
ލިޔުނީ : މަރިޔަމް ޙުސައިން / ހދ.ކުޅުދުއްފުށި
ގޯލުގެ ދާގަނޑު ފޫއަޅުވާލައި ވަދެގެންދިޔަ ގޯލާއިއެކު ރެފްރީގެ ކަށިގަނޑުގެ އަޑު އިވިގެންދިޔައެވެ. ސަޕޯޓަރުންތަކުގެ ހަޅޭކާއި އެކު އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވަމުންދިޔައެވެ. ރާއްޖެ އާއި އިންޑިޔާ ބައްދަލުކުރި މެޗް އެކެއްސުމަކުން ރާއްޖެ މޮޅުވީއެވެ. ރާއްޖެޓީމަށް ދެގޯލް ޖަހައިދިން ޝާން ހުރިހާ ކުޅުންތެރިންވެގެން އުފުލާލިއެވެ. އެންމެންގެ ތައުރީފުގެ ބަސްތައް ޝާނަށް ލިބެމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސިޑިބަރީގެ އެންމެ ކުރީގައި އިށިއިނދެގެން އިން ނަސްމާއަށެވެ. ފުޅާ ހިނިތުންވުމަކާއި އެކު ނަސްމާ އަތްތިލަ ބަޑިޖަހަމުންދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޝާނަށެވެ. ނަސްމާ ކައިރިއަށް ދާން ހީކޮށްލިތަނުން ޝާނާއިއެކު ސެލްފީ ނަގަން ބޭނުން ކަމަށްބުނެ ފަހަރަކު މީހަކު އަންނަންފަށައިފިއެވެ. އެއެންމެންގެ ކިބައިން ސަލާމަތްވެގެން ޝާން ދާނެ އިރެއްގެ އިންތިޒާރުގައި ނަސްމާ ހުއްޓެވެ.
” ބުނީމެއްނު ރާއްޖެ މޮޅު ވިއްޔާ ދޭނަމޭ……” ޝާންގެ ކޮލުގައި އިނގިލި ޖައްސާލަމުން ޝާން ބުނެލިއެވެ. ވަގުތުން ނަސްމާ ރަކިވިއެވެ. އިސްޖަހާލިއެވެ.
” އެ އެހެން ބުނި އެއްޗެއް ނޫން……..” ނަސްމާ ވަގުތުން އިންކާރުކުރިއެވެ. ހިނިއައިސްހުރެ ޝާން ބަލަންހުރީ ނަސްމާގެ މޫނަށް އަރާފައިބަމުންދާ ކުލަވަރުތަކެވެ.
” ވައުދެއް ވެއްޖެންޏާ އެވައުދު ފުއްދަންވެސްވާނެ……..” ޝާން ހިފީ ނަސްމާގެ އަތުގައެވެ. ދެމީހުން ރައްޓެހިވެގެން އުޅޭތާ ދެއަހަރު ވެއްޖެއެވެ. ކައިވެންޏާއި ހަމައަށް ނުދެވިގެން އުޅެނީ ޝާންގެ ބިޒީ ޝެޑިއުލްގެ ސަބަބަންނެވެ. މަތިމައްޗަށް ދުވަސްކަނޑައަޅަމުން ދިޔަސް އެތާރީހެއް ޖެހޭއިރު އޮންނަނީ ފަސްކުރަންޖެހިފައެވެ. ނަސްމާއަށް ޝާން އުޅޭގޮތް އެނގުނަސް ނަސްމާގެ މައިންބަފައިން އަބަދާއި އަބަދު ކިޔަމުންދަނީ ކައިވެނިކުރުމަށެވެ.
ގެއަށް ވަން ގޮތަށް ޝާން ބޭނުންވީ ޖައްސާލާށެވެ. ވެފައިވާ ވަރުބަލިކަމުން ހަށިގަނޑަށް އަރާމްކޮށްލުމަށެވެ. ފެންވެސް ނުވަރާ ރިމޯޓް އަތަށް ލައިގެން ސޯފާގައި ޖައްސާލިއެވެ. މަޢުރިބް ނަމާދަށް މިސްކިތަށް ދިޔަ ސަމަދު ގެއަށް އާއިރުވެސް ޝާން އޮތީ ސޯފާގައެވެ.
” ޝާން ……..ފެންވަރައިގެން ނަމާދުކުރުމެއްނެތި ތިއޮތިއްޔޯ……” ޝާން ނަމާދަށް ފަރުވާ ކުޑަކުރާތީ ސަމަދު އަބަދުވެސް އެވާހަކަދައްކައެވެ.
” ދާނަން ކުޑައިރުކޮޅަކުން……..” ސޯފާއިން ބޯހިތްލާލައި ލެނގޭބައިގައި ބުރަކަށި ސީދާކޮށްލަމުން ޝާން ޖަވާބުދިނެވެ. ސަމަދުގެ މޫނަށް ބަލައިވެސް ނުލައި ހުރެއެވެ.
” އަސުރުނަމާދު ނުކޮށެއްނު ކުޅެންދިޔައީ……..” ޝާން ފަހުން ކުރާނަމޭ ބުންޏަސް އެވާހަކަ ސަމަދު ގަބޫލުނުކުރާފަދައެވެ. އެންމެފަހުން ހިތްހަމަނުޖެހިގެން އެތަނުން ތެދުވެގެން ޝާން ވަނީ ކޮޓަރިއަށެވެ. އަބަދުވެސް ޝާންގެ ބައްޕަ ކަންތައް ކުރާ ގޮތުން އޭނާ ހިތްހަމައެއް ނުޖެހެއެވެ. ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަދައްކާއިރު އޭނާ ކުރާ ރަނގަޅު އެހެންކަންކަން ސަމަދު ފާހަގައެއް ނުކުރެއެވެ. މުޅި ސޯސަލް މީޑިޔާއާއި ސަޕޯޓަރުންގެ ފަރާތުން ތައުރީފްގެ ބަސްތައް އޮހޭއިރު ބައްޕަގެ އަނގައިން އެފަދައެއްވެސް އެއްޗެއް އޭނާޔަށް ބުނެނުލައެވެ.
މަސައްކަތް ހުސްވާނެ އިރެއް ނާންނާނެތީ ޝާން ބޭނުންވީ ނަސްމާއާއި ކައިވެނިކުރާށެވެ. ނަސްމާއަށް ވަގުތު ނުދެވުނަސް އޭނާ ޝަކުވާ ނުކުރާނެތީއެވެ. ނަސްމާ ބޭނުންވަނީ އަވަހަށް ޝާނާއި ކައިވެނިކުރަން ކަމަށްވީތީއެވެ. ޝާނާއި ހެދި މޮޔަވެފައި އެތަށް އަންހެންކުދިންނެއް އުޅޭތީވެސް މެއެވެ. ޝާނާއި ނަސްމާ ކައިވެނިކުރެވުނީ ވަރަށް ކުލަގަދަ ޙަފްލާއަކާއި އެކުއެވެ. މަޝްހޫރު މީހަކަށްވާތީ އެމީހުންގެ ކައިވެނީގެ ޙަބަރުން ނޫސްތަކުންވެސް ޖާގަ ހޯދިއެވެ. ހަނީމޫނަށް ފުރާންސަށް ގޮސް ޖެހުނީ ޗުއްޓީ ކުރުކޮށްލާފައި އަންނާށެވެ. ކުރިއަށް ރޭވިފައި އޮތް މުބާރާތަށް ކޮންމެހެންވެސް ޝާން އަންނަންޖެހޭތީއެވެ. ޝާނާއި ނުލާ މެޗް ކާމިޔާބު ނުވެދާނެތީ އާއި އިތުރު ދެކުޅުންތެރިން އެންޖަރީގައި އުޅޭތީވެސްމެއެވެ.
ކައިވެންޏަށްފަހުވެސް ޝާންގެ ސެޑިއުލް ވަރަށް ބުރައެވެ. ހެނދުނު ހޭލައިގެންދަނީ އޮފީހަށެވެ. އެނބުރި އާދެވެނީ ދެއެއްޖަހާއިރުއެވެ. އަނެއްކާ ހަތަރެއްޖަހާއިރު ޕުރެކްޓިސްތަކަށްދާން ޖެހެއެވެ. ރޭގަނޑުވެސް ގިނަރޭރޭ ޕުރެކްޓިސްއަށް ދާންޖެހެއެވެ. ޝާންގެ ބިޒީ ސެޑިއުލުން ނަސްމާއަށް ވަގުތުކޮޅެއް ލިބެނީ ވަރަށް ކުޑަކުޑަ އިރުކޮޅަކަށެވެ. ނަސްމާ ގިތަންމެ ދެރަވިޔަސް ފިރިމީހާގެ މުސްތަޤްބަލަށްޓަކާ އެއްޗެއް ނުބުނެ ހުންނަނީއެވެ. ޝާނަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އޭނާއަށްވެސް ލިބޭ ކާމިޔާބީއެކެވެ. ކިތަންމެ ދެރަވިޔަސް ހިނިތުންމޫނަކާއިގެން ނަސްމާ އުޅެމުން ގެންދިޔައެވެ.
ކައިވެންޏަށް އަހަރުވީއިރު ނަސްމާ އިނީ ބަލިވެއެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކާއި ދެމީހުންވެސް ދިޔައީ ފޮނި އިންތިޒާރެއް ކުރަމުންނެވެ. އަދި އެހާމެ ބޮޑަށް ތައްޔާރުވެސް ވަމުންނެވެ. ކޮޓަރީގެ ކުލަބަދަލުކޮށް ދަރިފުޅަށް ބޭނުންވާނެ ތަކެތި ހޯދީ އެދަރިފުޅަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ. ޝާންވެސް އޮފީހުން ކެނޑިގެން އަމިއްލަ މަސައްކަތެއް ގޭގައި ކުރަންފެށިއެވެ. ކުރަހާ ޓީޝާޓްގައި ތައްގަނޑުޖަހަންފެށީ ގިނަވަގުތު ނަސްމާ އާއެކު އުޅުމަށެވެ. ގޭގައި އިނދެގެން ކުރާ އަމިއްލަ މަސައްކަތެއްގައި ނަސްމާއަށް ވަގުތުދެވޭނެތީއެވެ.
އަށްމަހަށް އެޅިއިރު ނަސްމާއަށް ހިނގާބިނގާވެ އުޅެން ދައްޗެވެ. ދެމީހުންގެ މޫނުމަތިން އުފާވެރިކަން ފިލައިގެން ނުދެއެވެ. ދެމީހުން ދަރިފުޅަށް ކޮއްދޭނެކަންކަން ތާވަލްކޮށް ނިންމާލީ ދަރިފުޅަށް ދެމީހުންގެ އެހީއާއި ލޯބި އެއްވަރަށް ބޭނުންވާނެ ކަމަށް ބުނެއެވެ.
” މަށަށް ހީވަނީ އަހަރެމެންނަށް ލިބޭނީ ބޯއީއެއްހެން……….” ނަސްމާގެ ބަނޑުގައި ކަންފަތްޖަހާލަމުން ޝާން ބުނެލިއެވެ.
” އެކީއްވެ އެހެން ހީވަނީ ؟ ” ނަސްމާ ހިނި އައިސްހުރެ ސުވާލުކުރިއެވެ.
” ވަރަށް ފުޓްބޯޅަ ކުޅެޔޭނުން އެބަ …..މަންމަގެ ބަނޑުން ނިކުންނަން ވެގެން………..” ޝާން ބުނެލައި ބަސްތަކުން ނަސްމާ ގިނަ ފަހަރަށް ހުންނަނީ ހީލަހީލައެވެ.
” ހަމަ ނޭގެ ދޯ އަންހެންކުއްޖަކަށްވެސް ވެދާންނު ………. ވެދާނުން ބަށިކުޅެނީ ކަމަށްވެސް”
” ނުވާނެ އެހެންނެއް…..އަހަރެމެންނަށް ލިބޭނީ ހަމަ ބޯއީއެއް…..އަހަރެން އެކީ ބޯޅަކުޅެންދާން …….” ޝާންގެ ތުންފަތް ނަސްމާގެ ބަނޑުގައި ޖައްސާލިއެވެ. ފޯނު ރިންގުވީ އެވަގުތުއެވެ. ފޯނަށް ޖަވާބުދީފައި ޝާން އެނބުރިލީ ނަސްމާ އާ ދިމާލަށެވެ.
” އެބައަންނަން ތައްގަނޑު ޖަހަން ހަވާލުކުރި ޖާރޖީތައް ހަވާލުކޮށްލާފަ….އެހާ ލަހެއްނުވާނެ……” ޝާން ނިކުމެގެން ދިޔައީއެވެ. މޭޒުމަތީގައި ޝާން ގެންގުޅުނު ޓޮރޮފީތަކާއި ތަށިތައް ހުއްޓެވެ. އެއެއްޗެހި ފޮހެން ގެންގުޅުނު ފޮތިގަނޑު އޮތެވެ. ނަސްމާ ފޮތިގަނޑު ނަގައިގެން ހިރަފުސް ފޮހެންފެށިއެވެ. ސްކޫލްދައުރުން ފެށިގެން މިހާތަނަށް ލިބިފައިވާ ހުރިހާ ސާމާނެއް އެމޭޒުމަތީގައި އަތުރާލާފައިވީއިރު އެއިން ކޮންމެ އެއްޗެއްގައި ނަސްމާގެ އިނގިލި ބީހުނީ ފަހރުވެރިކަމާއިއެކުއެވެ.
ޖާރޖީތައް ހަވާލުކޮށްފައި ޝާން ގެއަށް އަންނަން ދަތުރުފެށިއެވެ. އެއްއިރެއްގައިވެސް އޭނާއަކީ ބާރަށް ސައިކަލް ދުއްވާ މީހެއްނޫނެވެ. މަގުމަތީގެ ގަވައިދުތަކަށް ބޯލަނބާ މަދުމީހުންގެ ތެރޭގައި ޝާންވެސް ވާނޭކަން ޔަގީނެވެ. ކުއްލިއަކަށް އައިނައިދިމާލެއް ނޭނގުނެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލަކުންޖެހި ޝާން ވިއްސައިގެން ދިޔައީ ވިއްސަކަށްފޫޓު ދުރަށެވެ. މީހުންތައް އެކިދިމަދިމާލުން ޖަމާވާންފެށިއެވެ. ލިބުނު އަނިޔާގައި ޝާނަށް އިނގިއްޔެއްވެސް ހަލުވައިނުލެވުނެވެ. ޕޭމަންޓުގައި ބޯޖެހި ނޭފަތުންނާއި ކަންފަތުންވަނީ ލޭއައިސްފައެވެ. ވަގުތުން ޝާން ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި ފަރުވާދޭން ފެށިއެވެ.
ޝާން އެކްސިޑެންޓުވީ ޙަބަރާއިއެކު ދެފަރާތުގައި އާއިލާ އާއި ރައްޓެހިން ހޮސްޕިޓަލަށް ޖަމާވިއެވެ. ރޮއެރޮއެއިން ނަސްމާއަށް ހިތްވަރު ދެމުންދިޔައިރު އެއިން އެކެއްގެ ދެލޮލުންވެސް ކަރުނަ ނުހިކެއެވެ. އެއެންމެންވެސް އިންތިޒާރުކުރަމުންދިޔައީ ޑޮކްޓަރ ނިކުމެ ޙަބަރުދޭނެ އިރަކަށެވެ. ތިންގަޑީރުގެ އޮޕަރޭސަނަކަށްފަހު ޑޮކްޓަރ ދިން ޙަބަރުން ނަސްމާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޝާންގެ ސިކުނޑިއަށް ލޭއެޅިފައިވާތީ ފުރާނަ ސަލާމަތްވާނެ ކަމުގެ އުއްމީދެއްނެތް ވާޙަކައެވެ. އަދި ގިނަދުވަސްތަކެއް ވަންދެން ކޯމާގައި އޮންނަންޖެހޭނެ ވާހަކައެވެ. ފުރާނަ ސަލާމަތްވިޔަސް ހިނގޭނެކަމުގެ އުއްމީދުނެތް ވާހަކައެވެ. ޝާންގެ އާއިލާއިންވެސް އެޙަބަރު އަހާފައި އެމީހުންގެ ހިތްކުދިކުދިވިއެވެ. ދަރިއަކު އެހާލުގައި ވާތަން ދެކެން އެއްވެސް މީހަކަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ އެންމެންވެސް އެންމެ ކަންބޮޑުވީ އެކްސިޑެންޓްވީ އަނެއް ސައިކަލު ދުއްވަން އިންމީހާ ފިލާފައިވާތީއެވެ. ދުވާލު ހިނގި އެކްސިޑެންޓަކަށްވީއިރުވެސް އެމީހާ ހޯދުމަށް ފުލުހުން ނުކުޅެދިފައިވާވަރު ހާމަވެއެވެ.
ކޯމާގައި ޝާން ދިރިހުރުމާއި ހަނގުރާމަކުރަނިކޮން އެމީހުންގެ ދަރިފުޅު މިދުނިޔެއަށް ނޭވާލިއެވެ. އެލޯބިލޯބި ފުށްކޮޅު ފެނުނު ވަގުތު ނަސްމާގެ ހިތް ފުރިގެން އައީ ކަރުނުންނެވެ. އަދި އެދަރިފުޅަކީ ފިރިހެންކުއްޖަކަށްވުމުން ނަސްމާ ވަކިންބޮޑަށް އުފާވިއެވެ. ޝާން ބޮޑަށް ބޭނުންވަނީ ފިރިހެން ކުއްޖަކަށްވާތީއެވެ.
ތިންމަސްފަހުން ޝާން ކޯމާއިން ނެރުނެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލާފައިވަނިކޮނެވެ. އުކުޅުވަޅަށް ލިބިފައިވާ ގެއްލުމުން ޝާން ހިނގުމުން މަޙްރޫމްވީއެވެ. ނަފްސާނީ ގޮތުންވެސް ޝާނަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެކަންކަމުން އަރައިގަތުމަށް ރެއާދުވާލު ދަނީ ހާއްސަތެރަޕީތައް ދެމުންނެވެ. އާއިލާ އާއި ރައްޓެހިން އަދި ނަސްމާގެ ހިތްވަރުގަދަ ބަސްތަކުން ދާދި އަވަހަށް ޝާން ހަމައަކަށް އެޅުނެވެ. ޝާނާއި ނަސްމާގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅު ލޫތާއި ބައްދަލުވީއިރު ޝާން މިވަނީ ބައެއް އުފާތަކުން މަހްރޫމްވެފައެވެ. ދަރިފުޅަށް ގިނަކަންތައްތަކެއް ޝާން ކޮއްދޭން ބޭނުމެވެ. އެދަރިފުޅުގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ޝާން ހިއްސާވާން ބޭނުމެވެ.
ކުޅިވަރުން ރަންވަނަތަކެއް ހޯދި ޝާން ސަމަދު މިއަދު އެވަނީ އެކުޅިވަރާއިވެސް ތާއަބަދަށްވަކިވެފައެވެ. ޓީވީ ރެކުމަތީ އަތުރާލާފައިވާ ތައްޓާއި ޓުރޮފީތައް ފެނުމުން މިހާރު އޭނާ ހިތްދަތިވެއެވެ.
ކުށެއްނެތް ޝާނަށް މީހަކު ނުހައްޤުން ދިން އަނިޔާއެއްގެ ވޭން ތާއަބަދުވަނީ ކުރަންޖެހިފައެވެ. ނަސްމާ ކުޑަކުޑަ ލޫތު ގޮވައިގެން އުޅޭލެއް ބުރަކަންފެނިފައި ޝާން އިންތިހާއަށް ދެރަވެއެވެ. އެހެނަސް އޭނާއަށް އެހީވުމުގެ ގޮތުން އެއްވެސްކަމެއް ނަސްމާއަށް ކޮށްނުދެވެއެވެ. ނުހިނގި ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ޝާން ހުރީ ޝާބިތުވެއެވެ. ނިކަން ހިތްވަރާއިއެކުއެވެ. ގިނަވަގުތު ޝާން ހޭދަކުރަނީ ޤުރްއާން ކިޔެވުމާއި ޒިކުރުކުރުމުގައެވެ. ދުނިޔޭގައި ހުންނަ މެދުވެރިވީ ވަރަށް ހަނިފުރުސަތަކުންނެވެ. ދުނިޔޭގައި ހުންނަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ބޭނުންވީ ހެޔޮގޮތުގައި ހޭދަކުރުމަށެވެ. ނޭގިހުއްޓާ އޭނާގެ އުފާވެރި ކާމިޔާބު ޙަޔާތް ބަރުބާދުވީއެވެ.
ނިމުނީ