ހަޤީޤީ ވާހަކަ: ބަރުބާދުވި ހަޔާތް

މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

ސ.ހިތަދޫ / ބަރުބާދުގޭ އަލީ ސަލީމް (އަސްލު ނަމެއް ނޫން) އާއި އެރަށު / ބަރޯސާގޭ ހުސްނާ ޢުމަރާއި (އަސްލު ނަމެއްނޫން) ދެމީހުން ކައިވެނިކޮށްގެން އުޅޭތާ 20 އަހަރު ވީއިރު އެދެމަފިރިންނަށް 3 ކުދިން ވަނީ ލިބިފައެވެ. އެތިން ކުދިންގެ ތެރޭގައި ޢުމުރުން 10 އަހަރުގައި ބާލިޣުވެ ފުރާ ފުރިހަމަވެފައިވާ ޒުވާން ރީތި އަންހެން ކުއްޖަކު ހުރެއެވެ. އޭނާގެ ނަމަކީ ސާރާ އަލީ (އަސްލު ނަމެއް ނޫން) އެވެ. ސާރާ އަކީ އެދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅުވެސް މެއެވެ. މި ތިން ކުދިންގެ އިތުރުން މިގޭގައި އިތުރު މީހަކު އުޅެމުން ދެއެވެ. އެމީހަކީ މާލެއަށް ނިސްބަތްވާ ހ.ދިލްކޮށާގޭ ފަރުހާދު މޫސާ (އަސްލު ނަމެއް ނޫން) އެވެ. ހުސްނާ، ސާރާ ވިހައިގެން 4 ވަނަ އަށް ވީ ދުވަހުން ފެށިގެން ފަރުހާދު އެގެއަށް ގޮސް އުޅެއެވެ.  ފަރުހާދު ހުސްނާ މެންނާ ރައްޓެހިކަމުގެ ގުޅުން އުފެދުނުފަހުން އޭނާ ސ.ހިތަދުއަށް ގޮސްފިނަމަ ހުންނަނީ ހުސްނާ މެންގޭގައެވެ.

ދުވަހަކަށްވުރެ ދުވަހެއް، މަސްތަކަކަށްފަހު އަހަރުތަކެއް ވޭތުވަމުން ދެއެވެ. ސާރާ އަންނަނީ ބޮޑުވަމުންނެވެ. އޭނާގެ ޢުމުރުން މިހާރު 15 އަހަރު ފުރިއްޖެއެވެ. ޅަޢުމުރުގައި ބާލިޣުވެ ފުރާ ފުރިހަމަ ޒުވާނަކަށް ވުމުން އޭނާގެ ރީތިކަމަށް  މިހާރުވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށި ގަނޑެކެވެ. ބުރުސޫރަ ރީތި ފަން އިސްތަށި ގަނޑެކެވެ. ވަޔާ ވިހުރިލާއިރު ހީވަނީ ސާލެއް ފަތުރާލާފައި އޮންނަ ހެންނެވެ. ނަމަވެސް ސާރާގެ ހިތުގައި ނުތަނަވަސް ކަމެއް ވަނީ ފެތުރިފައެވެ. ހަތަރުކަޅި ހަމަކޮށް ފިރިހެނަކާ ބަލާވެސް  ނުލައެވެ. ހީވަނީ މުޅިއުމުރަށް ފިރިހެނުން މަތިން ފޫހިވެފައިވާ ހެންނެވެ. ކޮންމެވެސް ކަމެއް ސިއްރު ކުރަނީ ބާވައެވެ. ނޫންނަމަ…. ދެން ކޮން ކަމެއް ބާވައެވެ. ރަށުގެ ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ޝާހީ ދެލޮލެވެ. ނަމަވެސް ހިތާމައަކީ ކޮބައިހެއްޔެވެ. ދުނިޔެ މަތިން ފޫހިވަނީ ބާވައެވެ. ސާޒް(އަސްލު ނަމެއް ނޫން) އަކީވެސް ރަށުގައި ގަދަރުހުރި ޢުމުރުން 18 އަހަރުގެ ފުރާ ފުރިހަމަ ވެފައިވާ ރީތި ޒުވާނެކެވެ. ސާރާގެ ލޯތްބަށްޓަކައި އެންމެ ކުޑައިރުއްސުރެވެސް ފެންބޮވައިގެންފައިވާ ޒުވާނެކެވެ. އެކަމަކު…. ކީއްވެ ސާރާ އަހަރެން ދެކެ ރުޅި އަންނަންވީ… އެންމެ ކުޑަ ދުވަހުވެސް ބަތް ކައްކާ ކުޅެން އުޅުނީވެސް އަހަރެންނާއެކު… ކިޔަވަން މާލެ ދިޔަނަމަވެސް ސާރާއަކީ ރަށުގައި އުޅުނު ދުވަސްވަރު ސާޒްގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް މިހާރު ބަލާވެސް ނުލަނީ ކީއްވެބާއޭ ސާޒްގެ ހިތަށް އަރަމުންދެއެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުތެކެވެ. އިރު ފެނުން ތޮޅެލީ ވަގުތެވެ. ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ގަހެއްގެ ނިވަލުގައި ސާރާ ވަރަށް ފިކުރު ބޮޑުވެފައި އިންދާ ސާޒްއަށް ފެނިއްޖެއެވެ. ސާޒް ގޮސް ސާރާގެ ކައިރީގައި އިށީދެއްޖެއެވެ. އެވަގުތު ކަތި ނަޒަރަކުން ވަރަށް ދެރަވެފައި ސާޒް އާއި ދިމާލަށް ބަލާލިއެވެ. ދުރަށްދޭ.. ދުރަށްދޭ… ސާރާ ވަރަށް ބިރު ގަތެވެ. ބިރުން ހުރެ ވަރަށް ބާރަށް ހަޅޭއް ލަވަން ފެށިއެވެ. ނަމަވެސް އެވަގުތު ސާޒް ފިޔަވައި އެއަޑު އަހާނެ އިތުރު މީހަކު އެތަނުގައި ނެތެވެ. ސާޒް ވަރަށް މަޑުން ހުރެ ސާރާ އާ ސުވާލުކުރަން ފެށިއެވެ. އަދި ބުންޏެވެ. ….. ކީއްވެ ފިރިހެނުން ފެނުމުން ބިރު ގަންނަނީ… އެވަގުތު ސާރާ ވާހަކައެއް ބުނަން ބޭނުންވި ހެން ސާޒް އަށް ހީވިއެވެ. އަދި ބުންޏެވެ. ސާރާ ތި ބުނަން އުޅޭ ވާހަކައެއް ނިކަން އަހަރެންނަށް ބުނެދީބަލަ. އަހަރެން އިތުރު އެއްވެސް މީހަކަށް ނާންގާނަށް. އަހަރެންނަށް އިތުބާރުކުރޭ ސާރާ. ސާޒް މިހެން ދެތިން ފަހަރަކު މައެއްގެ ގާތުން ޅަދަރިއަކު ކިރުބޯން ރޯފަދަ ރާގަށް ތުން ތަޅަން ފެށުމުން ސާރާ ސާޒްއަށް އިތުބާރުކޮށްފައި ސާރާގެ ހިތުގެ އާދޭސްތައް ސާޒްއަށް ކިޔައިދޭން ފެށިއެވެ. ހަޔާތުގެ ޞޮފުޙާތަކުން ޞޮފްޙާއެއް އުކަން ފެށިއެވެ.

އަޑު އަހާށެވެ. ފިރިހެނުންނަކީ ކޮންފަދަ ބައެއް ހެއްޔެވެ. އެމީހުންނަށް ދަރިންނާ މައިން ވަކިކުރަން ނޭގެނީ ބާވައެވެ. ވަރަށް ފާޑެއްގެ ބައެއް ދޯއެވެ. އެކަމަކު ހުރިހާ ފިރިހެނުންނެއް ނޫނެވެ. މަދު ބައެއްގެ ސަބަބުންނެވެ. އަހަރެން ވަރަށް ކުޑައިރުއްސުރެން ފެށިގެން އަހަރެންގެ ގޭގައި ފަރުހާދު ނަމަކަށްކިޔާ މާލޭ މީހަކު އުޅޭކަން އެނގޭ ނޫންހެއްޔެވެ. އަހަރެންގެ ގޭގައި މީހަކު ނޫޅޭ ވަގުތުތަކުގައި އޭނާ އެކިގޮތް ގޮތުން އަހަރެންނަށް ޖިންސީ ގޯނާތައް ކުރަމުންދެއެވެ. އަހަންނަށް އޭނާގެ ފަރާތުން އެފަދަ ގޯނާތައް ވާން ފެށީ އަހަރެންގެ ޙަޔާތުގެ ކިހާ ހިސާބަކުންކަން އަހަންނަށް ބުނެދޭކަށްވެސް ނޭނގެއެވެ. ހަނދާން ހުންނަން ފެށިފަހުން (ސްކޫލަށްދާން ނުފަށަނީސް) އޭނާ އަހަރެންގެ ލަދުވެތި ގުނަވަނުގައި ތަފާތު ވައްތަރު  ވައްތަރުގެ ބޭސް އުގުޅާ އަހަރެންގެ ޖިންސީ ގުނަވަނާ ބެހި ހަދައެވެ. އަހަންނަށް މިހާރު ވިސްނޭގޮތުން އަހަންނަށް އޭނާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބެންފެށީ އަހަރެންގެ ޢުމުރުން ފިރުކެންފެށި ދައުރުގައެވެ. ސަބަބަކީ އަހަރެންގެ ޢުމުރުން އެންމެ 3 އަހަރުވެސް ނުވަނީސް އަހަރެންގެ އެ ގުނަވަނަށް މައްސަލަތަކެއް ދިމާވެގެން ޑޮކްޓަރަށް ދައްކަން ފެށިކަމަށް މަންމަމެން ބުނެފައިވެއެވެ. އޭރު އަހަރެންނަކީ އެއްވެސް ބާރެއް ނެތް ކުޑަކުއްޖެކެވެ. ކޮންމެ ފަދަ ކަމެއް ކުރިއަސް އަހަންނަކަށް އެކުރަނީ ރަގަޅު ކަމެއްކަން ނުވަތަ ގޯސް ކަމެއް ކަންވެސް ބުނެދޭކަށެއް ނޭގެއެވެ. މިފަދަ ރަޙުމް ކުޑަ ގޮތަކަށް ފަރުހާދު އަހަރެންނާ އޭރުއްސުރެ ބެހެމުން ގޮސްފައިވާއިރު ބެހި ހެދުމަށްފަހު އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް ބުނެ އަހަރެންނަށް އޭނަ އެކިގޮތްގޮތުން ބިރު ދައްކާފައިވެއެވެ. އެހެންނަމަވެސް ޙާލުގެ ދުލުން އަހަރެންގެ މަންމައަށް މިހުރިހާ ވާހަކައެއްވެސް އަހަރެން ބުނެދިނީމެވެ. އަހަރެންގެ  އެގުނަވަނަށް ތަދުވާ ވާހަކަ އަބަދުވެސް ބުނަމެވެ. އަދި އަހަރެންގެ އެގުނަވަނުން އެއްޗެހި އަންނާތީ އެކަމާ ފަރުވާ ހޯދާފައިވެއެވެ. އަދި އަހަރެންގެ ގޭގައި އުޅޭ ފަރުހާދު ދެކެ ފޫހިވާކަމަށް ބުނަމެވެ. ނަމަވެސް މަންމައަކަށް އެހާވަރަކުން ނުވިސްނުނެވެ. ނަމަވެސް މިއަށްވުރެ އިތުރަށް މިވާހަކަތައް ކިޔައިދޭނެ ހިތްވަރެއް އޭރު އަހަރެންނަކަށް ނުލިބުނެވެ. ސަބަބަކީ މިވާހަކަ މީހެއްގެ ކައިރީ ބުނެފިނަމަ އަހަރެން ބަންދުކޮށް އަދަބުދޭނެކަމަށް ބުނެ އޭނަ އަހަރެންނަށް ބިރު ދައްކަމުން ދިއުމެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް 2003 ވަނަ އަހަރުގެ 3 ދައުރު ނިމި 2004 ވަނަ އަހަރަށް ބަރޯސާ ވަނީއެވެ. އަހަރެންގެ ޢުމުރުން 07 އަހަރު ފުރިއްޖެއެވެ.  އެއްދުވަހަކު މަންމަ ބަދިގޭގައި ކައްކަން ހުއްޓާ އަހަރެން ފަހަތުންގޮސް މަންމަގެ ގައިގައި އޮޅުލައިގެންފައި ވަރަށް ދެރަވެފައި ފަރުހާދު އަހަންނާ ބެހެނީއޭ ބުނީމެވެ. ނަމަވެސް އޭނަ ބެހެނީ ކޮންގޮތަކުންތޯއެއް އަހަރެން ނުބުނަމެވެ. މިހެން އަހަރެން މަންމަ ގާތު ބުނުމުން މަންމަ ފަރުހާދުކައިރީ އެއީ ތެދެއްތޯ އެހުމުން އޭނަ އެކަން ދޮގުކުރިއެވެ. އަދި މަންމަ އެކަމާ އޭގެ ފަހުން އަޅައެއް ނުލިއެވެ. އެއީ މާބޮޑު ކަމަކަށް މަންމައެއް ނުހެދިއެވެ. އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. މަންމަ އަހަންނާ އިތުރަށް ސުވާލުނުކުރުމުން އަހަރެންގެ އުދާސްތައް ދުވަހުން ދުވަހަށް ދިޔައީ ހިތުގައި ގިނަވަމުންނެވެ. އަހަރެންގެ މިއަޑު އަހާނެ މީހަކު ނެތް ކަމުގެ އިޙްސާސް ކުރެވޭ ކޮންމެ ވަގުތަކު އަހަންނަށް ރޮވެއެވެ. މިވާހަކަތައް ބުނެދޭނެ ގޮތެއްވެސް އޭރު އަހަންނަކަށް ނޭގެއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. މަންމަމެން އަހަރެން ކިޔަވަން މާލެ ފޮނުވިއެވެ. އަހަރެން ކިޔަވަން ހުންނަނީ އަހަރެންގެ ބޮޑު ދައިތައެއްގެ ކައިރީގައެވެ. ނަމަވެސް އަހަރެން މާލެ ކިޔަވަން ބަހައްޓަން ވެގެން ބައްޕަ އަހަރެން ގޮވައިގެން މާލެ ދިޔަ ދުވަސްކޮޅު އަހަރެން ފުރަތަމަ ހުރީ ފަރުހާދުމެން ގޭގައެވެ. މިކަމާ އަހަރެން ވަރަށް ކަންބޮޑުވިއެވެ. އޭނާ އަހަންނަށް ދެންކުރާނީ ކޮންކަމެއްކަންވެސް ނޭނގޭތީއެވެ. ރޭގަނޑުގެ ކަނު އަނދިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުތެރެއަށް ނުތަނަވަސްކަން ދިޔައީ ވެރިވަމުންނެވެ. ކަންވީވެސް އެހެންނެވެ. އެގޭގައި ހޭދަވި ފުރަތަމަ ރެއަކީވެސް އޭނާގެ ޝިކާރައަކަށް އަހަރެންވި ބިރުވެރި ރެއެކެވެ އެއީ އެރޭގެ ގާތްގަނޑަކަށް 10 ޖަހާ އެހާކަންހާއިރެވެ. އަހަރެން އޮތީ ބައްޕަކައިރީގައި ބިންމަތީގައި ގޮދަޑިއެއްގެ މަތީގައެވެ. ނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަހަންނަކަށް ނުނިދެއެވެ. ނިދުނަސް އިރުކޮޅަކާ ސިއްސައިގެންގޮސް ހޭލެވެއެވެ. ކުއްލިއަކަށް އަހަރުމެން ތިބި ކޮޓަރީގެ ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ފަރުހާދުކަން އެނގުމުން އަހަރެން ނިދާ ކަމަށް ހެދީމެވެ. އެހެންނަމަވެސް އޭނާ އައިސް އަހަރެންގެ އަތުގައި ހިފާ ގަދަކަމުން ކަހަލަ ގޮތަކަށް އެކޮޓަރިން ނެރުނެވެ. އަދި އޭނާ އުޅޭ ކޮޓަރިއަށް އަހަރެން ވައްދާ އަހަރެންނަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފިލްމާއި އެކި ޒާތްޒާތުގެ ބިރުވެރި ފިލްމުތައް ދައްކާ ހެދިއެވެ. އަދި ފާޑެއްގެ ކުލައެއްގައި ހުރި ބޭހެއް އޭނަ އަހަރެންނަށް ބޯންދިނެވެ. އަދި ކުޑަ ކުދިން ގެންގުޅޭ ކަހަލަ ބަޑިއެއް ހިފައިގެން އޭނަ އައިސް އަހަރެންގެ ލަދުވެތި ގުނަ ވަނަށް އެބަޑި ޖެހިއެވެ. އެވަގުތު އަހަރެންގެ ހަށިގަނޑަަށް އެބަޑީގެ ވަޒަން ވަނެވެ. އެވަަޒަން ހުންނަނީ ދިގުކޮށް ބުނަން ނޭގޭފަދަ ކުލައެއްގައެވެ. އޭގެ ފަހުން އަހަރެންގެ ދަށް ބަނޑަށް ތަދުވާން ފެށިހެން ހީވިއެވެ.

އޭގެ ފަހުންވީ ގޮތެއް އަހަންނަކަށް ނޭގެއެވެ. އަހަންނަށް ހޭވެރިކަން ވެރިވީއިރު އަހަރެންގެ ހެދުން އޮތީ މާދުރުގައެވެ. އަދި އަހަރެންގެ ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތެވެ. އަހަންނަށް ހޭވެރިކަންވީ އޭނާ އަހަރެންގެ ގައިގަ ހިފާ ތަޅުވަން ފެށުމުންނެވެ. ހޭލެވުމާއެކު އަހަރެން ދުވެފައި ގޮސް އަހަރެންގެ ހެދުންތައް ނަގާ އެހެދުންތައްލީމެވެ.

އޭގެ އަނެއް ދުވަހު އަހަރެންގެ އަނގައާއި ދަތްތަކުގެ ކުލަ ބަދަލުވެ އަނގައިން ފާޑެއްގެ ބިހިތަކެއް ނަގަން ފެށިއެވެ. އެއީ މާހައުލު ބަދަލުވުމުން ދިމާވި އެލާރޖީއެއްކަމަށް އަހަރެންގެ ބައްޕައަށް އޭނާ ވިސްނައިދިން އަޑު އަހަރެން އެހީމެވެ. އަހަރެންގެ ހިތަށް އެރިއެވެ.  މިއީ ހަމަ އިންސާނެއް ބާވައެވެ. ހިތެއްވެސް ނެތީ ހެއްޔެވެ. މިހެން ކަންތައް ވުމާއި އަދި އަހަރެންގެ ބަނޑަށް ތަދުވާތީ އަހަރެންގެ ބައްޕަ އަހަރެން ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެފަހަރުވެސް ޖިންސީ ގޮތުން މީހަކު ބެހިފައިވާ ވާހަކައެއް ޑޮކްޓަރެއްވެސް ނުބުނެއެވެ. 

ޖެހިގެން އައި ރޭވެސް ކަންތައްވީ ހަމައެހެންނެވެ. ބައްޕައަށް ނިދޭއިރަށް އަހަރެންގެ ކޮޓަރިއަށް އޭނާ ވަނެވެ. އަދި އޭނާގެ ކޮޓަރިއަށް އަހަރެން ގެންގޮސް އަހަރެންގެ ގަޔަށް އިންޖަކްޝަން ޖަހާ އަހަންނަށް ބޭސްބޯންދީ ހޭނައްތާ އަހަރެންގެ ހިއްސު ކަނޑުވައި އަހަރެންނާއި ބެހި ހަދާފައިވެއެވެ. އޭނަ އަހަރެންނަށް ގޯނާކުރާ އެއްވެސް ދުވަހަކު އަހަރެން ހަޅޭއްލަވާ ހަދާފައެއް ނުހަދަމެވެ. އެހެންމީހަކަށް އެކަން އެނގިދާނެތީ އަހަރެން ބިރުގަނެއެވެ. އަދި އަހަރެން ގަދަ ހަދާ ފަހަރުވެސް އޭނަ އަހަރެންގެ ގައިގާ ތަޅާ ހަދައެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެންގެ ހަޔާތް ބަރުބާދުވެ ނާއުންމީދުވަމުން ދިޔައެވެ. މިގޮތުގައި 3 ދުވަސް އެގޭގައި ހޭދަވުމަށްފަހު ބައްޕަ އަހަރެން ބޮޑުދައިތަ ކައިރީގައި މާލޭގައި ކިޔަވަން ބަހައްޓާފައި ރަށަށް ދިޔައެވެ. މިއީ އޭނާގެ ކިބައިން ސަލާމަތްވެވުނީ ކަމަށް އަހަންނަށް ހީކުރެވުނެވެ. އެކަމާ އަހަރެން އުފާކުރީމެވެ. އެހެންނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ބޮޑުދައިތަމެންގޭގައި އަހަރެން އުޅެމުން ދިޔައިރު އޭނަ ވަރަށް ގިނައިން އަހަރެން އުޅޭގެއަށް އައިސް އަހަރެން އޭނާގެ ގެއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް އެކަމާ އަހަރެން އިންކާރުކުރަމެވެ. އެއްދުވަހަކު އަހަރެންގެ ދައްބަނޑަށް ތަދުވާތީ މަންމައަށް ގުޅާފަ އެވާހަކަ ބުނީމެވެ. އަދި މަންމަގެ އެދުމުގެ މަތިން އަހަރެން ޑޮކްޓަރަށް ދައްކަން އައީ އަހަރެންނަށް އެމީހެއްގެ ފަރާތުން ޖިންސީ ގޯނާތައް ލިބެމުންދިޔަ ފަރުހާދެވެ. އެހެންނަމަވެސް އޭނާ އެރޭ އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ވެގެންނޭ ކިޔާފައި ގެންދިޔައީ އޭނާގެ ގެއަށެވެ. އަދި އެދުވަހުވެސް އޭނަ އަހަންނާ ބެހި ހެދިއެވެ. މިކަންކުރީ އޭނާގެ އަންހެނުންނާއި ދަރިފުޅު ކޮންމެވެސް އެއްޗެކޭ ކިޔާފައި ގެއިން ބޭރަށް ފޮނުވާލާފައެވެ. މިކަހަލަ އެތައްދުވަހެކެވެ. އަހަރެން ބޮޑުދައިތަމެންގޭގެ އުޅުނު ނަމަވެސް އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްވެސް ކުރަނީ އޭނައެވެ. ބޭނުންވާ ކޮންމެ އެއްޗެއްވެސް އޭނާ ހޯދައިދެއެވެ. މަންމަމެންގެ ރައްޓެއްސަކަށްވީމައެވެ. އެގޮތުން އޭނާ ވަނީ އަހަރެންގެ މައިންބަފައިންގެ އިތުބާރު ހޯދާފައެވެ. އަހަރެން ގޮވައިގެން އޭނާ އުޅޭ ގެއަށް ވަރަށް ގިނައިން ދެއެވެ. ބައެއް ފަހަރު އޭނަގެ އަންހެނުން ގެއަށް އައިސް ދޮރުގައި ޓަކި ޖެހުމުން އަހަރެން ފާޚާނާއަށް ވައްދާ ދޮރު ތަޅުލާފައި އޭނާގެ އަންހެނުންގާތު އޭނާ ނިދަނީކަމަށް ބުނެ ދޮގުހަދައެވެ. މިގޮތަށް އޭނަ އެތަށް ފަހަރެއްގެ މަތިން އަހަރެންނާއި އެގޮތަށް ބެހި ހަދާފައިވެއެވެ. މިކަމުގެ ސަބަބުން އަހަރެންނަށް ނުކިޔެވި ހާސްވެ ބިރުގަނެ ނަފްސާނީ ގޮތުން ބޮޑު ބައްޔަކަށް ބަދަލުވިއެވެ. ފިރިހެނުންދެކެ ބިރު ގަންނަން ފެށިއެވެ. އެގޮތުން ބިރު ގަނެ ކަންތައްވާތީ ވަރަށް ގިނައިން ނަފްސާނީ ޑޮކްޓަރަށްވެސް އަހަރެންގެ ބޮޑުދައިތަ އަހަރެން ދައްކާ ހަދާފައިވެއެވެ. އެހެންނަމަވެސް އޭރުވެސް އަހަރެންގެ ހަޔާތުގެ އަނދިރިފަރާތް އެއްވެސް މީހަކަށްވެސް އަދި ޑޮކްޓަރަކަށްވެސް ފާހަގައެއް ނުވެއެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އަހަރެންގެ ޢުމުރުން 10 އަހަރުގައި އަހަރެން ބާލިޣުވެ ފުރާފުރިހަމަ ވެއްޖެއެވެ. އަހަންނަށް މައްސަރު ކަންތައް ޖެހޭ ކޮންމެ ފަހަރަކު ގިނަ އަދަދެއްގެ ލޭ އައުމުގެ ސަބަބުން ބޮލަށް އެނބުރުން އަރާ ލޭ މަނާނުވެ، ގިނަ ދުވަސްތަކެއް ވަންދެން ދެމިހުރެއެވެ. މިކަން މިހެން ވުމުން ވަރަށް ގިނައިން ޑޮކްޓަރަށް ދައްކާވެސް ހަދަމެވެ. ނަމަވެސް މިކަމަކަށް އެއްވެސް ހައްލެއް ނާދެއެވެ. އަހަރެންގެ މައިން ބަފައިން މިކަމާމެދު ކަންތައް ބޮޑުވެ ހަދާނެގޮތް ހުސްވި ކަހަލައެވެ. އެހެންކަމުން މަންމަމެން ނިންމީ އަހަރެން ގޮވައިގެން ބޭސްފަރުވާކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށެވެ. އެހެންކަމުން ޖެހިގެން އައި އަހަރުގެ ޗުއްޓީގައި  ބޮޑުދައިތައާއެކު އަހަރެން ރާއްޖެއިން ބޭރަށް ފޮނުވިއެވެ. އެފަހަރު ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޖިންސީގޮތުން މީހަކު އަހަންނާ ބެހިފައި ހުރިކަމަށް ޑޮކްޓަރު ބުންޏެވެ. އެއީ އަހަރެންގެ ބަދު ނަސީބު ކަމެއް ނުވަތަ ނަސީބުކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހަޔާތުގެ އަނދިރި ފަރާތް ހާމަވީ އޭގެ ފަހުންކަމެވެ. ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށްފަހު އަހަރެން ބޮޑުދައިތައާއެކު އެނބުރި މާލެއައުމަށްފަހު ބޮޑުދައިތަ އެކަމާ ބެހޭގޮތުން އަހަންނާ ސުވާލުކުރަން ފެށިއެވެ. އެންމެ ފުރަތަމަ އަހަރެން އެކަމާ އިންކާރުކުރީމެވެ. އެއީ އަހަރެންގެ ވާހަކަ ޤަބޫލުނުކޮށްފާނެތީއާއި އަހަރެންވެސް އެކަމުގައި ކުށްވެރިވާނެ ކަމަށް އަހަންނަށް ޤަބޫލުކުރެވޭތީއެވެ. ކޮންމެއަކަސް ބޮޑުދައިތަ އެވާހަކަތައް ތަކުރާރުކޮށް އަހަން ފެށުމުން އެވާހަކަތައް ކިޔައިދޭން އަހަންނަށް މަޖުބޫރުވިއެވެ. އެހެންކަމުން އެދުވަހު އެހުރިހާ ވާހަކައެއް އަހަރެންގެ ބޮޑު ދައިތައަށް ކިޔައިދިނީމެވެ.  އަހަރެންގެ ޢުމުރުން ވަރަށް ކުޑައިރުއްސުރެ އަހަރުމެންގޭގައި އުޅޭ މަންމަމެންގެ ރައްޓެއްސެއްކަމަށްވާ ފަރުހާދު އަހަރެންނާ އެކިގޮތްގޮތުން ބެހި އަހަންނަށް ކޮށްފައިވާ ޖިންސީ ހާނިއްކަތަކުގެ ވާހަކަ ކިޔައިދިނީމެވެ.

އަދި މީގެ އިތުރުންވެސް އޭނާގެ ފަރާތުން އަހަންނަށް ފެނުނު އެހެން ވާހަކައެއްވެސް ބުނީމެވެ. އެއީ އެއްދުވަހަކު އަހަރެން ފަރުހާދުމެން ގެއަށްގޮސް ހުރި ދުވަހެއްގައި ފަރުހާދުގެ ކޮޓަރި ތަޅުލާފައި ހުރުމުން ކޮޓަރީގެ ކުޑަދޮރުގެ ބާގަނޑަކުން އަހަރެން ކޮޓަރިތެރެ ބަލާލިއިރު ފަރުހާދުގެ ޢުމުރުން އެންމެ 5 އަހަރުވެސް ނުވާ ކުޑަކުޑަ މަޢުސޫމް އަންހެން ދަރިފުޅު ލައިގެން ހުރި އެއްޗެހިތައް ބާލައި ބައްޕަ އެދަރިފުޅަށް ޖިންސީ ގޯނާ ކުރަން ހުރި މަންޒަރުވެސް ފެނިފައިވާ ވާހަކައެވެ. އަދިވެސް އަހަންނަށް އެނގޭ ހުރިހާ ވާހަކައެއް އަހަރެން ބޮޑުދައިތައަށް ކިޔައިދިނީމެވެ. އަހަރެންގެ އިތުރުން ރަށުގެ އިތުރު ދެކުއްޖަކުވެސް އޭނަގެ ޝިކާރައަކަށް ވެފައިވާކަން އަހަންނަށް އެނގުނެވެ. އެވާހަކަތައްވެސް  ބޮޑުދައިތަ ކައިރީގައި ބުނީމެވެ. އަދި މިހުރިހާ ވާހަކަަތައްވެސް އަހަރެންގެ މައިންބަފައިންނަށްވެސް މިހާރު އެނގެއެވެ. އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. އަހަރެންގެ ހަޔާތް ބަރުބާދު…

ކުއްލިއަކަށް ސާރާއަށް ގިސްލާފައި ރޮވިއްޖެއެވެ. އެވާހަކަ ކިޔައިދެމުން ދިޔައިރު ސާރާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ސާޒްގެ އުގަށް އެޅި ސާޒްގެ ގައި ވަނީ ތެމި ފޯވެފައެވެ. ސާޒް ސާރާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. އަދި ދުވަހަކުވެސް އެފަދަ މީހަކަށް ސާރާގެ ހައްޤަކަށް ނޭރޭނެކަމަށް ބުނެ ސާރާއަށް ހިތްވަރު ދެމުން ގެނދިޔައެވެ. އަދި ސާރާއަށް ދިމާވާ ކޮންމެ ކަމެއްގައި ސާޒް ފަހަތުގައި ހުންނާނެކަމަށް ބުންޏެވެ. ސާރާގެ ހިތް ކުދިކުދި ވެއްޖެއެވެ. ހަޔާތް ބަރުބާދު ވެއްޖެއެވެ. ނަމަވެސް މިއަދު ޝިފާއަކީ ސާޒްގެ ފަރާތުން ދޭ އޯގާތެރިކަމެވެ. ވަފާތެރިކަމެވެ. ހެޔޮއެދޭ ރަޙްމަތް ތެރިއެކެވެ. ސާރާ ސާޒް ކައިރީގައި ބުންޏެވެ. މިކިޔައިދިނީ އަހަރެންގެ ބަރުބާދުވި ހަޔާތުގެ ވާހަކައެވެ. މިހަޔާތް އަލުން އާރާސްތުކުރެވޭނެ ބާއެވެ. ސާޒް އެވެ. ފިރިހެނުންނަކީ އަންހެނުންނަށް ހިތި ބައެކެވެ. ނަމަވެސް ތިކަހަލަ ހެޔޮއެދޭ ފިރިހެނުން މަދުވާނެއެވެ. އިރުގަނޑެއްގައި ވާހަކަ ދެއްކުމަށްފަހު ސާރާގެ އަޑު ކެނޑިގެން ހިގައްޖެއެވެ. އޭރު ސާރާ އޮތީ ސާޒްގެ ގައި ގައި ބޯއަޅާލައިގެންނެވެ. ސާޒް ސާރާއަށް ގޮވަމުން ގެންދިޔައެވެ. ސާރާގެ ހަބަރު ހުސްވެއްޖެއެވެ.

އެވަގުތު ސާޒްއަށް ހަޅޭއް ލަވައި ގަނެވުނެވެ. އަދި ސާރާ އަތް ދަނޑި މައްޗަށް ލައިގެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ސާރާގެ ގެއަށް ވަނެވެ. ސާރާ ފެނުމާއެކު އޭނާގެ މަންމަ ސާރާގެ ގައިގައި އޮޅުލައިގަތެވެ. އަދި ސާރާ ހޭއަރާތޯ މަސައްކަތްކުރަން ފެށިއެވެ. އެވަގުތު އަމިއްލަ ދަރިފުޅުގެ ހާލާމެދު އެމަންމަ ގިސްލާ ރޮމުންދިޔައީ އަމިއްލަ ނަފުޞު ކުށްވެރިކުރާ ހާލުގައެވެ. ތުއްތު ކުއްޖެއްގެ ގޮތުގައި ހުރެ އެދަރިފުޅަށް ލިބުނު ޖިންސީ ހާނިއްކައަކީ އެމަންމަގެ އިހުމާލުންވިޔަސް ނުވަތަ އެފަދަ ހޭލުންތެރިކަން ނެތުމުން ދިމާވި ގޮތް ކަމަށްވެސް ވެދާނެއެވެ. އިރުކޮޅެއްފަހުން ސާރާއަށް ހޭއަރައިފިއެވެ. ހޭވެރިކަން އައުމާއެކު ވަކިވަކި މީހުންގެ މޫނަށް ސާރާ ބަލަމުން ދިޔައެވެ. ހައިރާންކަމާއެކުގައެވެ. ވީގޮތެއް ސާރާއަށް ނުވެސް އެނގޭ ކަހަލައެވެ. މިއީ މިއަދު އެފަކީރުގެ ހާލެވެ. ހާސްވެ ކަންބޮޑުވުމާ ހޭނެތުން ފަދަ ކަންތައް ދިމާވުމަކީ ޢާންމު ކަމެކެވެ. އިރުކޮޅެއްފަހުން ސާރާގެ މަންމަ އެތަނުން ދިއުމުން ސާޒް ސާރާއާ ވާހަކަދައްކަން ފެށިއެވެ. ސާރާގެ ހުރިހާ އުދާސްތައް ސާޒް އަޑުއަހައިފިއެވެ. ސާރާގެ ބަރުބާދުވި ހަޔާތް އަލުން އާރާސްތުކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސާޒް ސާރާއަށް ދިނެވެ. އަދި ސާރާއަށް ލިބިފައިވާ ގެއްލުންތަކުގައި ސާރާ ކުށްވެރިނުވާކަން ވިސްނައިދީ އަލުން ދިރިއުޅުމާ ކުރިމަތިލުމަށް ހިތްވަރުދިނެވެ. އަދި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ބާރުއެޅިއެވެ. އެންމެފަހުން ސާރާގެ މަންމަމެން އެގޮތަށް އެއްބަސްވިއެވެ. އާއިލާ ބަދުނާމުވެދާނެކަމަށް އެއްވެސް ޖެހިލުމެއް ނެތިއެވެ. ސާރާއަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ހޯދުން މާމުހިންމު ކަމެއްކަމުގައި ވިސްނުނީކަމަށްވެސް ވެދާނެއެވެ.

މިއަދު ސާރާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ތަޖުރިބާކާރު ފުލުހުންގެ އެހީތެރިކަމާއެކު ނަފުސާނީ ގޮތުން ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ހޯދައި ދިރިއުޅެން އަލުން ދަސްކުރަމުންދާ ޒުވާނެކެވެ.

މުޖުތަމަޢުގައި ދިރިއުޅޭ ވިޔާނުދާ މީހުންގެ ހަޑިމުޑުދާރު ނުބައި އަމަލުތަކުގެ ސަބަބުން މިފަދަ އެތައް މައުސޫމް ދަރިންތަކެއްގެ މުސްތަޤުބަލް ބަރުބާދުވެގެންދާކަމީ ހިތާމަހުރިކަމެކެވެ.

-ނިމުނީ-

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.