ފުރާނަދަންދެން

ލިޔުނީ : މަރިޔަމް ޙުސައިން / ހދ. ކުޅުދުއްފުށި

ފުރަމެންދަމުގެ ވަގުތެވެ. ވަށައިގެން ފެންނަނީ ހިމޭންކަމެވެ. މުޅި ދުނިޔެވެސް ނިދާފައިވާ ކަހަލައެވެ. އެހެނަސް ލައިލާ ދެލޮލުގެ ނިދިވަނީ އޭނާޔާ މާދުރުގައެވެ. ރޮއެރޮއެ ދެލޯވަނީ ރަތްވެފައެވެ. އެސްފިޔަތަކުން ކަރުނައިގެ ތެތްކަން ނުހިކެއެވެ. ތިންވަނަ ބުރީގެ ބެލްކަނިން ނިކެމެ ބެލްކަނީ ފާރުކޮޅުމައްޗަށް ކޮޅަށް އެރިއެވެ. ބޭނުންވީ ފުންމާލާށެވެ. މިކެހިވެރިދުނިޔޭގައި އެންމެ މިނެޓެއް ހޭދަކުރަންވެސް ލައިލާ ބޭނުމެއްނޫނެވެ. ހިތްވަރުކޮއްފައި ތިރި ބަލާލިއެވެ. ބޮލަށް އެނބުރުން އަރާގޮތްވިއެވެ. މަގުމައްޗަށް ވެއްޓުމުގެ ބަދަލުގައި ލައިލާ ވެއްޓުނީ ގޭތެރެއަށެވެ.

ހޭވެރިކަންވީއިރު ލައިލާއަށް އޮވެވުނީ ހޮސްޕިޓަލްގައެވެ. ކައިރީގައި ރޮވިފައި ހުރި މަންމަޔާއި ބައްޕަ ތިއްބެވެ. ލައިލާ އަނެއްކާވެސް ދެލޯ މަރާލިއެވެ. މަންމަމެންގެ ސުވާލުތަކަށް ޖަވާބު ދޭން އޭނާއަކަށް ފަސޭހައެއް ނޫނެވެ. ދެލޯ މަރައިގެން އޮއްވާވެސް އެސްފިޔަތައް ފޫއަޅުވާލާފައި ދެލޮލަށް ގިނަވި ކަރުނަތައް އޮހިގަނެއްޖެއެވެ.

ލައިލާ ކިތަންމެ ހަނދާންނައްތާލަން ބޭނުން ވިޔަސް އޭނާގެ މާޒީ ހަނދާންނައްތައެއް ނުލެވުނެވެ. އޭނާ ދިރިހުރިހާ ދުވަހަކު އެހަނދާންތަކާދުރަކަށް ނުދެވޭނެއެވެ. އެއީ ލައިލާގެ ޙަޔާތުގައި އައި އެންމެ ހިތްދަތި ސަފުހާއެވެ.ކަޅުއަކުރުން ސުރުހީ އަޅާލާފައިވާ ޖަވާޒީހަޔާތުގެ ފެށުމާއި ނިމުމެވެ.

ތައުލީމީ ޙަޔާތް  ލައިލާ ނިންމާލީ ރަންވަނަތަކާއެކުއެވެ. މަތީ ތައުލީމަށް ލިބުނު ރަނުގެފުރުސަތާވެސް އެކުއެވެ. އެހެން ނަމަވެސް ލައިލާއަށް މަޖްބޫރުވީ ދިރިއުޅުމެއް ފަށާށެވެ. ލައިލާގެ ބައްޕަ ނަގާފައިވާ ލޯނު ނުދެއްކި އެކުޑަ އާއިލާ މަގުމަތިވެދާނެކަމުގެ ބިރަށްޓަކާއެވެ. އެފައިސާ ދައްކާ ހަލާސްކުރަން ދިނީ އެންމެ ތިންމަސްދުވަހުގެ މުހުލަތެކެވެ.

އެމުއްދަތު ތެރޭ އެފައިސާ ނުދެއްކިއްޖެނަމަ ދައުލަތަށް ލައިލާ ބައްޕަގެ ގޯތި އޮތީ ނަގާގޮތަށެވެ. ކައިވެންޏަށް ލައިލާ އެއްބަސްވީ އެމުއްދަތުގެ ތެރޭގައި އެ އާއިލާއަށްވެސް އަދި ޙުދު ލައިލާއަށްވެސް ފައިސާ ދެއްކޭނެ މަގެއް ފެންނަންނެތީމައެވެ.

އެހީތެރިކަމަކަށް އެދި ލައިލާގެ ބައްޕަ މުއްސަނދި ކެރިފޯރުންތެރިންގެ ގޭގެއަށް ދިޔައީ ވެއްޓިފައިވާ އަނދަވަޅުން އަރައި ނުގަނެވިގެންނެވެ. އެގޮތަށްދާ ދިއުމުގައި ބައްޕަ ދަނީ ލައިލާވެސް ގޮވައިގެންނެވެ.

ޒަކީގެ ލޮލުގައި ލައިލާ އަޅައިގަތީ އެގޮތަށް ދިޔަ ދިއުމުގައެވެ. ލައިލާ ބައްޕަ ލޯނު އަދާކުރެވޭ ވަރަށް ފައިސާދޭން ޒަކީ އެއްބަސްވީ ޝަރުތަކާއި އެކުއެވެ. ޒަކީ ހުށައެޅީ ލައިލާ  އާ ކައިވެނި ކުރުމަށެވެ.ފުރަތަމަ ލައިލާ އިންކާރުކުރިއެވެ. ފާޅުގައި ދެކޮޅު ހެދީ އިތުރަށް ކިޔަވަން ބޭނުން ކަމަށް ބުނެއެވެ. އެހެން ނަމަވެސް ލައިލާ ބައްޕަ އޭނާގެ ފައިބުޑަށް ތިރިވެ ރޮއެ އާދޭސްކުރީ އެބައްޕައަށްޓަކާ ކޮއްދޭ އެންމެ ފަހު ކަމަކަށް އެކަން ކޮއްދިނުމަށެވެ.އެދުވަހު ނޫނީ  ލައިލާ ހަޔާތުގައިވެސް ލައިލާގެ ބައްޕަ ރޯތީ އޭނާ ނުދެކެއެވެ. ޒަކީގެއަލަތު ކައިވެނިކުރެވުނީ  ލައިލާ އާ އެވެ.އެހެންނަމަވެސް މީގެ ކުރިން ޒަކީގެހަޔާތަށް ވަނީ އެތަށް އެތަށް އަންހެނުންނެއް އައިހެވެ. އެކަމަކު އެއީ ވިޔަފާރި އުސޫލުން ކުޑަދުވަސްކޮޅަކަށް ނޫނީ ކުޑަ ވަގުތުކޮޅަކަށެވެ. ޒަކީއާއި  ލައިލާގެ ކައިވެނިކުރެވުނީ އާދައިގެ ގޮތަކަށެވެ. ބޮޑު ހަފްލާއެއް ބާއްވަން ލައިލާ ބޭނުން ނުވީއެވެ. އޭނާގެ ގާތް އެކުވެރިންނާއި މުޅި ދުނިޔެއަށްވެސް އެކައިވެނި ސިއްރުކުރުމަށްޓަކާއެވެ. އަދި އަމުދުން ލޯބިނުވާ މީހަކާއި ކައިވެނިކޮށްގެން އެކަން އިއުލާންކުރަން ލައިލާ ބޭނުންނުވީއެވެ.

ކައިވެންޏަށް ފަހު ލައިލާގެ ދިރިއުޅުން ބަދަލުވީ ޒަކީގެ ގެއަށެވެ. ކިތަންމެ ބޭނުން ނުވިޔަސް އޭނާއަށް އެނޫން ގޮތެއް ނެތެވެ. ލައިލާ ކައިވެނި ކުރުމުން ލައިލާގެ ބައްޕަ ދަރާފައިވާ ދަރަނި ދެއްކި ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވުނެވެ. ބައްޕަ ދަރަނިން ސަލާމަތްވިއިރު ޒަކީ  މިވަނީ ލައިލާ ގަނެލާފައެވެ. އެވެސް މުޅި އުމުރަށެވެ. ޒަކީ ކިބައިން ލައިލާއަށް މިންޖުވުމެއްނެތެވެ.

ގިނަ ވަގުތު ޒަކީއަކީ ގެއިން ބޭރުގައި އުޅޭމީހެކެވެ. އެއީ ލައިލާގެ ނަސީބޭ ހީވާ ކިތަންމެ ފަހަރެއް އާދެއެވެ. ރޭގަނޑު ގެއަށް އަންނާނީ އެތަށްދަމެއްވާ ފަހުންނެވެ. ކިތަންމެ ބޭނުން ނުވިޔަސް ޒަކީގެ އެދުމަށް ލައިލާ ބޯލަނބަމުންދިޔައީ ޗާބީދީފައިވާ ބުދެއްފަދައިންނެވެ. ހިތާ ދެކޮޅަށެވެ. ޒަކީ އަކީ އޭނާގެ ފިރިމީހާކަމަށްވާތީއެވެ. ފިރިމީހާއަށް އަދާކުރަންޖެހޭ ހައްޤުތަށް އަދާ ނުކޮށްފިނަމަ ފާފަވެރިވާނޭކަން އެނގީތީވެސްމެއެވެ.

ކައިވެންޏަށް ދެތިން މަސްފާއިތުވެގެން ދިޔައިރުވެސް ލައިލާ އާއި ޒަކީ މެދުގައި ހުރީ ދުރުކަމެވެ. ޒަކީވެސް ލައިލާ މާގާތްކުރާކަށް ނޫޅެއެވެ. ގަޑިންގަޑިއަށް ގޭގައި ކައްކާ ގޭތެރެ ބަލަހައްޓާނެ ހާދިމުންތިބެއެވެ. ދެމީހުންގެ ދެމެދުގައި މުއާމަލާތުތައް ހިނގަނީ ވަރަށް މަދުންނެވެ. ޒަކީ އެއްޗެއް ބުންޏަސް ލައިލާ އެއްޗެއް ބުނަނީ މަދު ފަހަރަކުއެވެ. ހަމަ އެކަނި ބޯހަލުވާލުމަކުން ޖަވާބުދޭފަހަރުވެސް ވަކި މަދެއްނޫނެވެ.

ދެން ފެންނަންފެށީ ޒަކީ ކަމަކާއި ކަންބޮޑުވެގެން އުޅޭތަނެވެ. އަބަދުވެސް ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގާތީއެވެ. ކޮންމެވެސް ކަމެއް ހައްލުނުވެގެން އުޅޭތަނެވެ. ވެގެން އުޅޭގޮތް ޒަކީ ލައިލާ ކައިރިއަކު ނުބުނެއެވެ. އަދި ލައިލާވެސް ޒަކީ ކައިރިން ވީގޮތް އޮޅުން ފިލުވާކަށްނޫޅެއެވެ.

ލައިލާ ފެންވަރައިގެން ނިކުތްތަނާހެން ގޭގެ ބެލް އަޅާލިއަޑުއިވުނެވެ. ކެނޑިނޭޅި އެއަޑު އިވޭތީ ލައިލާ ހީކުރީ މީހަކު ގޭގައި ނޫޅެނީކަމަށެވެ. އަވަސްއަވަސްކޮއްގެން ތިރިއަށް އާއިރު ޒަކީ ސޯފާގައި އިންތަން ފެނުނެވެ. ޒަކީގެ މޫނުގެ ކުލަވަރު ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން ލައިލާއަށް ޔަގީންވިއެވެ. ޒަކީ ބަލާލި ގޮތުން ލައިލާ ފިޔަވަޅުތަކަށް މަޑުޖެހުނު ނަމަވެސް ދޮރުގައި ބާރަށް ތަޅައިގަނެ ބެލް އަށް އަވަސްއަވަހަށް ފިއްތާލި އަޑުއިވުނެވެ. ތަޅުދަނޑި އަނބުރާލައި ތަޅު ހުޅުވިއެވެ. އެއާއެކު އެތެރެއަށް  ވަންނަން އެމީހަކު ދޮރުގައި ހިފާ ކޮއްޕާލިއެވެ. ލައިލާ ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ. އެމީހަކު އެތެރެއަށް ވަނެވެ. އެއީ އިސްކޮޅުންދިގު  ވަރަށް ބިޔަކޮން ހުރި މީހެކެވެ. އެމީހާ ކަޅުކަމުން ހީވަނީ އެފްރިކާ ބައްރުގެ ބަބުރެއްހެންނެވެ. ކޮނޑަށްވުރެން ތިރިއަށް ހުރި އިސްތަށިގަނޑާއި އަތުގައި އަޅާފައިވާ ޗޭނުތަކުން ލައިލާއަށް ފަހަތަށް ޖެހިލެވުނެވެ. އެމީހާ ފެނި ޒަކީއަށް އިންތަނުން ތެދުވެވުނެވެ. ކަންބޮޑުވެފައި އެއްޗެއް ބުނަން އުޅުނުހެންވެސް ހީވިއެވެ. ޒަކީ ހަރުކޮށް ހިނގާފައި އައިސް ދޮރު ތަޅުލުމުން ލައިލާއަށް ލިބުނީ އިންތިހާ ހައިރާންކަމެވެ. ފަހަރަކު މީހަކަށް ނަޒަރު ސީދާކޮށްލެވުނެވެ. އެމީހާ ޒަކީއަށް ބަލާލުމުން ޒަކީ ނިތްއެލުމުން ލައިލާއަށް ހީވީ ކޮންމެވެސްކަމެއް އަވަސްކުރުމަށް ބުނިހެންނެވެ. އެއާއެކު އެމީހާ އައިސް ލައިލާ އުފުލައިލައި ކޮނޑުމައްޗަށްނެގިއެވެ. ތެޅިގަނެފައި ސަލާމަތްވާން ލައިލާ ތެޅިގަތެވެ. ހަޅޭލެވިއެވެ. އެހެނަސް ޒަކީ ފާޑަކަށް ބަލަހައްޓައިގެން ހުރީއެވެ. ޒަކީ އޭނާ ސަލާމަތް ނުކޮށް އޭނާއަށް އެހީނުވެ އެހެން ހުއްޓާފެނުމުން ލައިލާ ހިތުގައި ޖެހުނެވެ. ދެލޮލުން އޮހުރުނު ކަރުނަވީ އިތުރެވެ. އެމީހާ ލައިލާ ނަގައިގަނެގެންވަނީ ނިދާކޮޓަރިއަށެވެ. އެނދުމައްޗަށް އޭނާ އެއްލާލުމަށްފަހު ޖީބުން ނެގީ ސިރިންޖެކެވެ. ލައިލާ ގަދަ ހަދަމުންދަނިކޮށް އެސިރިންޖުގެ ކަށި އޭނާގެ ގަޔަށް ހަރާލިއެވެ. މަޑުމަޑުން މަންޒަރުތައް ފުސްވަމުން ގޮސް ތަނެއް ދޮރެއް ލައިލާއަށް ނޭގޭ ވަރުވިއެވެ.

ލައިލާއަށް ހަމަ ހޭވެރިކަންވީއިރު ކަންފަތުގައި ޖެހުނީ ވާރޭވެހޭ އަޑެވެ.  ލައިލާ ހަށިގަނޑަށްވެފައިވާ ވަރުބަލިކަމާއެކުވެސް އެނދުން  ތެދުވަންނަން އުޅުނެވެ. ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތްކަން އެނގުމުން ލައިލާއަށް ރޮއެ ގަނެވުނެވެ. އެމީހާ އޭނާއަށް ކުރީ ކީއްބާއޭ ހިތަށްއެރިއެވެ. އެކަންތައްތައް ހަނދާންވޭތޯ ލައިލާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އިތުރުކަމެއް ހަނދާނަކަށް ނައެވެ. ހަމައެކަނި ހަނދާންހުރީ ތޫނުކައްޓެއް އޭނާގެ އަތަށް ހަރާލިކަމެވެ.

ލައިލާ ތިރިއަށް ދިޔައިރު ޒަކީ ކައިރީ އެމީހާ އިނެވެ. ދެމީހުން ދެމެދު ދައްކަމުންދިޔަ ވާހަކައިން ދެމީހުންނަކީ ވަރަށް ގާތް ދެމީހުންކަން ލައިލާއަށް އެނގުނެވެ. އަދި އެމީހާގެ ޖީބުންނަގާ ޑޮލަރު ބޮނޑިއެއް ދޭތަން ފެނުނެވެ. ވާނުވާ ނޭގިފައި ލައިލާއަށް ހުރެވުނީއެވެ. އެމީހުންގެ ކުރި މައްޗަށް އަރާނެ ހިތްވަރެއް ލައިލާއަކަށް ނުލިބުނެވެ.

އެމީހާ ދިއުމުން ލައިލާ ޒަކީ ކައިރިއަށް ދިޔައެވެ. އަދި ވަރަށް ހިތްވަރުކޮއްފައި އެމީހާގެ ވާހަކަ ކިޔައިދިނެވެ.  އަދި ފުލުހުންނަށް މައްސަލަ ރިޕޯޓްކުރަން ބޭނުންކަމަށް ބުނެލިއެވެ. ޒަކީގެ ފަރާތުން އެހީއެއް ލިބިދާނެކަމަށެވެ. އެހެނަސް ޒަކީ ހިނިތުންވެލާފައި ޖީބުން ނަގާ ދައްކާލީ ޑޮލަރު ބޮނޑިއެކެވެ.

” ތީދެން އެހާ ބޮޑު ކަމަކަށް ނަހަދާ……..ބަލާލާ އެންމެ ރެއަކުން ޖޯޑަން އެދިޔައީ ކިހާ ޑޮލަރެއް ދީފަ……….. އަހަރެން އިނދަޖެހުނީސް މިފަހަރު މިޑޮލަރު ކޮޅު ނުލިބުނު ނަމަ …………” ޒަކީގެ ޖަވާބު އިވިފައި ލައިލާގެ ހިތް ކުދިކުދިވިއެވެ. ޒަކީ ފައިސާއަށް ދަތިވުމުން އަނބިމީހާ ނީލަން ކިޔާލަނީ ހެއްޔެވެ؟

” ލައިލާ ކޮންކަމަކާ މައްސަލަ ޖައްސާކަށް……….ލައިލާގެ ބައްޕައަށްވެސް ކިހާ ފައިސާއެއް ދިނިންތަ އަހަރެން އޭގެ ބަދަލު ލައިލާވެސް ޖެހޭނެދޯ ހޯދައިދޭން…..” ވަގުތުން ލައިލާ އިސްޖަހާލިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ނުދެއްކުމަށްޓަކާއެވެ. އޭނާގެ ބަސް ނުވިކޭނެކަން އެނގޭތީއެވެ.

އެދުވަހަށްފަހު ދޭތެރެ ދޭތެރެއިން ޖޯޑަން ލައިލާ ކައިރިއަށް ގެނެއެވެ. އެނބުރި ޖޯޑަން ދަނީ ލައިލާގެ ނުރުހުމުގައި އޭނާގެ ހަށިގަނޑުން އުފާހޯދުމަށްފަހުއެވެ. ޖޯޑަން ގިނައިން އައިވަރަކަށް ޒަކީގެ އަތްމަތި ދިޔައީ  ތަނަވަސްވަމުންނެވެ. އެކައުންޓަށް ޖަމާކުރާނެ ޑޮލަރު ލިބެމުންނެވެ.

އެގޮތުގައި އުޅެނިކޮން ލައިލާ ވަރަށް ބޮޑަށް ބަލިވިއެވެ. ޓެސްޓުގެ ނަތީޖާ ފެނުނު ވަގުތު ލައިލާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭއިޑްސް ޖެހިފައިވާކަން އެނގުނު ހިނދު ލައިލާ ބޭނުންވީ އަމިއްލަ ފުރާނަ ދުއްވާލާށެވެ. މީހުންގެ މަލާމާތާއި ބަދު ބަސްތަކަށް ކެތްނުވާނެތީއެވެ. އެހެނަސް ފުންމާލަން އުޅުމުންވެސް ހާލަތު އެގޮތަށް ތަނެއްނުދިނެވެ. ހޮސްޕިޓަލްގެ އެނދުގައި އޮވެގެން ކަންތައްވީ ގޮތް ލައިލާ ކިޔައިދިނެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށް ޒަކީ ބަންދުކުރެވުނެވެ. ލައިލާގެ މަންމަޔާއި ބައްޕަ އެމީހުންގެ ދަރިފުޅަށް އޭއިޑްސް ޖެހިފައިވާކަން އެނގުމުން ވަރަށް ރުޔެވެ. އެމީހުންނަށްޓަކާ ކިޔެވުން ދޫކޮށްލުމަށްފަހު ލޯބިނުވާ މީހަކާއިއެކު ލައިލާ ދިރިއުޅުމެއްފެށީ ލައިލާ ހިތާ ދެކޮޅަށެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ. ލައިލާގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ. ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑުވީއެވެ.  ލައިލާގެ މުޅި ދިރިއުޅުން ހާވިޔާވީއެވެ.ހިތާމަޔާއި ހިތްދަތިކަމުގެ ދުވަސްތައް ފަހުނޭވާޔާ ޖެހެންދެން ގުނަން ޖެހުނީއެވެ.އެހިތްދަތި ހަނދާންތައް އޭނާގެ ފުރާނަދާންދެން ހިތުގައި ބިންވަޅު ނެގިފައިވާނޭކަން ޔަގީނެވެ.  

                      ނިމުނީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.