލީމެވެ. އަދި އަޅުގަނޑާއެކު ދޯނިން މިރަށަށް އައި މީހާގެ ކައިރީ މީ ކޮންރަށެއްތޯ ސުވާލުކޮށްލީމެވެ. އޭރު އަޅުގަނޑަކަށް މިއީ ކޮންރަށެއްކަމެއް ނޭގެއެވެ. ދުވަހަކުވެސް ނާންނަ ހިސާބެކެވެ. ހަމަ އަހާލުމާއެކު ޖަވާބުގައި ރަހްމަތްތެރިޔާ ބުންޏެވެ. މީ ދޮންފަނެވެ. އޭރު އަޅުގަނޑުގެ ކުރިމަތީގައި ހަމަ ދެންމެ ރުކުން ވެއްޓުނު ފަނެއް އޮތެވެ. އަޅުގަނޑު ހީކުރީ މިފަން ފެނުމުން ރަހްމަތްތެރިޔާ ބުނެލި އެއްޗެއް ކަމަށެވެ. އަދި ސަމާސާ ނުކުރާށޭ ދެން މިރަށަށް ކިޔާނަން ބުނަން ވީ ނޫންހޭ އަޅުގަނޑު ބުނީމެވެ.  މިހެން ބުނުމާއެކު ރަހްމަތްތެރިޔާ ހީލާފައި ބުންޏެވެ. މީ ސަމާސާއެއް ނޫނެވެ. މިރަށަށް ކިޔަނީ ދޮންފަނެވެ. މިހެން ބުނުމާއެކު އަޅުގަނޑު ލަދުގަތެވެ. އަޅުގަނޑަށް އެވަރުވެސް ނޭގުނީތީއެވެ.

ހައިރާންކަމާއެކު އެފަނުގެ ފަންވަތްތަކަށް ބަލަހައްޓައިގެން އަޅުގަނޑު ހުރީމެވެ. ފަނުގެ ފަންވަތްތައް ދިގުވެފައި އެހާމެ ހިތްގައިމެވެ. ބަލާލަން ރީތި ކުލައެކެވެ. ވަގުތު ރަހްމަތްތެރިޔާ ބުންޏެވެ. ދެން ތިކަމާ ނުވިސްނާށެވެ. ތިޔަ ދޮންފަނުންވެސް އިބްރަތެއް ލިބިގެންދާނެއެވެ.  

ބ. ދޮނަްފަނު

ރަޚްމަތްތެރިޔާއަކީ ކޮންމެވެސް ވަރަކަށް ބ.އަތޮޅަށް އައިސް އުޅޭ މީހެއްކަމުން އޭނާއަށް ދޮންފަނާ ބެހޭ ތާރީހީ ބައެއް ވާހަތައްވެސް އެނގެއެވެ. އެހެންކަމުން ރަހްމަތްތެރިޔާ ދޮންފަނާ ބެހޭ ބައެއް މަޢުލޫމާތުތައް އަޅުގަނޑާއި ހިއްސާކޮށްލިއެވެ. އެގޮތުން ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގައި ދޮންހިޔަލަގެ މަންމަ އަކީ ދޮންފަނު މީހެއްކަމަށް ރަހްމަތްތެރިޔާ ބުންޏެވެ.  އެއީ ދޮންފަނު ދޮން އައިސައެވެ.  ރާއްޖޭގެ ތާރީޚްގައި ފާހަގަކޮށްލެވޭ ވާހަކައެކެވެ. މިވާހަކަ އަޅުގަނޑަށް އިވުމާއެކު އަޅުގަނޑަށް މިރަށާއި ދޭތެރޭ ސައުޤުވެރިކަމެއް އުފެދިގެން ދިޔައެވެ. އަދި ދޮންފަނަކީ ޒަމާންވީ ތާރީޚެއް އޮތް ރަށެއްކަން އެގުނެވެ. އެހެންކަމުން އަޅުގަނޑު ރަށުތެރެއަށް ނިކުމެ މިރަށާއި ބެހޭގޮތުން މީހުންނާއި ވާހަކަދައްކާލާ މަޢުލޫމާތު ހޯދާލީމެވެ.    

ބ.ދޮންފަނަކީ ފުޅާމިނުގައި ގާތްގަނޑަކަށް 500 މީޓަރ ، ދިގުމިނުގައި 700 މީޓަރ ހުންނަ ރަށެކެވެ. އަޅުގަނޑަށް ސިފަވާގޮތުގައި ބެޑްމިންޓަންކުޅޭ ފިލާގަނޑެއްގެ ބައްޓަމަށް މަލަމަތި ފެންނަ މިރަށުގެ އާބާދީގައި 502 މީހުން ދިރިއުޅޭ މިރަށާއި މާލެއާއި ދެމެދުގެ ދުރުމިނުގައި  119.74 ކިލޯ މީޓަރ ހުރެއެވެ.

ބ. ދޮނަްފަނު

ދޮންފަނު މީހުން ކުރާ މައިގަނޑު މަސައްކަތްތަކުގެތެރޭގައި މަސްވެރިކަން، ދަނޑުވެރިކަން، ފަންގިވިނުން، ރޯނުވެށުން  އަދި އޮޑިދޯނި ފަހަރު ބަނުމާއި ރާވެރިކަން ކުރުން ފަދަ މަސައްކަތްތައްވެސް ކޮންމެވެސް ވަރަކަށް ކޮށްއުޅެއެވެ. މިހުރިހާ މަސައްކަތްތަކެއް މިރަށުގެ ރައްޔިތުން ކުރި ނަމަވެސް މައިގަނޑުގޮތެއްގައި މިރަށުގެ ޒުވާނުން މަސައްކަތް ކުރަމުން ގެންދަނީ ރިސޯޓްތަކުގައެވެ. ޓްއަރުޒަމް ދާއިރާގައެވެ.

ބ.އަތޮޅަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ އަތޮޅެކެވެ. އެގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ހަނިފަރާއި ހަނިފަރު ހިމެނޭ ސަރަހައްދާއި އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އޮންނަނީވެސް ދޮންފަނެވެ. އަދި ދޮންފަނާ އެއްމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ބ.ކިހާދޫ އާއި ދަރަވަންދޫ ކަމަށްވީރު އެންމެ ކައިރި ރިސޯޓަކަށް އޮންނަނީ ކިހާދުއްފަރު ޓޫރިސްޓް ރިސޯޓެވެ.

ދިވެހިންގެ ޒަމާންވީ ސަޤާފަތަށް ލޯބިކުރާ މިރަށުގައި ކުޅޭ ސަޤާފީ ކުޅިވަރުތަކުގެތެރޭގައި ބޮޑުބެރު ޖެހުމާއި، ދަނޑި ޖެހުމާއި، ދަފިނެގުންފަދަ ތަފާތު ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ.

އަޅުގަނޑު މިރަށުގެ ކޮޅުކޮޅުމައްޗަށް ކަޅި ހިންގާލީމެވެ. އަދި މިރަށުން މިލިބުނު މަޢުލޫމާތަކީ ތެދު މަޢުލޫމާތުތަކެއްކަން ރަށުގެ ރައްޔިތުންގެ ފަރާތުން އެނގުނެވެ. އެހެންކަމުން އަޅުގަނޑު އަވަސް އަވަހަށް ރަށުގެ ބަނދަރު ފަރާތަށް ނިކުމެ އެއްކަލަ ފަން ހޯދާލީމެވެ. އެވަގުތު އަޅުގަނޑަށް ފެނުނީ އަންހެނަކު އެފަން ކުރުއްސަން ހުއްޓައެވެ. އަދި އެއަންހެން މީހާގެ ކައިރިއަށްގޮސް ތިޔަ ކުރައްވަނީ ކީއްތޯ ސުވާލުކުރުމުން ”ފަންގިވިންނަން ފަން ފަންކޮޅެއް ކުރުއްސާލަނީ ކަމަށް އެއަންހެންމީހާ ބުންޏެވެ.” އަދި އެފަނުން ކުރެވޭނެ ބޭނުންތައްވެސް އެއަންހެން މީހާ ކިޔައިދިނެވެ. އެވަގުތު އަޅުގަނޑަށް ދޮންފަނުގެ މުހިންމުކަމާއި އެފަނުން މުޖުތަމަޢުއަށް ކުރާނެ ފައިދާތައް ވަރަށް ރީތިކޮށް ފެނިގެން ދިޔައެވެ. އަދި ރުކުން ވެއްޓޭ ކޮންމެ ފަނަކީވެސް އަދި އެފަނުގެ ހުރިހާ ބައިތަކަކީވެސް ފައިދާ ކުރާނެ އެއްޗެއްކަން ވަރަށް ރަނގަޅަށް ދޭހަވިއެވެ.

މަޢުލޫމާތު: ބ.ދޮންފަނު ކައުންސިލް/ ދޮންފަނުގެ ބައެއް ރައްޔިތުންގެ ފަރާތުން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.