
ލިޔުނީ : މަރްޔަމް ޙުސައިން ހދ.ކުޅުދުއްފުށި
ނަތާޝާ އާއި ރުހާމްގެ 5 އަހަރުވީ ކައިވެންޏަށްވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެއީ ނުހާއެވެ. ނުހާގެ އުމުރުން މިވީ އަދި އެންމެ 3 އަހަރެވެ. ދެމަފިރިންވެސް އުޅެނީ ސަރުކާރު ވަޒީފާގައެވެ. އެކަމަކު ލިބޭ އެއްޗަކުން އޮންނަނީ ދެކޮޅު ނުޖެއްސިފައެވެ. ގޭގެކުއްޔާއި ގޭގެ އެހެނިހެން ހަރަދުތަކެވެ. ރުހާމްގެ މަންމަގެ ބޭސް ފަރުވާއެވެ. ނުހާގެ ސްކޫލް ފީއެވެ. މިހުރިހާ ކަމެއް ކޮށްފައި ދެމަފިރިންނަށް ފަހަށް އެއްވެސް ވަރަކަށް ފައިސާއެއް ރައްކާނުކުރެވެއެވެ.
ރުހާމްގެ އޮފީން ލިބުނު ކޯސް ވެސް ދޫކޮށްލަން މަޖްބޫރުވީ އަތްމަތިދަތި ކަމުންނެވެ. ނަތާޝާއަށް ލިބޭ އެއްޗަކުން ހުރިހާކަމެއް ފޫނުބެއްދޭނެތީއެވެ.
ދެމީހުން ތިބީ އިތުރު ކުއްޖަކު ނުހޯދަން ނިންމައިގެންނެވެ. އިތުރު ދަރިއަކު ލިބިއްޖެނަމަ މިހާރު އެދެމީހުންނަށް ލިބޭ އާމްދަނީން ދެކޮޅުނުޖެހޭނެތީއެވެ.
ހުކުރު ދުވަހެވެ. އޮފީސް ބަންދު ދުވަހަކަށް ވާތީ ނަތާޝާ ވަނީ ބަދިގެއަށެވެ. ރަނގަޅު އެއްޗެއް ތައަޔާރު ކޮއްލުމަށެވެ. ރުހާމް ވެސް ގޭގައި އުޅޭ ދުވަހަކަށް ވާތީއެވެ. ގަރުދިޔަ ތެލި ހޫނުކުރަން އުދާފައި އަވަސްވީ ތެލިތައް ދޮންނާށެވެ. ހޫނުވަމުންދިޔަ ގަރުދިޔައިގެ ވަސްޖެހި ނަތާޝާ މޭނުބައި ކުރާގޮތްވިއެވެ. އޯކާދެމި ހޮޑުލެވުނެވެ. ނަތާޝާގެ ހިތުގައި ބިރުވެރިކަމުގެ އޮއިވަރެއް ދަތުރުކޮށްލިއެވެ. ކަލަންޑަރާއި ދިމާއަށް ދުއްވައިގަނެވުނީ ހިތުގައި އުފެދިފައިވާ ޝައްކު ޔަގީން ކުރާށެވެ. ހަތެއްގައި އިނގިލި ޖައްސާލެވުނުއިރު ނަތާޝާގެ ދެލޯވީ ފެން ކަޅިވެފައެވެ. ހުސްކޮށް އޮތް އަތް އަނގަމަތީ އަޅާލަމުން ދުއްވައިގަތީ ކޮޓަރިއާދިމާލަށެވެ. ބަންދު ދުވަހެއްކަމުން ރުހާމް އޮތީ ގަދަ ނިދީގައެވެ. ނަތާޝާ ގޮސް ރުހާމް ހޭލެއްވިއެވެ.
“ރުހާމް އަހަންނަށް ހީވަނީ އަހަރެން ބަނޑު ބޮޑުހެން” ނަތާޝާގެ ޖުމްލަ ނިމުނު އިރު ރުހާމް ހުރީ ތެދުވެއެވެ. ވަގުތުން ނިދިފިލައިގެން ދިއައެވެ.
“ކީކޭ؟” ނަތާޝާ އެބުނި ޖުމްލަ އިތުރަށް ޔަގީން ކުރަން އޭނާ ބޭނުންވިއެވެ.
“އަހަރެން ބަނޑު ބޮޑު” ނަތާޝާ ރޮއެގަތެވެ. ރުހާމްއަށް ލިބުނު ހަބަރުން އޭނާ ބޯގޮވިއެވެ. އިތުރު ކުއްޖަކު ހޯދަން ދެމީހުންވެސް ތައްޔާރެއް ނޫނެވެ. ދެމީހުން އެކަމާ ވަރަށް ވިސްނިއެވެ. ރައްޓެއްސެއްގެ އަތުން ފައިސާ ކޮޅެއް ނަގައިގެން ދެމީހުން ބޭނުންވީ އިންޑިއާއަށް ދާށެވެ. ނަތާޝާގެ ބަނޑުގައި އުފެދެމުންދާ ތުއްތު ފުރާނަ ދޮވެލުމަށެވެ. ރުހާމްގެ މަންމަ ކައިރީ ނުހާ ބަހައްޓާފައި ދެމަފިރިން އިންޑިއާއަށް ފުރިއެވެ. ރުހާމްގެ ތަދުވެފައިވާ ފަޔަށް ފަރުވާކުރަންމަށް ކަމަށް ބުނެއެވެ.
އިންޑިއާއަށް ގޮސް ހަމަ އެކަނި ނަތާޝާ ބަނޑު ދޮވުނީ ކީނޫނެވެ. ދަރިއަކު ލިބޭނެ ހުރިހާ މަގެއް ބަންދުކޮއްލިއެވެ. ނަތާޝާ އާއި ރުހާމްއަށް ނުހާ ފިޔަވާ އިތުރު ކުއްޖަކު ބޭނުމެއް ނޫނެވެ. އެނބުރި މާލެ ދާންވާއިރަށް ދެމަފިރިން ބަޒާރުކޮއްލިއެވެ. ނުހާއަށް ބޭނުންވާނެ ކުޅޭއެއްޗެހި ގަނެލިއެވެ. ބޭނުމަށްވީ އެދަރިފުޅު އުފާކޮށްލުމެވެ.
ބަރާބަރު ހަފްތާއެއް ފަހުން ނަތާޝާމެން މާލެއައެވެ. ރުހާމްގެ މަންމައަށްވެސް ނަތާޝާމެން ކޮއްފައި އައިކަންތަކުގެ ޝައްކެއްވެސް ނުވެއެވެ. ނަތާޝާ އާއި ރުހާމްވެސް ތިބީ ހަމަޖެހިފައެވެ. ދެން ދުވަހެއްގައި ވެސް ނަތާޝާ ބަލިވެ އިނދެދާނެކަމުގެ ބިރުގަންނަން ނުޖެހޭނެތީއެވެ.
މާލެއައިތާ ދެވަނައަށްވީ ދުވަހެވެ. ނުހާ ކިޔާވަރުން ނަތާޝާ ނުހާ ގޮވައިގެން ނުކުތީ ޕާރކަށް ދިއުމަށެވެ. ނުހާ ބޭނުންވީ ބޯޅަ ކުޅިލަން ޕާރކަށްދާށެވެ. ތައްޔާރު ވެގެން ދޮރާއްޓާއި ހަމައަށް ނުކުތް ފަހުން ހަނދާންވީ ނަތާޝާގެ ފޯނު ނުލައި ނުކުމެވުންކަމެވެ. ނުހާ ކައިރީ ރީތިކޮށް ހުންނަން ބުނެފައި ނަތާޝާ ވަނީ އެތެރެއަށެވެ. ނުހާ އަތުގައި އޮތް ބޯޅަ އަތުން ދޫވީ މަންމަ އާދޭތޯ އެތެރެ ބަލާލަން އެނބުރުން ތަނުންނެވެ. އެއާއެކު ކުޑަކުޑަ ނުހާ މަގުމައްޗަށް ދުއްވައިގަތީ މާބޮޑު ފިކުރެއް ނެތިއެވެ. ބާރު ސްޕީޑްގައި އައި ޕިކަޕުންޖެހި ނުހާ ވިއްސައިގެން ދިޔައީ ބަސްބުނާހާ ކުޑަ ވަގުތު ކޮޅެއް ތެރޭގައެވެ. ޕިކަޕް ޑުރައިވަރުވެސް ބްރަކިޖައްސަން މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރެވެ. އެވަގުތަކީ ރުހާމް ވެސް ގޭދޮށަށް ސައިކަލް މަޑުކޮއްލި ވަގުތެވެ. ހަޅޭލަވައި ގަންނަމުން ނުހާއާއި ދިމާއަށް ރުހާމްއަށް އާދެވުނު ގޮތްވެސް ނޭގުނެވެ. އިޝާހިތަކު މީހުން ޖަމާވާންފަށައިފި އެވެ. ފޯނު ހިފައިގެން ނުކުތް ނަތާޝާ ބޮނޑިވެފައިވާ މީހުންތައް ފެނި ހުއްޓުން އަރާގޮތްވިއެވެ. ދޮރާށި ކައިރީ ބެހެއްޓި ނުހާ ކޮބާތޯ ބަލާލެވުނެވެ. މީހުންގަނޑު ތެރެއިން ރުހާމް ތެދުވީ ނުހާ އަތްދަނޑި މައްޗަށް ނަގަމުންނެވެ. ނަތާޝާއަށް ލިބުނީ އިންތިހާ ހައިރާންގަމެވެ. އެކުއްޖާގެ ގައިގާ އެއްވެސް ހަރަކާތެއް ނެތެވެ. ނުހާގެ ނޭފަތުންނާއި ކަންފަތުން ލޭ އަންނަ ތަން ފެނި ނަތާޝާގެ ހިތުގެ ހިނގުން ހުއްޓުނުކަހަލައެވެ.
ހޮސްޕިޓަލަށް ގެންދެވުނުއިރު ނުހާގެ ފުރާނަ އެއް ނެތެވެ. ނުހާގެ މޫނު ދެއްކުން ކުރިއަށް ދިޔައިރު ނަތާޝާއާއި ރުހާމް ތިބީ ހިމޭންވެފައެވެ. ވާނީވެސް އެހެން ތާއެވެ. ނުހާއަކީ އެ ދެމީހުންގެ ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ދިރިއުޅުމުގެ އެއްބައެވެ. ދެމީހުންގެ އާއިލާ މީހުންނާއި ރައްޓެހިން ހިތްވަރުދޭން ތިއްބެވެ. ރުހާމްގެ މަންމަ ނަތާޝާ އަތުލަފިކޮށްގެން ނުހާގެ މޫނު ދައްކަން ގެންދިޔައެވެ. ނުހާގެ މައުސޫމް މޫނު ފެނުނު ވަގުތު ނަތާޝާގެ ބަޑި ފަޅައިގެންދިއައެވެ.
“ދަރިފުޅާ….. ނިކަން ލޯހުޅުވާލަބަލަ…. މަންމަ ދޫކޮށް ނުދާނަމޭ ބުނޭ… ދަރިފުޅާ ނުލާ މަންމަގެ މިހިތަކަށް ގެ މިހިތަކަށް ކެތެއްނުވާނެ… ދަރިފުޅާ ނުލާ މަންމަ ކިހިނެއް ދިރިހުންނާނީ… ” ނަތާޝާގެ ވޭނީ އަޑަށް ރުހާމް ލޮލުންވެސް ދިޔާއީ ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުންނެވެ. ތާއަބަދަށް ާއަބަދަށް ދަރިއަކު މާއިމީހާއާ ވަކިވުން ވާނެ ދެރަ އެތަނުގައި ތިބި ކޮންމެ މީހަކަށްވެސް ވަޒަންކުރެވުނެވެ.
“ދަރިފުޅާ ނަތާޝާ….. ތިކަހަލަ ވާހަކަ ނުދައްކާ… މީ ތިކަހަލަ ވާހަކަ ދައްކަންވީ ވަގުތެއްނޫން ކެތްތެރިވާންވީ ވަގުތު…” ރުހާމްގެ މަންމަ ރުހާމް އާއި ނަތާޝާއަށް ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ. މަންމަގެ އެބަސްތައް އިވި ރުހާމްގެ ހިތުގައި ޖެހުނެވެ. ދެން ދުވަހެއްގައިވެސް ނަތާޝާއަށް ކުދިން ނުލިބޭނެކަން ހިތަށް އެރުމުން ބާރަށް ރޮއެގަނެވުނެ.
“ދަރިފުޅާ ނުހާ…. ބައްޕަ ދޫކޮށް ނުދޭ…. ތީ ބައްޕަގެ ހުރިހާވެސް އުފަލަކީ…” ރުހާމްއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.
“ދަރިފުޅުމެނޭ….މީހިތްވަރު ގަދަ ކުރަންވީ ވަގުތު… ކެތްތެރަންވީ ވަގުތު.. އަދިވެސް ދަރިއަކު ތިޔާއިގެ ދެ ކުދިންނަށް ލިބިދާނެ…. ނުހާއަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާކުރޭ… ” ރުހާމް ލޯފޮހެލަމުން ބުންޏެވެ.
” ނޫން މަންމާ ތިހެން ނުބުނޭ…. އަހަންނަކަށް ދެން ދުވަހަކުވެސް ދަރިއަކު ނުލިބޭނެ” ނަތާޝާގެ ކެތްތެރިކަން ކޮޅުންލީއެވެ.
“ދަރިފުޅާ… ކީކޭ ތިކިޔަނީ….” ރުހާމްއާއި ނަތާޝާގެ ގައިގާ ފިރުމާލަމުން ބުނެލިއެވެ.
“އާނ މަންމާ… އަހަންނަކަށް ދެން ދަރިންނެތް ނުލިބޭނެ… މިފަހަރު އިންޑިއާއަށް ދިޔައީ ބަނޑުދޮންނަން…. ނުވިހާ އޮޕަރޭޝަންވެސް ކުރިން…” ރަހުމާއަށް ނަތާޝާއާއި ދުރަށް ޖެހިލެވުނެވެ. ރުހާމްގެ މޫނަށް ބަލާލުމުން ރުހާމް އިސްޖަހާލީ ކުށްވެރިއަކު ފަދައިންނެވެ. ނަތާޝާގެ ދުލުން ހަގީގަތް އެނގުނު ހިނދު އެތަނުގައި ތިބި އެންމެންނަށްވެސް ލިބުނީ ހައިރާންކަމެވެ.
“ސުބުޙާނަﷲ އެފަދަ ބޮޑު ފާފައެއް ކުރަން ހެޔޮވެސް ނުވާނެ….. އެނުއުފަންނަ ފުރާނައަށް އެހެން ހަދަން ކެރުނުއިރު މި ތުއްތު ދަރިފުޅު ވަކިވެދިއުމުން ކަލޭމެން ދެރަވާނެތަ؟ އެއީ ކިހާބޮޑު ފާފައެއް…. މިއީ ތިމީހުން އިމްތިހާނުކުރަން ﷲ މިންވަރުކުރެއްވިގޮތް” ރަހުމާގެ ހިތް ރުޅިވެރި ކަމުން ކިލަނބުކޮށްލިއެވެ. އެ ދެމީހުން ފެންނަ ހިސާބުގައި މަޑުކުރާކަށްވެސް ރަހުމާ ބޭނުމެއް ނުވިއެވެ.
މަޑުމަޑުން އެންމެންގޮސް ދެމީހުން އެކަނިވީއެވެ. ކުރެވުނު ކުށް އިހްސާސްވި އިރު ވަގުތުފާއިތު ވެއްޖެއެވެ. ދެން ދުވަހަކުވެސް ނަތާޝާއަށް ކުއްޖަކު ނުލިބޭނެއެވެ. ރުހާމް އިތުރު ކައިވެންޏެއް ކޮށް ދަރިއަކު ލިބުނަސް ނަތާޝާވާނީ ބާކީއެވެ. އެހެނަސް މިހާރު މިވަނީ މާލަސްވެފައެވެ. ނުހާ އެމީހުންނާއި ވަކިވުމުގެ ހިތާމަކުރަމުންދާއިރު ނަތާޝާ ބަނޑުގައި އެފެދެމުންއައި ފުރާނަ ދުއްވާލެވުނު ކަމުގެ ހިތި ދެމީހުންގެ ކަރުބުޑުގައި ވެސް ރަނޅަށް ލައިފިއެވެ. މިއަދު އެދެމީހުން އެވަނީ ދަރިއެއްގެ އުފަލުން މަޙްރޫމްވެފައެވެ.
= ނިމުނީ =