ބީވުމުން

ލިޔުނީ : މަރްޔަމް ޙުސައިން | ހދ.ކުޅުދުއްފުށި

ކުލަގަދަ ޙަފްލާ އަކާއި އެކު ބޭއްވުނު ޒޫނާ އާއި ނާހިދުގެ ކައިވެނި ޕާރޓީއަށްފަހު ޒޫނާގެ ދިރިއުޅުން ބަދަލުވީ ނާހިދުގެ ގެއަށެވެ. އެއީ  ނާޙިދުގެ މައިންބަފައިންނާއި ވަކިން ދިރިއުޅުވޭ ގޮތަށް ހަދާފައިވާ ރީތި އެޕާރޓްމެންޓެކެވެ. އަގުބޮޑެތި ފަރުނީޗަރުތަކުން ޒީނަތްތެރިކޮށްފައިވާ އިރު ނާހިދުގެ ތަނަވަސްކަން އެއިން ކޮންމެ އެއްޗަކުން ރަމްޒުކޮށްދެއެވެ.

ނާހިދާއި ޒޫނާ ކައިވެނި ކުރީ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހުއެވެ. ނާހިދަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެކެވެ. ފައިސާ އާއި ތަނަވަސްކަން އޭނާއަށް ލިބިފައިވެއެވެ. އެހެންވެ  ކައިވެންޏަށްފަހު ޒޫނާ ވަޒީފާއިން ކެނޑުނީއެވެ. ވަޒީފާއިން ކެނޑުނަސް ނާހިދު ޒޫނާއަށްވަނީ ފުރިހަމަ މިނިވަންކަން ދީފައެވެ. ރައްޓެހިންނާއި އެކު ތަންތަނަށް ދިއުން ނާހިދު މަނަލެއް ނުކުރެއެވެ. ނާހިދުވެސް އުޅޭލެއް ބުރަކަމުން ގިނަ ވަގުތު އުޅެން ޖެހެނީ ގެއިން ބޭރުގައެވެ. ރައްޓެހިންނާއި އެކު ޒޫނާ ފިލްމުތަކަށް ގޮސްހަދައެވެ. ބާޒާރަށް ގޮސް ރެސްޓޯރެންޓުތަކަށާއި ދަތުރު ގޮސް ހަދައެވެ. އަދި އެހެންމެ ޒޫނާ މޮޅެތި ކެއްކުން ގަނޑުތައް ކައްކައިގެން ރައްޓެހިން ގެއަށް ގެނެސް އެމީހުންނާއި އެކު މަޖާކޮށް ހަދައެވެ. ނާހިދު ޒޫނާއަށް ބޭނުން ވަރަކަށް ފައިސާ ދެއެވެ.  އެހެންކަމުން ޒޫނާ އުޅެމުން އައީ ވަރަށް އުފަލުންނެވެ. ނާހިދު ބުރަކޮން އުޅުނަސް ޝަކުވާ ކޮއްލުމެއްނެތިއެވެ.

ހަމަ އެކަހަލަ ދުވަހެކެވެ. ޒޫނާގެ ރައްޓެހިން ގެއަށް ގެނެސްގެން އުޅޭ ދުވަހެކެވެ. ފިޔާ މީރުކުރަން ހުރެފައި ޒޫނާއަށް އަތްދޮންނަ ތައްޓާ ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. އޯކަށްދެމި ހޮޑުލެވިއްޖެއެވެ. ރައްޓެހިން މެދުގައި ހީހީފައި ދެއްކެވުނު ވާޙަކަ މެދު ކެނޑުނީ ޒޫނާއަށް ވީ ގޮތް ފެނިފައެވެ. އެންމެން ރާވަމުންދިޔައީ ބެންކޮކް ދަތުރެއް އަޅާލަން ދިއުމަށެވެ. ބާޒާރުކޮށްލާއި ހަދާލަން ދާށެވެ.

” ކިހިނެތް ތިވީ ؟ ” ސަލްމާ ކައިރީގައި ހުރި ދޫރިޔާގެ މޫނަށް ބަލާލަމުން އަހާލިއެވެ. ޒޫނާއަކަށް އަނގައިނެތް ނުބުނެވުނެވެ.

” އަނެއްކާ ޒޫ ބަނޑުބޮޑީތަ ؟ ” ދޫރިޔާ ފެންތައްޓެއް ދެމުން ސުވާލުކުރިއެވެ. އެކުވެރިންގެ މޫނަށް ބަލާލާފައި ޒޫނާ ހުރީ ހިމޭނުންނެވެ. އެ އެންމެންނަށްވެސް ޖަވާބު ލިބުނު ފަދައެވެ.

” އެކަމަކު ޒޫ……ހާދަ އަވަހޭ އަދި  މެރީކުރިފަހުން ހަތަރު މަސްވެސް ނުވެޔޭނުން ……..” ސަލްމާ އަކީ އަނގަގަދަ މީހެކެވެ. ބުނަން ބޭނުން އެއްޗެއް ބުނެލާ ކަހަލަ މީހެކެވެ. ޒޫނާ ފެންކަޅިވެފައިވީ ދެލޮލުން ސަލްމާއަށް ބަލާލިއެވެ.

” ދެން ކީއްކުރާނީ ……..؟ ” ޒޫނާ ގޮނޑިއެއްގައި އިށިއިންނަމުން ކަރު އެލުވާލިއެވެ.

” ކީއްހޭކުރާނީ …….ޒޫ މިހާ އަވަހަށް ދަރިއަކު ބޭނުންތަ ؟ ” ސަލްމާގެ ސުވާލަށް ޒޫނާ ހަމައެކަނި ބޯހޫރާލިއެވެ. މަންމަޔަކަށްވާން އޭނާ އަދި ބޭނުމެއް ނޫނެވެ.

” ދެން އެހެން ވިއްޔާ …… ގޮރު ލޯގަނޑަށް ވެއްޓި އޮއްވާ ޒުވާން އުމުރު ދާނެ…….. ….މިހާރު ތިހިރަ ލޫޅާފަތިކަމެއް ދަރިއަކު ލިބުނީމަ ނުހުންނާނެ …….ލޮކިމަސްޖަހާ ފަލަ ވީމަ ނާހިދު ފޫހިވާނެ……. ދަރިފުޅަށް ޒޫ ގެ ހުރިހާ ވަގުތެއް ހުސްކުރަން ޖެހޭނީ… ނާހިދަށް ވަގުތު ނުދެޔޭ ބުނެ އެހެން އަންހެނެއް ހޯދަފާނެ……” ސަލްމާގެ ވާހަކަތައް އަޑު އެހުން ޒޫނާއަށްވީ ވޭނަކަށެވެ. އެހެން ވާކަށް ޒޫނާ ބޭނުމެއް ނޫނެވެ.

” އަނެއްކޮޅުން ޒޫ ގެ މިނިވަންކަމަންވެސް ގެއްލުނީތި……..” އެބަސްތަކުން ޒޫނާގެ ހިތުގައި ޖެހުނެވެ. އެހެނަސް ރައްޓެހިން ކުރިމަތީ އެކަމާ އެއްކޮޅަކަށްވެސް އަދި ދެކޮޅަކަށްވެސް ޒޫނާ އެއްޗެއް ނުބުނެއެވެ.

ޒޫނާ ހިތުގައި އުފެދިފައިވާ ޝައްކު ޔަގީން ނުވެގެން އުޅެނިކޮށް ޒޫނާ މާ ބޮޑަށް ބަލިވިއެވެ. ހޮޑުލައި މޭނުބައިކޮށް ބޯއަނބުރަން ފެށިއެވެ. ކޮފީވަސްޖެހުނަސް ނާހިދު ޖަހާ ސެންޓުގެ ވަސްޖެހުނަސް ޒޫނާއަށް އުނދަގުވާންފެށިއެވެ. ޒޫނާއަށް އަންނަމުންދިޔަ ބަދަލު ނާހިދުއަށްވެސް ދިޔައީ ފާހަގަވަމުންނެވެ.

” ހިނގާ ޑޮކްޓަރަށް ދައްކަންދާން……….” ޒޫނާ އޯކަށްދެމި ހޮޑުލާ އަޑަށް ނާހިދު އައީ ބޯފެންތައްޓެއްވެސް ހިފައިގެންނެވެ. ނާހިދުގެ އަޑަށް ޒޫނާ ބަލާލީ ހިސާބަކަށް ސިހިފައެވެ.

ޑޮކްޓަރަށް ދައްކަންދިޔައީ ނާހިދު ތަކުރާރުކޮށް އެދުމުންނެވެ. ޒޫނާ ދާން ބޭނުންވެގެންނެއް ނޫނެވެ. އެދަރިފުޅު ބަލައިގަންނާކަށް ޒޫނާ ތައްޔާރެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. ޒޫނާގެ ރަޙްމަތްތެރިޔާ ބުނި ހުރިހާ ކަމެއް ދިމާވާނެތީއެވެ.

ޒޫނާ ބަނޑުބޮޑުކަން އެނގުނު ހިނދު ނާހިދުގެ ދެލޯ ތެންމާލީ އުފާވެރިކަމުގެ ކަރުނައިންނެވެ. އެހެނަސް ޒޫނާގެ މޫނުމަތިން އެފަދަ އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ.

” ކީއްވެ އެއްޗެއް ނުބުނީ ޒޫ އުފަލެއް ނުވޭތަ؟ ” ނާހިދު ވާހަކަދެއްކީ ކާރަށް އަރާފައެވެ. ޒޫނާ ނާހިދާ ދިމާއަށް ބަލާލީ ވަރަށް ފުންނަޒަރަކުންނެވެ.

” އަހަންނަށް އަދި އަވަސް………އަހަރެން އަދި ރެޑީއެއްނޫން…” ނާހިދަށް ހީވީ މީހަކު އޭނާ މޫނުމަތީ ކޮށްމުށުގެ ހަމަލާއެއްދިން ހެންނެވެ.

” ކޮބާ މައްސަލައަކީ…….. އަހަރެން މިހުރީ ޒޫ އަށް ދިމާވާ ހުރިހާ ކަމެއްގަ އެހީވާން …..” ނާހިދުގެ އަޑުގައިވީ އޯގާތެރިކަމެވެ. އެ އޯގާތެރިކަމުން ޒަޙަމްވީ ޒޫނާގެ ހިތެވެ.

” އަހަންނަކަށް ނުވާނެ……..އަހަރެން ބޭނުމީ އެބޯޝަން ހަދަން……….” އެބަސްތައްވީ ޒޫނާގެ ހިތުގައެވެ. ދުލާހަމައަށް ގެންނާނެ ހިތްވަރެއް ޒޫނާއަކަށް ނުލިބުނެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުންދެއެވެ. ޒޫނާ ބޭރުފުށުން ހިތްހަމަޖެހިފައިވާކަން ދެއްކިއަސް އެތެރޭގައި ހިނގަމުންދާ އިޙްސާސްތައް ބުނެދެނީ އެހެން ވާހަކައެކެވެ. ދަރިއެއްގެ ޒިންމާ އުފުލަން އެއްގޮތަކަށްވެސް ޒޫނާގެ ހިތެއް ނޭދެއެވެ. މިނިވަންކޮން އުދުހެމުންދިޔަ ދޫންޏެއް ފިޔަ ކޮށާލާފައި ކޮށީގައި ބަންދުކޮއްފައިވާ ކަހަލައެވެ. ޒޫނާއަށް އިޙްސާސްކުރެވެނީ އެފަދަ އެކަނިވެރިކަމެކެވެ. ބޯއަނބުރާވަރުން އެނދުން ބޯހިއްލާލެވޭ ވަރުވެސް ނުވެއެވެ. ކާންމީރު އެއްޗެއް ނެތެވެ.

 ސަލްމާމެން ޒޫނާގެ ހާލު ދެކިލަން އައިދުވަހެކެވެ. ދަނޑިވަޅު ބަލާފައި ނާހިދު ދިޔައީ ޒޫނާއަށް މޭވާކޮޅެއް ގަންނަން ބާޒާރަށެވެ. ނުތެދުވެވިފައި އޮވެފައިވެސް  ޒޫނާ ރައްޓެހިން ފެނުމުން ހަށިގަނޑަށް ދިރުން އައިކަހަލައެވެ. ޒޫނާ ބޭނުންވީ އެމީހުންނަށް ޖޫސްދޭށެވެ. މެހެމާންދާރީ އަދާކުރުމުގައި އަބަދުވެސް ޒޫނާއަކީ މިސާލެކެވެ. ޒޫނާގެ ރައްޓެއްސަކު އަޔަސް އަދި ނާހިދުގެ ރައްޓެއްސަކު އަޔަސް އެއްޗެއް ނުދީ އެމީހަކު އެގެއިން ފޮނުވާ ނުލާނެއެވެ.

ކަބަޑުމަތީގައި ހުރި ތެތްލިބަނބުކެޔޮ ދަޅު ނަގަން ގޮނޑިކައިރި ކޮށްލާފައި ޒޫނާ އެރިއެވެ. ދަޅަށް އަތްފޯރުކޮށްލަން ގެނެވުނު ހަރަކާތަކުން ގޮނޑިކަހާލައި ޒޫނާ ވެއްޓުނީއެވެ. ވެއްޓެންދިޔައިރު ޒޫނާގެ އަނގައިން ހަޅޭކެއްގެ އަޑުބޭރުވިއެވެ. ބަނޑުވަތަށް ވެއްޓުމުން ހަށިގަނޑު ގުޑުވާލަން ނުކެރިފައި ޒޫނާއަށް އޮވެވުނީއެވެ. އަޑުފަށްގަނޑަށް ސަލްމާ އާއި ދޫރިޔާ އައިކަން ޒޫނާއަށް އެނގުނެވެ. ދެން ވީ ގޮތެއް ނޭގުނެވެ.

ހޭވެރިކަންވީ އިރު ޒޫނާއަށް އޮވެވުނީ ހޮސްޕިޓަލްގައެވެ. ކައިރީގައި ނާހިދު އިނެވެ. ތަންކޮޅެއް ދުރުގައި ދެއެކުވެރިންވެސް ތިއްބެވެ. ނާހިދުގެ މޫނުމަތިން ފެންނަ މޮޅިވެރިކަން ޒޫނާ ހިތުގައި ބިރުވެރިކަން އުފެއްދިއެވެ.

ޒޫނާ ބަނޑުގައި އަތްޖައްސާލުމުން ހުސްކަމެއް އިޙްސާސް ކުރެވުނެވެ. ހަށިގަނޑުގައި އަޅާ ވޭނުން ހަރަކާތެއް ކޮށްލަންވެސް އުނދަގުލެވެ.

” ކިހިނެތްވީ؟ ” ޒޫނާ ސުވާލުކުރީ ނާހިދުގެ މޫނުން ނަޒަރު ވަކިކޮށްނުލާ އޮވެއެވެ.

” ބޭބީ….” ނާހިދަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާއަށް ރޮވުނީއެވެ. ބަނޑުގައި އަށަގަންނަމުން އައި ދަރިފުޅު ބައިގެން  ދިޔަ ހަބަރާއިއެކު ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ޒޫނާއަކަށް ނޭގުނެވެ. ނާހިދުއަށް ކަރުނަތައް ހިފަހައްޓާނުލެވިގެން އުޅުނުއިރު ޒޫނާ އޮތީ ހިމޭންވެފައެވެ. ޒޫނާއަށް އެނގޭހާވެސް އެއްޗަކީ އެދަރިފުޅާއި މެދު ޒޫނާގެ ހިތުގައި ލޯތްބެއް ކުލުނެއްނެތްކަމެވެ.

މަސްދުވަސް ފާއިތުވެގެން ދިޔައިރު ނާހިދުވެސް ހަމައަކަށް އެޅިއްޖެއެވެ. އެނބުރި މަސައްކަތާއިގެން މަޝްއޫލުވެއްޖެއެވެ. އަނބުރާ ކުރީގެ ދިރިއުޅުމަށް ޒޫނާވެސް ރުޒޫޢަވެއްޖެއެވެ. ސަލްމާމެންނާއި އެކު ކޮފީތަކަށާއި ފިލްމުތަކަށްދާން ފަށައިފިއެވެ. އެގޮތުން ކޮފީ މޭޒެއް ދޮށުގައި ތިބިރެއެކެވެ. އަނެއްކާވެސް ރޭވެމުން ދިޔައީ ކުރިން ދާން ރޭވިފައިވި ބެންކޮކް ދަތުރެވެ. އެވާހަކައިގެ ތެރެއިން ސަލްމާ ބުނެލިއެވެ.

” ޒޫ އަނެއްކާ މިފަހަރުވެސް ޕުރެގްވާނީކީ ނޫން…….ކުރިން ފަހަރުވެސް ދަތުރު ފަނިވީ ޒޫ އާހެދި….” ސަލްމާގެ ވާހަކަ އިވިފައި ޒޫނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނާހިދު ދަރިއަކު ބޭނުންވަރު ޒޫނާއަކަށް ނޯޅެއެވެ.

” ކީއްވެ އެއްޗެއް ނުބުނީ ….” ޒޫނާ އެއްޗެއް ނުބުނުމުން ސަލްމާ ބުނެލިއެވެ.

” ނާހިދު ދަރިއަކު ވަރަށް ބޭނުންވޭ…….” ޒޫނާ ވާހަކަދެއްކީ އިސްޖަހައިގެން އިނދެއެވެ.

” އެއުޅެނީ ދަރިއަކު ބޭނުން ވެގެނެއްނޫން……..ޒޫނާ ޖަލަކަށްލާން އެމީހުން ވަރަށް މަކަރުވެރިވާނެ….. ” ސަލްމާ ވިރުވާފައި އަޅާލާ ކޮންމެ ބަހެއް ޒޫނާ އަށް  ގަބޫލުކުރެވެއެވެ. އިޙްސާސްކުރެވުނީ ސަލްމާ ޒޫނާއަށް ހެޔޮ އެދޭވަރެވެ. އެއްބަނޑުގައި ދައްތައަކު ހުރި ނަމަވެސް އެހާ ހެޔޮ ނުވާނޭ ކަމަށް ގަބޫލުކުރެވުނެވެ.

” ދެން އެކަމަކު ކިހިނެތް ހަދާނީ…….” ޒޫނާއަކަށް އެކައްޗެއްވެސް ނުވިސްނެއެވެ. ނޫނީ ގޮތެއް ނިންމަން އޭނާއަށް އުނދަގުލީއެވެ.

” ޒޫ ދަރިއަކު ބޭނުމެއް ނޫނެއްނު……؟ ” ސަލްމާގެ މޫނަށް ބަލާލާފައި ޒޫނާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

” ބާރތު ކޮންޓުރޯލް ޕިލްސް ” ޒޫނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

” ނާހިދަށް ނޭގުނަސް ޒޫނާއަށް ބޭސްބޭނުން ކުރެވޭނެ……ފާމަސީން ގަންނަން ބޭސް ލިބޭނެ ޑޮކްޓަރގެ ލިޔުމެއްނެތިވެސް އެބޭސް ދޭނެ……..” ސަލްމާގެ ވާހަކަ އިވިފައި ޒޫނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ބަލިވެ އިނދެދާނެތީ އޭނާ ކަންބޮޑުވެފައި ހުއްޓާ އެކަމަށް ހައްލެއް ފެނުމުން އުފާވިއެވެ.

ނާހިދަށް ނޭނގި ޒޫނާ ބޭސްބޭނުން ކުރަމުން ގެންދިޔައެވެ. ތިންއަހަރުވީ އިރު ޒޫނާގެ ހަށިގަނޑަށް ދިޔައީ ބަދަލުތަކެއް އަންނަމުންނެވެ. މީހާ މާބޮޑަށް ފަލަވެ ބަރުހެލިވާންފެށިއެވެ. ނޭވާއަށް އުނދަގުކޮށް ވަރުބަލިކަން އިޙްސާސްކުރެވެންފެށިއެވެ. ޒޫނާއަށް އަންނަމުން ދިޔަ ބަދަލުތަކާއިމެދު ޒޫނާ ކަންބޮޑުވާ ދަރަޖައަށްދާންފެށިއެވެ. ޙުދު ނާހިދަށްވެސް ޒޫނާ ފަލަވުމުން އެހެން ބުނެވޭލެއް ގިނަވިއެވެ. ނާހިދު އެހެން ބުނާ ކޮންމެ ފަހަރަކު ޒޫނާ އިންތިހާއަށް ރުޅިއާދެއެވެ. ހިތްހަމަނުޖެހިގެން ދެބަސްވާ ފަހަރު ގިނަވާންފެށިއެވެ. ޒޫނާއަށްވެސް ނޭގުނީ އެއީ ކީއްވެގެން އަންނަމުން ދިޔަ ބަދަލެއްކަމެވެ.

ޒޫނާއަށް އަންނަމުންދިޔަ ބަދަލާއި އެކު އޭނާގެ އުޅުމަށްވެސް ދިޔައީ ބަދަލު އަންނަމުންނެވެ. ނާހިދަށް ކޮއްދޭންޖެހޭކަންތައްތަކަށް ފަރުވާ ކުޑަވާންފެށިއެވެ. ނާހިދު މަސައްކަތުން އަންނައިރު އެއްޗެއް ރޯފިލުވާލާފައި ނުހުންނަ ދުވަސް ގިނަވާންފެށިއެވެ. ދާވަށިގަނޑު ފުރިގެން ބަންޑުންވާއިރުވެސް އެއްޗެހި ދޮންނާކަށް ޒޫނާ ނޫޅޭނެއެވެ. ޒޫނާ ލައްވާ އެއްޗެހި އިސްތިރިކުރަންވެސް ޖެހޭނީ ނާހިދު އެތަށްވަރަކަށް ކިޔައިގެންނެވެ. ގަނޑުވަރެއްހެން ރީތިކޮށް އޮތް އެޕާރޓްމެންޓް ގޮނޑަކަށްވެ ނިމިއްޖެއެވެ. މިހާ ހިސާބަށް ކަންތައް ދިއުމުން ދެމަފިރިން ދެމެދުގައި ދެބަސްވެ ޒުވާބު ކުރުން އިތުރުވާންފެށިއެވެ.

ނާހިދު ހެނދުނު ބޭރަށްދާން ބެލިއިރު އިސްތިރިކޮށްފައި އިން  އެންމެ ގަމީހެއްވެސްނެތެވެ. އެކަމާ ހިތްހަމަނުޖެހިގެން ބޭރަށް ނިކުތްއިރު ހެނދުނު ނާސްތާވެސް ހުރީ ތައްޔާރުނުކޮށެވެ. ޒޫނާ ކޮބައިތޯ ބެލިއިރު ޓީވީ ހުރީ ހުޅުވާފައެވެ. ޒޫނާ އޮތީ ސޯފާގައެވެ. ރިމޯޓް އަތަށްލައިގެން އޮތް އިރު ދެލޯވަނީ މެރިފައެވެ. ނާހިދު ރުޅިއައިސްގެން ހަޅޭލަވައިގަތެވެ. ޒޫނާ ކޮޅަށްޖެހުނީ ބިރުވެރިވެރި ހުވަފެނަކުން ތެދުވަންނަ ފަދައިންނެވެ.

” އެންމެ ގަމީހެއްވެސް އިސްތިރިކޮށްފައި ނެތް….މިގަމީސް ލާތާ  ކިތަށްދުވަސް ؟”

“…..ސައެއް ހެދުނީކީ ނޫން….” ނާހިދުގެ މޫނުމަތިން ފެންނަ ނުރުހުމުގެ އަސަރު އަޑުގައިވެސް އެކުލެވިފައިވިއެވެ.

” މިހާރުދެން ޒޫނާ އެކީ އުޅުމުގެ މާބޮޑު ބޭނުމެއް ނެތެއްނު…….. ” އެންމެ ފަހުން ނުބުނަން އުޅުނު ޖުމްލަވެސް ނާޙިދުގެ ދުލުން ބޭރުވެއްޖެއެވެ.

ނާހިދު މަސައްކަތެއްގައި ރާއްޖެތެރެއަށްދާން ޖެހުނެވެ. ދެމެދުގައިވީ ގުޅުން ހައްތަހާ ދިޔައީ ދުރުވަމުންނެވެ. މިހާރު ނާހިދު ރަށުން ބޭރަށް ދިޔަސް ދަނީ ކޮން ބޭނުމެއްގައި ކަމެއް ޒޫނާއަކަށް ނޭގެއެވެ. އަންނާނެ ދުވަހެއްވެސް ނޭނގެއެވެ. ޒޫނާ ނާހިދަކަށް ނުގުޅައެވެ. ނާހިދު ގުޅިޔަސް ޒޫނާ ފޯނަށް ޖަވާބު ދެނީ ޒޫނާ ހިތަށްއެރި ފަހަރަކުއެވެ. ނާހިދު ބަދަލުވީ ވަރުން ޒޫނާ ހާސްވިއެވެ. ހަމަ އެހެންމެ ޒޫނާއަށް އައި ބަދަލުން ނާހިދުވެސް ހުރީ ކަންތައްބޮޑުވެފައެވެ. އެކަކަށްވެސް އެމީހެއްގެ ކުށަކީ ކޮބައިކަމެއް ނޭގެއެވެ. އިނގިލި ދިމާކުރަނީ  އަނެކާއަށެވެ.

މެންދުރުވީ އިރުވެސް ޒޫނާ އޮތީ ނިދާފައެވެ. ދޮރުގައި މީހަކު ކެނޑިނޭޅި  ޓަކިދޭއަޑަށް ޒޫނާ ތެދުވެތީ ހިތާދެކޮޅަށެވެ. ކޮޓަރިން ނިކުމެގެން ސިޓިންގރޫމާއި ހަމައަށް ދިޔައިރުވެސް ޒޫނާ ނިދިނުފިލައެވެ. ދޮރުހުޅުވާލީވެސް ކުދިކިޔަމުންނެވެ. ދޮރުމަތީގައި ނާހިދު ހުއްޓާފެނުމުން ބޮޑަށް ދޮރުފަތް ހުޅުވާލިއެވެ. އެވަގުތު ނާހިދުގެ ފުރަގަހުން އައި އަންހެންކުއްޖާ އައިސް ހުއްޓުނީ ނާހިދާއި އެއްހަމައެއްގައެވެ. ޒޫނާ  އެއަންހެންކުއްޖާއަށް ވަރަށްފުން ނަޒަރަކުން ބަލާލިއެވެ. އެއަންހެންކުއްޖާ އިސްކޮޅުންދިގުވެފައި ލޫޅާފަތިހަށިގަނޑެއް ލިބިފައިވިއެވެ. ގައިގެ ކުލައަލިވެފައި ރީތިކަޅިރަވައެއް ލިބިފައިވިއެވެ. ޒޫނާއަށް ބަލާލާފައި ހިނިތުންވެލިއިރު މޫނުމަތީގައި ޖެހިލުންވުން ފެނުނެވެ.

” ޒޫނާ…….މީ ހަމްދާ  އަހަރެންގެ އަންހެނުން………” ހަމްދާ ކޮނޑަށް އަތް ވައްޓާލައި ގާތް ކޮށްލަމުން ނާޙިދު ބުނެލިއެވެ. ޒޫނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އަނގަމަތީ ދެއަތް އެޅުނީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. ޒޫނާ ލޮލަށް ފެނުނަސް ނާހިދުގެ އަނގައިން އެހެން ބުންޏަސް އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ޒޫނާގެ ދެލޮލުން ކަރުނަ އައިކަން އޭނާއަށް އެނގުނީ ދެކޯތާފަތް ހުރަސްކޮށް ކަރުނަ އޮހިގަތުމުންނެވެ. އެންމެ ހިނދުކޮޅަކުވެސް ނާހިދު އާއި ހަމްދާ ކުރިމަތީ މަޑުކުރާކަށް ޒޫނާ ބޭނުމެއް ނުވިއެވެ. އަޅާ އިތިކޮށް ޒޫނާ ދުއްވައިގަތީ ކޮޓަރިއާދިމާލަށެވެ. އެނދުމައްޗަށް ވެއްޓިގަނެ  ހިތްފުރެންދެން އޭނާ ބޭނުންވީ ރޯށެވެ.

ނާހިދު ކޮޓަރިއަށް އައީ އޭގެ އިރުކޮޅެއް ފަހުންނެވެ. ޒޫނާ ހިތުގައިވީ ހުރިހާ ޝަކުވާއެއް ބަންޑުން ކޮއްލިއެވެ. ނާހިދު އެހެން ކަންތައް ކުރީ ކީއްވެގެންތޯ އެހިއިރު ޒޫނާއަށް ރޮވޭވަރުން ވާހަކަދައްކަންވެސް އުނދަގޫވިއެވެ.

” ޒޫނާ އަހަންނާ އެކު ދިރިއުޅެން ބޭނުން ނުވާހެން ހީވުމުން އަހަރެން ބޭނުންވީ އިތުރު ކައިވެންޏެއްކުރަން……..” ނާހިދުގެ އަޑުގައިވީ ރިހުމެވެ. ޒޫނާ ބޯހިއްލާލީ ނާހިދު އެބުނާ އެއްޗެއް ދޭހަނުވެގެންނެވެ.

” އަހަންނާ ސިއްރުން ޒޫނާ ދޭތެރެދުރުކުރަން ބޭސްކާން ޖެހުނު ސަބަބެއް އަހަންނަކަށް ނުވިސްނުނު………އޭގެން އަހަންނަށް ވިސްނުނީ ޒޫނާ އަހަންނާއެކު ދިރިއުޅެން ބޭނުން ނުވާވަރު……” ނާހިދު ނިކަން އަވަސްއަވަހަށް އެސްފިޔަޖަހާލިއެވެ. ޒޫނާ ތެދުވެ އެނދުގައި އިށިއިންއިރު އެމޫނުމަތީގައިވީ ކަންބޮޑުވުމުގެ އަސަރުތަކެވެ. މިހާދުވަހު ބޭސް ބޭނުންކުރިއިރު ޒޫނާ ހީކުރީ އެވާހަކަނުދައްކާ ނާހިދު ހުންނަނީ އެކަމާ ބެހޭގޮތުން ހަމައެކައްޗެއްވެސް ނޭގޭތީކަމަށެވެ. އެކަމަކު އެކަން ނާހިދަށް އެނގޭކަން އެނގުނު ހިސާބުން ޒޫނާއަށް އިސްޖަހާލަން މަޖްބޫރުވެއްޖެއެވެ.

” ދެމަފިރިން އެކީ ފަށާ ޙަޔާތުގެ ދަތުދުރަކީ އެކީ އެކައްޗެއްކިޔައިގެން ފަށާ ދަތުރެއް ދެމީހުން ދެއަތަށް ފަލިޖަހަންޏާ ކިހިނެތް ބޭނުންވާ މަންޒިލާއި ހަމައަށް ފޯރާނީ……….ދިރިއުޅުމުގެ އެއްމަޤްސަދަކީ ހެޔޮލަފާ ޖީލެއް ބިނާކުރުން …….ދަރިއަކު ހޯދަން ބޭނުންނުވާ އަންހެނަކާއި އެކު ކިހިނެތް އެމަޤްސަދު ހާސިލްވާނީ…….” ނާހިދު ވާހަކަދެއްކީ ޒޫނާ އާ ދިމާލަށް ބަލައިވެސްނުލައެވެ.

” ވަރަށް މަސައްކަތްކުރިން ދިރިއުޅުމަށް އެހެން މީހަކު ނުގެނެސްވޭތޯ……އެކަމަކު ޒޫނާގެ ކަންތައްތައް މާމައްޗަށް ދާންފެށީމަ ކެތްނުވީ …….ކާއެއްޗެއް ރޯފިލުވާލުމެއް އެއްޗެއް ދޮވެ އިސްތިރިކޮށްލުމެއް ތަނެއް ތާހިރުކުރުމެއް އޮންނަނީކީ ނޫން………..” އިސްޖަހާއިގެންއިން ޒޫނާ ލޮލުން ހިފެހެއްޓުމެއްނެތި ދިޔައީ ކަރުނަ އަންނަމުންނެވެ.

” ޒޫނާ އަހަރެންނާއެކު އުޅެން ހުރިއްޔާ އަހަރެންނެތިން ޒޫނާ ދޫކޮށްލާކަށް…….” ޒޫނާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ނާހިދު ކޮޓަރިން ނިކުމެގެން ދިޔައީއެވެ.

ނާހިދުގެ ހަޔާތަށް ހަމްދާ އައުމުން ޒޫނާއަށް ވިސްނާލެވުނެވެ. ކުށްވެރިއަކީ އޭނާއެވެ. ނާހިދުގެ ހަޔާތަށް އެހެން އަންހެނަކު ގެންނަން ޖެހުނީ ޙުދު އޭނާގެ ސަބަބުންކަމެވެ. ހަމްދާ ބަލިވެއިން ޙަބަރު ލިބުމުން ޒޫނާގެ ހިތްވެސް އެއުފަލަށް ބޭނުންވިއެވެ. ބޭސްބޭނުންކުރުން ހުއްޓާލުމުންވެސް ޒޫނާއަކަށް ދަރިއަކު ނުލިބުނެވެ. ބޭރަށް ގޮސް ޓެސްޓުކުރުމުން އެނގުނީ އެނިއުމަތުން އުމުރަށް މަޙްރޫމްވެފައިވާކެމެވެ. ޒޫނާ ބޭނުންކުރި ބޭހަކީ އޭނާއާ ނުގުޅޭ ބޭހެއްކަމެވެ. ހަށިގަނޑަށް އައި ބޮޑުބަދަލުގެ ސިއްރަކީ އެއީއެވެ. އެފަދަ ބޭސްތައް ބޭނުންކުރަންވާނީ ޑޮކްޓަރެއް ނުވަތަ ހެލްތުވޯކަރެއްގެ ލަފާގެ މަތިންކަން އެނގުނުއިރު މާބޮޑަށް ލަސްވެއްޖެއެވެ.

ސަލްމާ ޒޫނާގެ ބޮލަށް އެރިލުމުން އެމަޅީގައި އޭނާ ޖެހެވުނީއެވެ. އެހެންވީ އޭރު ޒޫނާވެސް އެގޮތް ބޭނުންވީމައެވެ. ހަމަހޭވެރިކަން ވީ ޒޫނާގެ އަތުން ހުރިހާ އެއްޗެއް ބީވުމުންނެވެ. ދަރިއެއްގެ އުފަލުން ތާއަބަދަށް އަލްވަދާއުކިޔާފައެވެ. ނާޙިދާއި ހަމްދާގެ ހަޔާތުގައި އުފާވެރިކަމުގެ ހުޅުރޯވެފައެވެ.

            ~ ނިމުނީ ~

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.