
ސޮނޭވާފުށިން ވިއްކާ ޕްރައިވެޓް ރެސިޑެންސެއް: އެ މުއާމަލާތްތަކުން ޓީޖީއެސްޓީ ދައްކަން ނުޖެހޭ ކަމަށް ޓްރައިބިއުނަލްއިން ވަނީ ނިންމާފައި.
މިއަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާފުށި ރިސޯޓުން 35 އަހަރަށް ވިއްކި ވޯޓާ ވިލާއަކަށް ޓެކްސް ނުދައްކައިގެން، އެ ރަށް ހިންގާ ބަނީ ހޯލްޑިންގްސް ލިމިޓެޑް (ބީވީއައި)ގެ އެކައުންޓް ފްރީޒްކޮށްގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނަގާފައިވާ 200،000 އަށް ވުރެ ގިނަ ޑޮލަރު އަނބުރާ އެ ކުންފުންޏަށް ދިނުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ބީވީއައިން ހުށަހެޅި އެ މައްސަލަ ބެލުމަށް ފަހު އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ސޮނޭވާފުށިން 35 އަހަރަށް ވިއްކި ވޯޓާ ވިލާއަކަށް ޓީ ޖީއެސްޓީ ނުދައްކައިގެން އެ ކުންފުނީގެ އެކައުންޓް ފްރީޒްކޮށްގެން މީރާއިން 247،953.53 ޑޮލަރު (3.8 މިލިއަން ރުފިޔާ) ނަގާފައިވާ ކަމަށެވެ.
ޓްރައިބިއުނަލްގައި މައްސަލަ ބެއްލެވި ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ސޮނޭވާފުށިން ދިގުމުއްދަތަށް ވިއްކި ވޯޓާ ވިލާއަށް ޖީއެސްޓީ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ބީވީއައި އަށް ރައްދު ކުރުމަށް ވެސް ވަނީ މީރާގެ މައްޗަށް އަމުރުކޮށްފަ އެވެ.
ސޮނޭވާފުއްޓަކީ ބޭރުގެ މަހުޖަނުންނަށް ރިސޯޓްގެ ވަކި ސަރަހައްދުތައް ތަރައްގީކޮށް ދިގު މުއްދަތަކަށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. (ހަވީރު އޮންލައިން)