ހިތަކުން ނުފިލާނެ

ލިޔުނީ : މަރިޔަމް ޙުސައިން

ކާން ހަދާފައިވާ މޭޒުގެ އެއްކޮޅުގައި ޒީވާއިނެވެ. ކުލަފޮއްޓަކާއި ފޮތެއް ހިފައިގެނެވެ. އޭރު ޒީވާގެ މަންމަ ޒިމްނާ އުޅެނީ ދޮވުނު އެއްޗެހިތައް ރޯނުގައި އަޅާށެވެ. ބަންލައިފައި ހުޅުވުނު ދޮރާއްޓާއިއެކު ފާރަށްވެސް ގުޑުން އަރައިގެންދިޔަ ކަހަލައެވެ. އެއާއެކު އަތްމަތި އަވަސްކޮށް ރޯނުގައި އެއްޗެހި އަޅަންހުރި ޒިމްނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދޮރޯށި މައްޗަށް އައިސް ހުއްޓުނީ ވާފިރެވެ. ވާފިރުގެ ދިހުންކުލައިގެ މޫނުން ފާޅުވަނީ ދާތިކިތަކެވެ.އޭނާގެ އަނގަހަލުވައި ނުލެވިގެން އުޅެނީ ދުފާއެއްޗެހިންނެވެ. ޒާތަކަށް ޒިމްނާއާ ދިމާއަށް ލޯއަޅައިގެން ވާފިރު ހުއްޓެވެ.

ވާފިރު ފެނި ޒިމްނާ  މޫނުމަތިން އޮށްދާހިތްލަން ފެށީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ބޭރަށް ދޫކޮށްލަން އުޅުނު ނޭވާވެސް އެތެރެ ހަށިން ބޭރުކޮށްލުންވީ އުނދަގޫކަމަކަށެވެ. ޒިމްނާ އާއި ދިމާލަށް ޒާތަކަށް ލޯއަޅައިގެން ހުރެފައި ވާފިރު އެތެރެއަށްވަންނަން ހިނގައިގަތެވެ. އެއާއެކު ބިރުން ތުރުތުރު އަޅާ ހުރި ޒިމްނާ އޭނާއާ ދިމާއަށް ނުބަލައިކަމަށް ހަދާފައި ކައިރީގައި ހުރި ބާލީދީތެރޭގައި ހުރި އެއްޗެހިން ފަހަރަކު އެއްޗެއްނަގާ ރޯނުގައި ބާއްވައެވެ. ބިރުގެންފައި ހުރި ވަރުން އަތްތުރުތުރު ލާވަރުން އެމަސައްކަތްކުރަން އޭނާއަށް އުނދަގުލެވެ. ވާފިރަށް ނުބަލަން އުޅުނަސް ދޭތެރެއަކުން އޭނާގެ ނަޒަރު ހުއްޓެނީ ވާފިރާ ދިމާލަށެވެ. ބަހެއް ނުބުނެ ވާފިރު އެތެރެއަށްވަނުމުން ޒިމްނާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.

ވާފިރަކީ ޒިމްނާގެ ފިރިމީހާއެވެ. ޒިމްނާ ވާފިރާ ކައިވެނިކުރީ ލޯތްބަކުންނޫނެވެ. މަޖްބޫރުވެގެންނެވެ ޒިމްނާގެ ބައްޕަ ކުއްލިގޮތަކަށް ބަލިއެނދުގައި އޮންނަން ޖެހުމުންނެވެ. ޒިމްނާއަށް ލިބޭ ކުޑަ މުސާރައިން ބައްޕަގެ ބޭހަށް ޙަރަދުކޮއްފައި ގެއަށް ޙަރަދުކުރެވެންނެތީމައެވެ. ޒިމްނާގެ ހަގަށް ތިބި ދެކޮއްކޮގެ މުސްތަޤްބަލަށްޓަކާވެސްމެއެވެ. ޒިމްނާ ވާފިރު ދެކެ ކުޑަކޮންވެސް ލޯތްބެއްނުވެއެވެ. އެހެންނަމަވެސް ވާފިރު އިންތިހާއަށް ޒިމްނާދެކެ ލޯބިވެއެވެ. އިސްވެ ޒިމްނާގެ ކައިވެންޏަށް އެދި ދިޔައީ ވާފިރުއެވެ. ޒިމްނާ މައިންބަފައިންގެ ރުހުން ހޯދީ ވާފިރުގެ މޮޅު ބަސްތަކުންނެވެ. ހާލުގައި ޖެހި އަޅާލުމަށް ބޭނުންވެފައި ތިބި ބަޔަކަށް އެބަސްތައްވީ އެމީހުންގެ ރިހުންތަކުގެ ފަރުވާއަކަށެވެ. އާދައިގެ ފިހާރައެއް ހިންގަމުން އަންނަ ވާފިރު ދެއްކި ވާހަކަތަކަށް ޒިމްނާގެ މައިންބަފައިން ލެނބުނީއެވެ.

ޒިމްނާ އެކައިވެންޏަށް ގަބޫލުވީ ހިތާދެކޮޅަށެވެ. އޭރު ޒިމްނާގެވެސް ލޯބިވެރިއަކު ހުއްޓެވެ. އެއީ އަހުޝަމްއެވެ. އެދެމީހުން ރައްޓެހިވެގެން އުޅޭކަން ވާފިރަށް އެނގޭވެސްމެއެވެ. އެހެނަސް ވާފިރު ބޭނުންވީ އަހުޝަމްއަށްވުރެން ކުރިން ޒިމްނާ އޭނާގެ މީހަކަށް ހަދާށެވެ. އެކަން ވާފިރު ކާމިޔާބުކުރިއެވެ. އަހުޝަމާއި ޒިމްނާ ކައިވެނިކުރަން ގޭމީހުން ނުގަބޫލުވީ އޭނާއަކީ އެއްޗެއްނެތް މީހަކަށްވީމައެވެ. މުއްސަނޖަކަށް ނުވީމައެވެ.

ކައިވެންޏަށް ފަހުވެސް ވާފިރު ޒިމްނާ ވަޒީފާއަށް ދިއުން މަނަލެއް ނުކުރެއެވެ. ރަށު ސްކޫލު ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި ބަށިމެޗެއްކުޅެވުނު ދުވަހެކެވެ. ސްކޫލް ފަރާތުން ކުރެވޭ އެކަހަލަކަންތައް ތަކުގައި ޒިމްނާ ފެށުނީންސުރެން ބައިވެރިވެ އުޅެއެވެ. އެދުވަހުގެ މެޗުގައިވެސް ޒިމްނާ ބައިވެރިވިއެވެ. ރަށުގެ ކުދިބޮޑު އެންމެންހެން އެމެޗްބަލަން އެއްވިއެވެ. އޭގެ ތެރޭގައި ވާފިރުވެސް ހިމެނެއެވެ. ޒިމްނާ ކުޅެން ފެށުމުން ވާފިރުގެ މޫނުމަތިން އުފާވެރިކަން ބަބުޅައިގަތެވެ. އެހެނަސް އެއުފާވެރިކަން ދެމިހުރީ ކުޑަ ހިނދުކޮޅަކަށެވެ. ކަންފަތުގައި ޖެހުނު އަޑުން ވާފިރުގެ އުފާވެރިކަން ފޭރިގަތްފަދައެވެ.

” އަދިވެސް ޒިމްނާ ހާދަ ރީއްޗޭދޯ……” އަހުޝަމް ބުނެލި އަޑުއިވުނެވެ.

” ކީއްކުރާނީ ކަލެއަކަށް އެމަންޖެ ނުލިބުނު ވިއްޔާ……..” އަޙުޝަމްގެ އެކުވެރިއަކު ދިމާކޮށްލިއަޑު އިވުނެވެ. ވާފިރަށް ގޮށްމުށްކަވާލެވުނެވެ. އަހުޝަމް ފެންނަ ހިސާބަށް ޒިމްނާ ދާންވެސް ވާފިރުގެ ހިތެއް ނޭދެއެވެ. ދެމީހުންވެސް އެކަކު އަނެއްކަކު ދެކެ ލޯބިވާކަން އެނގޭތީއެވެ. ވާފިރު ހީކުރީ ޒިމްނާ ވާފިރާ ކައިވެނިކުރުމުން އަހުޝަމްގެ ހިތްބަދަލުވެދާނެކަމަށެވެ. އެތަނުގައި މަޑުކުރަންވެސް ބޭނުން ނުވެގެން ވާފިރު އައީ ގެއަށެވެ.

ޒިމްނާ ގެއަށް އާއިރު ވާފިރު ހުރީ  މެދު ގޯތީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޒިމްނާގެ އިންތިޒާރުގައެވެ. ވާފިރު ފެނުމުން ޒިމްނާ ހިނިއައިސް ބުނީ އެމީހުންގެ ޓީމް މޮޅުވި ވާހަކައެވެ. އެހެންނަމަވެސް ވާފިރުގެ ފުރަތަމަ ގޮށްމުށުގެ ހަމަލާ ޒިމްނާއަށް އަމާޒުވީ  އެދުވަހުއެވެ. ވާފިރު ޒިމްނާގެ ކަންކަށިމަތީ އަތްދަމާފައި ޖެހިލެތް ބާރުކަމުން އޭނާގެ ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ. ވީތަދުން ގުޑިލަން ނޭގި އެތަށް އިރަކު ޒިމްނާ ހުއްޓެވެ. ވާފިރު އޭނާ ގައިގާ ޖަހަންޖެހުނު ސަބަބެއް ޒިމްނާއަކަށް ނުވިސްނުނެވެ.

” ދެން މީގެ ފަހުން ބަށިކުޅެން ގޮސްގެން ނުވާނެ…….” ވާފިރު އެހެން ބުނެފައި ގެއިން ނިކުމެގެން ދިޔައީ ނިކަން ބާރަށް ދޮރުޖަހާފައެވެ. އޭރު ޒިމްނާގެ ދެލޮލުންވަނީ ކަރުނަ ހިލިފައެވެ.

ޖެހިގެން އައިދުވަހެވެ. ޒިމްނާ ސްކޫލުން ނިކުތްއިރު ތުނިތުނިކޮށް ވާރޭވެހެއެވެ. އަތުގައި ކުޑައެއްވެސް ނެތުމުން ޒިމްނާ ހިނގުން ބާރުކޮށްލިއެވެ. އެހެނަސް ދެވުނީ ވަކި ހިސާބަކަށެވެ. ވާރޭބޯކޮށްލައިފިއެވެ. އަތުގައި ހުރި ފޮތްތައް ތެމިދާނެކަމުގެ ބިރަށްޓަކާއި އެންމެ ކައިރިން ލިބުނު ހިޔާވަހީގެ އެހީހޯދަން މަޖްބޫރުވިއެވެ. ޒިމްނާއަށް ގެއެއްގެ އަސްކަނި ދަށަށްވަދެވުނީ އަހްޝަމާއި ދާދި އެކުއެކީއެވެ. އެއްވެސް ހާލެއްގައި ރާވައިގެން ގަޑިކިޔައިގެންނެއްނޫނެވެ. އިއްތިފާގަކުންނެވެ. ޒިމްނާ އަހްޝަމަށް ނުބަލަން އިސްޖަހާލައިގެން ހުއްޓެވެ. އެހެނަސް އަހްޝަމްގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ޒިމްނާއާ ވަކިނުވެއެވެ. ހަމައެކަނި އަހްޝަމް ކޮށްލި ދެތިން ސުވާލަކަށް ނޫނީ ޒިމްނާ އަނގައިންވެސް ބުނެނުލައެވެ. އަޙްޝަމް ލިބުން ތަގްދީރުގައި ލިޔެވިފައި ނެތަތީވެ އޭނާ ހުރީ އަހްޝަމަށް ބަލާލަންވެސް ބޭނުންނުވެފައެވެ.

ސްކޫލާދިމާލަށް ވާފިރުދާން ނިކުތީ ވިއްސާރަކޯޓު ލައިގެންނެވެ. އެއްއަތުގައި ކުޑައެއް އޮތެވެ. ޒިމްނާ ނިމޭ ގަޑިއަށްވެފައި ވާރޭވެހޭތީ ނާދެވިފައި ހުންނާނެކަން އެނގޭތީއެވެ. ފިހާރައެއްގެ އަސްކަނި ދަށަށްވަދެ ހުރި ޒިމްނާ ވާފިރުގެ ލޮލުގައި އަޅައިގަތީ ޒިމްނާ ލައިގެންހުރި ލޭރަތްކުލައިގެ ހެދުމުންކަން ޔަގީނެވެ. އެދިމާލަށް މިސްރާބުޖެހިތަނުން އެތަނުގައި ހުރި ދެވަނަ މީހާގެ ސޫރަފެނުމުން ވާފިރުގެ ލޭކެކިގަތެވެ. އަހްޝަމާއި ޒިމްނާ އެއްތަނެއްގައި ހުރުމުން އެއީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ވާފިރަށް އުނދަގޫވީއެވެ. ދެމީހުންގެ ދެމެދުގައި ކިތަންމެ ދުރުމިނެއް ހުއްޓަސް އެދެމެދުގައި އިރެއްގައި އޮތް ގުޅުމެއްގައި ހުޅުރޯވެދާނެކަމާއި މެދު ވާފިރު ޝައްކެއްނުކުރެއެވެ.

 ވާފިރު އޭނާގެ ނަފުސު ކޮންޓުރޯލްކުރީ ގެއަށް ދެވެންދެނެވެ. ދޮރޯށިން އެތެރެއަށް ޒިމްނާ އެޅި ފުރަތަމަ ފިޔަވަޅާއި އެކު ޒިމްނާގެ އިސްތަށިގަނޑުގައި ހިފާ ލަތްކެއްޖެހިއެވެ. ވީތަދުން ޒިމްނާއަށް ރޮއެގަނެވުނެވެ. އެއާއެކު ވާފިރުގެ އަނިޔާތައް ވީ އިތުރެވެ. އަމިއްލަ ދިފާއުގައި އެއްޗެއް ބުނާނެ ފުރުސަތެއް ޒިމްނާއަކަށް ނުލިބުނެވެ. ވާފިރު ރުޅިއައިސް ކޮއްޕައިލުމުން ޒިމްނާ ވެއްޓުނީއެވެ. ނިތްކުރިޖެހުނީ ގަސްމުށިގަނޑެއްގައެވެ. ޖެހުނުލެއް ބާރުކަމުން ޒިމްނާ ހަބަރުހުސްވިއެވެ.

ހޭވެރިކަންވީއިރު ޒިމްނާ އޮތީ ހޮސްޕިޓަލުގައެވެ. ކައިރީގައި އިނީ ވާފިރެވެ. ބޮލުގައި އަޅާވޭނުން ޒިމްނާއަށް ތަންދޮރުވަކިވާ ވަރެއްނޫނެވެ. ޒިމްނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ހަބަރާއި އެކު ދުވެފައި އައިސްވަނީ ޒިމްނާގެ މަންމައެވެ. އޭރު މަންމައަށްވަނީ ރޮވިފައެވެ. ޒިމްނާގެ ހާލު ފެނުމުން މަންމައަށް ވަކިން ބޮޑަށް ރޮވުނެވެ.

” ކަހާލާފައި ވެއްޓި ނިތްކުރި ފަޅައިގެންދިޔައީ …….” ޒިމްނާ މޫނު އަނބުރާލީ މަންމަގެ މޫނަށް ބަލާލާނެ ހިތްވަރުނެތިގެންނެވެ. އެބަސްތަކުން ކައިރީގައި އިން ވާފިރަށް ލިބުނީ ހިތްވަރެވެ. ޒިމްނާއަށް ކޮންމެ ގޮތެއް ހެދިޔަސް އޭނާ ނުބުނާނެކަން ވާފިރަށް ޔަގީންވިއެވެ.

އަލަތުދަރިފުޅަށް ބަލިވެ އިންކަމުގެ ހަބަރާއިއެކު ވާފިރުގެ އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއްއައެވެ. ރުޅިގަދަކޮށްލިޔަސް އަތްއިސްކުރުން މަދުވިއެވެ. އެކަމަކު އެބަދަލަކީ ޒިމްނާގެ ލޮލުގައި އަޅުވާލި އަނދުނެއްކަން އެނގުން އިރު މާބޮޑަށްވަނީ ލަސްވެފައެވެ. ޒިމްނާއަށް ނޭނގި އޭނާ ސްކޫލުން ކަނޑާލީއެވެ. އެކަމާ ޒިމްނާ ވަރަށް ރުޔެވެ. ކަރުނަ އެޅިއެވެ. އެވަޒީފާ ހޯދަން އޭނާ ރެއާދުވާލު ކިޔެވިކިޔެވުން އެހެން މީހަކަށް އިހްސާސްވެސް ކޮށްނުލެވޭނެއެވެ. ހަމައެކަނި ޒިމްނާގެ އަމިއްލަ ހިތްހަމަޖެހުމަށް ކުރަމުން އައި މަސައްކަތާއި ދުރަށްދާންޖެހުމުން އޭނާ ވަރަށް ދެރަވިއެވެ. އެކަމަކު ވާފިރު މަތިއޮމާން ކޮށްލާފައި ބުނެލީ ދަރިއަކު ލިބުމުން އެދަރިފުޅަށްދޭންޖެހޭ ލޯބި އުނިވާން ނޭދޭކަމަށެވެ. އެންމެފަހުން އެކަމާވެސް ޒިމްނާ ރުހި ގަބޫލުވީއެވެ. އެނޫން ގޮތެއްނެތިގެންނެވެ.

ކުޑަކުޑަ ޒީވާ ބޮޑުވަމުން އައި ވަރަކަށް މަންމަޔަށް ބައްޕަކުރާ އަނިޔާ ދިޔައީ ފެންނަމުންނެވެ. އެކުޑަކުޑަ ހިތުގައި ބައްޕަޔާއި މެދު ނަފްރަތުގެ އެތަށް ކޫރުމެއްވަނީ އެޅިފައެވެ. ނަފްސާނީ ގޮތުންވެސް ޒީވާއަށްވަނީ  އެކަމުގެ އަސަރުކޮށްފައެވެ. ވާފިރު ފެނުނަސް އެފަކީރު ބިރުން ތުރުތުރު އަޅައެވެ. އެއްޗެއް ބުނާ އަޑުއިވުނަސް ސިއްސައިގެންދެއެވެ.

” ޒިމްނާ…….” ވާފިރު ހަޅޭލަވައިގަތް އަޑަށް ޒިމްނާ ހިޔާލުގެ ވާފަށް ކަނޑާލިއެވެ. ބާލީދީގައި އޮތް ތުވާލި ރޯނަށް އެއްލާފައި އެތެރެއަށް ވަންނަން ދުއްވައިގަތީ ދެވަނަ ފަހަރަށް ޒިމްނާއަށް ވާފިރު ގޮވާލުމުންނެވެ.

އެހިސާބަށް ނުދެވެނީސް ތަށިތައް ބުރުވާލި އަޑުއިވުނެވެ. ޒިމްނާ ފެނުމުން ވާފިރު ޒިމްނާއަށް ހަމަލާދިނީ ރުޅިއައިސްފައިވާ ސިންގާއެއް ފަދައިންނެވެ. ޒިމްނާ ހީކުރީ ބަތުގައި ލޮނުގަދަވީކަމަށެވެ.  ޒިމްނާ ކުށްވެރިވީއެވެ . އެކަމުގެ އަދަބު ލުއި ނުވާނޭކަން ޒިމްނާއަށް އެނގުނެވެ. އެފަދަ ކޮންމެކުށެއްގައި ޒިމްނާއަށް އަނިޔާ ނުކުރާ އެންމެދުވަހެއްވެސް އޭނާގެ ހަޔާތުން މާޒީވެގެން ނުދެއެވެ.

” ގޮތް ކުޑަ އަންހެނާ……އަހަރެން މިގޭގައި ނެތިސް ހިލޭ ފިރިހެނުން ވައްދަން ފެށީތަ ؟ ” އިސްތަށިގަނޑުގައި ހިފާ އޮޅާލަމުން އަނެއްއަތުން ޒިމްނާގެ ދެކޮލަށް ފިތާލިއެވެ. ބިތްދޮށްފަރާތުން އައިސް ޒީވާ ހުއްޓުން އެރީ ވާފިރުގެ އަޑުއިވިފައެވެ. ވާފިރުގެ އަޑަށް ޒީވާ ދޮރު ފުރަގަހަށްވަދެ ފިލީ ބިރުންނެވެ. އެމަންޒަރު ނުބަލަން ހުއްޓަސް ވާފިރުގެ ހަޅޭކުގެ އަޑު ޒީވާގެ ކަންފަތްބުޑުގައި ގުގުމަމުންދެއެވެ. އަދި ޒިމްނާ ވޭނީ ކެކުޅުމުގެ އަޑުން ޒީވާގެ ހިތްކުދިކުދިވަމުން ދިޔައެވެ. މަންމަ ސަލާމަތްކުރަން ހަދާނެ ގޮތެއް އެކުޑަކުޑަ ސިކުނޑިއަކަށް ނުވިސްނެއެވެ. އެއަށްވުރެން ޒީވާ ގަނެފައިވާ ބިރުމާބޮޑެވެ. 

” މަށަށް މިއަދު ދެފަހަރު ފެނިއްޖެ އެއަހްޝަމް މިގޭކުރިމަތިން ………..” ދަތްތަކަށް ބާރުލައިފައި ވާފިރު ވީގޮތް އޮޅުން ފިލުވައިދިނުމުން ޒިމްނާއަށް ލޯމަރާލެވުނެވެ. އެގޭ ހިސާބުން އަޙްޝަމް ފެނުނަސް ޒިމްނާއަށް ކޮންމެވެސް އަނިޔާއެއް ވާފިރުގެ ފަރާތުން އޭނާއަށް ލިބެއެވެ. ވާފިރަށް ހީވަނީ އަހްޝަމް އެގޭދޮށަށް އެއަންނަނީ ޒިމްނާ ހޯދަން ކަމަށެވެ.

ޒިމްނާއަށް އަޙްޝަމް ނުފެންނަތާ ކިތަންމެ ދުވަހެކެވެ. ޒިމްނާ ބޭރަށް ނިކުތުން މަނާކޮށްފައި އޮންނާތީ އެއްވެސް ބޭނުމެއްގައި އޭނާ ބޭރަކަށް ނުދެއެވެ. ވާފިރު ބޭރުން ކުރަންޖެހޭ ހުރިހާ ކަމެއް ޒިމްނާއަށް ކޮއްދެއެވެ. ބާޒާރުކޮށްދިނުމާއި ޒީވާ ސްކޫލަށް ގެންގޮސްދިނުމެވެ. އެހެންވެ ޒިމްނާއަށް ބޭރަށްދާކަށް ނުޖެހެއެވެ. އެންމެ ކުޑަމިނުން މަގުކުނިކަހަން ނިކުތުންވެސް ޒިމްނާއަށް މަނަލެވެ.

” މިގޭގަ އޭނަ އުޅިފަ އެދިޔައީ……މަށަށް ހެކިވެސް ފެނިއްޖެ……….” ވާފިރުގެ އަތްދަށުން ޒިމްނާއަށް ގުޑިވެސް ނުލެވުނެވެ. އެބާރުގަދަ ދެއަތުގެ ތެރޭގައި ޒިމްނާ ހައްޔަރުކޮށްފައިވަނީ ސަލާމަތްވެގެން ނުދެވޭނޭހެންނެވެ.

” އަހަރެން ނުބުނަންތަ ؟ އޭނަޔާ ވާޙަކަދައްކައިގެން ނުވާނޭ……..އޭނ……..އަބަދުކަންކަން ހަނދާންކޮށެއް ނުދެވޭނެ…………” ވާފިރު ޒިމްނާ ގޮވައިގެން އެނބުރިލިއެވެ. ރުޅިއައިސްގެން ހީވަނީ ވާފިރުގެ ކަތުރުކަށިގަނޑުވެސް ނައްޓައިގެން ހިނގައިދާނެހެންނެވެ.

” މިހިރީ މިހިރީ……….” ޓައިލްސްމައްޗަށް އިނގިލިން އިޝާރާތްކުރުމުން ޒިމްނާއަށް ހަމައެކަނި ހަރަކާތެއް ގެނެވުނީ ލޮލަށެވެ. ހަށިގަނޑުން އެހެން ގުނަވަނެއް ހަލުވައިވެސް ނުލެވުނެވެ. ވާފިރު ދެއްކީ ޓައިލްސްމަތީ ހިނގާފައި ހުރި ބޫޓެއްގެ ފިޔަވަޅެވެ. ކަޅުވެއްޔާއި ފެނުން ފެވިފައިވާ ބޫޓުގެ ފިޔަވަޅު ބޮޑުކަމުން އެއީ ފިރިހެނެއްގެ ނިޝާންކަމާއިމެދު އެކަކުވެސް ޝައްކެއްނުކުރާނެއެވެ. ޒިމްނާ އެއީ ދޮގެކޭ ބުނަން ވަރަށް އުނދަގުލުން ބޯހަލުވާލިއެވެ. ޒިމްނާ ދައްކާ ވާޙަކަ އަޑުއަހާ ވަރަށްވުރެން ވާފިރު އެތެރެހަށީގައި ކެކެމުންދިޔަ ލޭހޫނެވެ. ވަޅިޖަހާއެތިން އެންމެ ތޫނުހެން ހީވާ ވަޅިނަގާ އަމާޒުކޮށްލީ ޒިމްނާގެ ކަރަށެވެ. ހިތުގައި އަނދަމުންދިޔަ ރުޅިވެރިކަން ނިންމާލީ އެވަޅީގެ ތޫނުކަން ވަޒަންކޮށްލުމަށްފަހުއެވެ. ހޯސްލައިފައި އޮހިގަތް ލޭތަކާއި އެކު ޒިމްނާ ބިންމައްޗަށް ވެއްޓެން ދޫކޮށްލާފައި ވާފިރު އުޅުނީ ދާށެވެ. ފިލާށެވެ. އެހެނަސް ކުރިމައްޗަށް ހިޔަންޏެއްވެގެން ބަލީލިއިރު ރޮވިފައި ޒީވާ ހުއްޓެވެ. އަރައިގެން ހުރީ ކަޅުކުލައިގެ ބޮޑު ފިރިހެން ބޫޓަކަށެވެ. އެއީ އެއް އިރެއްގައި ވާފިރު އަރަން ބޭނުން ކުރި ބޫޓެކެވެ. ބޫޓު ހަރުގައި ބޭނުން ނުކޮށް ހިރަފުހުން ފުރިފައި އެބޫޓްހުންނަތާ ކިތަންމެ ދުވަހެކެވެ. ރުޅި އައިސްގެން ކުރެވުނުކަންތައް ހަނދާންވީ ދެނެވެ. ޒިމްނާއޭ ކިޔާ ހަޅޭލަވަމުން ޒިމްނާކައިރީ ކުޑަކަކޫޖެހިއިރު ބިންމަތީގައި ފެތުރިފައިވަނީ ލޭގެ ކޯރެކެވެ. ޒިމްނާގެ ހަށިގަނޑުގައި ފުރާނަ ހުރިކަމާއި މެދު ޝައްކުވުމުން ވާފިރު ބިރުގަތެވެ. ކުށެއްނެތް ފުރާނައަކަށް އަނިޔާވެރިވެވުނީ އޭގެ އިންތިހާއަށެވެ. ކަހާލާފައި ވެއްޓިގެންނޭ ބުނެ މިއަދު ސަލާމަތްނުވެވޭނެކަން އެނގުމުން ޒިމްނާ އަތްދަނޑިމައްޗަށް ލައިގެން ވާފިރު ދުއްވައިގަތީ ހޮސްޕިޓަލާއި ދިމާލަށެވެ.

ފުލުހުން ވާފިރު ހައްޔަރުކުރިއެވެ. ވާފިރު ކުށަށް އިޢުތިރާފްވެސްވިއެވެ.  ދިގު އޮޕަރޭޝަނަކަށްފަހު ޒިމްނާގެ ފުރާނަ ސަލާމަތްކުރެވުނެވެ. އެހެނަސް އޭރު ޒިމްނާވަނީ ދިރިއުޅުންމަތިން ފޫހިވެފައެވެ. ޒީވާ އާއި ޒިމްނާއަށްވަނީ ނަފްސާނީ ގޮތުން ފަރުވާކުރަންޖެހިފައެވެ.

ވާފިރު ކައިރިން ވަރިވެގެން ޒިމްނާ އަޙްޝަމާއި ކައިވެނިކުރީ އެހަނދާންތަކާއި ދުރުވެވޭތޯއެވެ. އެހެނަމަވެސް  އެތަށް އަހަރެއްވަންދެން ބަރުދާސްތުކުރި ހިތްދަތި ވޭނީ ދިރިއުޅުމުން މިންޖުވިޔަސް އެދުވަސްތައް ހަނދާން ނައްތާލަން ޒިމްނާއަށް ވަރަށް އުދަގޫވާނެއެވެ. ޒިމްނާގެ ހަށިގަނޑުގައި އެއަނިޔާތަކުގެ ނިޝާން ފެންނަން ހުރިއިރު އެދެމައިންގެ ހިތަކުން އެއަނިޔާވެރިކަން ފިލައިގެން ނުދާނެއެވެ.

                   ~   ނިމުނީ ~

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.