ހަގީގީ ހާދިސާ: މާރާމާރީގެ އަސާގަނޑު

”މާރާމާރީގެ ސަބަބުން އަސާގަނޑެއްގެ އެހީގައި ދިރިއުޅުން ވޭތުކުރަމުންދާ ޒުވާނެއް”

މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލެއް ނޫނެވެ.  ނަމަވެސް ވާހަކަ ގެނެސްދިނުމުގައި ބޮޑަށް ބަލާފައިވާނީ ވާހަކައިގެ އަސްލު ނުގެއްލޭގޮތަށް މުޖުތަމައުގައި ހިންގާ މިފަދަ މާރާމާރީތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މަދުރަސީ ދަޢުރު ނިމުމަށްފަހު ނަވާލް (އަސްލުނަމެއް ނޫން) ހިޔާލުކުރީ އިތުރަށް ކިޔެވުމަށެވެ. ނަމަވެސް ނަވާލްގެ އާއިލާއަކަށް އޭނާއަށް ކިޔަވައިދޭނެހައި ތަނަވަސްކަމެއް ލިބިފައެއް ނެތެވެ. ދުވަސްތައް ވޭތުވަމުންދެއެވެ. ކަމެއްނުކޮށް ގޭގައި ހުންނަންވުމުން ފޫހިވުމުގެ އިހްސާސް ނަވާލްއަށް ކުރެވުނެވެ. ބައެއްފަހަރު ރައްޓެހިންނާއެކު ބޭރަށް ދެވެއެވެ.

އެގޮތުން އެއްދުވަހަކު ނަވާލްމެން ގެއާއި ޖެހިގެންހުރި ގޭގައި އުޅޭ އިއްބެ (އަސްލުނަމެއް ނޫން) ކިޔާ ކުއްޖަކާއި ދިމާވިއެވެ. އަދި ކަމެއްނުކޮށް ހުންނަންވުމުން ފޫހިވާވާހަކަ ނަވާލް އިއްބެގާތު ބުންޏެވެ. ނަވާލް މިހެން ބުނުމުން ހާސްނުވާށޭ، ފޫހިވާކަށް ނުޖެހޭނެޔޭ އަހަރެމެންގެ ބޮޑު ގްރޫޕެއް އޮންނާނެޔޭ އިއްބެ ބުންޏެވެ. އަދި ނަވާލްވެސް އަހަރެމެން ގްރޫޕާ ގުޅެންވީއޭ ބުންޏެވެ. މިހެން ބުނުމުން ނަވާލް އާއެކޭ ބުނެ ގިނަ ވަގުތު އިއްބެމެންނާއި އެކު ހޭދަކުރަމުން ގެންދިޔައެވެ.

އިއްބެ ގްރޫޕަކީ މާލެތެރޭގައި ވިޔާނުދާ އުޅުމެއް އުޅެމުން ގެންދާ ގްރޫޕެކެވެ. ބަޔަކު މާރާމާރީއެއް ހިންގާނަމަ އެތަނަކަށް ވަދެ ހައިޖާނު ހެދުމަކީ މިގުރޫޕުން ކުރަމުން އަންނަ ކަމެކެވެ. އަދި ރަށުތެރޭގައި އުޅޭ އެހެނިހެން ގޭންގުތަކާއި ތަޅާފޮޅުމާއި،  ވައްކަން ކުރުމާއި މަގުފޭރުމަކީވެސް މިގުރޫޕްގެ އާދަޔަކަށް ވަނީ ވެފައެވެ. މިކަމާއި ނަވާލް އެހާބޮޑަކަށް ގަޔާއެއް ނުވިއެވެ.

އޭގެދުވަސްކޮޅެއްފަހުން ނަވާލް ރަށުތެރޭގައި އުޅޭ އެހެން ގޭންގަކާއި ގުޅުނެވެ. އަދި ލޯބީގެ ގޮތުންވެސް ކުއްޖަކާއި ގުޅުނެވެ. ނަމަވެސް ރަށްޓެހިވުމުގެ ކުރިން އެއީ އިއްބެގެ ކޮއްކޮއެއްކަމެއް ނަވާލަކަށް ނޭގެއެވެ. މިކަން އިއްބެއަށް އެނގުނެވެ. އެހިސާބުން އިއްބެ ނިންމީ ނަވާލްގެ ދުވަސް ދުއްވާލުމަށެވެ. މިއީ އިއްބެއާއި އެގުރޫޕްގެ އެހެން ކުދިން އަބަދުވެސް އުޅޭގޮތެވެ. ނުރުހޭކަމެއްނަމަ އެމީހެއްގެ ދުވަސް ދުއްވާލުމަށް މަސައްކަތް ކުރެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެކެވެ. ނަވާލް އާއި އަނީލް(އަސްލުނަމެއް ނޫން) ސައިކަލެއްގައި ބުރެއްޖަހާލުމަށްނިކުތެވެ. އޭރަކު އިއްބެމެން ގުރޫޕުން ނަވާލަށް ފާރަލަމުންދާކަމެއް ހުދު ނަވާލް އަކަށްވެސް ނޭގެއެވެ. ނަވާލްމެން ރަށުތެރެއަށްނިކުމެ އުޅުމުގެތެރޭގައި އަނިލް ބުނި ބުނުމަށް ގާޑިޔަލެއް ކައިރިއަށް ބިލަތް ގަނޑެއް ދުފުމަށް ކައިރި ކުރިއެވެ.

އަދި މިމީހުން އެގާޑިޔާ ކައިރީ ދުފަންތިއްބާ ކުއްލިއަކަށް އިއްބެ އާއި އިއްބެގެ ގުރޫޕްގައި ހިމެނޭ 3 މީހަކު އެތަނަށް އައެވެ. އަދި އިއްބެ ހަޑިހުތުރުބަހުން ނަވާލް އާއި މުހާތަބުކޮށް މާރާމާރީ ހިންގަން ފެށިއެވެ. ސަބަބަކީ ނަވާލް އިއްބެގެ ކޮއްކޮއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމެކެވެ. މިއީ އިއްބެ އެހާ ރުހޭކަމަކަށް ނުވުމެވެ. ޒުވާބުގަނޑު ހޫނުވެގެންގޮސް އެންމެފަހުން އިއްބެ ނަވާލްގެ ގަޔަށް އަތްލައި މާރާމާރީ ހިންގަންފެށިއެވެ. މިމާރާމާރީގައި ތޫނުއެއްޗަކުން ނަވާލް އަށް ހަމަލާ ދިނުމުގެސަބަބުން ނަވާލްގެ ގައިގެ އެތަން މިތަނަށް އަނިޔާލިބި އޭނާގެ ކަނާތު ފަޔަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.

މިމާރާމާރީ ހިންގާކަމުގެ މަޢުލޫމަތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައެވެ. އަދި ފުލުހުން ދާކަން އެނގުމާއެކު އިއްބެ އާއި އިއްބެގެ ގުރޫޕް މީހުން ދުވެގޮސް ފިލައިފިއެވެ. އޭރު ނަވާލް އޮތީ ވެއްޓި ހަބަރު ހުސްވެފައެވެ. ގައިން ހޯސްލާފައި ލޭތައް ފައިބަމުން ދެއެއެވެ. އޭރު އެސަރަހައްދަށް މީހުން ޖަމާވަމުންދިޔައެވެ.

ހަޅޭއްލަވާ މީހުން ހަޅޭއްލަވަނީއެވެ. އެއްވެސް މީހަކު މާރާމާރީ ހިންގި ގްރޫޕް ހިފަހައްޓާކަށް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ފުލުހުން މިހާދިސާ ހިނގިތަނަށްގޮސް އަނިޔާލިބިފައިވާ ނަވާލް ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. ފުލުހުން ނަވާލް ހޮސްޕިޓަލަށް ގެންދިއުމުން އައިސީޔޫގައި އެޑްމިޓްކުރުމަށްފަހު ނަވާލްއަށް އަވަސް ފަރުވާ ދިނުމަށް ޑޮކްޓަރުން އަވަސްވެގަތެވެ. އޭރު ފުލުހުން މިމާރާމާރީގައި ނަވާލް އަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ ތޫނު ހަތިޔާރަކާއި އެސަރަހައްދުން މިމަންޒަރު ދުށްކަމަށްބުނާ ފަރާތްތައް ހޯދާ މަޢުލޫމާތު ސާފްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤް ޓީމް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔައެވެ. އަދި ފުލުހުންގެ ފޮރެންސިކް ޓީމާއި ސްޕެޝަލް އޮޕަރޭޝަންސް ޓީމްގެ އެހީގައި މިމާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނައެވެ.

ހިނގާދިޔަ މިމާރާމާރީގެ ސަބަބުން ނަވާލް މިއަދު ވަނީ ނުކުޅެދޭ މީހަކަށް ވެފައެވެ. ރާއްޖެއިން ބޭރުންވެސް އެތަށް ޑޮކްޓަރަކަށް ދެެއްކިއްޖެއެވެ. ބޭސްވެސް ކުރެވިއްޖެއެވެ. ނަމަވެސް ލިބުނު މި ބޮޑު އަނިޔާގެ ސަބަބުން ނަވާލް މިއަދު ހިނގާ އުޅޭނީ އަސާގަނޑުގެ އެހީގައެވެ. ކުރެވުނު ކުށަކަށް ނުވާ ކުށެއްގެ ސަބަބުން ނަވާލުގެ ހަޔާތް މިއަދު މިވަނީ އަސާގަނޑަކަށް ބުރަވެފައެވެ. މިއީ ނަވާލް އަށްވެސް ނުވިސްނުނު ކަމެކެވެ. ގޮތްނޭގޭ ބަޔަކާއި އެކު އުޅެވުމުންނެވެ. މިއީ ހިތާމަހުރިކަމެކެވެ.

މިހާރަކަށް އައިސް މާރާމާރީގެ މައްސަލަތަކަކީ ދިވެހިންގެ ތެރޭގައި އެންމެ ޢާންމުކޮށް ހިނގަމުންދާ ބޮޑެތި ކުށްތަކުގެ ތެރެއިންވެސް ފާހަގަ ކޮށްލަންޖެހޭ މައްސަލައެކެވެ.  ވޭތުވެދިޔަ ފަސް އަހަރަށް ނަޒަރު ހިންގާލާއިރު މާލޭގައި އެކަނިވެސް ތަފާތު ސިލްސިލާ މާރާމާރީތައް ވަނީ ހިނގާފައެވެ. އަދި އެމާރާމާރީތަކުގައި ނަވާލް ފަދަ ޒުވާން އެތައް ކުދިންނަށާއި، މީހުންނަށް ވަނީ  އެކި ވަރުގެ އަނިޔާތަކާއި ޒަޚަމްތައް ލިބިފައެވެ.

އަދި މި ލިބުނު އަނިޔާތަކާއި ޒަޚަމް ތަކުގެ ސަބަބުން މީގެ ތެރެއިން ގިނަ ބަޔަކު ވަނީ މިދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފައެވެ. ކަންމިހެން ހުރިއިރު މީގެ ތެރެއިން އަނިޔާ ލިބުނު ގިނަ މީހުންނަކީ އެއްވެސް ކުށެއްނެތް މައުސޫމް ބައެއްކަން ފާހަގަ ކޮށްލަންޖެހެއެވެ.

ނަމަވެސް ހިތާމަޔަކީ މިފަދަ އަމަލްތައް ހިންގާ ގިނަ މީހުންގެ މައްސަލަތައް ނުނިމި ގިނަދުވަސްތައް ވޭތުވަމުން ދިއުމެވެ. ނުވަތަ ނިމިފައިވާ މައްސަލަތަކުގައި ޙުކުމް ކުރެވިފައިވާ މީހުންގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ޙުކުމް ތަންފީޛު ނުކުރެވުމެވެ. ޖަލުގައި ތިބެންޖެހޭ ބޮޑެތި މުޖުރިމުންގެ އެތައް ބަޔަކު، މަގުމަތީގައި މިނިވަންކަމާއެކު އުޅެން ދޫކޮށްލެވިފައިވާނަމަ، ނުވަތަ އެމީހުން އެގޮތުގައި އުޅެމުންދާނަމަ، އެއީ ކުށެއްނެތް އެތައް ބަޔަކަށް ބިރުވެރިކަމާއި، ނާމާންކަން އޮތް ކަމެކެވެ. އެފަދަ މީހެއްގެ ކިބައިން ބޮޑު އަނިޔާއެއް މެދުވެރިވާނީ ކޮންއިރަކުންކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.

އެތައް ބަޔެއްގެ ތެރޭގައި، މަގުމަތީގައި ހިނގާފައި ދާއިރުވެސް، އެއްވެސް ޖެހިލުމެއްނެތި ތޫނު ހަތިޔާރުން ޙަމަލާ ދިނުމަކީ މިފަދަ މީހުންނަށް ބޮޑުކަމެއް ނޫނެވެ. އެހެންކަމުން މިފަދަ ޢަމަލްތައް ހިންގާ މީހުންދެކެ ޢާންމު ރައްޔިތުން ބިރުގަނެ ފުލުހުންނާ ހަމައަށް އައުމަށް ޖެހިލުންވެއެވެ. އަދި މިބާވަތުގެ މައްސަލައެއްގައި ހެކިބަސް ދިނުމަކީވެސް އެފަދަ މީހަކު ނުރައްކަލަށް ހުށަހެޅިގެން ދާކަމެއްކަމުގައި މިވަނީ ވެފައެވެ. މިގޮތަށް ކަންތައްތައް ހިނގަން ފެށުމުން އެފަދަ މީހުންނަށް ލިބެނީ އިތުރު ބާރެކެވެ.

މިގޮތުން ގިނަ ފަހަރަށް އެކަށިގެންވާ ހެކި ފުލުހުންނަށް ނުލިބި މިފަދަ މީހުން ދޫވެ އެމީހުންގެ ކިބައިން އިތުރު ދުއްތުރާތަކެއް އެތަކެއް ބަޔަކަށް ލިބެމުންގޮސް އެންމެ ފަހުން ވަރަށް ނޭދެވޭ އަސަރުތަކެއް ގިނަ ބައެއްގެ ދިރިއުޅުމަށް ކުރަމުންދެއެވެ. އަދި ގިނަ ފަހަރަށް ހެކިން ހެކިބަސްދޭން ޖެހިލުންވަމުންދާތަން ފެނުމެވެ.

ކަންމިހެން ހުރިނަމަވެސް އަންނަން އޮތް ޖީލްތަކަށްވެސް މިފަދަ ނުބައި އަމަލުތައް ވާސިލްކޮށްދިނުމުގެ ބަދަލުގައި ރަނގަޅު ގޮތް އިހްތިޔާރުކުރަން ބޭނުންވަނީނަމަ ތިޔައިން ކޮންމެ ކުއްޖަކުވެސް ގްރޫޕް މާރާމާރީ ފަދަ ކަންކަމުގައި ބައިވެރިވުން ހުއްޓާލާ! އަދި މިފަދަ އަމަލުތައް ހުއްޓުވަން އެންމެން އަތުކުރި އޮޅާލައިގެން ތެދުވަމާ ހިނގާ! ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ޤާއިމްކުރުމަށްޓަކައި، މާރާމާރީ ހިންގުމަށް ފުރުޞަތު ނުދެމާތޯ! ގްރޫޕް މާރާމާރީގެ ސަަބަބުން އަމިއްލަ ނަސްފު ހަލާކުގެ ތެރެއަށް ވައްޓާނުލާ! އަންނަން އޮތްޖީލުތަކަަށް ވާސިލްކޮށް ދިނުމަށް ގްރޫޕް މާރާމާރީ ހުއްޓާލާ!

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.